އަންނަ މާރިޗު މަހުގެ ތިންވަނަ ދުވަހުގެރޭ ދުނިޔެއަށް ފެންނަ ރަތްހަނދުކޭތަ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ނުފެންނާނެއެވެ. ސަބަބަކީ، އެ ކޭތަ ދުނިޔޭގެ ބައްރަށް ފެންނާން ފަށާ ގަޑިއަކީ، ޖީއެމްޓީ ގަޑިން، އެ ދުވަހުގެ ހެނދު 08:44 އާއި މެންދުރުފަހު 02:23 އާ ދެމެދު ކަމަށް ވާތީއެވެ. އެއީ، މާލޭގަޑިން އެ ދުވަހުގެ މެންދުރުފަހު 01:44 އާއި އިރު އޮއްސި 07:23 އާ ދެމެދުގެ ވަގުތަށް ކަމަށް ވާތީއެވެ.
މި ކޭތައިގެ ރަތްކޭތަ ފެންނާނީ ޕެސިފިކު އޯޝަންގެ މެދުތެރޭ ސަރަހައްދަށެވެ. ރާއްޖެއަށް އެދުވަހު ހަނދު އުދަވާނީ ހަވީރު 06:18 ކަމަށް ވާއިރު ރަތްކޭތަ އޭގެ ކުރީގައި ވީއްލައެވެ.
ނަމަވެސް، އެ ދުވަހުގެ ކޭތަ މާލެއަށް ވީއްލާނީ އެ ރޭ (ރޯދަމަހުގެ 15ވިލޭޭރޭ) މާލޭގަޑިން 07:23 ކަމަށްވިޔަސް ރާއްޖޭގެ ސަރަހައްދަށް އެ ކޭތަ ލޮލަކަށް ނުފެންނާނެއެވެ. ރާއްޖެއަށް އެ ކޭތަ ހިފައިފައި ހުންނަކަން ދެނެގަނެވޭނީ ޢިލްމީ ގޮތުންނެވެ. ލޮލަށް ފެނިގެނެއް ނޫނެވެ.
ކޭތަ ނަމާދުކުރަނީވެސް ކޭތައިގެ ސަބަބުން ހަނދަށް ބަދަލު އަންނާން ފެށުމުން ކަމަށްވާތީ، މިކޭތައިގެ ސަބަބުން ހަނދަށް އެއްވެސް ބަދަލެއް އަންނަތަނެއް ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ނުފެންނާނެތީ އެރޭ ރާއްޖޭގައި ކޭތަނަމާދު ކުރާނެ ކަމަކަށް ނުފެނެއެވެ.
އެކަމަކު މި ކޭތައިގެ ސަބަބުން ލިބޭ ހިތްހަމަޖެހުމެއް އޮވެއެެވެ. އެއީ، ރާއްޖޭން މި އަހަރު ރޯދަ ހިފާން ފެށީ ޤުދުރަތީ ނިޒާމުގައި ރޯދަމަސް ފެށޭ ރޭގައިކަން ކަށަވަރުވާތީއެވެ. އެއީ، މިކޭތަ ހިފަނީ ރާއްޖޭގައި މި ރޯދަމަސް ފެށި ދުވަހުން ފެށިގެން ރޯދަމަހުގެ 15 ވިިލޭރޭ އާ ދިމާވާ ރޭގައި ކަމަށްވާތީ، ރާއްޖޭން ރޯދަމަސް ފެށުމުގައިި ދުވަސް ކަށަވަރު ނުވުމުގެ އެއްވެސް ޝައްކެއް، ތުހުމަތެއް، މައްސަލައެއްވެސް ނެތްކަން ފަލަކީގޮތުން ކަަށަވަރުވާތީއެވެ.
ހަނދުމަހެއްގެ 15 ވިލޭރެއަކު މެނުވީ ހަނދުގައި ކޭތައެއް ނުހިފާނެއެެވެ. ބައެއް ފަހަރު ކަލަންޑަރުގައިވާ ގޮތުން 14 ވިލޭރޭ ނުވަތަ 16 ވިލޭރޭވެސް ކޭތަ ހިފާކަމަށް އޮވެއެވެ. އެކަމަކު އެހެން ފެންނަ ސަބަބަކީ، އެ މަހެއް ފެށުމުގައި ފުރަތަމަ ދުވަސް ކަށަވަރު ނުކުރެވި އޮތުމުގެ އުނިއިތުރާ ގުޅިފައިވާ ކަމެކެވެ. އިރުހުރި ފަލަކީ ޕޮޒިޝަނާ 180 ދަރަޖަޔަށް ހަނދު ގޮސް ހުންނަ ހިނދުކޮޅުގައި ނޫނީ ހަނދަކު ކޭތައެއް ނުހިފާނެއެވެ.
