Support Us

ކޮލަމް: އަލި

ކޮލަމް އަލި: ދިވެހި ދަރިވަރުން ދިވެހިބަހަށް ކުޅެއްދޭނީ ކިހިނެއް؟

"ބަހެއް ފަނާވުން ނުވަތަ ބަހެއް މަރުވެ ނެތިދިއުމަކީ، ދުނިޔޭގެ އެންމެ މުއްސަނދި އެއް މިއުޒިއަމް ކަމަށްވާ ލޫވްރޭއަށް ބޮމެއް އެޅުން  ފަދަ ކަމެކެވެ." (ކްރައުސް 2007). މިއީ، ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ބަސްތައް ރައްކާތެރިކުރެއްވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރެއްވި އެމެރިކާގެ މަޝްހޫރު ބަހަވީ އިލްމުވެރިޔާ ޕްރޮފެސަރ މައިކަލް އީ ކްރައުސް (ފޮޓޯގައި) ވިދާޅުވި ބަސްފުޅެކެވެ.

‎މި ބަސްފުޅުން ދޭހަވަނީ ބަހެއް ނެތިދިއުމަކީ ހަމައެކަނި މުއާމަލާތް ކުރުމުގެ ވަސީލަތެއް ގެއްލިގެންދިއުން ނޫން ކަމަށާއި، އެއީ އެ ބަހަކާ ގުޅިފައިވާ އެތައް ޒަމާންވީ ތާރީޚަކާއި، ސަގާފަތަކާއި އަދި އިންސާނީ އިލްމުތަކެއް އަބަދުގެ އަބަދަށް ނެތިގެންދާ ފަދަ ބޮޑު ހިތާމައެއް ކަމެވެ.

‎ޕްރޮފެސަރ މައިކަލް އީ ކްރައުސް (2007) ދެކެވަޑައިގަންނަވާ ގޮތުގައި ބަހަކީ ހަމައެކަނި މުއާމަލާތްކުރާ އެއްޗެއް ނޫނެވެ. އެއީ އިންސާނީ ތާރީޚާއި، އިލްމާއި، އަދި ދުނިޔެ ދެކޭ ނަޒަރުތަކާއި ގޮތްތައް ރައްކާކުރެވިފައިވާ މުއްސަނދި ޚަޒާނާއެއް ކަމަށާއި ބަހެއް މަރުވުމަކީ އިންސާނިއްޔަތަށް ލިބޭ އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައެވެ.

ތެދެކެވެ! ބަހަކީ، ބައެއްގެ އަމިއްލަވަންތަކަމުގެ ރޫހެވެ. ބަސް ނެތިގެން ދިއުމަކީ އެ ބަޔެއްގެ ތާރީޚާއި، ސަގާފަތާއި، އަދި މުޅި ގައުމިއްޔަތު ނެތިގެންދިއުމެވެ. މިއީ ބަހަވީ އިލްމުވެރިންނާއި ގައުމީ ލޯބިވެރިން އިއްތިފާގުވާ ހަގީގަތެކެވެ. ކޮންމެ ގައުމެއްގެ ވެސް އެންމެ ބޮޑު ވެހިވަންތަ ރަމްޒަކީ އެ ގައުމެއްގެ ބަހެވެ. އަމިއްލަ ބަހަކީ އެ ބަޔަކު ވާހަކަދައްކައި އުޅޭ، އެ ބަޔަކަށް ޚާއްޞަވެގެންވާ މުއާސަލާތީ ވަސީލަތެވެ.

މާދަރީބަހަކީ އިންސާނަކު އުފަންވުމަށްފަހު އެންމެ ފުރަތަމަ ދަސްކުރާ ބަހެވެ. ނުވަތަ ބަސްތަކެވެ. ދިވެހި ކޮންމެ ދަރިއެއްގެ އަމިއްލަ ބަހަކީ ދިވެހިބަސް ކަމުގައި ވީނަމަވެސް، މިއަދު ފެންނަ މަންޒަރަކީ ދިވެހި ދަރިވަރުންގެ މާދަރީބަހުގެ މަގާމު އިނގިރޭސިބަސް އަތުލަމުންދާ ތަނެވެ.

މިއަދުގެ ގިނަ ކުދިންގެ ފުރަތަމަ ބަހަކަށް އިނގިރޭސިބަސް ވަނީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި ފަންނިއްޔާތުން ފަހިވެ ހުޅުވެމުންދާ ދޮރުތައް ގިނަވުމެވެ. ޅަފަތުގެ ތައުލީމު އިނގިރޭަސިބަހުން ދިނުމާއި ތައުލީމީ ނިޒާމުގެ ތެރެއިން ގިނަ މާއްދާތައް އިނގިރޭސިބަހުން ކިޔަވައިދިނުމާއި، މުނިފޫހިފިލުވުމުގެ ވަސީލަތްތަކުން ފެށިގެން ކުޑަކުދިން ބަލާ ކާޓޫނުތަކަކީ ވެސް އިނގިރޭސިބަހުން ހުންނަ އެއްޗެހި ކަމަށްވުމީ މި ކަމުގެ މައިގަނޑު ސަބަބުތަކެވެ. ނަމަވެސް، ދިވެހި ކޮންމެ ދަރިވަރެއްގެ މާދަރީބަހަކަށް ވާންޖެހޭނީ ދިވެހިބަހެވެ. ސަބަބަކީ ބަހަކީ ހަމައެކަނި މުއާސަލާތީ ވަސީލަތެއް ނޫނެވެ. އެއީ ދިވެހިންގެ އަމިއްލަވަންތަކަމާއި، އިސްލާމީ އަދި ދިވެހި ސަގާފަތާ ގުޅިފައިވާ އެންމެ ވަރުގަދަ ބަހާއެވެ.

ދިވެހި ދަރިވަރުންގެ ކިބައިގައި ދިވެހިބަސް އަށަނުގަންނަ މައިގަނޑު އެއް ސަބަބަކީ ޅަފަތުގެ ތައުލީމު ދިވެހިބަހުން ދިނުމުގެ ބަދަލުގައި އިނގިރޭސިބަހުން ދިނުމެވެ. ކުއްޖާގެ ސިކުނޑި ހެދިބޮޑުވާ އެންމެ މުހިންމު ދުވަސްވަރު، އޭނާގެ މާދަރީބަހުގެ ބަދަލުގައި ބޭރު ބަހަކުން އުނގަންނައިދިނުމުން، އެ ކުއްޖާގެ ވިސްނުމާއި މުއާސަލާތުކުރުމުގެ އަސާސީ ބަހަށް އެ ބޭރު ބަސް ވެދެއެވެ. މީގެ އިތުރުން، ގޭތެރޭގެ މާހައުލުގައި ބެލެނިވެރިން ކުދިންނާ އިނގިރޭސިބަހުން ވާހަކަދެއްކުމާއި، ޒަމާނީ ފަންނިއްޔާތުގެ ސަބަބުން ދިވެހިބަހަށްވުރެ ބޮޑަށް އިނގިރޭސިބަހަށް ކުދިން ލޯބިޖެހެއެވެ.

މި މައްސަލައިގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނެނީ ބެލެނިވެރިންނެވެ. ކުއްޖާގެ ބަސްމަގު ބައްޓަންވަނީ ގޭތެރެއިންނެވެ. ދެވަނަ ފަރާތަކީ ތައުލީމީ ނިޒާމެވެ. ސްކޫލްތަކުގެ މާހައުލުގައި، ޚާއްޞަކޮށް ޕްރީ-ސްކޫލް މަރުހަލާގައި ދިވެހިބަހަށް ދެވޭ އަހަންމިއްޔަތު ކުޑަވުމަކީ ބޮޑު ގޮންޖެހުމެކެވެ. ހަމައެހެންމެ، ދިވެހި ދައުލަތާއި މުޖުތަމައުގެ ކޮންމެ ފަރުދަކީ ވެސް މިކަމުގައި ޒިންމާ އުފުލަންޖެހޭނެ މީހެކެވެ.

މި މައްސަލައަށް އޮތް އެންމެ މުހިންމު ހައްލަކީ، ޅަފަތުގެ ތައުލީމު ދިވެހިބަހުން ދޭން ފެށުމެވެ. ޔުނެސްކޯ އިން ހާމަކުރައްވާ ގޮތުގައި، ކުއްޖެއްގެ ބަހަވީ ބިންގާ އެންމެ ވަރުގަދަވަނީ އެ ކުއްޖެއްގެ މާދަރީބަހުން ފުރަތަމަ ތައުލީމު ދިނުމުންނެވެ. މިހެންވުުމުން، ޕްރީ-ސްކޫލްތަކުގައި ކިޔަވައިދޭ މާހައުލަކީ ދިވެހިބަހަށް އިސްކަންދޭ މާހައުލަކަށް ހަދަންޖެހެއެވެ.

ދިވެހި ބަހާއި އަދަބަށް ގިނަގިނަ ޚިދުމަތްކުރެއްވި ކުޅަދާނަ އަދީބު އައްޝައިޚް މުޙައްމަދު ޖަމީލް ދީދީ ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ ބަޔަކު ވެސް އެ ބައެއްގެ މާދަރީ ބަހަށް އިސްކަންދިނުމަކީ އެބައެއްގެ އަމިއްލަވަންތަކަން ދިރިދަމަހައްޓަން ދެވާޭ އިސްކަމެކެވެ.

އާދޭހެވެ! ބަހަކީ ގައުމެއްގެ ފުރާނައެވެ. ދަރިވަރުންގެ ހިތްތަކުގައި އަމިއްލަ ބަހަށް ލޯބި ޖެއްސުމަކީ މިއަދު އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެކެވެ. ދިވެހިބަސް ދިރުވައި އާލާކުރުމަކީ ހަމައެކަނި ބަހުގެ މާހިރުންގެ މަސައްކަތެއް ނޫނެވެ. އެއީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ. އަމިއްލަ ބަހަށް ފަޚުރުވެރިވާ، ދިވެހި ބަހުން ފިކުރުކުރާ ޖީލެއް ބިނާކުރުމަކީ ގައުމުގެ މުސްތަގުބަލު އުޖާލާކުރާން އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. އަޝްރަފުއެވެ ވަރަށް ގިނަ ވާހަކަ އަދި ކަންތައް ކުރެވިއްޖެ ދޯއެވެ ދުވަހަކުން ދުވަހަކަށް މިކަންތަެް ވަނީ ގޯސް ދޯއެވެ އަދި ނުކުރެވި އޮތް ކަމެއް ބުނެލަން ހެއްޔެވެ ދިވެހި ބަސް އަދި އާދަކާދަ އަރަބިކޮށް މި އެކުސްޕެރިމެންޓުވެސް ކުރެވިއްޖެ ދޯއެވެ ނުކުރެވި އޮތް ކަމެއް ބުނަން ހެއްޔެވެ އަހަރެމެންގެ އިންޑޯ އާރިޔަން ފަހުރުވެރި އާދަކާދަ އަދި އަސްލު ކުޑަކޮށް ހުޅުވައިލާ ދިވެހި ބަހުގެ މާމަ ކާފަ ދައްތަމެންނާއި އޮތް ގުޅުމާއި ކަންކަން މި ކުދިންނަށް ކިޔައިދީ މަރާލާފައިވާ ރީތި ކަލަ ކަހަލަ ބަސްތައް އަނބުރާ ގެނެސް ވާގޮތެއްވެސް ބަލައިލަމާ ދޯއެވެ މިހާރަށްވުރެ ގޯސް ނުވާނެއެވެ ރަނގަޅުވެއްޖެއްޔާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *