Support Us

އީރާނަށް ހަމަލާދޭން ވައިގެ ސަރަހައްދު އެމެރިކާއަށް ނުދޭން ސައޫދީ، ޔޫ.އޭ.އީ ނިންމައިފި

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލުމަށް އީރާނާއެކު އެމެރިކާއިން ކުރިއަށްގެންދާ ނުސީދާ ވާހަކަތައް ފޭލިވެ، އެމެރިކާއިން އީރާނަށް އަލުން ހަމަލާދޭން ބޭނުންވެއްޖެނަމަ، އެމެރިކާގެ އެ ބޭނުމަށް ވައިގެ ސަރަހައްދު ނުދޭނެ ކަމަށް ސައޫދީ އަރަބިއްޔާ އާއި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އެމެރިކާއަށް އަންގައިފިއެވެ.

ގަލްފުގެ ދެ ގައުމުން ބުނީ އެ ދެ ގައުމުން މިހާރު އިސްކަންދެނީ ސަރަހައްދުގެ އިގުތިސާދީ ހަމަޖެހުމަށް ކަމަށެވެ. އެ ދެ ގައުމުގެ އަމިއްލަ ވިޔަފާރި މަގުތަކާއި ހަކަތައިގެ މާކެޓްތަކަށް ކުރިން ސީދާ ނުރައްކާކޮށްފައިވާތީ މިހާރު އިސްކަން ދެނީ ޑިޕްލޮމެޓިކް ހައްލުތަކަށް ކަމަށެވެ.

މި ކަމުގެ ސަބަބުން، އެމެރިކާ އާއި އީރާނާ ދެމެދު މިހާރު ގާއިމުކޮށްފައި އޮތް ސީޒްފަޔާ ފޭލިވެއްޖެނަމަ، އެމެރިކާއިން ވައިގެ މަގުން އީރާނަށް އަލުން ހަމަލާދޭން ވަރަށް ބޮޑު ހުރަހެއް އެޅޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.

ސައުދީން ބުނީ އެ ގައުމުން ބޭނުންވަނީ ދުނިޔޭގައި ތެޔޮ ދައުރުކުރުން ހިމާޔަތްކުރަން ކަމަށާއި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ހިނގައިދާނެ ދިގުދެމިގެންދާ ހަނގުރާމައެއްގެ ތެރެއަށް ނުވަންނަން ކަމަށެވެ.

"އަހަރެމެން އީރާނަށް އަންގައިފިން އީރާނާ ދެކޮޅަށް އަޅާ އެއްވެސް އަސްކަރީ ފިޔަވަޅެއްގައި އަހަރެމެން ބައިވެރިނުވާނެ ކަމަށް. އަދި އަހަރެމެންގެ ބިމާއި ވައިގެ ސަރަހައްދު އެ ކަހަލަ ބޭނުމަކަށް ނުދޭނެ ކަމަށް. އަހަރެމެން އިސްކަންދެނީ ސަރަހައްދުގެ މަސްލަހަތު ގެއްލޭނެ ކަންތައްތަކާ ދުރުވެ، ތެލުގެ މާކެޓް ހިމާޔަތްކުރަން،" ސައޫދީ އޮފިޝަލަކު ބުންޏެވެ.

ޔޫ.އޭ.އީއިން ބުނީ ހަނގުރާމަ ކުރިން ހިނގަމުންދިޔަ އިރު އެ ގައުމުގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި މިހެންވެ މިހާރު ބޭނުންވަނީ އިގުތިސާދު ހިމާޔަތްކުރަން ކަމަށެވެ.

"އަހަރެމެން ކުރިން ހީކުރީ ވިޔަފާރި ގުޅުންތައް ބޭއްވުމުން އެންމެނަށް ފައިދާކުރާނެ ގުޅުންތަކެއް ގާއިމުކުރެވިދާނެ ކަމަށް. އަހަރެންގެ ހިޔާލުގައި އެ ހުރިހާ ކަމެއް ފޭލިވެއްޖެ. އެކަމަކު މިހާރު އިސްކަން އަދިވެސް މި ދެނީ ދެކޮޅުވެރިކަމަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް ގެންނަން. އަދި ހަމަނުޖެހުން އިތުރަށް ގޯސްވިޔަ ނުދިނުމަށް،" ޔޫ.އޭ.އީގެ ރައީސްއަށް ޑިޕްލޮމެޓިކް މަޝްވަރާ އަރުވާ އަންވަރު ގަރްގާޝް ބުންޏެވެ.

ސައޫދީ އާއި ޔޫ.އޭ.އީގެ ނިންމުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ފޮޓޯ) ވިދާޅުވީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ނިންމައިފައި އެ ނިންމުން ބަދަލުކުރެއްވި ކަމަށެވެ.

"މާދަމާ ވަރަށް ވަރުގަދަ ހަމަލާއެއް ދޭން އަހަރެމެން ދިޔައީ ތައްޔާރުވަމުން. އަހަރެން އެ ކަން ކުޑަކޮށް މަޑުޖައްސައިލިން. އުއްމީދުކުރަނީ އަބަދުގެ އަބަދަށް މަޑުޖައްސައިލަން. ސަބަބަކީ އީރާނާއެކު އަހަރެމެން ވަރަށް ބޮޑަށް މަޝްވަރާކޮށްފިން. އީރާނަށް ބޮން އެޅުމުގެ ބަދަލުގައި ޑިޕްލޮމެޓިކް ހައްލެއް ލިބިއްޖެނަމަ އަހަރެން ވަރަށް އުފާވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 96 ޑޮލަރު (1،480ރ.)ގައި ހުރެފައި މިއަދު ހުރީ 95 ޑޮލަރު (1،464ރ.)އަށް ދަށްވެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *