Support Us

"އާރު.ޑީ ފިޓްނަސް"ގެ އިންސްޓްރަކްޓަރުން ފޮޓޯ ނަގަނީ: (ކ-ވ) ސުލްތާނާ، ރުހޭ، ތައި، ޝަބާ އަދި ބައްސާމާ -ފޮޓޯ: އަދިވެސް

"އާރު.ޑީ ފިޓްނަސް"ގެ ނަމުގައި ރުހޭ އާއި ތައި ފިޓްނަސް ސެންޓަރެއް ހުޅުވަނީ

ރާއްޖޭގެ މަޝްހޫރު ފިޓްނަސް ސެންޓަރެއް ކަމަށްވާ "ހީޓު"ން ދާދި ފަހުން ވަކިވި މަގުބޫލް ދެ އިންސްޓްރަކްޓަރުން ކަމަށްވާ އައިޝަތު ރުހޭލާ (ރުހޭ) އާއި އައިޝަތު ޝައިފާ ޝަކީބު (ތައި)ގެ ހިއްސާ އޮންނަ ފިޓްނަސް ސެންޓަރެއް ހުޅުވަން ތައްޔާރުވެއްޖެއެވެ. "އާރު.ޑީ ފިޓްނަސް"ގެ ނަމުގައި ހުޅުވާ މި ސެންޓަރަކީ، ދުނިޔޭގައި މަޝްހޫރު "ޒުމްބާ" އާއި "ލެސްމިލްސް"ގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުމުގެ ސެޓްފިކެޓް ހޯދައިފައިވާ ރުހޭ އާއި ތައިގެ އިތުރުން، އެ ދެބެންގެ ބޭބެއިން ކަމަށްވާ ހަސަން އިބްރާހިމާއި މުހައްމަދު ޝިހާމުގެެ ހިއްސާ އޮންނަ ކުންފުންޏެއްގެ ދަށުން ހިންގާ ތަނެކެވެ.

ހީޓުގައި 19 އަހަރު އުޅުމަށްފަހު ރުހޭ، އަދި ރުހޭ އަށް ބޮޑުދައިތަ ކިޔާ ތައި، 14 އަހަރަށްފަހު ހީޓުން ވަކިވީ މި މަހުގެ މެދުތެރޭގައެވެ.

ރުހޭގެ ބޭބެ އަދި ތައިގެ ބޮޑު ބޭބެއެއް ކަމަށްވާ "އާރު.ޑީ ފިޓްނަސް"ގެ މެނޭޖިން ޑައިރެކްޓަރ ހަސަން އިބްރާހީމް މިއަދު ބުނީ "އާރު.ޑީ ފިޓްނަސް" ވެގެން ދާނީ ރާއްޖޭގައި ހުޅުވޭ އެންމެ ތަނަވަސް، އަދި އެންމެ ޚިދުމަތް ރަނގަޅު ފިޓްނަސް ސެންޓަރަށް ކަމަށެވެ.

"މިއީކީ ހުސް އިމާރާތެއްގައި، ތަނބުތަކުގެ މެދުގައި ހުޅުވާލާ ތަނެއް ނޫން. މިތަން އިމާރާތްކުރީ ވެސް ފިޓްނަސް ސެންޓަރެއް ގޮތަށް ކުރަހައިގެން އެއްވެސް ތަނބެއް ވެސް ނުހުންނަ ގޮތަށް. އެހެންވެ ފިޓްނަސް ސެންޓަރަކަށް ބޭނުންވާނެ ހުރިހައި ފަސޭހަކަމަކާއި ތަނަވަސްކަމެއް މިތަނުގައި ހުންނާނެ،" ހަސަން ބުންޏެވެ.

ހަސަން ބުނީ "އާރު.ޑީ ފިޓްނަސް"ގައި، ތަނަވަސްކަމާއެކު އެއްފަހަރާ 35 ކްލައެންޓުންނަށް ގްރޫޕު ފިޓްނަސް ހެދޭނެ ދެ ސްޓޫޑިއޯ ހުންނާނެ ކަމަށެވެ. އަދި ޖިމްއަކާއި ސައުނާއެއްވެސް ހުންނާނެ ކަމަށެވެ.

"އިމާރާތުގެ ދެ ވަނަ ފްލޯ އެއީ ޖިމްއަށް. ތިން ވަނަ އަދި ހަތަރު ވަނަ ފްލޯ އެއީ ގްރޫޕު ފިޓްނަސް ދެ ސްޓޫޑިއޯއަށް. ފަސް ވަނަ ފްލޯ އެއީ ސައުނާއަކާއި ސްޕާއެއް،" ހަސަން ބުންޏެވެ. "ކޮންމެ ފްލޯއެއް މިއީ ދޮޅު ހާސް އަކަފޫޓު. އެހެންވެ ޖުމްލަ ހަ ހާސް އަކަފޫޓުގެ ޖާގަ އޮތް ފިޓްނަސް ސެންޓަރެއް މިއީ."

"އާރު.ޑީ ފިޓްނަސް"ގެ މެނޭޖިން ޑައިރެކްޓަރ ހަސަން އިބްރާހީމް

ހަސަން ބުނީ "އާރު.ޑީ ފިޓްނަސް" އަކީ ގްރޫޕް ފިޓްނަސް އާއި ޖިމްއަށް މި ރީޖަންގެ މަޝްހޫރު ތަނަކަށް ހަދާނެ ކަމަށެވެ. ހަސަން އަދި ބުނީ އޭނާގެ ޓީމުން މަސައްކަތްކުރަމުން އަންނަނީ "އާރު.ޑީ ފިޓްނަސް"އަކީ ކްލައެންޓުންނާ އެންމެ ރައްޓެހި، އެންމެ ހިދުމަތް ރަނގަޅު ފިޓްނަސް ސެންޓަރަށް ހެދުމަށް ކަމަށެވެ. މިގޮތުން "އާރު.ޑީ ފިޓްނަސް" ފަރުމާކޮށްފައި ވާނީ ރުހޭ އާއި ތައިގެ ތަޖުރިބާގެ އަލީގައި، ކްލައެންޓުންނަށް އެންމެ ބޭނުންވާނެ ކަންކަމަށް ބަލައިގެން، އެބައިތައް ހިމަނައިގެން ކަމަށެވެ.

"ރީތިދަންވަރު ފިޓްނަސް" ނުވަތަ އާރު.ޑީ ފިޓްނަސްއަކީ ރުހޭ އާއި ތައިގެ ޑްރީމެއް. އެ ކުދިން މިކަން ކުރަން އުޅޭތާ ލައްކަ ދުވަސްވެއްޖެ. އެހެންވެ އާއިލާގެ ތެރެއިން މިކަން ފެށީ،" ހަސަން ބުންޏެވެ. "ތަނުގެ ނަންވެސް މި ވަނީ ބައްޕަ އާއި މަންމަ ފަރާތު އާއިލާއާ ގުޅުވާލައިފައި. ބައްޕަ އަކީ އަލްމަރުހޫމު ރީތިޅަހުއްތު. މަންމައަކީ އަލްމަރުހޫމާ ދަންވަރު ޝަރީފާ. އެހެންވެ ހުރިހައި ގޮތަކުންވެސް ގުޅިފައި މިވަނީ."

ހަސަން ބުނީ އޭނާ ގަސްދުކުރަނީ "އާރު.ޑީ ފިޓްނަސް"ގެ ގްރޫޕު ފިޓްނަސް ކްލާސްތައް މި މަހުގެ 31 ގައި ފަށައިގަންނަން ކަމަށާއި އެކަމާ ބެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ނަމަވެސް އެތަނުގައި ކުލަބޮކިލައި، ރަސްމީކޮށް ތަން ހުޅުވާނީ ޖުލައި/އޯގަސްޓް ހިސާބުގައި ބާއްވާ ހާއްސަ ހަރަކާތަކުން ކަމަށް ވެސް ހަސަން ބުންޏެވެ.

"މި މަހުގެ 31 ގައި ފުރަތަމަ މި ފަށަނީ ގްރޫޕު ފިޓްނަސް ކްލާސްތައް. އޭގެ ފަހުން ޖިމް ހުޅުވާނީ ޖުލައި/އޯގަސްޓް ހިސާބުގައި. ޖިމްއަށް ބޭނުންވާ އިކުއިޕްމަންޓްސް މިހާރު އެބަ އާދޭ. މި ގެންނަނީ މި ކަމަށް އެންމެ މަޝްހޫރު އެއް ބްރޭންޑް ކަމަށްވާ މެޓްރިކްސްގެ އިކުއިޕްމަންޓްސް. އެއަށްފަހު ސްޕާ އާއި ސައުނާ ވެސް ހުޅުވާނަން،" ހަސަން ބުންޏެވެ.

"އާރު.ޑީ ފިޓްނަސް"ގެ އިންސްޓްރަކްޓަރުން: (ކ-ވ) ސުލްތާނާ، ރުހޭ، ތައި، ޝަބާ، ބައްސާމާ

"އާރު.ޑީ ފިޓްނަސް" އިން ކުރިއަށްގެންދާ މީސްމީޑިއާ ކެމްޕޭނުގައި ދައުރުވާ ބައެއް ފޮޓޯތަކުގައި ރުހޭ އާއި ތައިގެ އިތުރުން، ހީޓުގައި ކުރިން މަސައްކަތްކުރި ފާތުމަތު ބައްސާމާ ވަހީދު ވެސް ހިމެނެއެވެ. ބައްސާމާ އަކީ ގްރޫޕު ފިޓްނަސް އިންސްޓްރަކްޓަރ އަދި ޕާސަނަލް ޓްރެއިނަރަކަށް ހީޓުގައި ފަސް އަހަރުގެ ތަޖުރިބާ ހޯދައިފައިވާ އިންސްޓްރަކްޓަރެކެވެ.

ބައްސާމާގެ އިތުރުން ފާތުމަތު ޝަބާ ވަހީދާއި ސުލްތާނާ ޝާކިރުވެސް "އާރު.ޑީ ފިޓްނަސް"ގެ އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނެއެވެ. ދާދި ފަހުން ތަމްރީނުތައް ހެދި މި ދެ އިންސްޓްރަކްޓަރުންގެ ތެރެއިން ޝަބާ އަކީ ދުނިޔޭގެ މަޝްހޫރު ލެސްމިލްސް ބޮޑީ ޕަމްޕު އަދި ޒުމްބާގެ އިންސްޓްރަކްޓަރެކެވެ. އަދި ސުލްތާނާއަކީ ލެސްމިލްސް ބޮޑީ ޕަމްޕު އިންސްޓްރަކްޓަރެކެވެ.

މީގެ އިތުރުން ލަންކާގައި މިވަގުތު ދިރިއުޅެމުން އަންނަ ޒުމްބާ އާއި ލެސްމިލްސް އިންސްޓްރަކްޓަރ ރިޝްމާ ފާރޫގު ވެސް އަންނަ މަހު "އާރު.ޑީ ފިޓްނަސް"އާ ގުޅޭނެ ކަމަށް ހަސަން ބުންޏެވެ. ރިޝްމާ އަކީ މުހައްމަދު ޝިހާމުގެ އަންހެނުންނެވެ.

ޒުމްބާ އާއި ލެސްމިލްސް އިންސްޓްރަކްޓަރ ރިޝްމާ ފާރޫގު

"އިތުރު އިންސްޓްރަކްޓަރުން އަދިވެސް ގުޅޭނެ. އެ ފުރުސަތު ވަނީ ހުޅުވާލައިފައި،" ހަސަން ބުންޏެވެ.

"އާރު.ޑީ ފިޓްނަސް"އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރުހޭ މިއަދު ބުނީ އަމިއްލަ ފިޓްނަސް ސެންޓަރެއް ހުޅުވުން އެއީ އޭނާގެ އެންމެ ޒަމާންވީ ހުވަފެނުގައި ކުލަޖެހުން ކަމަށެވެ.

"އަބަދުވެސް ޑްރީމްކުރަން އަމިއްލަ ތަނެއް ހަދަން. އާއިލާގެ އެހީތެރިކަމާއެކު "އާރު.ޑީ ފިޓްނަސް" ވުޖޫދަށް އައުން މިއީ ދެކެމުން އައި ހުވަފެންތައް ނިމުމަކަށް އައުން،" ރުހޭ ބުންޏެވެ.

ރުހޭ އަދި ބުނީ "އާރު.ޑީ ފިޓްނަސް" އަކީ އަންހެނުންނަށް އެންމެ މިނިވަންކަމާއެކު ގްރޫޕް ފިޓްނަސްގައި ބައިވެރިވެވޭ ތަނަށް ވާނެ ކަމަށެވެ. މިގޮތުން ކަނބަލުންނަށް ބޭނުންވާނެ ޗޭންޖިން ރޫމާއި ނަމާދު ކޮޓަރި އާއި ވުލޫކުރާނެ ތަނާއި ފާހާނާ އާއި ރެސްޓްކޮށްލާނެ ތަންތަން ފަދަ ހުރިހައި ހިދުމަތެއް ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބަލައިގެން މިތަން މި ޑިޒައިންކުރީ. އެހެންވެ ކްލައެންޓުން އެންމެ ބޭނުންވާ ކަންކަން މި ތަނުގައި ހުންނާނެ. މިތަން ކުރިއަށް ގެންދާނީ ވެސް ކްލައެންޓުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ތަނެއްގެ ގޮތުގައި،" ރުހޭ ބުންޏެވެ.

ތައިވެސް ބުނީ އަމިއްލަ ފިޓްނަސް ސެންޓަރެއްގައި މަސައްކަތް ކޮށްލުމަށް އޭނާ އަބަދުވެސް ބޭނުންވެފައި ހުރި ކަމަށާއި "އާރު.ޑީ ފިޓްނަސް" އާއެކު އޭނާގެ އެ އުންމީދު ހާސިލްވެއްޖެ ކަމަށެވެ.

"ވަރަށް ކާމިޔާބު ފެށުމެއް ކަމަށް މި ބަލަނީ،" ތައި ބުންޏެވެ.

"އާރު.ޑީ ފިޓްނަސް" ހުންނަނީ ޓީވީ މޯލްޑިވްސް ކައިރީގައި، ގ. ރެހެންދި ހިނގުމުގައެވެ.

ހީޓުގެ އެންމެ މަގުބޫލް ދެ އިންސްޓްރަކްޓަރުން ކަމަށްވާ ރުހޭ އާއި ތައި ހީޓުން ވަކިވެއްޖެ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *