...

Support Us

ގޭގެ ފެންޑާގައި ވެސް ކޮށްލެވޭނެ

ތިމާއަށް އެންމެ މީރު ކެއުން ތައްޔާރު ކުރުމަށް ނަގާ ވަގުތަށްވުރެ މަދު ވަގުތުކޮޅެއްގެ ތެރޭގައި ތިމާއަށް އެދުވަހަށް ބޭނުންވާ މިންވަރަށް ކަސްރަތު ކޮށްލެވިދާނެއެވެ. ގަވައިދުން، ހަފްތާއަކު 3 – 5 ދުވަހު 20 – 60 މިނެޓް ކަސްރަތު ކުރުމުން ހަށިގަނޑަށް ވަރަށް ފައިދާ ކުރާނެއެވެ. ހަށިގަނޑުގައިވާ ބޭނުންނެތް ސަރުބީތައް ވިރުވާލާ، ލޭގެ ޕްރެޝަރ ދަށްކޮށް، ހަކަތަ އިތުރު ކޮށްދޭނެއެވެ. އަދި މީގެ އިތުރުން ހަށިގަނޑު ލޫޅާފަތިކޮށް ރީތި ކުރުމަށްޓަކައި ކޮންމެހެން ބޮޑެތި ޚަރަދުތައް ކޮށް އެތަށް ސަތޭކަ ރުފިޔާއެއް ޚަރަދު ކުރާކަށް ނުޖެހެއެވެ. ގޭތެރޭގައި ހަދާލެވޭ އާދައިގެ، އެހެނަސް ހަށިގަނޑު ރީތިކޮށްދޭ 10 ވަރަކަށް ކަސްރަތުން ހަށިގަނޑަށް އެތައް ފައިދާއެއް ކުރާނެއެވެ.

ހަށިގަނޑުގެ މަތީބަޔާއި ފުރަގަހުން އުނަގަނޑާ ހިސާބުގައިވާ މަސްތައް ސޯފާ ގޮނޑިއެއްގައި އޮށޯވެލައިގެން އޮވެވެސް ދަމާލެވޭނެއެވެ. ދެފައިތިލަ ހަމައަށް ބިންމަތީގައި ޖައްސާފައި ގުދުވެ ފައިގެ ކުޑަހުޅުގައި އަތް ޖައްސާލުމުންވެސް ފުރަގަހުން އުނަގަނޑާ ހިސާބު ދަމާލެވޭނެއެވެ. ދެއަތް މައްޗަށް ދެމުނު ވަރަކަށް ދަމާލުމުން ހަށިގަނޑުގެ މަތީބައި ދަމާލެވޭނެއެވެ. މިގޮތަށް ހަށިގަނޑު ދަމާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ގިނަ މީހުން ކަސްރަތު ކުރަން ފަށާފައި ހުއްޓާލާ އެންމެ ބޮޑު ސަބަބަކީ ކަސްރަތު ކޮށްލުމުން މަސްގުޅަކައިގެން ގައިގައި ރިއްސާތީއެވެ. ހަށިގަނޑު ދަމާލާ ކަހަލަ ކަސްރަތު ކުރުމުން ހަށިގަނޑުގައިވާ މަސްތަކަކު އެހެން ކަހަލަ ކަސްރަތު ކުރިއަސް ނުރިއްސާނެއެވެ.

ދުވާލުގެ މަސައްކަތަށް ފެށުމުގެ ކުރިން ކުރަން ރަނގަޅު 10 ކަސްރަތު

ވޯމްއަޕް:

ހަށިގަނޑު ހޫނުކޮށްލައި ހަށިގަނޑުގައި ލޭ ދައުރުކުރުން އިތުކޮށްލުމުގެ ގޮތުން 3 – 5 މިނެޓް މަޑުމަޑުން ހިނގައިލާށެވެ. ނުވަތަ ދުވެލާށެވެ. މިކަސްރަތު ކުރަން ފަށަންވާނީ ވަރަށް މަޑުމަޑުންނެވެ. ސަބަބަކީ މިއީ ހަށިގަނޑުގެ މަސްތައް ކުރިއަށް ހުރި ކަސްރަތުތަކަށް ތައްޔާރު ކުރުމުގެ ގޮތުން ކުރާ ކުޑަ ކަސްރަތެކެވެ. ރަނގަޅަށް ހަށިގަނޑު ހޫނުވެލުމުން 5 ވަރަކަށް މިނެޓް ވަންދެން ހަށިގަނޑު ދަމާލާ ކަހަލަ ކަސްރަތު (ސްޓްރެޗް) ކުރާށެވެ.

 

ސިޓްއަޕްސް:

ކަކޫ ލަނބާލައިގެން އިށީނުމަށްފަހު ބުރަކަށި މަޑުމަޑުން ބިމަށް ތިރިކޮށްލާށެވެ. އަނެއްކާވެސް ތެދުވެ އިށީނދެލުމަށްފަހު މަޑުމަޑުން އޮށޯވެލާށެވެ. މަތިހަށި މައްޗަށް ނަގާ ވަގުތު ބޭރަށް އަދި ތިރިކުރާ ވަގުތު އެތެރެއަށް ނޭވައިލާށެވެ. މިގޮތަށް 10 ފަހަރު ތަކުރާރު ކޮށްލާށެވެ.

ސައިޑް ރެއިޒް:

އަރިއަކަށް އޮށޯވެލުމަށްފަހު މަތީގައި އޮތްފައި މައްޗަށް ނަގާ މަޑުމަޑުން ތިރިކޮށްލާށެވެ. ފައި ހުންނަންވާނީ ތެދަށް ބަހައްޓާފައެވެ. އަދި ފައިގެ އިނގިލިތައްވެސް ހުންނަންވާނީ ދަމާލާފައެވެ. މިގޮތަށް 10 ފަހަރު ފައިމައްޗަށް ނަގައި ތިރިކުރުމަށް ފަހު އަނެއް ފަރާތަށް އެނބުރި ހަމަ އެގޮތަށް އަނެއްފައިންވެސް ތަކުރާރުކޮށްލާށެވެ.

ސްޓެޕްއަޕްސް:

20 ނުވަތަ 30 ސެންޓިމީޓަރުގެ އުސްމިން ހުރި ކުޑަ ގޮނޑިއަކަށް ނުވަތަ ހަރުފަތަކަށް މަޑުމަޑުން އަރާފައިބާށެވެ. މިގޮތަށް 10 ފަހަރު ތަކުރާރުކޮށްލާށެވެ.

ޗެއަރ ޑިޕް:

ގޮނޑިއެއްގައި ދެއަތުން ހިފަހައްޓާލައިގެން ދެފައި ކުރިމައްޗަށް ދަމާލާ، ކަކޫ ލަނބާލައިގެން، ގޮނޑިން އަތް ދޫކޮށްނުލާ ތިރިވުމަށްފަހު ތެދުވާށެވެ. މިގޮތަށް 10 ވަރަކަށްފަހަރު ތަކުރާރުކޮށްލާށެވެ.

ސްޓަރ ޖަމްޕްސް:

ދެއަތް މައްޗަށް ދަމާލައިގެން ދެފައިވެސް ދުރުކޮށްލައިގެން ހުއްޓި ފުންމާލާށެވެ. އެއީ ދެފައި އަދި ދެއަތް ކައިރިކޮށްލެވޭ ގޮތަށެވެ.

ޓްރަންކް އެކްސްޓެންޝަން:

އުއްޑުން އޮށޯވެ، ދެއަތުން މަޑުމަޑުން ބޮލުގައި ހިފައްޓާލާށެވެ. ހަށިގަނޑުގެ ތިރީބައި ބިންމަތީގައި ޖައްސާފަ ބާއްވައިގެން މަތީބައި އުނަގަނޑާ ހިސާބުން މަޑުމަޑުން ހިއްލާލައިފައި 5 އާއި ހަމައަށް ގުނުމަށްފަހު މަޑުމަޑުން ބިމަށް ތިރިކޮށްލާށެވެ. 10 ފަހަރު މިގޮތަށް ތަކުރާރުކޮށްލާށެވެ.

ޕުޝްއަޕްސް:

ކޮނޑާ ދިމާވާގޮތަށް ބިންމަތީގައި ދެއަތްތިލަ ޖައްސާފައި، ހަށިގަނޑު ތެދަށް ބާއްވައިގެން، ފައިގެ އިނގިލިތައް ބިންމަތީގައި ޖައްސައިގެން ހަށިގަނޑު ހިއްލާލައިފައި މަޑުމަޑުން ތިރިކުރާށެވެ. މިގޮތް މާފަސޭހަ ނޫންނަމަ ދެކަކޫ ބިންމަތީގަ ޖައްސާފަ މަތީބައި ހިއްލާލާށެވެ. 10 ވަރަކަށް ފަހަރު ތަކުރާރު ކޮށްލާށެވެ.

ހާފް ސްކޮޓް:

ދެކޮނޑާ އެއްވަރަށް ދެފައި ދުރުކޮށްލާފައި، ދެއަތް ކުރިމައްޗަށް ދަމާލައިގެން ބުރަކަށި ތެދަށް ބަހައްޓައިގެން ގޮނޑިއެއްގައި އިށީންނަ ގޮތަށް މަޑުމަޑުން ތިރިވެފައި ތެދުވާށެވެ.

ވޯމް ޑައުން:

އެންމެ ފުރަތަމަ ކުރި ކަސްރަތު ތަކުރާރުކޮށްލާ!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.