ނައިޖީރިއާގެ ބޯކޯ ހަރާމް ޓެރަރިސްޓް ގްރޫޕުން ޗާޑްގެ 23 ސިފައިން މަރައިލައިފި ކަމަށް ޗާޑްގެ އަސްކަރިއްޔާއިން މިއަދު ބުނެފިއެވެ.
ލޭކް ޗާޑް ނުވަތަ ޗާޑް ފެންގަނޑުގައި އޮންނަ ބާކާ ޓޯލޯރޯމް ޖަޒީގައި ހުރި ޗާޑްގެ އަސްކަރީ މަރުކަޒަށް ރޭ ދިން ހަމަލާގައި 26 ސިފައިން ވަނީ ޒަހަމް ވެސް ވެފައެވެ.
"ފާހަގަ ކުރެވޭ އަދަދެއްގެ ބޯކޯ ހަރާމް ޓެރަރިސްޓުން މަރައިލައި، އެ ގްރޫޕު ދުރަށް ޖެއްސިން،" ޗާޑްގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޗާޑްގެ ރައީސް މުހައްމަދު އިދްރީސް ޑެބީ އިޓްނޯ ވަނީ މަރުވި ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައިފައެވެ.
"އަނެއްކާވެސް ބޯކޯ ހަރާމް ޓެރަރިސްޓް ގްރޫޕުން މި ވަނީ ބާކާ ޓޯލޯރޯމްގައި ހުރި އަހަރެމެންގެ އަސްކަރީ މަރުކަޒަށް ފިނޑި ހަމަލާއެއް ދީފައި. މި ނުރައްކާ މުޅިން ނައްތައިލެވެންދެން އާ ހިތްވަރަކާއެކު އަހަރެމެން ބޯކޯ ހަރާމާ ދެކޮޅަށް ހަމަލާދެމުން ދާނަން،" އޭނާ ވިދާޅުވިއެވެ.
ޗާޑު ފެންގަނޑަކީ ހަތަރު ގައުމު ހިއްސާ ކުރާ ލޭކެކެވެ. އެއީ ނައިޖީރިއާ، ޗާޑް، ކެމެރޫން އަދި ނައިޖަރުއެވެ.
އދ.އިން ބުނީ މި ހަތަރު ގައުމުން ހިއްސާ ކުރާ ޗާޑް ފެންގަނޑުގެ ސަރަހައްދަށް ބޯކޯ ހަރާމް ފަދަ ޓެރަރިސްޓް ގްރޫޕްތަކުން އެތައް އަހަރެއް ވަންދެން ހަމަލާދެމުންދާތީ އެތައް ހާސް މީހުން މަރުވެ، އެތައް ބައެއްގެ ގެދޮރު ނެތިގެން ގޮސްފައިވާ ކަމަށެވެ.
އޮކްޓޫބަރު 2024 ގައި ބޯކޯ ހަރާމުން ދިން ހަމަލާއެއްގައި ޗާޑްގެ 40 އެއްހާ ސިފައިން މަރުވިއެވެ. އެ ކަމާ ގުޅިގެން އިޓްނޯ ވަނީ ދެ ހަފުތާ ވަންދެން އިސްކޮށް ހުންނަވައިގެން ބޯކޯ ހަރާމަށް ރައްދު ހަމަލާތަކެއް ފައްޓަވައިފައެވެ. އެ ރައްދު ހަމަލާތައް މި ދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިމުމުން ޗާޑްގެ އަސްކަރިއްޔާއިން ބުނީ ޗާޑްގެ އެއްވެސް ސަރަހައްދެއްގައި ބޯކޯ ހަރާމަށް ހިމާޔަތެއް ނެތް ކަމަށެވެ.
ވޭތުވެދިޔަ މަސްތަކުގައި ބޯކޯ ހަރާމްގެ ޖޭ.އޭ.އެސް ފެކްޝަނުން ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ކިޑެޕް ކުރުމާއި ސިފައިންނަށް ހަމަލާދިނުން ހިމެނެއެވެ. ހާއްސަކޮށް ޗާޑް ފެންގަނޑުގެ ނައިޖަރުގެ އައްސޭރިފަށު ހިސާބުތަކުގައެވެ.
ޗާޑް ފެންގަނޑުގެ ޖަޒީރާތަކާއި ކުޅިތަކަކީ ބޯކޯ ހަރާމުން ވަކިވެ، އައި.އެސް ޓެރަރިސްޓް ގްރޫޕާ ގުޅުނު ގްރޫޕެއް ކަމަށްވާ އައިސިލް އެފިލިއޭޓް އިން ވެސްޓް އެފްރިކާ (އައި.އެސް.ޑަބްލިޔު.އޭ.ޕީ)އިން ހިމާޔަތް ހޯދައިފައިވާ ސަރަހައްދެކެވެ.
ދުނިޔޭގެ އެއްވެސް ކަނޑަކާ ނުގުޅި އެފްރިކާ ބައްރުގެ ތެރޭގައި އޮންނަ ޗާޑަކީ އަހުލީ ހަމަނުޖެހުންތަކާއި ބަޣާވާތްތައް ތަކުރާރުވާ ގައުމެކެވެ. އެ ގައުމަށް ތެލުގެ މުއްސަނދިކަން ލިބިފައިވިޔަސް އިގުތިސާދު އަޑިއަޅައިލައިފައިވުމާއި ގޯސް މޫސުމެއް އޮންނާތީ ޗާޑަކީ އެފްރިކާގެ އެންމެ ފަގީރު އެއް ގައުމެވެ.



advertisment