އިންޑޮނޭޝިއާގެ ބާލީ ޖަޒީރާގައި ސްމަގްލްކުރަން އުޅެނިކޮށް ފުލުހުން ރެއިޑް ޖަހައި ވެލާތަކެއް ސަލާމަތްކޮށްފިއެވެ.
އެ ގައުމުގެ ފަތުރުވެރިކަމަށް މަޝްހޫރު އެ ޕްރޮވިންސްގެ ރަސްމީ އިދާރާތަކުން، ހިމާޔަތްކޮށްފައިވާ 22 ގްރީން ސީ ބާވަތުގެ ވެލާގެ ތެރެއިން 20 ވެލާ އަންގާރަ ދުވަހު އަލުން މޫދަށް ދޫކޮށްލިއެވެ.
މިއީ ފުލުހުންގެ ރެއިޑަކުން ރެކެންވެގެން ހައިވާނުންގެ ވަގުވިޔަފާރިކުރާ ބަޔަކު ދޫކޮށްލައިފައި ދިޔަކަމަށް ބެލެވޭ ފަޅު އުޅަނދެއްގެ ތެރެއިން ފެނިގެން ސަލާމަތްކުރި ވެލާތަކެކެވެ. ރެއިޑް ޖެހީ އެ ސަރަހައްދުގައި ވެލާގެ ވަގުވިޔަފާރިކުރާކަމަށް ރަށްވެހިންކުރި ރިޕޯޓަކާ ގުޅިގެންނެވެ.
އޮފިޝަލުން ވަނީ ބާލީގެ ދެކުނުގައި އޮންނަ "ޓާޓްލް އައިލެންޑް" ނުވަތަ ލަފުޒީ މާނައިން "ވެލާ ރަށް"ގެ ނަމުންވެސް މަޝްހޫރު ސެރަންގަން ޖަޒީރާގައި ހުންނަ ކޮންސަވޭޝަން މަރުކަޒެއްގައި އެ ވެލާތަކުގެ ޗެކަޕްތައް ހަދައިފައެވެ. އޭގެ ފަހުން ނޫކުލައިގެ ފޮތި ބޭނުންކޮށްގެން އެ ވެލާތައް ރައްކާތެރިކަމާއެކު އުފުލައި، ކުޑަ ލޮރީއެއްގައިވަނީ އަތިރިމައްޗަށް ގެންގޮސްފައެވެ.
"ބާވީސް ވެލާގެ ތެރެއިން ދެ ވެލާ އަދިވެސް ބަލިކޮށް އޮތުމުން، އެ ދެ ވެލާ މޫދަށް ދޫކޮށްލާނީ ފަރުވާދިނުމަށްފަހު. އަހަރެމެން އުންމީދުކުރަނީ ހިމާޔަތްކޮށްފައިވާ މި ފަދަ ބާވަތްތައް ހިފުމާއި ގެންގުޅުމާއި ނުވަތަ އޭގެ ވިޔަފާރިކުރުމަށް ދެން އެއްވެސް މީހަކު މަސައްކަތްނުކުރާނެކަމަށް،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
ގްރީން ސީ ވެލާއަކީ އިންޑޮނޭޝިއާގައި ހިމާޔަތްކޮށްފައިވާ ބާވަތެކެވެ.

އިންޑޮނޭޝިއާގައި އުޅޭ ވެލާގެ ބާވަތްތަކަކީ 1990 ވަނަ އަހަރުން ފެށިގެން، ތިމާވެށި ހިމާޔަތްކުރުމާއި މަސްވެރިކަމުގެ ޤާނޫނުތަކުގެ ދަށުން ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ބާވަތްތަކެކެވެ. ތިމާވެށްޓާ ބެހޭ ވުޒާރާއިން 2018 ގައި ނެރުނު ގަވައިދުތަކުންވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ފެންނަ ވެލާގެ ހަ ބާވަތަށް ދޭނެ ހިމާޔަތް އިތުރަށް ސާފުކޮށްދީފައެވެ. އަދި ސަރުކާރުގެ އިތުރު ގަވައިދުތަކުން މީގެ ވިޔަފާރިކުރުންވެސް މަނާކޮށްފައެވެ.
އެމެރިކާގެ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީގެ ދިރާސާވެރިން 2022 ގައި ނެރުނު ދުނިޔޭގެ ފެންވަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި 2020 އާ ހަމައަށް ވޭތުވެދިޔަ 30 އަހަރުގެ މުއްދަތުގައި މަރައިލި ވެލާގެ 56 ޕަސެންޓަކީ ގްރީން ސީ ބާވަތުގެ ވެލައެވެ.

ގާތްގަނޑަކަށް 4.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބާލީގައި އެންމެ އާންމު ދީނަކީ ބާލީއަށް ހާއްސަކޮށް ބައްޓަންވެފައިވާ ހިންދޫ ދީނުގެ ބާވަތެކެވެ. އެ މީހުންގެ އަޅުކަންތަކުގައި ތާރީހީ ގޮތުން ވެލާމަސް ބޭނުންކުރުމުގެ ސަބަބުން ބާލީއަކީ މީގެ ކުރިން ވެލާ ޓްރެފިކްކުރާ ބޮޑު ހަބެކެވެ.
މި ދިޔަ ޖޫންގައި ބާލީގެ ރަސްމީ އިދާރާތަކުންވަނީ އެ ރަށުގެ ޕެގާމެޓަން ގޮނޑުދޮށުގައި ހިންގި ރެއިޑެއްގައި، ހިމާޔަތްކޮށްފައިވާ 21 ގްރީން ސީ ވެލާ ގައިރުގާނޫނީ ގޮތުން ވިޔަފާރިކުރަންކުރި މަސައްކަތެއް ނާކާމިޔާބުކޮށް، އެ ވެލާތައް ވިއްކައިލުމުގެ ކުރިން އެ ސޮރުމެން ރައްކާކޮށްގެން އުޅުނުކަމުގެ ތުހުމަތުގައި އުމުރުން 67 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.



advertisment