ސެޕްޓެމްބަރު 2001 ގެ 11 ގައި އަހަރެންނަށް (އެމެރިކާގެ ކުރީގެ) ރައީސް ޖޯޖް ޑަބްލިޔު. ބުޝް ފެނުނުއިރު އޭނާ ހުންނެވީ ފަތިސްވުމުގެ ކުރިން (އެމެރިކާގެ) ފްލޮރިޑާ (ސްޓޭޓް)ގެ ގޮލްފް ކުޅޭ ދަނޑެއް ވަށައިގެން ޖޮގިންކުރެއްވުމުގައެވެ.
އަހަރެންނަކީ އެ ދުވަހު ބުޝްއާއެކު ދަތުރުކުރަން ހަމަޖައްސައިފައިވާ، (އިނގިރޭސި ވިލާތުގެ ނޫސް އެޖެންސީ) ރޮއިޓާސްގެ ދެ ނޫސްވެރިންކުރެ އެކަކެވެ. ކަވަރުކުރަން އޮތީ އޭނާގެ ތައުލީމީ ސިޔާސަތުތައް ޕްރޮމޯޓްކުރަން ދަރިވަރުންނާއެކު ބާއްވާ އާދައިގެ އިވެންޓެކެވެ. އެއިރު އޭނާ އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތްތާ އަށް މަސްވެސް ނުވާނެއެވެ.
އޭގެ ގަޑިއިރުތަކެއްގެ ތެރޭގައި، އެހާ ތަނަށް ރޯފިލައިފައިނުވާ ބުޝްއަށް ކުރިމަތިވީ 1941 ގައި (ޖަޕާނުން) ޕާލް ހާބާއަށް ދިން ހަމަލާއަށްފަހު އެމެރިކާގެ ފަސްގަނޑަށް ދިން އެންމެ ގެއްލުންބޮޑު ހަމަލާއެވެ.
އެ ހިތާމަވެރި ހާދިސާ ނިއުޅެމުންދިޔައީ ފްލޮރިޑާގެ ސަރަސޯޓާ (ސިޓީ)ގެ އެމާ އީ. ބުކާ އެލެމެންޓްރީ ސްކޫލަށް ބުޝް ޒިޔާރަތްކުރައްވަނިކޮށެވެ. މުވައްޒަފުންނާއި ދަރިވަރުންނާ ރައީސް (ބުޝް) ބައްދަލުކުރައްވަމުން ވަޑައިގެންނެވިއިރު އަހަރެން ހުރީ އެ ތަނާ ކައިރީގައި ނޫސްވެރިންނަށް ހާއްސަކޮށްފައިވާ ސަރަހައްދެއްގައެވެ. ނިއު ޔޯކް (ސިޓީގެ) ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރުންކުރެ އެއް ޓަވަރުން ދުން ނިކުންނަމުންދިޔަ މަންޒަރު ލައިވްކޮށް ޓީވީން ބްރޯޑްކާސްޓް ކުރަމުންދިޔައިރު އަހަރެމެން ބަލަން ތިބީމެވެ. އަހަރެމެން ފުރަތަމަ ހީކުރީ އެ ޓަވަރުގައި މަތިންދާބޯޓެއް ޖެހުނީ އެކްސިޑެންޓަކުންކަމަށެވެ. ދެން، އަހަރެމެން ބަލަން ތިއްބާ، ދެވަނަ މަތިންދާބޯޓެއް (ދެ ވަނަ ޓަވަރުގައި) ޖެހުނެވެ.
ބުޝް ހުންނެވީ ސްކޫލްގައެވެ. ކުޑަކުދިންނަށް އެއްޗެއް ކިޔައިދެއްވައިށެވެ. އޭނާއަށް ސިހުން ލިބުނު ވަގުތު މޫނުމަތިން ފާޅުވި އިހްސާސް ކެމެރާތަކަށް އެރިއެވެ. އެއީ (އެމެރިކާގެ ރިޔާސީ ގަނޑުވަރު) ވައިޓް ހައުސްގެ އެހީތެރިޔެއް ކިލާހަށް ވަދެ، ދެވަނަ މަތިންދާބޯޓުގެ ވާހަކަ ސިއްރުން، "އެމެރިކާވަނީ ހަމަލާއެއްގެ ދަށުގައި"، މިހެން ބުޝްގެ އަރިހުގައި ބުނުމުންނެވެ.
ހަފުތާ ނިމޭ އަތަށް އެޅިއިރު ބުޝްގެ ފަރާތުން އެތައް ބާވަތެއްގެ ޖަޒުބާތުތަކެއް ފެނިގެންދިޔައެވެ. އެއީ އޭނާގެ ރިޔާސަތާއި އެމެރިކާ ރައްޔިތުންގެ ދިރިއުޅުން ބަދަލުކޮށްލި ކަންތައްތައް ހަޖަމުކުރައްވަމުން ގެންދެވިއިރުއެވެ. ބިރުވެރިކަމާއި ރުޅިވެރިކަން އެ ހަމަލާތަކަށް އަމާޒުވެފައެވެ. ޝިކާރައަކަށްވި މީހުންނާމެދު ހިތަމާކުރުމާއި ކަރުނައެޅުމެވެ. ޒިންމާ ނަގަން ޖެހޭ ފަރާތްތަކަށް އެ ކަމުގެ ނަތީޖާ ދައްކައިލައްވައިނެކަމުގެ، ގޮތްދޫނުކުރައްވާ ވައުދުތަކެވެ.

އުމުރުން މިހާރު 80 އަހަރުގެ ކުރީގެ ރައީސް (ބުޝް) ނިންމަވައިފައިވަނީ ނިއު ޔޯކްގައި (ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރު ހުރި) ގްރައުންޑް ޒީރޯގައި، ހަމަލާތަކަށް 25 އަހަރު ފުރުން ފާހަގަކުރަން ހުކުރު ދުވަހު ބާއްވާ ރަސްމިއްޔާތަކަށް ވަޑައިގަންނަވާށެވެ. ހަމަލާތަކަށް 25 އަހަރު ފުރުމާމެދު އޭނާގެ ހިޔާލުތައް ހުރި ގޮތް ބުދަ ދުވަހުގެ ރޭ (ޓެކްސަސް ސްޓޭޓްގެ) ޑަލަސް (ސިޓީ)ގައި އޭނާގެ ރިޔާސީ ކުތުބުހާނާގައި ހިއްސާކުރައްވާނެއެވެ. އެ ދުވަހު މީހުންގެ ފަރާތުން ފެނުނު ހިތްވަރާއި ގުރުބާނީ ދައްކުވައިދޭ، އޭނާ ކުރައްސަވައިފައިވާ 16 ކުރެހުން (އެ ލައިބްރަރީގައި) ދައްކަވައިލައްވައިނެއެވެ.
"އެ ކަމުން އެނގުނު… ދުނިޔެ ބަދަލުވެއްޖެކަން،" ބުޝް ފަހުން (އެމެރިކާގެ މީޑިއާ ކުންފުނި) ސީ.ބީ.އެސްގެ "60 މިނިޓްސް ދޭއް" (ޕްރޮގްރާމް)އަށް ވިދާޅުވިއެވެ.

ބުޝްގެ ރިޔާސީ ދައުރުގެ ބާކީ ބައި ހޭދަކުރެއްވީ އެ ފަދަ އެހެން ހަމަލާއެއް އެމެރިކާއަށް ކުރިމަތިވިޔަނުދިނުމަށް މަސައްކަތްކުރެއްވުމުގައެވެ. (މަތިންދާބޯޓުތައް) ހައިޖެކްކުރުމުން ހާމަވީ ސަލާމަތީ ނިޒާމުތަކުގައި ހުރި ނިކަމެތި ކަންތައްތަކެވެ. އެ ކަމުގެ ސަބަބުން އެއާޕޯޓްތަކާއި ސަރުކާރު އިމާރާތްތަކުގައި ހުރި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ރަނގަޅުކުރަން އަވަސްވެގަތެވެ. ޝައްކު ކުރެވިގެން ހައްޔަރުކުރި ބައެއް މުސްލިމުންނާމެދު ބޭނުންކުރި ސުވާލުކުރުމުގެ ހަރުކަށި އުކުޅުތަކާހެދި އޭނާގެ ސަރުކާރަށް ހަރުކަށިކޮށް ފާޑުކިޔުން އަމާޒުވިއެވެ. އަދި އޭނާ 2003 ގައި ފެށްޓެވި އިރާގު ހިފުމުގެ މަސައްކަތް ގިނަ ބަޔަކު ދުށީ ގެއްލުން ބޮޑު ގޯހެއްގެ ގޮތުގައެވެ.
މި ރިޕޯޓަށް އިންޓަވިޔުއެއް ދެއްވުމަށް ރޮއިޓާސްއިން އެދުނު އެދުމަށް ކުރީގެ ރައީސް (ބުޝް) ދެކޮޅުހެއްދެވިއެވެ.
ރައީސް ސަލާމަތްކުރުމަށް އަވަސްވެގަތުން
ގަރުނެއްގެ ހަތަރުބައިކުޅަ އެއްބައި ފަހުން، ހަނދާންތައް އަދިވެސް ހުރީ ވަރުގަދަކޮށެވެ.
ހައިޖެކްކުރި މަތިންދާބޯޓުތައް ބޭނުންކޮށްގެން ހަމަލާތައް ދިންތަނާހެން ރައީސް (ބުޝް) ސަލާމަތްކުރަން އަވަސްވެގަތެވެ. ފްލޮރިޑާއިން ބުޝް ބޭރުކުރެއްވުމަށް (އެމެރިކާގެ ރައީސް ބޭނުންކުރައްވާ ރަސްމީ މަތިންދާބޯޓު) އެއާ ފޯސް ވަންއަށް އޭނާ އަވަހަށް ގެންދިޔައިރު، ހާދިސާގެ ބޮޑުކަން ދިޔައީ ސާފުވަމުންނެވެ.
ވޯލްޑް ޓްރޭޑް ސެންޓަރުގެ ޓަވަރުތައް ވެއްޓުނެވެ. އެ ކަމުން 3،000 އެއްހާ މީހުން މަރުވިއެވެ. ތިން ވަނަ މަތިންދާބޯޓެއް (އެމެރިކާގެ ދިފާއީ ވުޒާރާގެ ހެޑްކުއާޓަރުކަމަށްވާ) ޕެންޓެގަންއަށް ވައްޓައިލިއެވެ. އޭގެ ސަބަބުން މަތިންދާބޯޓުން 64 މީހުންނާއި އިމާރާތުން 125 މީހުން މަރުވިއެވެ. ހަތަރު ވަނަ މަތިންދާބޯޓެއް ޕެންސަލްވޭނީއާ (ސްޓޭޓް)ގެ (ޓައުނެއްކަމަށްވާ) ޝޭންކްސްވިލްގެ ދަނޑަކަށް ވައްޓައިލިއެވެ. އެއީ ފަސިންޖަރުން ހައިޖެކަރުންނާ ދެކޮޅަށް ހަރަކާތްތެރިވުމަށްފަހުއެވެ. އެ މަތިންދާބޯޓުގައި ތިބި އެންމެންކަމަށްވާ 44 މީހުން މަރުވިއެވެ.

(އެމެރިކާގެ ވެރިރަށް) ވޮޝިންޓަނަށް ހާސްކަން ލިބުނެވެ. ޕެންޓެގަނުން އެރި ދުންތަކުގެ ސަބަބުން ކާރު ބޮން ގޮއްވަނީކަމުގެ ބިރު އުފެދުނެވެ. ވައިޓް ހައުސް އެވަކުއޭޓްކުރިއެވެ. ސިއްރު ސިފައިން އަންހެން މުވައްޒަފުންގެ ގާތުގައި އެދުނީ ފައިވާނުން ފައިބައިގެން ދުއްވައިގަތުމަށެވެ.
ބުޝް އެ ދުވަސް ހޭދަކުރެއްވީ ގައުމުގައި އެއާ ފޯސް ވަންގައި ދަތުރުކުރެއްވުމުގައެވެ. ފުރަތަމަ ވަޑައިގަތީ ލޫއީޒީއަނާ ސްޓޭޓްގައި ހުންނަ ބާކްސްޑޭލް ވައިގެ ސިފައިންގެ މަރުކަޒެވެ. ދެން، ނަބްރަސްކާ ސްޓޭޓްގައި ހުންނަ އޯފަޓް ވައިގެ ސިފައިންގެ މަރުކަޒަށެވެ. އޭގެ ފަހުން އޭނާ ބާރުއެޅުއްވީ އެއާ ފޯސް ވަންގައި އިތުރަށް ރަނގަޅު މުވާސަލާތީ އާލާތްތައް ގާއިމުކުރުމަށެވެ. އެއީ ގައުމުގެ އެތައް މި ތަނަށް ދަތުރުކުރެއްވިއިރު ވައިޓް ހައުސްއާ ގުޅުއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަތުމުންނެވެ.
ނަބްރަސްކާގައި އޭނާ ހަމަލާއިން ސަލާމަތްވާ ބިންގަރާސް ބަންކަރަކަށް ވަދެވަޑައިގަތެވެ. އެ ތާނގައި ހުންނަވައިގެން ގައުމީ ސަލާމަތާ ބެހޭ އިސް އެހީތެރިންނާއި ނައިބު ރައީސް ޑިކް ޗޭނީއާއެކު ޓެލެކޮންފަރެންސެއް ބޭއްވެވިއެވެ.
ވޮޝިންޓަނަށް އެނބުރިވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަތުމުން އެ ދުވަހު ހަވީރު ބުޝް އެނބުރި ވައިޓް ހައުސަށް ވަޑައިގަތެވެ. އެ ރޭ (ވައިޓް ހައުސްގައި ހުންނަ ރައީސަށް ރަސްމީ) އޯވަލް އޮފީހުން ތަގުރީރުކުރެއްވިއެވެ.
"އިމާރާތްތަކަށް މަތިންދާބޯޓުތައް އުދުހިފައި ގޮސް ވަދެ، އަލިފާން އަނދާ، ބޮޑެތި އިމާރާތްތައް ވެއްޓޭ މަންޒަރުތަކުން އަހަރެމެން މި ތިބީ ބުއްދި ގަބޫލުނުކުރެވިފައިވާ ހާލަތުގައި. ބޮޑު ހިތާމައެއްގައި. އަދި ހިމޭންކަންވެރިވެފައިވާ ނަމަވެސް ގޮތްދޫކުރުމެއް ނެތް ރުޅިވެރިކަމެއްގައި،" ބުޝް ވިދާޅުވިއެވެ.

އެ ވަގުތުތަކުގައި، ވައިޓް ހައުސްގެ ހަބަރުތައް ކަވަރުކުރާ ނޫސްވެރިންނާއެކު، އަހަރެންވެސް ހުރީ ފްލޮރިޑާގައި ތާށިވެފައެވެ. ހުރިހާ ވައިގެ ދަތުރުފަތުރު ހުއްޓައިލުމާ ގުޅިގެން އެއްވެސް ތަނަކަށް ވައިގެ މަގުން ދުތުރުކުރެވެން ނެތުމުންނެވެ. ވައިޓް ހައުސްގެ ނޫސްވެރިންގެ ޖަމިއްޔާގެ ރައީސްގެ ހައިސިއްޔަތުން އަހަރެން މަސައްކަތްކުރީ އަހަރެމެން އެނބުރި ގެއަށް ދިއުމަށެވެ. އަދި އެންމެ ފަހުން ވެރިރަށް (ވޮޝިންޓަން)އަށް ދިއުމަށް ބަހެއް ޗާޓަރުކޮށްގެން ދަތުރުކުރީމެވެ.
ސާދަ ގަޑިއިރު ދުއްވުމަށްފަހު، އަހަރެމެންނަށް ވޮޝިންޓަނުން ފެނުނު ފުރަތަމަ މަންޒަރަކީ ޕެންޓެގަންގެ ދުން އަރަމުން ދިޔަ "ޒަހަމެ"ވެ.
ސެޕްޓެމްބަރު 14 ގައި އަހަރެން ބުޝްއާއެކު ގްރައުންޑް ޒީރޯއަށް ޒިޔާރަތްކުރީމެވެ. ޓަވަރުތައް އެއިރުވެސް އަނދަނީއެވެ. (އަނދާ) ވަސްވެސް އެތައް މޭލު ދުރަށް ހުއްޓެވެ. ސުންނާފަތިވެފައިވާ ސަރަހައްދުގައި، އެއިރުގެ (ނިއު ޔޯކްގެ) މޭޔަރު ރޫޑީ ޖޫލީއާނީއާއެކު ބުޝް ހިންގަވަމުން ވަޑައިގެންނެވިއިރު، ވަށައިގެން ހުރި ބައެއް އިމާރާތްތައް ވެއްޓިދާނެ މިންވަރަކަށް ނިކަމެތިވެފައި ހުރިކަމުގެ ކަންބޮޑުވުންހުއްޓެވެ.
ހުރިހާ ދިމާއެއްގައި އޮތީ އަޅީގެ ފުން ފަށަލައެކެވެ. ދުވާރުތަކާއި މަގުތަކާއި އަދި ވަރުބަލިވެފައިވާ އަލިފާން ނިއްވާ މީހުންގެ ކޮނޑުތަކުގައެވެ.

ހަލާކުވެފައިވާ އަލިފާން ނިއްވާ ލޮރީއެއްގެ މައްޗަށް އަރުއްވައި، ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުންނަށް ބުޝް ވިދާޅުވީ އެމެރިކާ މިހާރު އޮތީ މުސްލިމް ހަނގުރާމަވެރިންނާ ހަނގުރާމައެއްގެ ތެރޭގައިކަމަށެވެ.
"އަހަރެންނަށް ތިބާމެންގެ އަޑު އިވޭ! އަހަރެންނަށް ތިބާމެންގެ އަޑު އިވޭ! ދުނިޔޭގައި ދެން ތިބި ފަރާތްތަކަށްވެސް ތިބާމެންގެ އަޑު އިވޭ! އަދި މި އިމާރާތްތައް ވައްޓައިލި މީހުންނަށްވެސް އަހަރެމެން އެންމެންގެ އަޑު ދާދި އަވަހަށް އިވޭނެ!" އަޑުގަދަކުރާއަކުން ބުޝް ވިދާޅުވިއެވެ.
އަހަރެން އެ ދުވަހު އަރައިގެން ހުރި ބޫޓުގައި ހުރީ އަޅި އާއި ދެއްޔެވެ. އަހަރެންނަށް ގެއަށް ދެވުމުން، އަހަރެން އެ ބޫޓު ޕްލާސްޓިކް ކޮތަޅަކަށް ލައިފައި، ރައްކާތެރިކަމާއެކު އަލަމާރިއަކަށް ލީމެވެ. ފަންސަވީސް އަހަރަށްފަހު، އެ ބޫޓު އަދިވެސް އޮތީ އެ ތާނގައެވެ. އަރާވަރަށްވުރެ ހަލާކުވެފައެވެ. (ނަމަވެސް) އެއްލައިލުމަށްވުރެ ޖަޒުބާތީ ގޮތުން އަހަރެންނާ ގާތް އެއްޗެއްގެ ގޮތުގައެވެ.
ނޯޓް: މިއީ އިނގިރޭސި ވިލާތުގެ ދި އިންޑިޕެންޑެންޓް ނޫހުގައި ބުދަ ދުވަހު ސްޓީވް ހޮލަންޑް ލިޔެފައިވާ ރިޕޯޓެއްގެ ތަރުޖަމާއެވެ.



advertisment