Support Us

ތައިލޭންޑް ޕާކަށް ކުނިއަޅާ މީހުންގެ ގެއަށް ކުނިތައް ފޮނުވަނީ

ތައިލޭންޑުގެ ގައުމީ ޕާކަށް ކުނިއަޅާ ފަތުރުވެރިންގެ އުނދަގޫ ބޮޑުވުމާ ގުޅިގެން އެ ޕާކަށް ކުނިއަޅާ މީހުންގެ ގެޔަށް ކުނިތައް ފޮނުވުމަށް ނިންމައިފިއެވެ.

ބެންކޮކާއި ކައިރީގައި އޮންނަ ޚައޯ ޔައި ނޭޝަނަލް ޕާކަކީ އެ ޕާކުގެ ދިރިއުޅޭ ޖަނަވާރުތަކާއި، ބޮޑެތި ޖަންގަލިތަކަށް މަޝްހޫރު ޕާކެކެވެ. ނަމަވެސް ފަތުރުވެރިންގެ އަމަލުތައް ހުންނަ ގޮތުން މި ރީތި ޕާކު ވަނީ ކުނި އަޅައި ހަޑިކޮށްލާފައެވެ. މިހާރު މިތާނގެ މަގުތަކުން ހުސް ފުޅިއާއި ދަޅާއި ކާއެއްޗެހި ހުސްކުރި ކަރުދާސް ފެންނަ ކަމަށް ދަ އިންޑިޕެންޑަންޓް އިން ރިޕޯޓްކުރެއެވެ.

ފޭސްބުކްގައި ތައިލޭންޑްގެ ނެޗުރަލް ރިސޯސަސް އެންޑް އެންވަރަމަންޓްގެ މިނިސްޓަރު ވަރަވުތް ސްލިޕާ-އާކާ މިކަމާ ގުޅޭ ގޮތުން ކުރި ޕޯސްޓުގައި ބުނީ މި ޕާކަށް އުކާ ކުނިތައް، ކުނި އުކި ފަރާތްތަކުގެ ގެއަށް ފޮނުވާނެ ކަމަށެވެ. އަދި ފުލުހުންގެ އިދާރާގައި މި މީހުންގެ ނަން ނޯޓު ކުރާނެކަމުގެ އިންޒާރުވެސް ދިނެވެ.

މިކަން ކުރުމަށް ފަސޭހަ ކުރުމަށްޓަކައި މިހާރު ޚާއޯ ޔައި ނޭޝަނަލް ޕާކަށް ދެން ވަދެވެނީ އެމީހެއްގެ އެޑްރެސް ރަޖިސްޓްރީ ކުރުމަށް ފަހުއެވެ.

"ކަލޭމެންގެ ކުނި- ކަލޭމެންނަށް އަނބުރާ ފޮނުވާނަން،"  ފޮށިތަކަށް އަޅާފައި ހުރި ކުނިތަކުގެ ފޮޓޯތަކަކާއެކު މިނިސްޓަރު ފޭސްބުކްގައި ބުންޏެވެ.

ޕާކަށް ކުނި އެޅުމަކީ ފަސް އަހަރުގެ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާތަކާ ކުރިމަތިލާންޖެހޭ ވަރުގެ ކުށެއް ކަމަށް ހަނދާންކޮށްދެމުން މިނިސްޓަރު ޕޯސްޓް ކުރި ފޮޓޯތަކުން އެކި ކަހަލަ ބާވަތްތަކުގެ ކުނި ފެނިގެންދެއެވެ. މި ފޮޓޯތަކުގައި އޮތް ނޯޓްގައި ލިޔެފައިވަނީ، "މިއީ ޚާއޯ ޔައި ނޭޝަނަލް ޕާކުގައި ހަނދާންނެތި ބަހައްޓާފައި އައި އެއްޗިހި،" މިހެންނެވެ.

ބޮޑުމިނުގައި 2000 އަކަކިލޯމީޓަރު ހުންނަ މި ޕާކު ހުޅުވާފައި ވަނީ 1962 ގައެވެ. މި ޕާކު މަޝްހޫރުވެފައި ވަނީ ރީތި ވޯޓަފޯލް ތަކާއި، ވަލު ޖަނަވާރުގެ ސަބަބުންނެވެ. އެހެންކަމުން މިތަނަށް ކުނި އެޅުމަކީ މި ޖަނަވާރުތަކަށާއި ތަނަށް ގެއްލުންވާނެ ފަދަ އަމަލެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *