ވަލާއި އެހެނިހެން ރައްކާތެރި އާލާތްތައް ބޭނުންނުކޮށް ފަރުބަދަތަކަށް އަރާ ޔަމަންގައި "ސްޕައިޑާ-މޭން"ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 30 އަހަރުގެ އަލްގައަގާއަ ބިން އަންތަރު ފަރުބަދައެއްގެ ތެރެއަށް ވެއްޓި މަރުވެއްޖެއެވެ.
ޔަމަންގައި އަންތަރު (ފޮޓޯ) މަރުވީ މިހާރު އެތެރޭގައި ފެންގަނޑެއް އޮންނަ އަލިފާން ފަރުބަދައެއްގެ ސަލްފާ މާއްދާ އެކުލެވޭ އެ ހޫނު ފެންގަނޑަށް 393 ފޫޓު އުހުން ވެއްޓުމުންނެވެ. އޭނާ ވެއްޓުނީ އަތް ދޫވެގެން ކަމަށްވާއިރު އޭނާ އުޅުނީ ފަރުބަދަ ތެރެއަށް ފައިބައިފައި އަރަން ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އޭނާ އަތް ދޫވި މަންޒަރުގެ 10 ސިކުންތުގެ ވީޑިއޯއެއް ޔަމަންގެ މަދަނީ ދިފާއާ ބެހޭ އިދާރާއިން އޮންލައިންކޮށް ރިލީޒްކޮށްފައިވެއެވެ.
ހުކުރު ދުވަހު އޭނާ ވެއްޓުނުއިރު އޭނާގެ ހަށިގަނޑު ނެގީ ހޮނިހިރު ދުވަހު އެ ފެންގަނޑުގެ 30 މީޓަރު އަޑިންނެވެ. ރަސްމީ އިދާރާތަކުން ބުނީ އޭނާގެ ހަށިގަނޑު ނެގުނީ އުނދަގޫ އޮޕަރޭޝަނެއް ހިންގައިގެންކަމަށެވެ.
"މި ކަހަލަ ހާދިސާތަކުން ސަލާމަތްވާން ރައްކާތެރި އާލާތްތައް ބޭނުންކުރަން ގޮވައިލަން،" އޮފިޝަލަކު ބުންޏެވެ.
އަންތަރު ސޯޝަލް މީޑިއާގައި މަޝްހޫރުވީ ވަލާއި ސަލާމަތީ އާލާތްތައް ބޭނުންނުކޮށް ޔަމަންގެ އެކި ފަރުބަތަކަށް އޭނާ އަރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާއަށް ލައިގެންނެވެ.
އޭނާގެ އަނބިދަރިން ތިބިކަމަކަށް ރިޕޯޓްތަކުން ނުބުނެއެވެ. ނަމަވެސް އޭނާ އުޅުނީ އޭނާގެ އާއިލާއާއެކުކަމަށާއި ރައްކާތެރި އާލާތްތަކާ ނުލައި ފަރުބަދަތަކަށް އަރާ ސްޓަންޓް ޖައްސަނީ އޭނާ ފަގީރުކަމުން އިސްތިހާރުވެގެން އާމްދަނީ ހޯދަންކަމަށް ރިޕޯޓްތައް ބުނެއެވެ.



advertisment