Support Us

ކޮލަމް: އަލި

ކޮލަމް އަލި: ތަޢުލީމަކީ ސިކުނޑި ހުޅުވައިލުމެވެ. 

ތަޢުލީމުގެ އަޞްލު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތުތަކަކުން ސިކުނޑި ފުރައިލުމެއް ނޫނެވެ. އެއީ އަމިއްލަ ސިކުނޑީގެ ބޭނުން ހެޔޮގޮތުގައި ހިފައި، ފުންކޮށް ވިސްނަން ދަސްކުރުމެވެ. ޔޫނާނީ މަޝްހޫރު ފަލްސަފާވެރިޔާ ފުލޫޠަރްޚޫސް (ޕްލޫޓާކް) ވިދާޅުވެފައިވެއެވެ. "ސިކުނޑިއަކީ ފުރާލަން ޖެހޭ ކަންވާރެއް ނޫނެވެ. ނަމަވެސް އެއީ ރޯކޮށްލަން ޖެހޭ އަލިފާންގަނޑެކެވެ". މާނައީ، އިންސާނާގެ ސިކުނޑިއަކީ މަސައްކަތް ނުކުރާ "މައުލޫމާތު ރައްކާކުރާ ގުދަނަކަށް" ހެދުމުގެ ބަދަލުގައި، އެއީ އަމިއްލައަށް ވިސްނައި، ހޯދައި، އަދި ދުނިޔެއަށް އަލިކަން ފޯރުކޮށްދޭ "ދިރިހުރި ބާރަކަށް" ހެދުމެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާވެރިޔާ މެލްކަމް ފޯބްސް ވިދާޅުވެފައިވަނީ "ތަޢުލީމުގެ ބޭނުމަކީ ހުސް ސިކުނޑިއެއްގެ ބަދަލުގައި ހުޅުވިފައިވާ ސިކުނޑިއެއް ބިނާކުރުންކަމުގައެވެ. މި ބަސްފުޅުތަކުން ދޭހަކޮށްދެނީ ސިކުނޑިއަކީ އެއްޗެހި ރައްކާކުރާ ގުދަނަކަށް ހެދުމުގެ ބަދަލުގައި، އެއީ އާ އުފެއްދުންތަކާއި ޚިޔާލުތައް އުފަންކުރުވާ އިންޖީނަކަށް ހެދުމަކީ ތަޢުލީމުގެ އެންމެ މުހިންމު ބޭނުންކަމެވެ. އަމިއްލަ ފިކުރާއި ބުއްދީގެ ބޭނުންކޮށްގެން މައްސަލަތައް ހައްލުކުރަން ދަސްވުމަކީ، އިންސާނާގެ ޝަޚުޞިއްޔަތު ބިނާކުރާން އެޅޭ އެންމެ ވަރުގަދަ ބިންގަލެވެ.

ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ ދުނިޔޭގައި، ކޮންމެ ވަގުތަކު ވެސް މަޢުލޫމާތު ހޯދުމަކީ މިއަދު ދަތިކަމެއް ނޫނެވެ. ނަމަވެސް، އެ މަޢުލޫމާތުގެ ތެރެއިން ތެދުދޮގު ވަކިކޮށް، އެންމެ އެކަށީގެންވާ ގޮތުގައި އެ މަޢުލޫމާތު ބޭނުންކުރަން އެނގެނީ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފަން ދަސްކޮށްގެންނެވެ. ހަގީގީ ތަޢުލީމީ މީހަކީ ހުރިހައި ކަމެއް ދަންނަ މީހެއް ނޫނެވެ. އެކަމަކު އެއީ ކަންކަމާ މެދު ސުވާލު އުފައްދައި، ހިކުމަތްތެރިކަމާ އެކު ގޮތް ނިންމުމުގެ ގާބިލުކަން ހުންނަ މީހާއެވެ. މިހެންވުމުން ތަޢުލީމީ ނިޒާމު ބައްޓަންވާން ޖެހޭނީ ދަރިވަރުންގެ ކިބައިގައި ހުންނަ ފާޑުވެރި ވިސްނުން، އާދެ! ކްރިޓިކަލް ތިންކިން ތަރައްޤީކޮށް، އެ ކުދިންގެ އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއެރުންތަކާ އެކު ކާމިޔާބީގެ ސިޑިތަކުން އަރާނޭ ގޮތްތަކަށް ވިސްނަން ދަސްކޮށްދޭނެ މަގަކަށެވެ.

ހާބަޓް ޖެރްޖޯއީ (1970) ވިދާޅުވެފައި ވެއެވެ. "ތަޢުލީމުގެ މައިގަނޑު މަޤްޞަދަކަށް ވާންޖެހޭނީ ހަމައެކަނި މަޢުލޫމާތުތަކެއް ސިކުނޑިއަށް އެޅުމެއް ނޫނެވެ. ތައުލީމުގެ މަގުސަދަކަށް ވާން ޖެހޭނީ އައު މަޢުލޫމާތުތައް ދެނެގަނެ، އެއަށް އަހުލުވެރިވުމުގެ ހުނަރު ދަސްކޮށްދިނުމެވެ". މައުމޫން ޢަބްދުލްޤައްޔޫމް (1996) ވިދާޅުވެފައިވެއެވެ. "ސިކުނޑީގެ ބޭނުން ހިފަން ދަސްކުރުމަކީ އިންސާނާގެ އުނގެނުމުގެ ޝައުގުވެރިކަން މުޅި އުމުރަށް ދަމަހައްޓާން އެހީތެރިވެދޭ ކަމެކެވެ". އެލްވިން ޓޮފްލާ (1997)ގެ ދިރާސާތަކުން ހާމަވާ ގޮތުގައި "21ވަނަ ގަރުނުގެ އުންމީންނަކީ (ލިޔަންކިޔަން ނޭނގޭ މީހުންނަކީ) ހަމައެކަނި ލިޔަންކިޔަން ނޭނގޭ މީހުން ނޫން ކަމަށެވެ. އެއީ އައު އެއްޗެހި އުނގެނުމަށާއި، ބާވެފައިވާ ކަންކަން ދޫކޮށްލުމަށާއި، އަލުން އުނގެނޭން ނުކުޅެދޭ މީހުންނެވެ. އެލްވިންގެ ފަލްސަފާއަކީ މަޢުލޫމާތު ވަރަށް އަވަހަށް ބާވެ، އޭގެ ބޭނުންތެރިކަން ކެނޑޭނެ ކަމެވެ". މި ބޭބޭފުޅުންގެ ޢިލްމީ ބަސްފުޅުތަކުން އެނގެނީ ޢިލްމަކީ ހަމައެކަނި މައުލޫމާތުތަކަކުން ސިކުނޑި ފުރުމެއް ނޫންކަމެވެ. އެހެނެއްކަމަކު ލިބޭ މައުލުމާތުގެ ބޭނުންހިފާނޭ ގޮތްތަކަށް ސިކުނޑި ބައްޓަންވުންކަމެވެ. ހަމައެކަނި މަޢުލޫމާތު އުނގެނުމަށް އިސްކަންދޭ ނަމަ، ވަކި ހިސާބަކުން އެ މަޢުލޫމާތުތައް ބާވެ، އޭގެ ބޭނުންތެރިކަން ކެނޑިގެން ހިނގައިދާނެއެވެ. ނަމަވެސް، ކަންކަން ދަސްކުރާނެ ގޮތާއި، އައު ހުނަރުތައް އަށަގަންނާނެ ގޮތް ދަސްވެފައި ހުރުމަކީ ކޮންމެފަދަ ހާލަތަކާ ވެސް ކުރިމަތިލާން ދަސްވުމެވެ. މި ގޮތުން ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހާ، ތިމާގެ ވަށައިގެންވާ މާހައުލުންނާއި ކުރިމަތިވާ ތަޖުރިބާތަކުން މެދުނުކެނޑި ފިލާވަޅު ލިބިގަނެ، ހަރުދަނާ ފަރުދަކަށް ވާން މަސައްކަތް ކުރާނެއެވެ.

ޝައްކެއްނެތެވެ! ތަޢުލީމުގެ ފޮނި މޭވާއަކީ ހަމައެކަނި ސަނަދެއް ހާސިލުކުރުމެއް ނޫނެވެ. އެއީ ހުޅުވިފައިވާ، ހޭލުންތެރި އަދި އުފެއްދުންތެރި ސިކުނޑިއެއްގެ ވެރި މީހަކަށް ވުމެވެ.