ސާރިދޯޅު ބިރުގަންނަވަން ޖަޕާންގައި މިނިކާ ކުއްތާ ސިފައިގައި ހަދައިފައި ހުންނަ ރޮބޮޓް ބޭނުންކުރުން އިތުރުވެއްޖެއެވެ.
މި ދިޔަ އަހަރުން ފެށިގެން މިހާތަނަށް އެ ގައުމުގައި 50،000 ފަހަރު ސާރިދޯޅު ފެނިފައިވެއެވެ. އެއީ މީގެ ދެ އަހަރު ކުރިން ސާރިދޯޅު ފެނުނު ފަހަރުގެ ދެ ގުނަ ނިސްބަތުން ބޮޑު އަދަދެކެވެ.
ސާރިދޯޅު މިހާރު ކޮންމެ ދުވަހަކުހެން ގޭގެއަށް ވަދެ، ސްކޫލްތައް ކައިރީގައި އުޅެ، އަދި ސުޕަމާކެޓްތަކާއި ރިސޯޓުތަކަށް ވަދެ ގެއްލުންދެއެވެ.
ރަސްމީ އިދާރާތަކުން އަތުލައިގަންފައި މަރައިލި ސާރިދޯޅުތަކުގެ އަދަދު މި ވީ އަހަރުގެ ތެރޭގައި 14،601 އަށް އެރިއެވެ. މިއީ އޭގެ އެއް އަހަރު ކުރިއާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. އަދި ރެކޯޑެކެވެ.
އެންމެ ސީރިއަސް ކަމަކީ އެ ސޮރުމެންގެ ހަމަލާއިން މި ވީ އެއް އަހަރު ދުވަހުގެ ތެރޭގައި މިހާތަނަށް 13 މީހުން މަރުވެފައިވާކަމެވެ. މިއީ މީގެ ކުރިން ސާރިދޯޅު ހަމަލާތަކުގައި މީހުން މަރުވި އަދަދަށްވުރެ ދެ ގުނަ ނިސްބަތުން ބޮޑު އަދަދެކެވެ.
ރޮބޮޓް މިނިކާ ކުއްތާ (ފޮޓޯ) ހަދަނީ ޖަޕާންގެ ހޮކައިޑޯ ޖަޒީރާގައި ހުންނަ އޯޓާ ސޭކީ ކުންފުނިންނެވެ. އެ ތަކެތި އެ ކުންފުނިން އުފެއްދީ 2016 ގައެވެ. އެއީ ފުއްލާ އާއި ޖަންގަލީގައި އުޅޭ އޫރާއި ސާރިދޯޅު ދަނޑުގޮވާމަށް ގެއްލުންދޭތީ އެ ސޮރުމެން ބިރުގަންނަވާށެވެ. އެއިރު މި ރޮބޮޓް މިނިކާ ކުއްތާތަކާމެދު އާއްމުން އެހާ ސީރިއަސްއެއް ނޫނެވެ.
މި ރޮބޮޓްތަކުގެ ދެ ލޮލަކީ ނިވިދިއްލޭ ރަތް ބޮތްކެވެ. މިނިކާ ކުއްތާ ހަޅޭއްލަވާ އަޑުގެ އިތުރުން 50 ބާވަތުގެ އަޑުގެ ރެކޯޑިން އިއްވުމުގެ އިތުރުން ބޯ ވެސް ހަރަކާތްކުރެއެވެ. އިންސާނުންގެ އަޑުގެ ރެކޯޑިން ވެސް ހިމެނޭ މި އަޑުތައް އެއް ކިލޯމީޓަރު ދުރަށް އިވެއެވެ.
"އަހަރެމެން ރޮބޮޓް މިނިކާ ކުއްތާ ހަދަނީ އަތުން. މިހާރު އެ ތަކެއްޗަށް ޑިމާންޑް ބޮޑުކަމުން އޮންނަނީ އެ ވަރަށް ނުހެދިފައި. ސާރިދޯޅުން ސަލާމަތްވުމުގެ މަސައްކަތުގައި އަހަރެމެން ވެސް ހިއްސާވާން ބޭނުން،" އޯޓާ ސޭކީގެ ރައީސް ޔޫޖީ އޯޓާ ބުންޏެވެ.
އޭނާ ބުނީ މިހާރު ކަސްޓަމަރުންނަށް ރޮބޮޓް މިނިކާ ކުއްތާ ފޯރުކޮށްދޭން ތިން މަސް ދުވަސް ނަގާ ކަމަށެވެ. މި އަހަރުގެ މިހާތަނަށް 50 އޯޑަރު ލިބިފައިވެއެވެ. މިއީ މީގެ ކުރިން އެއް އަހަރުގެ ތެރޭގައި ލިބޭ ޑިމާންޑަށްވުރެ ވެސް ބޮޑު އަދަދެކެވެ.
ކުންފުނިން މިހާރު ދަނީ ދަރިވަރުންނަށާއި އައްސޭރިފަށުގައި ތިބެގެން މަސް ބާނާ މީހުންނަށާއި ގުދުރަތީ ތަންތަނުގައި ހިނގަން ދާ މީހުންނަށް އަތުން ހިފައިގެން ގެންދެވޭނެ ކުޑަ ސައިޒުގެ ރޮބޮޓް މިނިކާ ކުއްތާ އުފެއްދުމާމެދު ވިސްނަމުންނެވެ.
މީގެ އިތުރުން ފުރޮޅު ލީ ރޮބޮޓް މިނިކާ ކުއްތާ ވެސް މިހާރު ދަނީ އުފައްދަމުންނެވެ. އެއީ ޖަނަވާރުން ފައްސައިލައިށާއި މަގުތައް ބެލެހެއްޓުމަށެވެ.
ކުންފުނިން ބުނީ މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީ ހިމެނޭ ކެމެރާ ލައިފައިވާ ރޮބޮޓް މިނިކާ ކުއްތާ ކުރިމަގުގައި އުފައްދަން ވިސްނާ ކަމަށެވެ.
ބެޓެރީގެ އިތުރުން އަވިން ހަކަތަ ލިއްބައިދޭ ސޯލާ ޕެނަލް ހަރުކޮށްފައިވާ މި ރޮބޮޓް މިނިކާ ކުއްތާތަކުގެ ފެށޭ އަގަކީ 4،000 ޑޮލަރު (61،680ރ.)އެވެ.



advertisment