ލުބްނާނާއި އިސްރާއީލާ ދެމެދު އެމެރިކާގައި ސުލްހައިގެ ވާހަކަތައް ކުރިއަށްދަނިކޮށް އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކެއްގައި ދެ މީހުން މަރުވެއްޖެއެވެ.
އިއްޔެ ލުބްނާންގެ ދެކުނު ސަރަހައްދަށް ދިން ހަމަލާތައް އިސްރާއީލުން ދިފާއުކުރިއެވެ. އިސްރާއީލުން ބުނީ އެ ގައުމުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަކީ އެ ގައުމުގެ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
"އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނަން. ހިޒްބުﷲއިން ކުރިމަތި ކުރަމުންދާ ނުރައްކާތަކާ ދެކޮޅަށް އިސްރާއީލުން ހަރަކާތްތެރިވަމުން ގެންދަން ޖެހޭ،" އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ބުންޏެވެ.
އިސްރާއީލުން ބުނީ، އީރާނުން ވާގިވެރިވާ، ލުބްނާނުން ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲއިން އިސްރާއީލުގެ އުތުރު ސަރަހައްދަށް ހަމަލާދިނުން ހުއްޓުވައިލައި، ލުބްނާންގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ދުރުކުރެވެންދެން އިސްރާއީލުގެ ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނެ ކަމަށެވެ.
އެމެރިކާގައި އިސްރާއީލާއި ލުބްނާނުން ވާހަކަތައް ކުރިއަށް ގެންދަނީ އެމެރިކާގެ ހުށަހެޅުމަކާ އެއްގޮތަށް އިސްރާއީލާއި ލުބްނާނާ ދެމެދު ސަލާމަތީ ނިޒާމެއް ގާއިމު ކުރެވޭތޯއެވެ. އެ ގޮތުން އެމެރިކާއިން ހުށަހަޅައިފައިވަނީ ލުބްނާންގެ ދެކުނު ސަރަހައްދު ބައިބައިން ލުބްނާންގެ އަސްކަރިއްޔާއާ މަޑުމަޑުން ހަވާލު ކުރުމަށެވެ.
ލުބްނާންގެ ރައީސް ޖޯސެފް އައުން ވިދާޅުވީ ލުބްނާންގެ އަމާޒަކީ އެ ގައުމުގެ ސިޔާދަތު ފުރިހަމަ ގޮތުގައި ރައްކާތެރި ކުރުން ކަމަށެވެ.
އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުން އެއްކޮށް ފައިބަން ލުބްނާންގެ އޮފިޝަލުން ގޮވައިލިއެވެ.
އިސްރާއީލުން އެންމެ ފަހުން މި ދިން ހަމަލާތަކުން ދޭހަވަނީ އިސްރާއީލާ ލުބްނާނާ ދެމެދު ސީޒްފަޔާއެއް ގާއިމު ކުރުމަކީ ނާޒުކު ކަމެއް ކަމަށް ސިޔާސީ ދިރާސާވެރިން ބުންޏެވެ. އެއީ ދެ ގައުމުގެ ސަލާމަތްތެރިކަން ކަށަވަރު ކުރާނެ ގޮތަކާމެދު ދެބަސްވާތީއެވެ.



advertisment