Support Us

މަނާ ފޮތްތަކުގެ ކުތުބުހާނާއެއް ޑުއާ ލީޕާ ހުޅުވައިފި

ކޮސޯވޯ އާއި އަލްބޭނިޔާގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ، އިނގިރޭސި ވިލާތަށް އުފަން ލަވަ ލިޔާ އަދި ލަވަ ކިޔާ އުމުރުން 30 އަހަރުގެ އަންހެން ފަންނާނު ޑުއާ ލީޕާ، މަނާ ފޮތްތަކުގެ ލައިބްރަރީއެއް ހުޅުވައިފިއެވެ.

"ދަ މެނިފެސްޓޯ ލައިބްރަރީ"ގެ ނަމުގައި، ދާއިމީކޮށް ބަހައްޓައިފައިވާ 100 ފޮތް އެކުލެވޭ ލައިބްރަރީ އޭނާ ހުޅުވީ ޕޯޗުގަލްގެ ޕޯޓޯ ސިޓީގައި ހުންނަ ތާރީހީ ލިވްރަރީއާ ލެއްލޫ ބުކްޝޮޕް ތެރޭގައެވެ. އެ ލައިބްރަރީ ފަރުމާކުރީ ޕްރިޓްސްކާ އެވޯޑު ލިބިފައިވާ ޕޯޗުގަލްގެ އާރުކާޓީ އަލްވަރޫ ސީޒާއެވެ.

މި ދިޔަ މަހު 27 ގައި، ބެބަލް – ސިޓީ އޮފް ބުކްސް ފެސްޓިވަލާ ދިމާކޮށް ހުޅުވި ލައިބްރަރީގައި ހިމެނެނީ އެކި ގައުމުތަކުގައި އެކި ސަބަބުތަކާހުރެ އެއްކޮށް މަނާ ފޮތްތަކާއި ހުއްދަ ދިނުމުން އެ ކަމަށް ގޮންޖެހުން ކުރިމަތިވެފައިވާ ފޮތްތަކާއި އަދި ސެންސަރު ކޮށްފައިވާ ފޮތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އާރާއިބާރާއި ކޮންޓްރޯލާ ދެކޮޅަށް ވަކާލާތުކުރާ، އަޑުއުފުލުމުގެ މުހިންމުކަން ޕްރޮމޯޓްކުރާ އަދި ހަނދާނުގައި ހުންނަ ކަންތައްތަކާ ގުޅޭ ގޮތުން ލިޔެފައިވާ ލިޔުންތެރިންގެ ފޮތްތަކެވެ.

"މިއީ ދުނިޔެއިން ގެއްލިފައިވާ ފޮތްތަކަށް އިހްތިރާމްކުރާ ލައިބްރަރީއެއް. ފޮތް މަނާކުރުމުން ދުނިޔޭގެ ކަންތައްތަކާމެދު ސުވާލުކޮށް، އަހަރެމެންނަށް ދުނިޔެ ފަހުމްވުމުގެ ގާބިލިއްޔަތުކަން ހަނިވޭ،" ލީޕާ ބުންޏެވެ.

ލައިބްރަރީއަކީ އޭނާގެ ސާވިސް95 ބުކް ކްލަބްގެ، ޗާޕުކޮށްފައިވާ ފޮތް ހުންނަ ތަނެވެ.

ލީޕާ ބުނީ އޭނާގެ އަމާޒަކީ މުޖުތަމައުގައި އަޣުލަބިއްޔަތު ނެތް މީހުންގެ ހައްގުތައް ނިގުޅައިގަންނަ، އާރާއިބާރު ހުންނަ މީހުންގެ ފަލްސަފާތަކާއި ނަޒަރިއްޔާތަށް ގޮންޖަހާ ލިޔުންތެރިންގެ އަދަބީ މަސައްކަތްތައް ހިމާޔަތްކުރުން ކަމަށެވެ. އެ ގޮތުން އެކި ޒާތުގެ އިންސާނީ ތަޖުރިބާތައް ހިއްސާކުރާ ފޮތްތައް ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.

"މި ލައިބްރަރީއަކީ ސެންސަރުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ލިޔުންތެރިންގެ ފޮތްތައް ހިމާޔަތްކުރާ ލައިބްރަރީއެއް. އެއީ ނުފޫޒު ގަދަ މަގާމުތަކުގައި ތިބޭ މީހުންނަށް ގޮންޖަހާ ލިޔުންތެރިން. ބައެއް ލިޔުންތެރިން ވަނީ މި މަސައްކަތުގައި އެ މީހުންގެ ފުރާނަ ގުރުބާންކޮށްފައި،" ލީޕާ ބުންޏެވެ.

އޭނާ ބުނީ އަޣުލަބިއްޔަތު ނެތް މީހުންގެ މައްޗަށް ނުފޫޒު ފޯރުވާ ފަރާތްތަކަށް ގޮންޖެހުމަށް މި ފަދަ ފޮތްތައް ކިޔަން އޭނާ ހިތްވަރު ދޭ ކަމަށާއި މި ފަދަ ފޮތްތަކުގައި ހުރި މައުލޫމާތުތަކާމެދު މަޝްވަރާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *