Support Us

ވާހަކަ: ޔުކްތާ – 12

އެކެއް ޖެހިއިރު އާރިޒަށް ގޭތެރެ ހޯދާލެވުނީ ކޮންމެ ރެއަކުވެސް ކާންހަދައިގެން އިންތިޒާރު ކުރަމުންދާ ޔުކްތާ ނެތީމައެވެ. އަނޫއާއެކު އެހާގިނައިރު ސިޓިންރޫމުގައި އިންއިރުވެސް ޔުކްތާ ނުފެނުނީމައެވެ. އޭނާގެ ޝައުގުވެރިކަން ހުއްޓުނީ އިރާކޮޅުވެސް އަބަދުވެސް ނިދާބޮކި ދިއްލާ ކޮޓަރީގައި މިދަންވަރު ހޮޅިބުރި ދިއްލާ ފައިވާތީއެވެ. މަޑުމަޑުން އެދިމާއަށް ދެވުނީ އެއްޗަކުން ފެން ފައިބާކަހަލަ އަޑެއްއިވޭތީއެވެ. ކޮޓަރިއާއި ބޮޑަށް ކައިރިވީވަރަކަށް އެއަޑު ގަދަވަމުންދެއެވެ. ދޮރުގައި ހިފާލީ ވަކި ނިޔަތެއް އޮވެގެންނެއް ނޫނެވެ. ކޮންމެވެސްކަހަލަ ނުތަނަވަސްކަމެއް ހިތުގައި ހިނގާތީއެވެ. ނަމަވެސް ދޮރު ތަޅުލާފައިވުމުން އޭނާ ނުވަދެ އެނބުރި ދިޔައީ ބަނޑުހައިވެފައި ވާތީއެވެ. ދުވަސްތަކަކަށްފަހު ހަގީގީ ލޯބި ވެވުނު ޔުކްތާގެ ނުލިބި ހުރި މައުލޫމާތު ތަކެއްލިބުމުން އޭނާވަނީ ހާސްވެފައެވެ. ޔުކްތާއާމެދު  ފޫހިކަން އިތުރު ވަމުންދެއެވެ. އޭނާއަށް ޔުކްތާ ފެނުނަސް ހިތްހަމައެއް ނުޖެހެއެވެ. އަނޫ ގެއަށް ގެނައީވެސް އެހެންވެގެންނެވެ. ނަމަވެސް ގެއަށް އަންނަ ފަހަރަކު ޔުކްތާ ފެންނަން ނެތުމުން ހޯދާލެވެއެވެ. މިއަޖައިބެއް ފަދަ އިހުސާސްތައް އޭނާގެ ހަށިގަނޑަކުން ފިލައިގެންވެސް ނުމެދިޔަމެއެވެ.

އޭނާ ކައިގެން ދިޔައީ ކޮޓަރިއަށް ދިޔުމަށެވެ. އޭރުވެސް ޔުކްތާގެ ކޮޓަރި ދިއްލާފައިވުމުން އޭނާ ކުޑަކޮށް ހާސްވިއެވެ. ކޮންމެވެސް ނޭނގޭ އިހުސާސެއް އެކޮޓަރީގެ ހަގީގަތް ހޯދުމުގެ ޝައުގު އުފެދިއްޖެއެވެ. އޭނާ ދެތިން ފަހަރަކު ގޮވާލިއެވެ. ނަމަވެސް ޚަބަރެއް ނުވެއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާ ގަބޫލުކުރަން މަޖުބޫރު ކުރުވީ ނުހަނު ބާރަށް ދޮރުގައި ތެޅިއިރުވެސް ޚަބަރެއް ނުވުމުންނެވެ. އޭނާގެ އަތުގައި ގޭގެ ހުރިހާ ތަނެއްގެ ޑަބަލް ތަޅުދަނޑިވާތީ ހުޅުވާކަށް މާ ދައްޗެއްނުވިއެވެ.  އޭނާ ހައިރާންކަން އިތުރުވީ ތަރުތީބު ގެއްލިފައިވާ ކޮޓަރީގައި އެއްޗެހިތައް އެތައްމިތަނަށް އުކާފައިވާތީއެވެ. އޭރުވެސް ފާޚާނާއާއި ދިމާއިން ފެންތައް ހޯސްލާފައި ފައިބާ އަޑުއިވެއެވެ. އޭނާ އަވަސްވީ އެދިމާއަށް ދެވޭތޯއެވެ. އޭނާއަށް ބާރަށް ދުއްވައިގަނެވުނީ ޚަބަރު ހުސްވެފައިވާ ހާލުގައި ޔުކްތާ ވެއްޓިފައި ވާތީއެވެ. ކޮނޑަށް ލިބިފައިވާ ޒަޚަމުން ލޭ ހިލިފައި ވާތީއެވެ. އޭނާ ނުހަނު ފަރުވާތެރިކަމާއެކު އެތެރެއަށް ވަދެ ޔުކްތާ ނެގިއެވެ.  އަދި މުޅިން ސާފުނުވެ ހުރި ލޭތައް، ފައިބަމުންދާ ފެންތަކުން ސާފުކޮށްލިއެވެ. ދެން އަތްދަނޑިމައްޗަށް ލައިގެން ގެނެސް އެނދުގައިބޭއްވިއެވެ. މަންމަގެ ވާހަކަތަކުން ޔުކްތާއަކީ ބަލިކުއްޖެއްކަން އޭނާއަށް އެނގެއެވެ. އަދި ޔުކްތާގެ ޚާއްޞަ ޑޮކްޓަރަކީ އެއާއިލާގެ ގާތްމީހެއްކަމުން އޭނާ އަވަސް އަވަހަށް ޑޮކްޓަރާގުޅިއެވެ. ޑޮކްޓަރު އަންނަން ވާއިރަށް ޔުކްތާގެ ތެތްހެދުން ބަދަލު ކުރަންޖެހެއެވެ. އެހެންކަމުން އޭނާ ހޮޅިބުރި ނިވާލާ މަޑު އަނދިރީގެ ނިދާބޮކި ދިއްލިއެވެ. ޔުކްތާގެ ގައިމަތީ ހުދު ބެޑުޝީޓު އެޅިއެވެ. އަދި ޖެހިލުންވެ ހުރެ ޔުކްތާގެ ހެދުން ބޭލުވިއެވެ. ޔުކްތާގެ ހަށިގަނޑުން ފެންނަން ނުޖެހޭނެ އެއްވެސް ބައެއް ފެނިދާނެތީ ފަރުވާތެރިކަމާއެކު ބެޑުޝީޓުން ފޮރުވިއެވެ. އެއީ އޭނާގެ ހަލާލު އަނބިމީހާ ނަމަވެސް އޭނާ ޔުކްތާއަށް އިޙްތިރާމުކުރިއެވެ. އަލަމާރިން ހެދުމެއް ނަގާ ޔުކްތާގެ ލެއްވިއެވެ. އަދި އަތްދަނޑިމައްޗަށް ލައިގެން ގެނެސް އޭނާގެ ކޮޓަރީގައި ބޭއްވިއެވެ. އެހުރިހާ ކަމެއް ކުރިއިރުވެސް ޔުކްތާ އޮތީ ވާނުވާ ނޭނގޭ ހާލުގައެވެ.

ޑޮކަޓަރަށް ޔުކްތާއަކީ އޭނާގެ އަންހެނުންކަން އެނގޭނެތީ އޭނާގެ ކޮޓަރިއަށް ގެންދަން މަޖުބޫރުވީއެވެ. އަދި އެކޮޓަރީގެ ތަރުތީބު ގެއްލިފައިވާތީ އޭނާ އެތާބޭއްވުން ރަނގަޅުނުވާނެތީ އެގޮތަށް ހެދީއެވެ. ޑޮކްޓަރު ދުރުވުމުން ހުރިހާކަމެއްގެ ތަފުސީލު އާރިޒުދިނެވެ. މަންމަ ނިޔާވި ދުވަހުން ފެށިގެން މިހިސާބަށް ޔުކްތާއަށް އައި ބަދަލު އޭނާ އޮޅުންފިލުވައިދިނެވެ.

"މަންމަ ނިޔާވުމުން އޭނާގެ މިޒާޖަށް ބޮޑުބަދަލެއް އައިކަމަށް ފާހަގަ ކުރެވުނުތަ؟" ޑޮކްޓަރު އޮޅުންފިލުވިއެވެ.

"މާބޮޑަކަށް ފާހަގައެއް ނުކުރެވޭ. އަޅުގަނޑާ ބައްދަލުވަނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް."

"އާރިޒަށް އެނގޭތަ. އެއީ ވަރަށް އަނިޔާ ލިބިފައިވާ ކުއްޖެއް. އޭގެސަބަބުން އޭނާއަށް ވަނީ ނަފުސާނީގޮތުން ވަރަށް އަސަރުކޮށްފައި. އެކަން ރަނގަޅުކުރުމަށްޓަކައި އާރިޒުގެ މަންމަ ވަރަށް ހޭދަކުރި. އޭނާ ވަރަށް ބޮޑަށް ރަނގަޅުވެފައިވަނިކޮށް މާބޮޑު ހިތާމައެއް ލިބުމުން އޭނާގެ ރަނގަޅުވަމުން އައިބައި ގޯސްވީ. އަނެއްކާވެސް ޖެހޭނީ އަލުން ފަށަންހެން ހީވަނީ. އެނގޭނީ ހޭއެރުމުން." ޑޮކްޓަރު އޮޅުން ފިލުވައިދިނެވެ.

"އޭނާއަށް ލިބިފައި ވަނީ ކޮން ކަހަލަ އަނިޔާއެއްތޯ." އާރިޒު އޮޅުންފިލުވޭތޯ އުޅުނެވެ.

"އޭނާއަށް ވަނީ ވަރަށްބޮޑަށް ޖިންސީ އަދި ނަފުސާނީ އަނިޔާލިބިފައި. އަޅުގަނޑުމެން ވަރަށް މަސައްކަތްކުރިން އޭނާގެ ފަރާތުން އެކަން ސާފުވޭތޯ. ނަމަވެސް އޭނާ ވަނީ އެންމެންނަށް އިތުބާރުކަނޑާލާފައި. އަޒީޒާއާއިވެސް އެވާހަކަ އޭނާ ކިޔައެއްނުދޭ. އެވަރުވާނީ ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރު ކުރީމާ. ޔަގީނުންވެސް އެނގޭ އެއްޗަކީ އޭނާއަށް ވަނީ ވަރަށް ފުންއަސަރުތަކެއް ކޮށްފައިކަން."

"ތިކަންތައް އޭނާ ކިޔައިދޭނީ ކިހިނެއް ހެދިއްޔާތޯ." އާރިޒުވެސް ޔުކްތާގެ ސިއްރު ހޯދޭތޯ މަސައްކަތްކުރަން ބޭނުންވެއެވެ. ޚާއްޞަކޮށް ކޯޓުގެ ޝަރީޢަތް ނިންމިގޮތުގެ ރިޕޯޓުންވެސް ވަރަށްގިނަ ކަންތައް އޮޅުންފިލައިފިއެވެ.

"ތިހުރިހާ ކަމެއް އެނގުން އަޅުގަނޑުވެސް ވަރަށް ބޭނުން. ސަބަބަކީ ރަނގަޅު ފަރުވާއެއް ދެވޭނީ ހުރިހާކަމެއް އެނގުމުން ކަމަށްވާތީ. އޭނާގެ ރައްކާ ކުރެވިފައިވާ ހުރިހާ ސިއްރެއް ހުރިހާ އިހުސާސެއް ބޭރު ކުރެވުމުން ނޫނީ އެކަމެއް ރަނގަޅެއް ނުކުރެވޭނެ. މިކަން ކުރެވޭނީ އާރިޒަށް. އޭނާއަށް އަޅާލާ. އޭނާއަށް އެހީތެރިވޭ. އޯގާތެރިވެގެން ނޫނީ އޭނާގެ އިތުބާރެއް ނުހޯދޭނެ. އޭނާ އިތުބާރުކުރާ އެކަކުވެސް މިދުނިޔެއަކު ނެތް."

"އަޅުގަނޑު އޭނާ ރަނގަޅު ކުރަންބޭނުން."

"އަޅުގަނޑު މިކިޔައިދިން ކަންކަމަށް ފަރުވާތެރި ވެލައްވާ. ޔުކްތާއަށް މިހާރު މިދިން އިންޖެކްޝަނުން ވަރަށްއަވަހަށް ހޭއަރާފާނެ. ދެން ހަދަންވީގޮތެއް އެނގޭނީ ހޭއެރުމުން އަދި އޭނާގެ މިޒާޖަށް އަންނަބަދަލަކުން. ހޭއެރުމުން މިބޭސް އޭނާއަށް ދެއްވާ. އަދި އަޅުގަނޑަށް ގުޅުއްވާތި." ޑޮކްޓަރު ދުރުވީ އޭނާއަށް އެތައް ނަސޭހަތެއް ދިނުމަށްފަހުގައެވެ.

އެނދުކައިރީގައި ހުރި ސޯފާއެއްގައި ޔުކްތާ ހޭއަރާތޯ ކެތްތެރިކަމެއްނެތި އޭނާ އިންތިޒާރު ކުރަމުންދަނީއެވެ. މަޑުފެހިކުލައިގެ ނިދާބޮކީގެ އަލީގައި ޔުކްތާ އޮތްއިރު އޭނާގެ މައުސޫމުކަން އާރިޒުގެ ނުރުހުންވެފައިވާ ހިތް ފަތަހަ ކޮށްފިއެވެ. އެދޮންމޫނުގެ ސާފުކަމާއި ތުނި ތުންފަތުގެ އަސަރު ގަދަކަން ކުރިއަށް ވުރެންވެސް ބޮޑަށް އޭނާއަށް އަސަރު ކުރުވައިފިއެވެ. ޑޮކްޓަރުގެ ވާހަކައިން އޭނާ ޔުކްތާއާއި މެދު ނުހަނު ހަމްދަރުދީ ވެވިއްޖެއެވެ. ކުރިން އާރިޒް ޔުކްތާއަށް ޝައްކު ކުރެވުނީތީ ނުހަނު ދެރަވެއްޖެއެވެ. އޭނާގެ އަޒުމަކީ ޔުކްތާގެ ފޮރުވިފައިވާ ސިއްރު ހޯދުމެވެ. އޭނާގެ ލޯބި ޔުކްތާ ގަބޫލުކުރުމެވެ. މަޑުމަޑުން އޭނާ ޔުކްތާގެ އަތުގައި ހިފާލިއެވެ. އަދި އޭނާގެ ދެއަތް އެތެރެއަށްލާ ހިފަހައްޓާލިއެވެ. ދުވަހަކުވެސް ދޫނުކުރާނެކަމަށް ހިތާހިތުން ވައުދު ވަމުންނެވެ. މަޑުމަޑުން ހޭއެރި ޔުކްތާ އަތް ދަމައިގަތީ ކުއްލިއަކަށެވެ. އާރިޒު ދިޔައީ ސިއްސައިގެންނެވެ.

"ޔުކްތާ. އަލްހަމްދު ލިﷲ، އަހަރެން މިހުރީ ޔުކްތާއަށް ވީގޮތެއްނޭނގި ނުހަނު ކަންބޮޑުވެފައި." އާރިޒު ވާހަކަ ދެއްކިއެވެ.

"މީ… މީ.." ޔުކްތާއަކަށް ވާހަކައެއް ނުދެއްކުނެވެ.

"މީ އަހަރެންގެ ކޮޓަރި. ހާސްނުވޭ ޔުކްތާ. ޔުކްތާގެ ކޮޓަރިވަނީ ވަރަށް ހަޑިވެފައި. ޑޮކްޓަރު ދުރުވާތީ މިތަނަށްގެނައީ." އޭނާ އޮޅުން ފިލުވައިދިނެވެ.

އަދިވެސް ޔުކްތާއަށް ވާނުވާއެއް ނޭނގެއެވެ. އޭނާއަށް މިފެންނަ މަންޒަރު ގަބޫލެއްނުކުރެވެއެވެ.

"އަން އިހަށް މިބޭސް ބޯލާ. ހާސްނުވޭ ޔުކްތާ. މި ވޭތުވެދިޔަ ދެދުވަހު އަހަރެންވެސް ވަނީ ވަރަށް ހިތާމައިގައި. އެހެންކަމުން ޔުކްތާއާ އަޅާ ނުލެވުނީތީ ވަރަށް ދެރަވި." އޭނާ އަސްލު ސަބަބު އޮޅުވާލިއެވެ.

އެއްޗެކޭނުބުނެ ހުރި ޔުކްތާ އަށް ހުރިހާކަމެއް ހަނދާންވެއްޖެއެވެ. އަޒީޒާމަރުވުމެވެ. އާރިޒު އޭނާ އެކަހެރި ކޮށްލުމެވެ. އޭނާގެ ކުރިމަތީގައި އަނޫއާއި ވާހަކަދެއްކުމުން އޭނާ ދެރަވީއެވެ. އޭނާ ޝަކުވާކުރަން ބޭނުމެވެ. ބާރަށް ހަޅޭއްލަވަން ބޭނުމެވެ. ނަމަވެސް ހޫނު ކަރުނަތަކެއްގެ ސިފައިގާ ހުރިހާ ޝަކުވާއެއް ބޭރު ކޮށްލެވުނީ އޭނާގެ ލޮލުންނެވެ. ބަހެއްބުނަން އުޅުނު ދޫ ހަރަކާތް ނުކުރީމައެވެ. ކަރުބެދި މެއަށް އުނދަގޫ ވީމައެވެ.

"އަހަރެންނަށް މާފު ކޮށްފައި އަވަހަށް މިބޭސް ބޯލާ." ބޭސް ހިފައިގެން އައިސް މަޖާމިޖާޖެއް ދެއްކޭތޯ މަސައްކަތް ކުރީ ޔުކްތާ ހުއްޓާލާތޯއެވެ. ޔުކްތާ ބޭސްބޯން ހަރަކާތްތެރިވި އަތް ހިއްލާ ނުލެވުނީ ކޮޑުގައި ރިއްސާތީއެވެ. އެކަން އާރިޒަށް އިހުސާސް ކުރެވުނެވެ. އޭނާއަވަހަށް ޔުކްތާގެ ބޯ ދޮށަށް އަތްލާ އަނެއްއަތުން ބޭސްދިނެވެ. ޔުކްތާއަށް މިހާރު ރޮވެނީ އާރިޒްގެ އޯގާތެރި ކަމުންނެވެ. ގޯސް ގޮތްގޮތަށް އޭނާއާއި މެދު ވިސްނެވުމުންނެވެ. އޭނާގެ ލޯ ސީދާ އާރިޒުގެ ލޮލާދިމާވިއެވެ. އެލޮލުން އޭނާއަށް ބަޔާން ނުކުރެވޭ އޯގާތެރިކަމެއް ފެނުނެވެ. އެއަތުގެ ތެރޭގައި އަބަދު އޮންނަ ހިތްވާކަހަލަ ނޭނގޭ ވާހަކަތަކެއް ސިފަވިއެވެ. އެ ލޮލުން އޭނާއަށް އެތައް ކަމެއް ފެނުނެވެ. އޭނާގެ ހަށިގަނޑު އެންމެ އެތެރެއަށް ކަރަންޓް އަންނަކަހަލަ ގޮތެއްވެސް ވެއެވެ.

"ޔުކްތާ ހުއްޓާލާ. އަހަރެން ހުރިހާ ދުވަހަކު ޔުކްތާ އެކަނިވެރިއެއްނުވާނެ. މަންމަނެތަސް ޔުކްތާއަކަށް ކަމެއް ދައްޗެއްނުވާނެ. އޭނާ ޔުކްތާގެ ކަރުނަ ފޮހެދެވޭތޯ އުޅުނެވެ. ނަމަވެސް އަދިވެސް ޔުކްތާގެ ހަށިގަނޑުގައި އެހެންމީހަކު ޖެހެން ނުރުހެވޭނެކަން އާރިޒަށް އެނގެއެވެ. އެހެންކަމުން އޭނާ ވާން ޖެހޭނީ ކެތްތެރި އޯގާތެރި މީހެއްގެ ގޮތުގައިކަން އިހުސާސް ކުރެވުނެވެ. ޔުކްތާގެ އެތެރެހަށީގައި އުފެދިފައިވާ ނަފުސާނީ ޒަޚަމުގެ ސަބަބު އެނގޭނީ އޭނާ ވަރަށް ކެތްތެރިކަމާއެކީ މަސައްކަތްކޮށްގެންނެވެ.

ޑޮކްޓަރުގެ ލަފާގެމަތިން ޔުކްތާގެ ބޭހުގެ ކަންތައް އާރިޒު ބަލަހައްޓަމުންދެއެވެ. ބޭހުގެ އިތުރަށް އޭނާ ބަލަމުން ދިޔައީ ޔުކްތާއާއި މިހާރަށްވުރެވެސް ބޮޑަށް ގާތް ވެވޭތޯއެވެ. އޭނާގެ އިތުބާރު ހާސިލު ކުރެވޭތޯއެވެ. ޔުކްތާގެ ރީތިކަން އޭނާއަށް ދުވަހެއް ދުވަހަކަށްވުރެ ފެންނަނީ ފުރިހަމަ ކޮންނެވެ. ހުރިހާ ވަގުތެއްގައިވެސް ޔުކްތާގެ ޚިޔާލުތައް އޭނާގެ ސިކުނޑިން ފޮހެވޭ ގޮތެއް ނުވެއެވެ. އެހެންކަމުން ޔުކްތާ ރަނގަޅު ވަންދެން ޝިޔާ ގާތު ހުރުން ބަހަނާއަކަށް ހަދާ އޭނާ ޗުއްޓީ ނެގިއެވެ.

އާރިޒު ޔުކްތާގެ ރުހުމާއި ލޯބި ލިބޭތޯ ގަދައަޅާ މަސައްކަތް ކުރަމުންދެއެވެ. ހެނދުނު ހޭލެވުމާއިއެކު މައިލޯ ތައްޓެއް ހަދައިގެން ބޭހާއެކު ޔުކްތާއަށް ދިނުމަށްޓަކައި ދިޔައެވެ. އޭނާ ނުހަނު ލަދުންހުރެ ބޭސްބުޔެވެ. އަދި އާރިޒުގެ ހެޔޮކަމަށްޓަކައި ޝުކުރުވެރިވިއެވެ. މެންދުރު ކެއުން ތައްޔާރު ކުރުމަށްޓަކައި ޔުކްތާ ބަދިގެއަށް ދިޔައެވެ. އޭރު ބޭރުން ވަދެގެން އައި ޝިޔާއާއި  އާރިޒާއި އޭނާ ބައްދަލުވިއެވެ.

"ޝިޔާކޮ. މިހާރު ބާޒާރު ކުރަން ވެސް ދާންފެށީތަ؟" އެދެބަފައިން އަތުގައިހުރި ކޮތަޅުތައް ފެނުމުން ޔުކްތާ އެހިއެވެ.

"ބައްޕަ ބުނުއްވީ ދައްތަ ބަލިވީމަ މިއަދު ކައްކާނީ ބައްޕަޔޯ. އެހެންވެ އަޅުގަނޑުމެން ބާޒާރަށް ދިޔައީ ދެއްތޯ ބައްޕާ."

"އެއީ ތެދެއް. މިއަދު އަހަރެން މިއުޅެނީ ކައްކަން. ޔުކްތާ ހަމައެކަނި ބަލަން ހުންނާނީ އިނގޭ. އެންމެ ރަނގަޅުތަ؟"

"އެކަމަކު….. އާރިޒަށް…"

"ނޫނޭ މިއަދު ޔުކްތާ ހުންނާނީ ބަލަން. އަހަރެމެން ދެބަފައިން ކައްކާނީ ދޯ ޝިޔާކޯ."

އާރިޒު ކެއްކުމުގައި މަޝްޣޫލުވިއެވެ. މިހެން އުޅޭއިރު އޭނާ މަޖާ ޖޯކު ކިޔަމުންދެއެވެ. ޔުކްތާ އާއި ޝިޔާ އަށް މިޖޯކުތައް މަޖާވެގެން ބާރަށް ހެމުން ދިޔައެވެ. އާރިޒަށް ޔުކްތާ ދުވަހަކުވެސް މިހާގިނައިން ހޭތަނެއް ނުފެނެއެވެ. އާރިޒަށްވެސް ވީ މިއީ ނުހަނު އުފާވެރި ހިތްހަމަޖެހޭ ދުވަހަކަށެވެ. ކައްކާ ނިމުނުއިރު އެންމެން ތިބީ ނުހަނު އުފަލުންނެވެ. ޔުކްތާއަށްވެސް އާރިޒުގެ މަޖާ މިޒާޖު މިފެނުނީ އަދި ކިރިޔާއެވެ. މިއީ ކުރިން ޔުކްތާއާއި އަނގައިންވެސް ބުނެނުލާހުރި ހިމޭން އާރިޒްކަމާމެދު އޭނާ ހުރީ ޝައްކު ވެފައެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *