ޓެރަރިޒަމް ސްޕޮންސާކުރާ ދައުލަތްތަކުގެ ލިސްޓުން އެމެރިކާއިން ސޫރިޔާ އުނިކުރަން ނިންމުމުން ސޫރިޔާގެ ރައްޔިތުން އެ ކަމަށް މަރުހަބާ ކިޔައިފިއެވެ.
ޓެރަރިޒަމަށް ހިތްވަރު ދޭ ގައުމުތަކުގެ ލިސްޓަށް ސޫރިޔާ ލީ 1979 ގައެވެ. އެއީ 2024 ގައި ވެރިކަމުން ވައްޓައިލި ރައީސް ބަޝާރުލްއަސަދުގެ ބައްޕަ ހާފިޒުލްއަސަދު ވެރިކަން ކުރެއްވިއިރު ހާފިޒުލްއަސަދު ފަލަސްތީންގެ ހަނގުރާމަވެރިންނަށް ތާއީދުކުރެއްވުމުންނެވެ. އަދި އަނިޔާވެރިކަން ހިންގުމާއި ކެމިކަލް ހަތިޔާރު ބޭނުންކުރާތީ އޭގެ ފަހުން ވެސް ދަތިކުރުމުގެ ފިޔަވަޅުތައް ސޫރިޔާއާ ދެކޮޅަށް އެޅިއެވެ.
ބަޝާރުލްއަސަދުގެ ވެރިކަން 2024 ގައި ވެއްޓުމަށްފަހު، ސޫރިޔާގެ އިންތިގާލީ ރައީސް އަހްމަދުއްޝަރާ މި ދިޔަ އަހަރު ވަނީ އެމެރިކާއަށް ޒިޔާރަތް ކުރައްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވައިފައެވެ.
"މިއީ އާ ބާބެއް ހުޅުވައިލުން،" ޓެރަރިޒަމް ސްޕޮންސާކުރާ ގައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކުރައްވަން ނިންމަވައިފިކަން އިއުލާން ކުރައްވަމުން ޓްރަމްޕް މި ދިޔަ ބުދަ ދުވަހު ވިދާޅުވިއެވެ.
ޓެރަރިޒަމަށް ހިތްވަރު ދޭ ގައުމުތަކުގެ ލިސްޓުން ސޫރިޔާ އުނިކުރައްވާނެކަން ޓްރަމްޕް އިއުލާން ކުރެއްވުމުން ސޫރިޔާގެ ވިޔަފާރިވެރިން ބުނީ އެ ކަމުގެ ސަބަބުން ސޫރިޔާ ދުނިޔެއާ އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.
"އެތައް އަހަރެއްގެ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އިގުތިސާދު އަލުން އާރާސްތުކުރަން އުއްމީދު ލިބިއްޖެ،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ވެރިރަށް ދިމަޝްގްގެ ވިޔަފާރިވެރިން ބުނީ އެތައް އަހަރެއްގެ ކެކުޅުންތަކަށްފަހު އިންވެސްޓްމަންޓް ލިބުމަށާއި ވިޔަފާރި ތަރައްގީ ކުރާށާއި އާ ވަޒީފާތައް އުފެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.



advertisment