އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީން ގައިދީންނާ ބައްދަލުކުރުމުގެ ހުއްދަ ބައިނަލްއަގުވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެޒެންޓް ޖަމިއްޔާގެ މުވައްޒަފުންނަށް ދިނުމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި ގޮތަށް ބުދަ ދުވަހު ހުކުމްކުރީ އޮކްބޫބަރު 2023 ގެ ހަތެއްގައި ހަމާސްއިން އިސްރާއީލަށް ހަމަލާދިނުމާއެކު ހަނގުރާމަ ހިނގަމުންދާ ދުވަސްވަރު އިސްރާއީލުގެ ޖަލުގައިތަކުގައި ތިބޭ ފަލަސްތީން ގައިދީންނާ ރެޑް ކްރޮސްއިން ބައްދަލުކުރުން އިސްރާއީލު ސަރުކާރުން މަނާކޮށްފައިވަނިކޮށެވެ. މި ދިޔަ އަހަރު އޮކްޓޫބަރުގައި ޣައްޒާ ހިންގާ ހަމާސްއާއެކު ސުލްހައިގެ މުއާހަދާއެއްގައި އިސްރާއީލުން ސޮއިކުރި ނަމަވެސް އިސްރާއީލުން އަދިވެސް ދަނީ ޣައްޒާއަށް ހަމަލާދެމުންނެވެ. އަދި ފަލަސްތީންގެ ގައިދީންނާ ރެޑް ކްރޮސްއިން ބައްދަލުކުރަން އިސްރާއީލު ސަރުކާރުން ހުއްދައެއް ނުދެއެވެ.
ކޯޓުން ބުނީ ސަރުކާރުގެ އެ ނިންމުމަކީ ގައުމުގެ އަދި ބައިނަލްއަގުވާމީ ގާނޫނާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ.
އިސްރާއީލުގެ މަދަނީ ހައްގުތަކަށް މަސައްކަތްކުރާ އެސޯސިއޭޝަން ފޮ ސިވިލް ރައިޓްސްއިން މި ހުކުމަށް މަރުހަބާ ކިޔެވެ.
"ހަނގުރާމައިގެ ތެރޭގައި ވެސް ގައިދީންގެ ހައްގުތަކެއް ވޭ،" އެ ގްރޫޕްގެ ގާނޫނީ ވަކީލު ހީލާ ޝެރޯން ބުންޏެވެ.
އޭނާ ބުނީ ރެޑް ކްރޮސްއިން އިސްރާއީލުގެ ޖަލުތަކަށް ޒިޔާރަތްކުރުމަކީ ފަލަސްތީން ގައިދީންގެ ހައްގުތައް ރައްކާތެރިކުރުމަށް އިންސާނިއްޔަތުކަމުގެ ގޮތުން އަސާސީ ރައްކާތެރިކަމެއް ލިބިދޭ ކަމެއް ކަމަށެވެ.
އިސްރާއީލުގެ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ގުވިރް ބުނީ ރެޑް ކްރޮސްއަށް ސަރުކާރުން ހުރަސްއެޅީ ރަނގަޅަށް ކަމަށާއި ޣައްޒާގައި ހައްޔަރުކޮށްފައިވާ ޔަހޫދީން ދޫކޮށްނުލަނީސް އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީން ގައިދީންނަށް ލިބޭ ހިދުމަތްތަކަށް ހައްދެއް އޮންނަން ޖެހޭނެ ކަމަށެވެ.
"ރެޑް ކްރޮސްއަށް ސަރުކާރުން އެޅި ހުރަހަކީ ސަލާމަތީ ސަބަބުތަކަށް ވެސް އެޅި ހުރަހެއް،" އޭނާ ބުންޏެވެ.
އިސްރާއީލު އޮފިޝަލުން ބުނީ އޮކްޓޫބަރު 2023 ގެ ހަތެއްގައި ހަމާސްއިން ރަހީނުކުރި ޔަހޫދީންނާ ބައްދަލުކުރަން ރެޑް ކްރޮސްއަށް ހަމާސްއިން ހުއްދަ ނުދިން ކަމަށެވެ.
ކޯޓުގެ ހުކުމާމެދު ހަމާސްއިން އަދި ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް ފަލަސްތީންގެ ބައެއް ފަރާތްތަކުން ބުނީ ފަލަސްތީން ގައިދީންނަށް އަނިޔާވެރިވުމުގައި އިސްރާއީލުގެ ޝަރުއީ ނިޒާމު ވެސް ދައުރެއް އަދާކުރި ކަމަށާއި މި ހުކުމަކީ މި ފަދަ ކަންތައްތައް ފޮރުވަން ކުރި ހުކުމެއް ކަމަށް ވެގެން ނުވާނެ ކަމަށެވެ.
ފަލަސްތީން ގައިދީންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި ހަމާސްއާ ގުޅުން ހުރި ފަރާތްތަކުން މި ހުކުމަށް މަރުހަބާކިއި ނަމަވެސް މި ހުކުމް ފުރިހަމައަށް ތަންފީޒުކުރާނެކަމާމެދު ޝައްކު އެބައޮތް ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
ފަލަސްތީންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނީ ފަލަސްތީންގެ ގައިދީންނާ ރެޑް ކްރޮސްގެ މުވައްޒަފުން ބައްދަލުކުރުމަކީ ވަރަށް އަވަހަށް ކުރަން ޖެހޭ ކަމެއް ކަމަށާއި ސަބަބަކީ ގައިދީންނާމެދު އިހާނެތިކޮށް ހިތައި، ކާބޯތަކެއްޗާއި ސިއްހީ އެހީ ވެސް އެކަށީގެންވާ ގޮތަކަށް އިސްރާއީލު ސަރުކާރުން ފޯރުކޮށްނުދޭތީއެވެ.



advertisment