Support Us

މަޑަގަސްކާ ހިސިން ކުރަފި (ވ) އަދި ޑޫބީއަ ކުރަފި

މަނާ އެއް ލައްކަ ކުރަފި އޮސްޓްރޭލިއާގައި އަތުލައިގަންފި

މަނާ ދެ ބާވަތެއްގެ 100،000 ކުރަފި އޮސްޓްރޭލިއާގައި އަތުލައިގަންފިއެވެ.

މިއީ ގަވައިދާ ހިލާފަށް ގެންގުޅޭ ނުވަތަ އިމްޕޯޓްކުރި އާދަޔާހިލާފު އިންވާޓެބްރޭޓްސް ނުވަތަ މައިބަދަ ނެތް މަހުލޫގުންތަކެއް އެންމެ ގިނަ އަދަދަކަށް އެ ގައުމުގައި އަތުލައިގަތް ފަހަރެވެ.

ގާތްގަނޑަކަށް 200،000 އޮސްޓްރޭލިއާ ޑޮލަރު (142،679 އެމެރިކާ ޑޮލަރު ނުވަތަ 2.2 މިލިއަން ރުފިޔާ)ގެ އަގު ހުރި ދެ ބާވަތުގެ ކުރަފި ކަމަށްވާ މަޑަގަސްކާ ހިސިން ކުރަތްޕާއި ޑޫބީއަ ކުރަފިތައް އަތުލައިގަތީ ނިއު ސައުތު ވޭލްސް ސްޓޭޓްގައި އޮންނަ އެ ގައުމުގެ އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ ބަތާސްޓްގައި ވިޔަފާރިއަށް ދިރޭ ތަކެތި ވިއްސާ ފަރާތަކުންނެވެ. ނަމަވެސް އެ ފަރާތާ ދެކޮޅަށް ދައުވާއެއް ނުކުރެއެވެ. އަދި ކުރަފިތައް މަރައިލަން ވަނީ ނިންމައިފައެވެ.

މި ދެ ބާވަތުގެ ކުރަތްޕަކީ އޮސްޓްރޭލިއާގައި ގެންގުޅުން މަނާ އަދި އެ ގައުމަށް އެތެރެކުރުން ވެސް މަނާ ދެ ބާވަތުގެ ކުރަތްޕެވެ. ސަބަބަކީ ބަލި ފެތުރިދާނެތީ އާއި ތިމާވެށްޓަށް ގެއްލުން ލިބިދާނެތީއެވެ.

މޫސުމީ ބަދަލާއި ހަކަތަ އާއި ތިމާވެށްޓާއި އަދި ފެނާ ބެހޭ ޑިޕާޓްމަންޓުން ބުނީ އަތުލައިގަތް ކުރަފިތައް އެ ގައުމުގައި ބަލި ފަތުރައި އަދި އެ ގައުމުގައި ދިރިއުޅޭ ހައިވާނުންނަށް ނުރައްކަލަކަށް ވެދާނެ ކަމަށެވެ.

"އޮސްޓްރޭލިއާގެ ލާމަސީލު ދިރުންތައް ރައްކާތެރިކުރުމުގެ މަސައްކަތް އަހަރެމެން ވަރަށް ސީރިއަސްކޮށް ނަގަން،" އެ ޑިޕާޓްމަންޓްގެ ތަރުޖަމާނެއް ބުންޏެވެ.

އެ ގައުމުގެ ތިމާވެށްޓަށް ތައާރަފުކުރާ، ގެއްލުން ދޭ ބާވަތުގެ ދިރޭތަކެއްޗާ ބެހޭ ކައުންސިލުން ބުނީ އަތުލައިގަތް ދެ ބާވަތުގެ ކުރަފިތައް އެ ގައުމުން ފެނުމަކީ "ސިހުން ލިބުނު ކަމެއް" ކަމަށެވެ.

"މިއީ އޮޅުކޮށްގެން ނުވަތަ ޕެޓުންގެ ގޮތުގައި ގެންގުޅޭ އާދަޔާ ހިލާފު މަހުލޫގުންގެ ވިޔަފާރިން އިތުރުވަމުންދާ ނުރައްކާތައް ދައްކުވައިދިން ކަމެއް،" އެ ކައުންސިލްގެ ސިޔާސަތު ކަނޑައަޅާ ޑިރެކްޓަރު ޑރ. ކެރަލް ބޫތު ބުންޏެވެ.

ބައިވަރު ރިޕޯޓްތަކުން ބުނި ގޮތުގައި މި ކުރަފިތައް އަތުލައިގަންނަން ރެއިޑް ޖެހީ މި ހަފުތާގައެވެ. ނަމަވެސް ތިމާވެށްޓާ ބެހޭ ޑިޕާޓްމަންޓުން ބުނީ ކުރަފިތައް އަތުލައިގަތީ މި ދިޔަ މަހު 26 ގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *