މިއަދު ކައިވެނިކުރަން އޮތް މީހަކާއެކު ވޭތުވެދިޔަ 48 ގަޑި އިރުގެ ތެރޭގައި ޣައްޒާގައި ފަސް މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ދެކުނު ސަރަހައްދުގެ ހާން ޔޫނިސް ސިޓީގައި، މިއަދުގެ ފަހު ވަގުތެއްގައި ކައިވެނިކުރަން އޮތް މުހައްނަދު އުސްމާން ޔާސީން ފަރާއުނާ ޝަހީދުވީ އިސްރާއީލުން ޓެންޓަކަށް ވައިގެ މަގުން ދިން ހަމަލާއަކުންނެވެ.
"އިސްރާއީލުން ދިން ހަމަލާތަކުގައި 49 މީހުން ޒަހަމް ވެސް ވި،" ޣައްޒާގެ ސިއްހީ ވުޒާރާއިން ބުންޏެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ޒަހަމްތަކުން ސަލާމަތްނުވި މީހަކާއި ސުންނާފަތިކޮށްލައިފައިވާ ތަނެއްގެ ގާފުނިތައް ދަށުން ނެގި ޝަހީދުވެފައިވާ މީހަކު ހިމެނެއެވެ.
ހަމަލާތަކުގެ ޝިކާރައަކަށްވި އެތައް ބަޔަކު އަދިވެސް ގާފުނިތައް ދަށުގައާއި މަގުތަކުގައި އެބައޮތް ކަމަށާއި މީހުން ސަލާމަތްކުރާ ޓީމުތައް އަދި އެ ހިސާބުތަކަށް ނުފޯރާ ކަމަށް އޮފިޝަލަކު ބުންޏެވެ.
އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާ ހަނގުރާމަ ހުއްޓައިލަން މި ދިޔަ އަހަރު އޮކްޓޫބަރުގައި ޣައްޒާ ހިންގާ ހަމާސްއާއެކު ސުލްހައިގެ މުއާހަދާއެއް ގާއިމުކުރިޔަސް އިސްރާއީލުން ދަނީ ކެނޑިނޭޅި ޣައްޒާއަށް ހަމަލާދެމުންނެވެ. އެ ގޮތުން މުއާހަދާގައި ސޮއިކުރި ފަހުން ދިން ހަމަލާތަކުގައި މިހާތަނަށް 951 މީހުން ޝަހީދުވެ، 2،984 މީހުން ޒަހަމްވެފައިވެއެވެ. މިހެންވެ، ދެ އަހަރު ވީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 72،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.



advertisment