...

Support Us

ތި ދުވެވެނީ އަދި ރަނގަޅަކަށް ނޫން

ދުވުމަކީ، ހަށިގަނޑު ފުރިހަމަ ޞިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ފަސޭހައިން ކުރެވޭ، އަގުހެޔޮ އެއްކަސްރަތެވެ. މި ކަސްރަތުން ފައިގެ ހުރިހާ މަސްތަކަކަށް ފައިދާ ކުރެއެވެ. މިއީ އާއްމުކޮށް ގެއިން ބޭރުގައި ކުރާ ކަމެއް ކަމުގައިވީ ނަމަވެސް އެކަމަށް ވަގުތު ނެތިއްޖެނަމަ ނުވަތަ މޫސުން ގޯސްވެއްޖެނަމަ ގޭތެރޭގައި ޓްރެޑްމިލްގައިވެސް ކުރެވޭ ކަސްރަތެކެވެ. އެކި ބުރަދަނަށް ކަސްރަތު ކުރުމުން ހިތުގެ ވިންދަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކުރަން ރަނގަޅު، ފަސޭހަ ކަސްރަތެއްވެސް މެއެވެ.

ކަސްރަތެއްގެ ގޮތުގައި، ގަވާއިދުން ދުވިނަމަވެސް އެކަމުން ލިބެންޖެހޭ އެންމެ ފުރިހަމަ ފައިދާ ނުލިބޭ ކިތަންމެ ބަޔަކު އުޅެއެވެ. އެއީ ދުވުމުގައި އެމީހުންނަށް ރަނގަޅު ގޮތް ބޭނުން ނުކުރެވޭތީއެވެ. ބައެއް މީހުންނަށް ދުވަންޖެހޭ ބާރުމިނަށް ނުދުވެވޭތީ އެއީ ކަސްރަތެއް ކަމަކަށް ނުވެއެވެ. އަނެއްބައި މީހުން މާ ބާރަށް، މާދިގު ދުވުން ދުވާތީ ހަށިގަނޑަށް ގެއްލުން ވެއެވެ. އެހެންކަމުން ކަސްރަތެއްގެ ގޮތުގައި ދުވުން ޚިޔާރުކުރާ ނަމަ އެކަމަށް ރަނގަޅަށް ތައްޔާރުވާން ވާނެއެވެ. ދުވާއިރު ހަށިގަނޑު ބަހައްޓަންވާ ގޮތަށް ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ.

ދުވަން ތައްޔާރުވުމުގެ ގޮތުން ދުވަން ރަނގަޅު، ފަޔަށް ހެޔޮވަރު ބޫޓެއް ހޯދާށެވެ. ދުވާ ކޮންމެ ކިލޯމީޓަރެއްގައި، ތިމާގެ ބަރުދަނުގެ 3 ނުވަތަ 5 ގުނަ ބަރުމިނުގައި 1000 ފަހަރު ބިމުގައި ފައިޖެހޭނެއެވެ. އެހެންކަމުން ޝޮކް ހިފެހެއްޓޭ ކަހަލަ ފުންނާބު މަޑު ބޫޓެއް ހޯދުން ވަރަށް މުހިންމެވެ. ދުވާ ބޫޓަކީ ފައިގެ ބައްޓަމަށް ފެތޭ، ފުންނާބަށް ސަޕޯޓު ލިބޭފަދަ ބޫޓަކަށް ވާންޖެހޭއެވެ. ބޫޓުގެ ފުންނާބު ހަލާކުވެފައި ވާނަމަ ރަނގަޅު އެހެން ބޫޓެއް އަވަހަށް ހޯދާށެވެ.

ދުވުމުގެ ކުރިން ރަނގަޅު ވޯމްއަޕެއް އަދި ފަހުން ރަނގަޅު ކޫލްޑައުނެއް ކުރަން އަބަދުވެސް ހަނދާން ކުރާށެވެ. ކަކުލާއި ފައިގެ ފުންނާބު ގުޅުވައިދޭ ހުރިހާ މަސްތަކެއް ދަމާލަން (ސްޓްރެޗްކުރަން) ސަމާލުކަން ދޭށެވެ. މާހަރު ތަންތާނގައި ގިނަ ވަގުތު ނުދުވާށެވެ. އެއީ ބިމުގައި ފައިޖެހޭ ވަގުތު އެ ލިބޭ ޝޮކް ކުޑަކުރުމުގެ ބޭނުމުގައެވެ. މަގުމަތީގައި ދުވާނަމަ، ފަސޭހައިން ފާހަގަކުރެވޭ ހެދުމެއްގައި ދުއްވާ އެއްޗެއްސާ އިދިކޮޅަށް ދުވާށެވެ. ދުވާ ސްޕީޑް ބާރުކުރަން ބޭނުންނަމަ ދުރުދުރުގައި ފިޔަވަޅު އަޅާށެވެ. ނޫންނަމަ އަވަސް އަވަހަށް ފިޔަވަޅު އަޅާށެވެ. އެންމެ ރަނގަޅު ގޮތަކީ ދުރުދުރުގައި އަވަސްއަވަހަށް ފިޔަވަޅު އެޅުމެވެ. ސްޕީޑް އަވަސްކުރުމުގެ ބޭނުމުގައި ފިޔަވަޅު އަޅާވަރު ދުރުކުރާނަމަ، ހަމަ އެކަނި ކުރީ ފައި ދުރަށް އެޅުމުގެ ބަދަލުގައި ފަހަތު ފައިން ބާރުލުން ރަނގަޅު ވާނެއެވެ. އެހެން ނޫނީ ތިމާ ކުރިޔަށް ގެންދިއުމަށް ފައިގެ މަސްތައް މަސައްކަތް ކުރުމުގެ ބަދަލުގައި ތިމާ ނުވެއްޓި ހިފޭއްޓޭތޯ މަސައްކަތް ކުރަން ޖެހެއެވެ.

ދުވެފައި އުސްތާކަށް އަރާނަމަ ކުރު ފިޔަވަޅު އަޅާށެވެ. އަދި ކަކޫ މައްޗަށް އުފުލައި، (ހައި ނީ) އަނެއްފައިގެ ކުރީކޮޅާ ހަމައިގައި ފައި ބެހެއްޓޭތޯ ބަލާށެވެ. ފަޔާއި ކޯޑިނޭޓް ވާގޮތަށް އަތް ވެސް ހަރަކާތް ކުރަން ވާނެއެވެ. އުސްތާކުން ދުވެފައި ތިރިޔަށް ފައިބާނަމަ ހަށިގަނޑު ކުޑަކޮށް ކުރިޔަށް ލަންބައިލާށެވެ. ދުވާ ތަނާ 90 ޑިގްރީއަށް ވާގޮތަށެވެ. ހަށިގަނޑު ފަހަތަށް ލަންބައިފައި ނުބެހެއްޓުމަށް ސަމާލުވާށެވެ. އެއީ އެގޮތަށް ހުރެއްޖެ ނަމަ ބިމުގައި ފުންނާބު ޖެހޭނީ ވަރަށް ބާރަށް ކަމުގައިވާތީ އެވެ. ފައިގެ އިނގިލިކުރި ޖައްސައިގެން އެއްގޮތަކަށްވެސް ނުދުވާށެވެ.

ރޭހެއްގައި ބައިވެރި ވާނަމަ، އެރޭހަށް ރަނގަޅަށް ތައްޔާރުވާން ވާނެއެވެ. ގެއްލުމެއް ނުލިބި، 5 ހަފްތާ ވަންދެން ހަފްތާ އަކު 30 – 35 ކިލޯ މީޓަރު ނުދުވެވޭނަމަ 10 ކިލޯ މީޓަރުގެ ރޭހުގައި ބައިވެރިވުން ބުއްދިވެރިޔެއް ނޫނެވެ. ދިހަ ހަފްތާ ވަންދެން ގެއްލުމެއް ނުލިބި، ހަފްތާއަކު 55 – 65 ކިލޯ މީޓަރު ނުދުވެވޭނަމަ މެރެތަން އެއްގައި ބައިވެރިވުން ރަނގަޅެއް ނޫނެވެ.

ސްޕްރިންޓެއް ނޫންނަމަ، އަބަދުވެސް ބިމުގައި ފުރަތަމަ ޖެހެންވާނީ ފައިގެ ފުންނާބެވެ. އެއަށް ފަހު އިނގިލިތައް ޖެހޭގޮތަށް މަޑުމަޑުން ފައިތިލަ ރޯލްކޮށްލާށެވެ. ދުވާއިރު ތިމާގެ ފިޔަވަޅުގެ އަޑަށް ސަމާލުވާށެވެ. ފައިތިލަ އެއްކޮށް ބިމުގައި ޖެހޭ އަޑު އިވޭނަމަ ތި ދުވެވެނީ އަދި ރަނގަޅަކަށް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ރަގަޅު މައުލޫމާތެއް ލިބިއްޖެ. އަދި މިއަށްވުރެ ތަފްސީލުކޮށް ދުވަންވީ ގޮތް އެހެން ފަހަރަކުން ލިޔެދޭތި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *