Support Us

އެޑިޓޯރިއަލް

އެޑިޓޯރިއަލް: ދިވެހިރަސްކަމާއި ދިވެހި ޖުމްހޫރިއްޔަތު

ދިވެހިރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް 52 އަހަރު ފުރުނީއެވެ. މިއަދަކީ މި އުފާވެރި ޖުމްހޫރީ ދުވަހެވެ. ޤައުމީ ޙަޔާތުގައި މުހިއްމު ދުވަހެކެވެ. ނަމަވެސް ދުވަހުގެ މުހިއްމުކަން ދިވެހީންގެ ހިތަށް މާ ބޮޑަށް ވަދެފައި ވެޔެކޭ ދެންނެވޭކަށް ނެތެވެ. މީޑިއާއިން ފޮނުވާ ޕްރޮގްރާމެއް ފިޔަވައި، އެ ދުވަސް ފާހަގަވާ މާ ޚާއްޞަ ކަމެއް ނުފެނެއެވެ. މި ފަދަ ދުވަސްތަކަށް ޢާއްމުންގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ލިބޭ ކަމަކަށް ދެންނެވޭކަށް ވެސް ނެތެވެ. ކުރީގެ އަހަރުތަކުގައި ބައެއް އިސްކޫލުތަކުން ވެސް ކޮންމެވެސް ވަރަކަށް މި ދުވަސް ފާހަގަކުރޭމެވެ. ނަމަވެސް މި ދުވަސް މުހިއްމު ވަނީ ހަގީގަތުގައި ރައްޔިތުންނަށެވެ. ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުވުމުގެ ހުރިހާ ވެސް ލާބައަކާއި މަންފާއެއް އޮތީ ރައްޔިތުންނަށެވެ. ދެ ނިޒާމުގެ ސިފަތަކަށް ބަލާ ނަމައެވެ.

ކަން އޮތީ މިހެންކަމުގައި ވިޔަސް އެ ޤައުމެއްގައި ކުރާ ވެރިކަމަކުން ރައްޔިތުންނަށް ލާބައާއި މަންފާއެއް ލިބޭނީ، ތަޞައްވުރަކާއެކު ވެރިކަމަށް ވަޑައިގަންނަވާ ވެރީންތަކެއް އިޚުލާޞްތެރިކަމާއެކު ވެރިކަން ކުރައްވާ ނަމައެވެ. އެއީ ނަމަކުން ވާ ކަމެއް ނޫނެވެ. އެކަމުގައި އިޚުލާޞްތެރި ނިޔަތް ބޭނުންވާނެއެވެ. ޤާއުމީ ތަރައްޤީގެ ވިސްނުމެއް ނެތި ހަމައެކަނި ވެރިކަމަކީ ޝަރަފަކަށް ދެކިގެން ވެރިކަމަށް އަންނަ ވެރީން ވެރިކަން ކުރާ ޤައުމެއްގައި ރައްޔިތުންނަށް ކުރާ ފައިދާއަށް ވުރެ ލިބޭ ގެއްލުން މާ ބޮޑުވާނެއެވެ. އެއީ ރަސްކަމަކަށް ވިޔަސް ޝަހެންޝާޙިއްޔަތަކަށް ވިޔަސް ޖުމުހޫރިއްޔަތަކަށް ވިޔަސް ތަފާތެއް ނޯންނާނެއެވެ. ދުނިޔޭގެ މިސާލެއް ބަލާނަމަ، އެކުވެރި ޢަރަބް އިމާރާތުގައި އޮންނަނީ ރަސްކަމެކެވެ. އެކަމަކު އިރާޤުގައި އޮތީ ޖުމުހޫރިއްޔަތެކެވެ. ތަފާތު ބައްލަވާށެވެ! ކައިރި ހިސާބަށް ބަލާނަމަ، ނޭޕާލުގައި މިހާރު އޮތީ ޖުމްހޫރިއްޔަތެކެވެ. ބޫޓާނުގައި އޮތީ ރަސްކަމެކެވެ. ތަފާތެއް އޮތްތޯ ވިސްނަވާށެވެ! މެލޭޝިއާގައި އޮތީ ރަސްކަމެކެވެ. ސިންގަޕޫރުގައި އޮތީ ޖުމްހޫރިއްޔަތެކެވެ. ތަފާތަކީ ކޮބައިތޯއެވެ؟ މި ޤައުމުތަކަށް ނަޒަރެއް ދިނުމުން އަޅުގަނޑަށް ފާހަގަކުރެވުނީ ވެރީންގެ ތަޞައްވުރާއި އިޚުލާޞްތެރި ނިޔަތުގެ ތަފާތެވެ. ވެރިކަމުގެ ނިޒާމުގެ ބާވަތުން އަންނަ ތަފާތެއް ނުފެނެއެވެ.

މިއަދު ދުނިޔޭގައި އޮތް، މިނިވަން، ސިޔާދަތީ، އިސްތިޤުލާލީ 206 ޤައުމެއްގެ ތެރެއިން 159 ޤައުމެއްގެ ރަސްމީ ނަމުގެ ބައެއްގެ ގޮތުގައި ޖުމްހޫރިއްޔާ (ރިޕަބްލިކް) ބޭނުންކުރެއެވެ. ތަފާތު ވައްތަރުތަކުގެ ޖުމްހޫރިއްޔާތަކެވެ. ނަމަވެސް މީގެ ތަފްޞީލަކަށް ނުގޮސް ޖުމުހޫރިއްޔަތުގެ މާނައާއި ޖުމުހޫރިއްޔަތުން ޙާޞިލުކުރާން ބޭނުންވާ ކަންކަމުގެ މައްޗަށް ބަލައިލުން މުހިއްމެވެ. ޢަރަބިބަހުން ޖުމްހޫރުގެ މާނައަކީ ގިނަ މީހުންނެވެ. ދިވެހި ބަސްފޮތުގައި ވާ ގޮތުން "ޖުމުހޫރިއްޔާ"ގެ މާނައަކީ ޖުމުހޫރީ ވެރިކަމެވެ. އިނގިރޭސިބަހުން "ޖުމުހޫރިއްޔާ"އަށް ކިޔަނީ "ރިޕަބްލިކް"އެވެ. ލެޓިން ބަހުގެ "ރެސް ޕަބްލިކާ"އިން ގެނެވިފައިވާ މި ލަފުޒުން ދޭހަވަނީ "ރައްޔިތުންގެ ކަންކަމަށް އިސްކަންދޭ"، ނުވަތަ "ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރާ" ފަދަ މާނަތަކެކެވެ. އެހެންވީމާ ޖުމުހޫރިއްޔަތުގެ އެންމެ ސާދާ މާނައަކީ ރައްޔިތުންގެ ވެރިކަމެވެ. ޤައުމަކީ ވެރިކަންކުރާ ވެރީންގެ މިލްކެއް ކަމަށް ނުބަލާ ވެރިކަމެވެ. އެހެންނަމަވެސް ރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލުކުރެވުނީ "ރައްޔިތުންގެ ވޯޓުން" ކަމަށް ފެންނަން އޮތަސް އެ ބަދަލުގެނެވުނީ، ތަޞައްވުރީ ދެ ޤާއިދެއްގެ ޤައުމީ ތަރައްޤީގެ ވިސްނުންފުޅެއް އޮވެގެންނެވެ. ދެވަނަ ޖުމްހޫރިއްޔަތު ބައި ޤަރުނު ފަހަނަޅައި ޤަރުނަކާ ދިމާއަށް މިޞްރާބު ހިފައިފައި ވާއިރު، ތަފާތު ފެންވަރުގެ ތަފާތު ސިޔާސަތުގެ ތަފާތު ވިސްނުންފުޅުގެ ހަ ބޭފުޅެއްގެ ރިޔާސަތު އަޅުގަނޑުމެން ތަޖުރިބާ ކޮށްފީމުއެވެ. މި ކުރަނީއެވެ. އެއީ ދިހަ އަހަރު ރައީސްކަންކުރެއްވި، އަދި ކުރީން 10 އަހަރު ބޮޑުވަޒީރުކަން ކުރައްވައިފައިވާ އިބްރާހީމް ނާޞިރާއި 30 އަހަރު ރައީސްކަންކުރެއްވި މައުމޫން ޢަބްދުލްޤައްޔޫމާއި ތިން އަހަރެއްހާ ދުވަހު ރައީސްކަންކުރެއްވި މުޙައްމަދު ނަޝީދާއި ދެ އަހަރެއްހާ ދުވަހު ރައީސްކަން ކުރެއްވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ފަސް އަހަރު ދުވަހު ރައީސްކަންކުރެއްވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިހާރު ރައީސްކަމުގައި ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ބޭބޭފުޅުންގެ ވެރިކަމުގައި ލިބުނު ކުރިއެރުމާއި ލިބުނު ގެއްލުމުގެ މައްޗަށް ވާހަކަ ދެއްކުމަކީ މިއަދުގެ މައުޟޫޢެއް ނޫނެވެ. އެކަންކަން ވަޒަންކޮށް ގޮތް ނިންމާނީ ދިވެހި ރައްޔިތުންނެވެ.

ކޮންމެއަކަސް، ޒަމާންވީ ރަސްކަމުން ޖުމުހޫރިއްޔަތަކަށް ފުރޮޅައިލައި، ވެރީންގެ ވެރިކަމަކުން ރައްޔިތުންގެ ވެރިކަމަކަށް ބަދަލުވެ، ބައި ޤަރުނު ވެގެން ދިޔައިރު ރައްޔިތުންނަށް ލިބުނު ކުރިއެރުމާއި ޙާޞިލުވި އުއްމީދުތަކުގެ މައްޗަށް ވާހަކަ ދެއްކުމަކީ ވެސް އަޅުގަނޑުގެ މައުޟޫޢެއް ނޫނެވެ. އެ ކަމަށް އިންސާފުކުރައްވާނީ ތިޔަ ޢިއްޒަތްތެރި ރައްޔިތުންނެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މި ފަހަރުގެ "އަދިވެސް" ވަރަށް ޚާއްސަވާނެއެވެ. ދުވަހާ ގުޅޭ ތަފާތު ލިއުންތައް ހުންނާނެއެވެ. މި މުނާސަބަތާ ގުޅުވައިގެން މި ފަހަރު ވެސް "އަދިވެސް"ގެ ލޯގޯ މިވަނީ ތަފާތު ފަރުމާއަކަށް ބަދަލުކޮށްފައެވެ. ގައުމީ ދުވަހާއި ނަސްރުގެ ދުވަހެކޭ އެއްފަދައިންނެވެ. މި ލޯގޯ ފަރުމާކުރެއްވީ ކުޅަދާނަ ފަންނުވެރިޔާ އިބްރާހިމް ފަރުހާދެވެ.

އިބްރާހިމް ފަރުހާދަށާއި ޖުމްހޫރީ ދުވަހުގެ ޚާއްސަ އަދަދަށް ލިއުއްވި ހުރިހައި ބޭފުޅުންނަށް ވެސް މި ފުރުސަތުގައި ފަށްފަށުން ޝުކުރު ދަންނަވަމެވެ.

ރައްޔިތުން ލިބިގަތް ރައްޔިތުންގެ ވެރިކަމުގެ ފުރިހަމަ ލާބައާއި މަންފާ ދިވެހިންނަށް ލިބުމަކީ އަޅުގަނޑުމެންގެ އަބަދުގެ އުއްމީދެވެ. ދިވެހި ދައުލަތުގެ ބާރުތަކުގެ ވެރީންނަށާއި ތިޔަ ހުރިހާ ކިއުންތެރީންނަށް މި އުފާވެރި ޖުމުހޫރީ ދުވަހުގެ ތަހުނިޔާ ވަރަށް އިޚުލާޞްތެރިކަމަމާއެކު އަރިސްކުރަމެވެ.

ޝުކުރިއްޔާ!

މުހައްމަދު ޝަހީބު
އަދިވެސްގެ ސީއީއޯ އަދި ޗީފް އެޑިޓަރ