ފިލައިގެން އުޅޭ ކުށްވެރިޔަކު ހޯދުމަށް، އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ލީމާ ސިޓީ ފުލުހުން، އެ މީހާގެ މަގްޝޮޓް ފޭސްބުކަށް ލިއެވެ.
ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހުން ހައްޔަރުކުރުމަށްފަހު، އެ މީހެއްގެ ރެކޯޑު ބެލެހެއްޓުމަށްޓަކައި ނަގާ ރަސްމީ އެ ފޮޓޯ، ކުށްވެރިޔާ ޑޮނަލްޑް "ޗިޕް" ޕޫއަށް ފެނުނެވެ. ނަމަވެސް އޭނާއަށް މައްސަލައަކަށްވީ އެ ފޮޓޯގައި އޭނާ ފެންނަން ހުރި ގޮތް ކަމުނުދިޔުމެވެ. ޕޫ ފަހުން މީޑިއާއަށް ބުނީ މަގްޝޮޓްގައި އޭނާ ވައްތަރީ ކާޓޫނު ޝަހުސިއްޔަތަކާ ކަމަށާއި އަދި އެހެން ކުށްވެރިއަކާ ކަމަށެވެ.
ޖެނުއަރީ 2016 ގައި، ފިލައިގެން އުޅެމުން ޕޫ ކުރި ކަމަކީ އޭނާއަށް ކަމުދާ ގޮތަށް އޭނާގެ ސެލްފީއެއް ނަގައިފައި ލީމާ ޕޮލިސް ޑިޕާޓްމަންޓަށް ފޮނުވުމެވެ. އެ ފޮޓޯގައި އޭނާ އިނީ ކާރެއްގައި، އަވި އައިނު އަޅައިގެން، ޕްލެއިޑް ސްޕޯޓް ޖެކެޓެއް ލައިގެންނެވެ.
"މި އޮތީ މާ ރަނގަޅު ފޮޓޯއެއް. އެ ފޮޓޯ (މަގްޝޮޓް) ވަރަށް ސަކަރާތް،" ފޭސްބުކްގެ ޒަރީއާއިން ފޮޓޯ ފޮނުވަމުން ފުލުހުންނަށް ކުރި މެސެޖްގައި ޕޫ ލިޔެފައިވެއެވެ.
އޭނާއަކީ ފުލުހުންގެ ބޭނުމަށް ހޯދަމުންދާ "ވޯންޓަޑް" މީހެއް ކަމަށް ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓްގައި ފުލުހުން އެ ސެލްފީ ހިމެނިއެވެ. އަދި މަޖަލަކަށް ހަދައިލައިފައި ފުލުހުން ބުނީ އޭނާ ހޯދުމަށް އޭނާ އަމިއްލައަށް ވެދިން އެ އެހީއަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އަހަރެމެންނަށް އެހީތެރިވާތީ އޭނާއަށް ޝުކުރު އަދާކުރަން. އެކަމަކު މިހާރު އަހަރެމެން ޝުކުރުވެރިވާނީ އޭނާއާ ދެކޮޅަށްކުރާ ތުހުމަތުތަކާމެދު ވާހަކަ ދައްކައިލަން ލީމާ ޕޮލިސް ޑިޕާޓްމަންޓަށް އޭނާ އައިއްޔާ،" ޕޫގެ ސެލްފީ ހިމެނި ފުލުހުންގެ ފޭސްބުކް ޕޯސްޓްގައި ފުލުހުން ބުނެފައިވެއެވެ.
އެހާ ހިސާބުން ފުލުހުންގެ އެ ޕޯސްޓް ދުނިޔޭގައި ވައިރަލްވެގެންދިޔައެވެ.
އުމުރުން އެއިރު 45 އަހަރުގެ ޕޫ ހޯދަމުން ދިޔައީ ބަނގުރާ ބޮއިގެން ދުއްވާ އެއްޗެއް ދުއްވި މައްސަލައެއްގައި ކޯޓަށް ހާޒިރުނުވުމުންނެވެ. އޭގެ އިތުރުން ހުޅުޖެހުމާއި ތަންތަން ހަލާކުކުރުމުގެ މައްސަލަތަކަކާ ގުޅިގެންވެސް އޭނާ ހޯދަމުންދިޔައެވެ.
ފުލުހުންނަށް ޕޫ ހައްޔަރުކުރެވުނީ ހަމަ 2016 ގެ ޖެނުއަރީގައެވެ. އެ މަހު 16 ގައެވެ. އެއީ މީހަކު ދިން މައުލޫމާތަކުން، ޕޫ ފްލޮރިޑާ ސްޓޭޓްގެ ސެންޗަރީ ޓައުންގައި ހުއްޓައެވެ.
"އޭނާ ހައްޔަރުކުރުމާ އޭނާ ދެކޮޅެއްނުހަދާ. މަޑުމަޑުން އަހަރެމެންނާއެކު އައީ،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
ފްލޮރިޑާގެ ފުލުހުން މަޖަލަކަށް ހަދައިލައިފައި ބުނީ އޭނާގެ ސެލްފީގެ ސަބަބުން މީހުންނަށް އޭނާ މާ ރަނގަޅަށް ފާހަގަކުރެވުނީކަމަށެވެ. ގިނަ ކުށްވެރިންނަކީ އެ މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ގޮތަށް އުޅެން މަސައްކަތްކުރާ ބައެކެވެ.



advertisment