Support Us

އެޑިޓޯރިއަލް

އެޑިޓޯރިއަލް: ޤައުމީ ދުވަސް ފާހަގަކުރާއިރު…

މިއަދަކީ "ޤައުމީ ދުވަސް" ކަމުގައި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުވަހެވެ. މިހާރު ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުގައި އޮތް 15 އަހަރާއި ހަ މަސް ދުވަހުގެ ދިގު އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް ޓަކައި އައްސުލްޠާން މުޙައްމަދު ތަކުރުފާނުލްއައުޒަމް (ބޮޑުތަކުރުފާނު) ކުރެއްވި އަގުހުރި ޖިހާދުގެ ކާމިޔާބީގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޤައުމީ ޙަޔާތުގައި ޤައުމަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ އެއީކަމަށް ދިވެހީން ދެކޭތީއެވެ. ޤައުމީ ދުވަހުގެ ވާހަކަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ އެދުވަހުގެ މުހިއްމު ކަމުންނެވެ. ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރޭގައެވެ.

ޤައުމީ ދުވަހުގެ ތާރީޚަށް ނަޒަރެއް ދޭ އިރު، ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަކުރި ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އޭގެ ފަހުން ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަކުރަމުން އައިސްފައިވެއެވެ. މިހެން މިދެންނެވީ "ޤައުމީ ދުވަސް" މި ނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު 1 ވަނަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މި ނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއް ވެސް ތާރީޚު ދެކެފައިވާތީއެވެ. ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައެވެ. އެހެންކަމުން އެ ދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 26 އަށެވެ. ހިޖުރީ ގޮތުން 1368 ވަނަ އަހަރުން ފެށިގެން 1398 ވަނަ އަހަރާ ހަމައަށް ރަބީޢުލްއައްވަލް މަހު ފުރަތަމަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަހު"ގެ ގޮތުގައެވެ. މި ކަން މި ގޮތުގެ މަތީން ހަމަޖައްސަވައި އޭރުގެ ވަޒީރުލްއަޢުޒަމްގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނެއްގައި ވަނީ ކުރީގެ ޤައުމީ ދުވަސް (1 ރަބީޢުލްއައްވަލް) އަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެ ދުވަހު އޮންނާނީ ދީނީ ކަންތައްތައް ކުރުން ކަމަށާއި، އެއީ، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައި ކަމަށެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ (26 ޖުލައި) މިނިވަންދުވަހު ކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސް ކަމަށެވެ. އަދި މިހެންކަމުން މިނިވަން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 1966 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26 ވަނަ ދުވަހު ކަމުގައި ވެސް މި އިޢުލާނުގައި ލިޔުއްވައިފައިވެއެވެ.

ޤައުމީ ދުވަސް ފާހަގަ ކުރާން ފެށިތާ މިއަދަށް ހިޖުރީ ގޮތުން 78 އަހަރު ފުރުނު ކަމުގައި ވިޔަސް މި ދެންނެވި ބަދަލުތަކުގެ ސަބަބުން މިއީ ކިތައްވަނަ ޤައުމީ ދުވަސްކަމާ މެދު ގިނަ މީހުންނަށް އޮންނަނީ އޮޅުން އަރައިފައެވެ. އެހެންކަމުން މިއީ 1443 ވަނަ އަހަރުގެ ޤައުމީ ދުވަހޭ ދަންނަވައިލީމާ އޮޅުމެއް ނާރާނެތީ އަޅުގަނޑު ދަންނަވާނީ އެހެންނެވެ.

މިއަދަކީ 1443 ވަނަ އަހަރުގެ ޤައުމީ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި "އަދިވެސް"ގެ ކިޔުންތެރީންނަށާއި "އަދިވެސް" ޓީމަށް އަދި ދިވެހި ޤައުމުގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުމުގެ ޝުޢޫރުތައް ފޮނުވަމެވެ.

ޤައުމީ ދުވަހެއް މިއަދު އަޅގަނޑުމެން ފާހަގަކުރާ މި ދަނޑިވަޅަކީ ދިވެހި ޤައުމިއްޔަތުގެ ކިއްލާގައި ރެނދުތަކެއް އަޅައިފައިވާ ދުވަސްވަރެކެވެ. ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާ ކަމަށް އިސްލާމް ދީނަށް ފާޅުގައި ތައުހީނުކުރާ ފަރާތްތަކަށް ޙިމާޔަތާއި ޢިނާޔަތް މި ދިވެހި ފަސްގަނޑުގައި ލިބޭތަން ފެންނަ ދުވަސްވަރެކެވެ. ކީރިތި ރަސޫލާއަށް މާލާމަތްކޮށް އިސްލާމް ދީނަށް ތައުހީނުކޮށް ރިޕޯޓެއް ނެރުނު މީސްމީހުންނާ މެދު ފިޔަވަޅު އެޅޭތަން ނުފެންނަ ދުވަސްވަރެކެވެ. މިސްކިތްތަކުގައި މާރާމާރީ ހިންގައި ހަދާ މީހުނާއި މިސްކިތްތަކުގައި އިސްލާމް ދީނާ ޚިލާފު ކަންކަން ހިންގާ ފަރާތްކާ މެދު ފިޔަވަޅު އެޅިފައި ނުވުމުގެ ލަދުވެތިކަން ދިވެހި ރައްޔިތުން އިޙުސާސްކުރާ ހިތާމަވެރި ދުވަސްވަރެކެވެ.

ދިވެހި ޤައުމަށް އިޤުތިޞާދީ ގޮތުން ކުރިއަށް އެރިދާނެ ހުރިހާ ދޮރުތަކެއް ބަންދުވަމުންދާ ކަމުގެ ހިތްދަތި އިޙުސާސްކުރެވެމުންދާ ދުވަސްވަރެކެވެ. އާދޭހެވެ! މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ދައުލަތަށް ވަންނަ ނުކުންނަ ފައިސާގެ ގޮތް އެނގޭ ހިސާބުގައި ވަކި ޤައުއުމެއްގެ ބަޔަކު އެބަތިއްބެވެ. ދައުލަތަށް އެންމެ ގިނަ ބޭރު ފައިސާ ވަންނަ ކުންފުނީގެ އިސް މަޤާމުތަކުގައި އެ ޤައުމުގެ ރައްޔިތުންނެވެ. މާލީ ވަޒީރަށް ލަފާދޭން ހަމަ އެ ޤައުމުގެ ރައްޔިތުންނެވެ. ދިވެހިރާއްޖޭގެ ބޭންކް (ބީއެމްއެލް)ގައި ބޭރު މީހުންނެވެ. ދައުލަތުގެ ޕެންޝަން އޮފީހުގައި އެންމެ އިސްކޮށް ބޭރު މީހުންނެވެ. ދިވެހިރާއްޖޭގެ ކަސްޓަމަށް އެތެރެވާ އަދި ކަސްޓަމުން ބޭރުވާ ހުރިހާ މުދަލެއްގެ ތަފްޞީލު ހިސާބުތައް ވަގުތުން ވަގުތަށް ބޭރު ގައުމަކަށް ފޮނުވާން ދިވެހިދައުލަތް މި ވަނީ އެއްބަސްވެ އެކަން އަމިއްލައަށް މަޖުބޫރުކޮށްގެންނެވެ. ދައުލަތަށް ބޮޑެތި އިންޓަރެސްޓްގައި ވަކި ގައުމަކުން ނަގާ ދަރަނި ފައިސާ ވަނީ ރަތް ރޮނގު ފަހަނަޅައި ގޮސްފައެވެ. އިޤުތިޞާދީ ސަރަޙައްދުން ރޯމާ ދުވާލު އެހެން ޤައުމަކުން ދާއަޅައި މަސްކޮޅު ކަހައިލިޔަސް އެއީ ވަކި ޤައުމެއްގެ ބަޔަކަށް ވާނަމަ ފިޔަވަޅު އެޅޭނެ ޤާބިލިއްޔަތެއް އެ ކެރުންތެރިކަމެއް މި ރާއްޖެއަކު ނެތެވެ. މި ފަދަ ކަންކަމަށް ޤައުމީ ނަޒަރަކުން ވިސްނައިލައިފި ނަމަ، ފެންނާނީ، ޤައުމުގެ އިޤުތިޞާދު ކުރިއަރައިދާނެ ހުރިހާ ދިމަދިމާއެއްގައި އަތްއަޅައި ބާރުކުރެވިފައިވާތަނެވެ.

އަދި ނުނިމެއެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާ ކަމުގައިވާ ދިވެހިބަހުން ރަސްމީ މުޢާމަލާތުކުރުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ. އެވެސް ހެދިފައި ހުރި ޤާނޫނުތަކާ ޚިލާފަށެވެ. އާދޭހެވެ! ޤާނޫނު ނަންބަރު 68/2 ޖ (އޮފިޝަލް ކަންތައް  ޗެޕްޓަރ 2)އާއި ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު)ގައި ދިވެހި ރާއްޖޭގެ ރަސްމީ މުޢާމަލާތުތައް ކުރާންޖެހޭނީ ދިވެހިބަހުން ކަމަށް ސާފުކޮށް ބަޔާން ކޮށްފައި އޮއްވައެވެ. އަދި ޤާނޫނުއަސާސީގެ 11 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސްކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ވަނިކޮށެވެ. މިހެން މިކަންކަން އޮއްވައި ދައުލަތުގެ ބައެއް އިދާރާތަކުން އެ ތަންތަނާ ރަސްމީ މުޢާމަލާތުކުރާންޖެހޭނީ އިނގިރޭސިބަހުން ކަމަށް ޤާނޫނާ ޚިލާފަށް ފާޅުގައި އަންގައި ހަދާއިރު އެކަން ދެނެހުރި މުއައްސަސާއެއް ނެތް ފަދައެވެ.

ޤައުމިއްޔަތެއްގެ ހަމަޖެހުމުގައި އެންމެ މުހިންމު އެއް ކަމަކީ ޢަދުލުއިންސާފުގެ ހަރުދަނާ ކަމެވެ. އެ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ މިންވަރެވެ. މި ކަމާ މެދު އެއްޗެއް ދަންނަވާކަށް ނެތީމެވެ. ރައްޔިތުން އެ ދާއިރާއަށް އިތުބާރުކުރާ މިންވަރު އަމިއްލައަށް ވަޒަންކުރައްވާށެވެ.

ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ބަލާއިރު، ރާއްޖޭގެ އުތުރާއި ދެކުނާއި މެދުތެރޭގައި އޮތީ ބޭރު ސިފައިން ދުއްވާ ހެލިކޮޕްޓަރާއި މަތިންދާ ބޯޓާއެކު ބޭރު ޤައުމެއްގެ "އޮފިޝަލުން"ނާއި "ޓެކްނީޝަނުން"ގެ ބާރެވެ. އަތޮޅުތަކާ ގޮނޑުކުރާ ބޮޑެތި ބިޔަ މަނަވަރުތައް ކައިރިއަށް ރޭގަނޑު ދަންވަރު ހެލިކޮޕްޓަރުތައް ގޮސް އައިސް ހަދާތަން ޢާންމު ރައްޔިތުންނަށް ފެނުނަސް އެ މަނަވަރުތަކުން އެ ގެންނަނީ ނުވަތަ މަނަވަރުތަކަށް އެ ގެންދަނީ ކޮން އެއްޗެއްތޯ ބަލައިލުގެ ބާރެއް ލިބިފައިވާ ޢަސްކަރިއްޔާއެއް ނުވަތަ އެ ނޫންވެސް މުއައްސަސާއެއް ރާއްޖެއަކު ނެތެވެ. ޤައުމުގެ ކަނޑުގެ އަޑިއާއި ޖައްވު ވަނީ ބޭރު ބަޔަކަށް ހުއްދަކުރެވިފައެވެ. ވަކި ޤައުމަކާއެކު އެތައްބައިވަރު ސިއްރު އެއްބަސްވުންތަކެއް ހަދައި ނުރައްކާތެރި ބައެއް އެއްބަސްވުންތައް ލީކުވެފައި ވިޔަސް އެއިން އެއްވެސް އެއްބަސްވުމެއް، ރައްޔިތުންގެ މަންދޫބުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައްކައިލުމުގެ ޤާބިލުކަމެއް މި ދައުލަތަށް ލިބިގެންވާ ކަމަކަށް ނުވެއެވެ. ވީމާ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވެސް މި ވަނީ ސުވާލު އުފެދިފައެވެ. އަދި ޢަމަލީ ގޮތުން ބަލާއިރު، ޤައުމުގައި ސިޔާސީ މިނިވަންކަމެއް ނުވަތަ ސިޔާތަދާއި އިސްތިޤްލާލެއް އެބަ އޮތްތޯ މި ވަނީ ސުވާލު އުފެދިފައެވެ. ޢަމަލު ނުކުރެވޭ އެތައް ޤާނޫނުތަކަކާއި އިޚުތިޔާރެއް ބާރެއް ނެތް ކިތަންމެ ގިނަ މުއައްސަސާތަކެއް ހުރި ނަމަވެހެވެ.

އަނެއްކޮޅުން ދިވެހި ޤައުމިއްޔަތާއި މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ދިވެހި ދިދައާ ބެހޭ ގަވާއިދާއި އުޞޫލު ވަނީ އުވައިލެވިފައެވެ. އެ ގަވާއިދުގައި އެއްވެސް ރަށެއްގައި ގައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުހަށް ނުނެގޭނެ  ކަމަށް ބަޔާންކޮށްފައިވެއެވެ. ގައުމީ ދިދައަށް އިޙުތިރާމްކުރުމުގެ ގޮތުން ޢަމަލުކުރާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހިމަނުއްވައިފައިވެއެވެ. އެހެންނަމަވެސް މި ގަވާއިދު އުވައިލެއްވުމާއެކު މިހާރު ކޮންމެހެން ޤައުމީ ދިދައަށް އިސްކަމެއް ދޭކަށް ލާޒިމެއް ނުކުރެއެވެ.

ޤައުމުގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ޤައުމީ ތަރައްޤީގެ ތަޞައްވުރެއް ގެންގުޅުއްވީ މަދު އިސްވާރުންކޮޅެކެވެ. ޒަމާންވީ ރަސްކަމެއް ޖުމްހޫރިއްތަތަކަށް ބަދަލުކޮށްލެއްވީ މި ނިޔަތުގައެވެ. ދެވަނަ ޖުމުހޫރިއްޔަތު ތަޢާރަފުކޮށް ވޯރާވިޔަފަރިވެރީން ރާއްޖެއިން ފޮނުވައިލެއްވީ މި އުންމީދުގައެވެ. އައިހަވަންއާއި ފާފު މަޝްރޫޢުގެ ތަޞައްވުރު ގެންގުޅުއްވީ މި ނިޔަތުގައެވެ. އެހެން ބޭފުޅުން ބޭނުންފުޅުވީ ރައްޔިތުންނަށް، ޤައުމަށް ޚިދުމަތްކުރެއްވުމަށްވުރެ ބޮޑަށް އަމިއްލަ މަންފާ ލިބިގަންނާށެވެ. ޖާހާއި ޝާނާއި ޝައުކަތާއި ޢިއްޒަތް ހޯއްދަވާށެވެ. އެހެންކަމުން "ދީނަށްޓަކައި"، ޤައުމަށްޓަކައި" ވިދާޅުވެ އޭރު ގޮވި ފަތިވަރުގެ ހަގީގީ މާނައަކީ "ނަފުސަށް ޓަކައި" ޖީބަށްޓަކައި" ގޮވި ގޮވެލިފައްޗެއްކަން އެ ބޭފުޅުން އެ ގެންދަވަނީ ޢަމަލުފުޅުން ދައްކަވައި ސާބިތުކުރައްވަމުންނެވެ. ރައްޔިތުންނަށް ވިސްނައިދެއްވާން އެ ބޭފުޅުން ބޭނުންފުޅުވަނީ ދިވެހީންނަށް ޙައްޤު މިންވަރަކީ ނިކަމެތިކަމާއި އަޅުވެތިކަންކަމެވެ. ތަޞައްވުރީ އިސްވާރަކު މި ޤައުމުގައި މިނިވަންކަމާއެކު ވެރިކަން ކޮށްފާނެތީ މަވެތި އިސްވާރުން ކަންބޮޑުވަނީ އެހެންވެގެންނެވެ. ނަމަވެސް މި ރާއްޖެއަކީ ކައިރި ބިޔަ ބޮޑެތި ކަރަކަރައަށް ބަރޯސާ ނުވެ، އަމިއްލަ ފުދުންތެރިކަމާއެކު ތަރައްޤީ ވެވޭނެ ޤައުމެކެވެ. ތަޞައްވުރީ އިސްވާރަކު ޤައުމު ހިންގަވާން ހުންނެވުމުން ނުކުންނަ ހެޔޮ ނަތީޖާ ސިންގަޕޫރުން އެހެރީ ފެންނާށެވެ. ޖުޣުރާފީ ގޮތުން ސިންގަޕޫރު އޮތް ތަނަށް ވުރެ، ދިވެހިރާއްޖެ އޮތް ނުކުތާ އިސްތިރާޖީ ގޮތުން މާ މުހިއްމެވެ. އަދި ރާއްޖެއިން ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ތަރައްގީވެވޭނެކަމުގެ ހަގީގަތް ދާދި ކައިރި މާޒީއެއްގައި ވަނީ ފެނިފައެވެ.

އިސްވެ ދެންނެވުނު ކަންކަމަށް ވިސްނައި ފިކުރު ކޮށްފި އެއްވެސް މީހަކަށް މިއަދު ޤައުމީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރަމުން ގެންނާއިރު، އުފާވެރިކަމުގެ އިޙުސާސެއް ނުކުރެވޭނެއެވެ. ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހަށިގަނޑުގައި މިއަދު ޖަހާނީ ބިރުވެރިކަމުގެ ވިންދެވެ. ސިކުނޑީގެ ކަންފަތުގައި ގުގުމާނީ ބިރުވެރިކަމުގެ ޑަނޑޫރާގެ އަޑެވެ.

ކޮންމެއަކަސް މިއަހަރު އަޅުގަނޑުމެންގެ ކަލަންޑަރުން ޤައުމީ ދުވަސް އައިސް ދިވެހީންނާ ބައްދަލުކުރީ އުފާވެރި މާޙައުލެއްގައެއް ނޫނެވެ. މިއަދު ދިވެހި ޤައުމިއްޔަތަށް މިވަނީ ނުރައްކާތެރި ޙަމަލާތަކެއް އަމާޒުވެފައެވެ. ޤައުމިއްޔަތުގެ ބިންގަލަށް ވަނީ ނުރައްކާވެފައެވެ. އިސްލާމް ދީނަށް ތައުހީނުކުރާ މީހުންނަށް ވަނީ ޙިމާޔަތާއި ޢިނާޔަތް ދެވިފައެވެ. ދީނަށް ފުރައްސާރަކުރުން ޢާއްމުވެފައި ވީ ނަމަވެސް އެ ފަދަ ކަމަކާ، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އަޅައިލާ ތަނެއް ނުފެނެއެވެ. ޤައުމުވަނީ ޞިއްޙީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އިނދަޖެހިފައެވެ. ޤައުމީ ސަލާމަތަށް ވަނީ ނުރައްކާވެފައެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، ޤައުމުގެ އަމިއްލަ ވަންތަކަމާއި ސިޔާދަތީ ބާރާއި އިޤުތިޞާދު ވަނީ ބޭރު ބަޔެއްގެ ކޮންޓުރޯލުގެ ދަށުގައެވެ. މިއަދު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ޢަސްކަރީ އުޅަނދުތަކަކީ ބޭރު ބަޔަކު މުނިފޫހިފިލުވާން ބޭނުންކުރާ އެއްޗަކަށް ވަނީ ވެފައެވެ. ރާއްޖޭގެ ބިމާއި ޖައްވާއި ވަޔާއި ކަނޑާއި ކަނޑުއަޑިއަށް ދާންދެން ބޭރުގެ ޢަސްކަރީ ބާރަކުން "ކުޅޭން" ވަނީ ދޫކޮށްލެވިފައެވެ. ޚާރިޖީ މިނިވަންކަން ވަނީ އެހެން ޤައުމެއްގެ ބާރުގެ ދަށުގައެވެ. ޤައުމުގެ ހުރިހާ ކަމެއް ހަމައެކަނި އެއް ޤައުމަކަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން އަވަށްޓެރި އެހެން ޤައުމުތަކާއި ދުނިޔެއާ ވަނީ ފެއަށް ޖެހެވިފައެވެ. ޚާރިޖީ ކަންކަމުގެ އިތުރަށް ދާޚިލީ ކަންކަން ވެސް ހިންގާ ތަން ފެންނަނީ، އަދި ޤައުމުގައި ހިންގާންޖެހޭ މަޝްރޫޢުތައް ވެސް އެނގެނީ ބޭރު ޤައުމެއްގެ ބަޔަކަށެވެ. އެ ބަޔަކު ސޫދުގެ ބޮޑު ޢަދަދެއް ހިމަނައިގެން ދަރަންޏަށް ބޮލުގައި އަޅުވާ ފައިސާއިން އެ މީހުން ބޭނުންވާ ކުރިކެޓް ދަނޑެއް ރާއްޖޭގައި އެޅުމުގެ ބޭނުމެއް ނެތަސް އެކަން ކުރާން ސަރުކާރަށް ވަނީ "މަޖުބޫރު"ވެފައެވެ. ރާއްޖޭގެ ވައިގެ ބަދަރުތައް އެ މީހުން ކަނޑައެޅި ޢަދަދެއްގެ ދަރަނީގެ ފައިސާއިން "ތަރައްޤީކޮށް" އެ މީހުންނަށް ދިގު މުއްދަތަކަށް ހަދިޔާކުރުމަކީ ޤައުމަށް ގެއްލުން ދިނުން ފިޔަވައި ކޮން ކަމެއް ތޯއެވެ! ރާއްޖޭގައި ތަރައްގީކުރާ ކަމަށް ބުނާ ވިޔަފާރި ބަނދަރުތައް ތަރައްޤީ ކުރާން، "އެބައިމީހުން" ކަނޑައަޅާ ބިޔަ ޢަދަދެއްގެ ދަރަނި ފައިސާއިން "ތަރައްޤީކޮށް"، ދިވެހީންނަށް ފައިދާ ނުވާ ގޮތަށް "އެވެރީންނަށް" ދިގު މުއްދަތަކަށްދީ، އެ ދަރަނި ދިވެހީންގެ ބޮލުގައި އެޅުވުމަކީ ދިވެހި ރައްޔިތުންނަށް ޙައްޤު މިންވަރުތޯއެވެ! މިއީ ރާއްޖޭގެ މައި އެއަރުޕޯޓު ކުރީން ބޭރު ކަރައެއްގެ ކުންފުންޏަކަށް ދޫކޮށްލުން ފަދަ "ނަލަ" ވުނައެއް ނޫންތޯއެވެ!

މި ކަންކަމާމެދު ފުންކޮށް ވިސްނައި، އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ ޢަޒުމު އާކުރުމަކީ ވެރީންނާއި ރައްޔިތުންގެ މައްޗަށް، އަޅުގަނޑުމެން އެންމެންގެ މައްޗަށް، އޮތް ޤައުމީ ވާޖިބެކެވެ. ޤައުމީ ޝަރަފު ކަމުގައިވާ އިސްލާމްދީން ޙިމާޔަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެކެވެ. ޤައުމިއްޔަތުގެ އެއް ބަހާ ކަމުގައިވާ ދިވެހިބަހާއި ދިވެހީންގެ ރީތި ސަގާފަތް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. އަދި ދިވެހި ޤައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަމްޒުކަމަށްވާ ދިދައިގެ ޙުރުމަތް ދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ލާޒިމުކަމެކެވެ. މާޒީގެ ތަޖުރިބާއިން ޢިބްރަތް ޙާޞިލްކޮށް، އެ ފަދަ ޚާއިނުންނާއި ޣައްދާރުންނަށް ނޫނެކޭ ބުނާން ދަސްކުރާން އެބަޖެހެއެވެ. "އަހުރެންގެ މޭ ޤައުމަށްޓަކައި އަށްޑަނައަކަށް ދިއްކޮށްލުމީ، ފަހު ނޭވައަށް ދަންދެން މޮޓޯކަމުގައި" ހެދުމުގެ ޢަޒުމު އާކުރާން މިއަދަކީ އެންމެ އެކަށީގެންވާ ދުވަހެވެ. މި ލޮބުވެތި ދިވެހި ޤައުމު ޤިޔާމަތާ ހަމައަށް އިސްލާމީ ހިދާޔަތުގައި ލެހެއްޓެވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއެވެ.

ޝުކުރިއްޔާ!

މުހައްމަދު ޝަހީބު
އަދިވެސްގެ ސީއީއޯ އަދި ޗީފް އެޑިޓަރ