ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ސޫރިޔާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުގައި އަންގާރަ ދުވަހު ސޫރިޔާގެ އިންތިގާލީ ރައީސް އަހްމަދުއްޝަރާއާ ބައްދަލުކުރައްވަން މޮޓޯކޭޑް ދުއްވާލިތަނާ އޭގެ ފަހަތުން ދެ އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) ގޮއްވައިލި ސެލްގެ ޓެރަރިސްޓުން ހައްޔަރުކޮށްފި ކަމަށް ސޫރިޔާގެ އޮފިޝަލުން ބުނެފިއެވެ.
ހަމަލާތަކުގައި އެކަކު މަރުވެ، 36 މީހުން ޒަހަމްވިއެވެ.
ތަހުގީގުކުރާ ފަރާތްތަކުން ބުނީ އައި.އީ.ޑީތައް ގޮއްވައިލީ އިސްލާމިކް ސްޓޭޓް (އައި.އެސް) ޖަމާއަތާ ގުޅިފައިވާ ސެލްއެއްގެ ބައެއް ކަމަށެވެ.
އައި.އީ.ޑީތައް ގޮއްވައިލީ ޑިޕްލޮމެޓުންނާއި އދ.ގެ އޮފިޝަލުންނާއި ނޫސްވެރިން އާއްމު ގޮތެއްގައި ތިބޭ ވެރިރަށް ދިމަޝްގްގައި ހުންނަ ފޯ ސީޒަންސް ހޮޓެލް އާއި ޓޫރިޒަމް މިނިސްޓްރީ ކައިރީގައެވެ.
"ހައްޔަރުކުރި މީހުންގެ އައިޑެންޓިޓީތައް ހާމަކުރާނީ ތަހުގީގުތައް ނިމުމުން،" ދާހިލީ ވަޒީރު އަނަސް ހައްތޯބު ވިދާޅުވިއެވެ.
މި ހަމަލާތަކުގެ ޒިންމާ އައި.އެސްއިން ނުވަތަ އެހެން ގްރޫޕަކުން ވެސް ނުނަގައެވެ.
ސޫރިޔާގެ ކުރީގެ ރައީސް ބަޝާރުލްއަސަދުގެ ވެރިކަން 2024 ގައި ވެއްޓުނު ފަހުން ވެރިކަމަށް ވަޑައިގަތް އަހްމަދުއްޝަރާއަކީ މުރުތައްދެއް ކަމަށާއި އޭނާގެ ސަރުކާރުން ކަންތައްތައް ކުރަނީ އިސްލާމީ އުސޫލުތަކާ ހިލާފަށް ބުނެ އައި.އެސްއިން ދަނީ އޭނާގެ ވެރިކަން ވައްޓައިލަން އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް ގޮވައިލަމުންނެވެ.
އަހްމަދުއްޝަރާ ފުރަތަމަ ރަސްމީ ދަތުރެއް ޔޫރަޕަށް ކުރެއްވީ މި ދިޔަ އަހަރުގެ މެއި މަހު ފްރާންސްއަށެވެ. އެއަށްފަހު މި ދިޔަ އަހަރު ނޮވެމްބަރުގައި އޭނާ ވަނީ އެމެރިކާއަށް ވަޑައިގަންފައެވެ. ފްރާންސަށް ކުރެއްވި ދަތުރުގައި މެކްރޮންއާ ބައްދަލުކުރެއްވިއިރު އެމެރިކާގެ ދަތުރުގައި ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރެއްވިއެވެ.
މެކްރޮން ސޫރިޔާއަށް ކުރެއްވި ދަތުރަކީ ބަޝާރުލްއަސަދުގެ ވެރިކަން ވެއްޓުމަށްފަހު ޔޫރަޕްގެ ދައުލަތެއްގެ ވެރިޔަކު ސޫރިޔާއަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އޭނާ ސޫރިޔާއަށް ވަޑައިގަތީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް، ސަލާމަތީ ކަންކަމުގައި އެއްބާރުލައި އަދި އިގުތިސާދީ ދާއިރާއިން ވެސް ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ވަރުގަދަ ކުރުމަށެވެ.
އައި.އީ.ޑީތައް ގޮއްވައިލުމުން ހާމަވަނީ ސޫރިޔާގައި ސަލާމަތީ ކަންތައްތައް އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ދިރާސާވެރިން ބުންޏެވެ.
މި މަހު ދޭއްގައި ދިމަޝްގްގެ މެދުތެރޭގައި ކޯޓުތައް ހުންނަ ސަރަހައްދުގައި ހުރި ކެފޭއެއްގައި ބޮމެއް ގޮއްވައިލުމުން 10 މީހުން މަރުވެ، 20 މީހުން ޒަހަމްވިއެވެ.



advertisment