Support Us

ބިއްލޫރި ކޮޅެއް ކަމަށް ހިތާ މީހަކު ބޮޑު ޖަވާހިރެއް ހޮވައިފި

ބޭންކް ބްރާންޗް މެނޭޖަރެއްގެ ވަޒީފާ އަދާކުރާ ކެވިން އަކީ އަރކަންސަސްގައި ހުންނަ ކްރޭޓަރ އޮފް ޑައިމަންޑްސް ޕާކަށް ވަރަށް ގިނައިން ޒިޔާރަތް ކުރާ މީހެކެވެ. ނަމަވެސް މީގެ ކުރިން އޭނާއަށް އެތަނުން އަލިމަހެއް ނުވަތަ ޖަވާހިރެއް ނުފެނެއެވެ. އެކަމަކު މަސައްކަތްތެރިންގެ ދުވަހު އެ ޕާކަށް ގޮސް އުޅެނިކޮށް ބިއްލޫރި ކޮޅެއް ކަމަށް ހޮވީ، އެތަނުން ފެނުނު ދެވަނައަށް އެންމެ ބޮޑު އަލިމަހެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލިމަސް ހޯދުމަށް ކެވިންގެ ރައްޓެހިން އެކި ވައްތަރުގެ އާލާތް ގަތް ނަމަވެސް ކެވިން ބޭނުންވީ ހުސް އަތާ ބިންމަތިން އެއްޗެއް ފެނޭތޯ ބަލާށެވެ.

"އާލާތްތައް 10 ވަރަކަށް މިނިޓު ބޭނުންކުރުމަށްފަހު ދެން ހުސްއަތާ އެއްޗެއް ފެނޭތޯ ހިނގައިގަތީ. ޖަވާހިރަކާ ވައްތަރު ކޮންމެ އެއްޗެއް ފެންނައިރަށް ނަގާ ދަބަހަށް ލަން،" އުމުރުން 33 އަހަރުގެ ކެވިން ބުންޏެވެ.

އެހެން ހޯދަމުން ދަނިކޮށް ވަރަށް ވިދުން އަރާ އެއްޗެއް ފެނިގެން ބިއްލޫރިކޮޅެއް ކަމަށް ހީކޮށް ނަގާ ދަބަހަށް ލީކަމަށް އޭނާ ބުންޏެވެ. އަދި އެދުވަހު ދަބަސް ޗެކްކުރަން ޕާކުގެ އޮފިޝަލުންނަށް ނުދޭން އުޅުނު ނަމަވެސް، އޭނާގެ ރަހުމަތްތެރިއެއް ދަބަސް ޗެކްކުރި ގަޑީގައި އޭނާވެސް ދަބަސް ޗެކްކުރަން ދިނީ އެވެ.

އިރުކޮޅަކުން އޮފިޝަލެއް އައިސް އޭނާ ވަކިން ކޮޓަރިއަކަށް ގެންގޮސް، ކެވިންއަށް ހޮވުނީ 9.07 ކެރެޓުގެ އަލިމަހެއް ކަމަށް ބުންޏެވެ. އަދި އެއީ މިހާތަނަށް އެ ޕާކުން ފެނުން ދެވަނައަށް އެންމެ ބޮޑު އަލިމަސް ކަމަށްވެސް ބުންޏެވެ.

"ކެވިންގެ އަލިމަހަކީ މުށި ކުލައިގެ ވަރަށް ބޮޑު އަލިމަހެއް. ފެންތިއްކެއް ގޮތަށް ބައްޓަންވެފައިވާ ވަރަށް ވިދުންއަރާ އަލިމަހެއް ކެވިންއަށް ހޮވުނީ،" އެސިސްޓެންޓް ސުޕްރިންޓެންޑަންޓް ޑްރޫ އެޑްމަންޑް ބުންޏެވެ.

އެ އަލިމަހަށް ކެވިން ދިން ނަމަކީ "ކިނާޑް ފްރެންޑްޝިޕް ޑައިމަންޑެ"ވެ.

"އެއްވެސް މީހަކު ގެއަށް ނުދާތި އޮފިޝަލުންނަށް ދަބަސް ޗެކް ކުރަން ނުދީ. ނޭނގޭނެ ކޮން ދުވަހަކުން ކަމެއް މޮޅު އެއްޗެއް ފެންނާނީ،" އެޕާކަށް ޒިޔާރަތް ކުރާ އެހެން މީހުންނަށް ކެވިން ނަސޭހަތްދިނެވެ.

މި ޕާކުން މިހާތަނަށް ހޮވި އެންމެ ބޮޑު އަލިމަހުގައި 16 ކެރެޓު ހުއްޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *