...

Support Us

އެޑިޓޯރިއަލް

މޭވާ ނާޅާ ގަހަކަށް ގަޅިއެއް ނޫކާނެއެވެ.

އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން، އެ އުދުވާނު ހިންގި ފަރާތްތަކާ ދެކޮޅަށް އެޤައުމުން ހަނގުރާމަ އިޢްލާން ކުރިއެވެ. "ވޯ އަގެއިންސްޓް ޓެރަރ"ގައި އެމެރިކާއަށް މަދަދުވެރިވުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލައްވައި، ރައީސް ޖޯޖް ޑަބްލިޔު ބުޝް ވިދާޅުވީ "ޔޫ އާރ އައިދަރ ވިތް އަސް އޯރ އަގޭންސްޓް އަސް" އެވެ. "ތިޔަ ބައިމީހުން ތިޔަ ތިބީ އަޅުގަނޑުމެންނާ އެކުގައި ނޫން ކަމަށްވާނަމަ، ތިޔަ ތިބެވެނީ އަޅުގަނޑުމެންނާ ދެކޮޅަށް" ކަމަށެވެ. ވަކި ފަރާތަކަށް ނުޖެހި ތިބުމުގެ އިޚްތިޔާރެއް ނެތެވެ. މެދު މިނެއް ނެތެވެ. ކަޅު ނުވަތަ ހުދެވެ. އަޅިއެއް ނެތެވެ.

ދިވެހި ނޫސްވެރިކަމަށްވެސް މިއަދު މިއޮތީ އެފަދަ ހުށަހެޅުމެއްތޯއެވެ؟ ސިޔާސީ އޮއިވަރުގައި ނުޖެހި، ޤައުމީ އަދި ފަރުދީ ޒިންމާ އަދާކުރުމުގައި ދެމިތިބުމުގެ އިޚްތިޔާރު ނެތީތޯއެވެ؟ ސިޔާސީ އޮއިވަރުގެ ތެރެއިން މި ނަގަމުންދާ ޚާރިޖީ ބިޔަ ރާޅުގައި، ކަނޑަށް އެރި ކޮންމެވެސް އެއް މިސްރާބަކަށް ފަތައިގަތުން ނޫން އެހެން ގޮތެއް އެބައޮތްތޯއެވެ؟

"އަދިވެސް އޮންލައިން" އިފްތިތާހު ކުރިތާ މިއަދަށް މިވީ ތިން މަހާއި މަދު ދުވަސްކޮޅެކެވެ. މި މުއްދަތުގެ ތެރޭގައި، އަޅުގަނޑާއި "އަދިވެސް އޮންލައިން" ގެ ޓީމުން މިދަނީ މިނިވަން ނޫސްވެރިކަމުގެ އުޞޫލުތައް ދެމެހެއްޓޭތޯ ބަލަމުންނެވެ. ތަފާތު ޚިޔާލުތަކަށް ފުރުޞަތު ތަނަވަސްކޮށްދެވޭތޯ ބަލަމުންނެވެ. އޮއްޓަރު ހުރި، ފޭރާން ހެޔޮ، ބިނާކުރަނިވި ފިކުރުތަކަށް ޖާގަދެވޭތޯ މަސައްކަތްކުރަމުންނެވެ.

"އަދިވެސް އޮންލައިން" ހަގުވެދާނެއެވެ. ނަމަވެސް، މިނޫހަށް ހިއްސާކުރައްވަމުން ގެންދަވާ ލިޔުންތެރީންގެ ޓީމު ހަގެއްނުވާނެއެވެ. ތަޖުރިބާ މަދެއްނުވާނެއެވެ. އަޅުގަނޑުމެން ނޫސްވެރިކަން ދަންނަމެވެ. ނޫސްވެރިކަމުގެ މުހިންމުކަން ދަންނަމެވެ. ނޫސްވެރިކަމުގެ އިންތަކާއި މިންތަކާއި ހުދޫދުތައް ދަންނަމެވެ. ނޫސްވެރިކަމުގެ ބާރުވެސް ދަންނަމެވެ.

"އަދިވެސް އޮންލައިން"ގެ ހުރިހައި ލިއުމެއް ހުރީ ދިވެހި ބަހުން ކަމަށް ވީތީ، ގިނަ ލިއުންތަކެއް އިނގިރޭސި ބަހަށް ތަރުޖަމާކޮށްގެން، އެކި ކަރާތަކާއި ވިލާތުތަކުން، ހަޖަމްނުވެގެން، އެ ކަމާ މަޝްވަރާކުރަމުން ގެންދާކަން މާ ކުރިންވެސް އެނގެއެވެ. އެކަމަށް އަޅުގަނޑުމެން ތަރުހީބު ދެމެވެ. ނުހަނު އުފާވެސް ކުރަމެވެ.

ގަބޫލްކުރައްވާށެވެ. ޑެމޮކްރަސީއެއްނަމަ، މިނިވަންކަން މުހިންމުވެއެވެ. ޑެމޮކްރަސީއެއް ނަމަ، ނޫސްވެރިކަމަކީ ހަތަރުވަނަ ބާރެވެ. ޑެމޮކްރަސީއަށް ލޮނު ހެޔޮވަރުނަމަ، ޙަޖަމްކުރަން އެނގެންޖެހެއެވެ.

"އަދިވެސް އޮންލައިން" އަށް ބަޔަކު ތަކުރާރުކޮށް ދިން "ހަމަލާތަކެއް"ގެ ސަބަބުން 28 އޮކްޓޫބަރުގެ އިރުއޮއްސި 6.55 އިން ފެށިގެން ވެބްސައިޓުގެ ގުޅުން ކެނޑުމަށްފަހު އަލުން ގުޅުން މި ލިބުނީ 45 ގަޑިއިރުގެ މެދުކެނޑުމަކަށްފަހުއެވެ. الحمد لله އެވެ. "އަދިވެސް އޮންލައިން" ފެންނަންނެތި އެހާ ގިނަ ވަގުތުތަކެއް ފާއިތުވެގެންދިޔައީތީ ކިއުންތެރިންގެ އަރިހުން ދީލަތި މަޢާފަކަށް އެދޭ ހާލު، "އަދިވެސް" އަށް ޓަކައި ކިއުންތެރިން ތިޔަ ކުރެއްވި އިންތިޒާރާއި ފާޅުކުރެއްވި އުންމީދުތަކާއި ދެއްވި ހިތްވަރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ވަކިން ޚާއްސަކޮށް "އަދިވެސް" ޓީމުގެ ހީވާގި ލިއުންތެރިން ދެއްވަމުން ގެންދެވި ހިތްވަރާއި ފޮނުއްވެވި ހެޔޮ ބަސްފުޅުތަކުގެ މެސެޖްތަކަށްޓަކައި އެ ބޭފުޅުންނަށް ވެސް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އަދި ހަމަ، ދިމާވި މައްސަލަ ހައްލުކުރުމަށް "އަދިވެސް"ގެ ޓެކްނިކަލް ޓީމުން ކުރި ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެ ޓީމަށް ވެސް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

"އަދިވެސް" ސިހުމެއް ނެތެވެ. ފަސްޖެހުމެއް ނެތެވެ. ހުއްޓާލުމެއް އަދި ވަކިން ނެތެވެ. "އަދިވެސް" ދާނީ ކުރިއަށެވެ. "އަދިވެސް" ހިތްވަރު އެބަހުއްޓެވެ. "އަދިވެސް" ގަލަން ހިންގާނަމެވެ. إن شاء الله. ވަކި ފަރާތަކަށް ޖެހުމެއް ނޯންނާނެއެވެ. ވަކި ބަޔަކަށް ވިކުމެއް ނޯންނާނެއެވެ. އަދި، ވަކި ޤައުމެއް ދެކެ ބިރުގަތުމެއް ހަމަ ގައިމުވެސް ނޯންނާނެއެވެ.

އުކާ ފަރާތްތަކުގެ މުލައްދަނޑީގައި ވަރު ހުރި މިންވަރަކުން ގަޅި އުކުމައިގެން ކުރިއަށްދާށެވެ. އަރާ ކޮންމެ އެތިފަހަރަކާއެކު އަޑަށް ބާރުލާފައި "އަދިވެސް" އޭ ގޮވައި، ދައުވަތު އާކުރާނަމެވެ. އެހެނީ، މި ގަހުގައި މޭވާ ނާޅާނަމަ، ތިޔަވަރުން ގަޅި އުކުމައިގެން އުޅެފާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ތިޔަ ދެމުންދާ ހިތްވަރަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

"އަދިވެސް" އައިގެން ކުރިއަށް ވަޑައިގަންނަވާށެވެ!

ޝުކުރިއްޔާ!

 

މުހައްމަދު ޝަހީބު
އަދިވެސްގެ ސީއީއޯ އަދި ޗީފް އެޑިޓަރ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
61
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

5 Responses

  1. ވަރަށް އުފާވެއްޖެ. އަދިވެސް އަދިވެސްގެ ގޮތުގައި ފެނުނީތީއެވެ. އުއްމީދުކުރަނީ ބިރެއް ސިހުމެއް ނެތި ކުރިޔަށް ދާނެކަމުގައެވެ.

  2. ސާބަހޭ ޝަހީބް.. ހިތްވަރު ދެރަނުކުރޭ ކިތަންމެ ކަރަޔަކުންއުޅުނަސް ހައްގު ބަހުގަ އަތެއްނޭޅޭނެ… ޑިމޮކްރަސީ އޭ އަޑަށްބާރުލާފަ ގޮވާމީހުންގެ ފިނޑި އަމަލެއްއެއީ މިނިވަންކަމޭ ބުނަންއެކަނި އެގެނީ މިނިވަންކަމަކީ ކޮބައި ކަމެއްނޭގޭ ވިޔާނުދާ ނޭއްގާނީ ބައެއްގެ ފިނޑި އަމަލަކަށް ނުސިހޭތި..
    އެފަދަ ޖާހިލުންނަށް ބުނެލަންއޮތީ.. " ނުވިކޭ ނުސިހޭ ދަށުނުވާ މީހުންމިޤައުމުގަގިނައީ. " އަދިވެސް ނޫސް ކިޔާފަ އަވަހަށް އިސްލާހުވޭ..

  3. ސާބަހޭ އަދިވެސް ނޫހުގެ ވެރިންނާއި މުޅިޓީމަށް ތިކުރާހިތްވަރަށް… ތިއައީ ޤައުމުގެ ހައްގުގަ ކުރެވޭ ޖިހާދެއް ދޫނުކުރާތި ..
    ޑިމޮކްރަސީ ގެ ލޭބަލްޖެހި ތޮފި އަޅއިގެން ތިއްބަސް.. ، ޝޭހުންގެ ލޭބަލްޖެހި ތޮފި އައިގެން ތިއްބަސް ނޫނީ ޤައުމުގެ ހަޒާނަގެ ތަޅުދަނޑި ފެނިގެން އޭގެ ޑުޕުލިކޭޓް ހެދޭތޯ އުޅުނަސް ދިވެހި ރައްއިތުންނަށް އޮޅުވައެއްނުލުވޭނެ….

  4. ސާބަހޭ ގަޅި އުކިޔަސް ނުސިހޭ ފަދަ ކަ އްޕި އެއއ އް އަދި ފަޅުވެރިން ވެސް ހިތްވަރާ އެކު އަދި ވެސް ކުރި އަށް …

  5. އެވެރިންނަށް ދިވެހި ތާރީޚު ނޭނގެނީ. ދިވެހިން ނޭނގެނީ. ދިވެހިވަންތަކަން ނޭނގެނީ. ކެތްތެރިކަންމަތީ ތިބެފައި، ފުރުޞަތު ލިބުނީމައި ކުލަވަރު ދައްކާލާނެ. މިހާ އަވަހަށް ދިވެހިންގެ ރާއްޖެއަކީ ތިމަތިމާމެންގެ މިލްކެއްކަމަށް ހީކުރަންފެށީތާ ދެއްތޯ؟ މިކަން ނިމިގެންދާނީ އެވެރިން ބޮޑު ލަދެއްގައި ބެދި، މިޖީލުގައި ދެން މިތަނާ ބެހި، ތޮޅެން ނުކެރޭވަރު ވެގެން. އިރާދަކުރައްވައިފި ނަމަ. މިކަން ވެގެންދާނީ މިހެން. އިންޝާ ﷲ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *