Support Us

ސައިންސްވެރިން ބުނަނީ ޖުޕިޓަރ ވަރުގެ އާ ޕްލެނެޓެއް ފެނިއްޖެ ކަމަށް

ޖުޕިޓަރއާ އެއްވަރުގެ އާ ޕްލެނެޓެއް ކުޑަ ހުދު ތަރިއެއްގެ ވަށައިން ދަތުރުކުރާތަން އެސްޓްރޮނޮމަރުންގެ އިންޓަނޭޝަނަލް ޓީމަކަށް ފެނިއްޖެއެވެ. ރިޕޯޓަތައް ބުނާ ގޮތުން މި ޕްލެނެޓް ވަށައި ބުރުޖަހާ ހުދު ތަރިއަށްވުރެ މި ޕްލެނެޓް ހަތް ގުނަ ބޮޑެވެ.

ނާސާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑަބްލިއު.ޑީ 1856 ބީ ނަމަކަށް ކިޔާ މި ޕްލެނެޓް ފެނުނީ ނާސާގެ ޓްރާންސިޓިންގް އެކްސޯޕްލެނެޓް ސާރވޭ ސެޓެލައިޓްއާއި ކުރީގެ ސްޕިޓްޒަރ ސްޕޭސް ޓެލެސްކޯޕެއް ބޭނުންކޮށްގެންނެވެ. މި ޕްލެނެޓް ފެނިފައިވަނީ 80 އަލި އަހަރު ދުރުން އުތުރު ފަރާތުގައި އޮންނަ ކޮންސްޓަލޭޝަން އެއް ކަމަށްވާ ޑްރާކޯ އިންނެވެ.

ޑްބަލިއު.ޑީ 1856 ބީ އެނބުރެނީ 10 ބިލިއަން އަހަރުވެފައިވާ، ހުރަހަށް 18000 ކިލޯމީޓަރު ހުންނަ ކުޑަ ހުދު ތަރިއެއްގެ ވަށައިގެންނެވެ. މި ޕްލެނެޓަކީ ތިން ތަރީގެ ސިސްޓަމެއްގައި އެކުލެވޭ އެންމެ ދުރުގައި ހުރި މެމްބަރެވެ.

ހުދު ތަރިއެއްގެ ވަށައިން އެއްވެސް އެއްޗެއް ފެނުމަކީ ނާދިރު ކަމެކެވެ. އެއީ މިފަދަ ތަރިތައް އުފެދޭ މަރުހަލާތަކުގެ ތެރޭގައި ކައިރީގައި ހުންނަ ހުރިހާ އެއްޗެއް ގޮވާތީއެވެ. ރިސާޗް ޓީމްގެ މެމްބަރެއްގެ އިތުރުން ޔުނިވަރސިޓީ އޮފް ވިސްކޯސިން މެޑިސަންގެ އެސްޓްރޮނޮމީ ކިޔަވައިދޭ އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އެންޑްރޫ ވެންޑަބާގް ބުނީ އެ ޕްލެނެޓް އެ ތަނަށް ދިޔަގޮތަކާމެދު ބައިވަރު ސުވާލުތަކެއް އުފެދޭ ކަމަށެވެ. އަދި މިހާރު ހުރި ހިސާބަށް ދިޔައިރު، އޭތި ނުގޮވާ ސަލާމަތުން ހުރީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށެވެ.

ރިޕޯޓުގައި ވާގޮތުން މީގެ ކުރިން ސަލާމަތުން ހުރި އެއްވެސް ޕްލެނެޓެއް ހުދު ތަރިއެއްގެ ވަށައިގެން ފެނިފައެއް ނުވެއެވެ.

"އަހަރުމެންނަށް ކޮންމެވެސް ވަރަކަށް ހީވެފައި އޮތީ ބައެއް ޕްލެނެޓް ގޮވާއިރު އެތެރެއަށް ގޮވާކަން. އެކަމަކު މީ އަދި ފުރަތަމަ ޕްލެނެޓް މި މުޅި ދަތުރުގައި ވެސް ސަލާމަތުން ހުއްޓާ ފެނުނު،" ފިޒިކްސް ވޯލްޑަށް މައުލޫމާތު ދެމުން ރިޕޯޓު ލިޔުނު ދެވަނަ ލިޔުންތެރިޔާ ސިޔީޒޫ ބުންޏެވެ.

މީގެ އިތުރުން ސިޔީޒޫ ބުނި ގޮތުގައި މި ޕްލެނެޓުގައި އެއްވެސް އަލިކަމެއް ނެތެވެ. އަދި އިންފްރާރެޑް އިން ދައްކާގޮތުގައި މި ޕްލެނެޓަކީ މިހާތަނަށް ފެނުނު އެންމެ ފިނި ޕްލެނެޓްތަކުގެ ތެރޭގައި ހިމެނޭ ޕްލެނެޓެކެވެ.

ވެންޑަރބާގްގެ ޓީމުން ނެރުނު ރިޕޯޓްގައި ވާގޮތުން ހުދު ތަރިއެއްގެ ވަށައިގެން އެއްޗެއް އެނބުރޭނަމަ އޭތީގެ އަލިކަން ފަނޑުވެއެވެ. އެހެންކަމުން މި ޕްލެނެޓްގެ ސަބަބުން ހުދު ތަރިއަށް ބަދަލެއް އައިތޯ ބަލަމުން އަންނަ ކަމަށް ރިޕޯޓުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *