Support Us

ހަނގުރާމައަށް އީރާނުން ތައްޔާރުވާގޮތް

އެމެރިކާއާއި ޒަޔަނިސްޓް އިޒްރޭލުން އީރާނަށް ހަމަލާދޭން ތައްޔާރުވަމުން ދާއިރު އީރާނުން ވެސް އޮތީ ދީފާނެ ކޮންމެ ހަމަލާއަކަށް ވެސް ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. އީރާނުން ވަނީ މިދިޔަ އަހަރު ޖޫންމަހު ކުރި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއާއި އިޒްރޭލުން ދިން ގެއްލުންތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއްކޮށްފައެވެ. މުހިންމު މިސައިލް ފެސިލިޓީތަކާއި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ވައިގެ މަރުކަޒުތައް ވަނީ މަރާމާތުކޮށްފައެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާނުލެވޭވަރަށް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ވަނީ އަޅާފައެވެ. މީގެއިތުރުން އީރާނުގެ ޤައުމީ ސަލާމަތުގެ އޮނިގަނޑު ވަރުގަދަކޮށް، ތަޖުރިބާކާރުން މަޤާމުތަކަށް އައްޔަންކޮށް، ޕާޝިއަން ގަލްފުގައި ކަނޑުގެ ހަނގުރާމަ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން އިޒްރޭލުގެ މޮސާޑުން އަޑީގައި އޮވެގެން އީރާނުގެ އެތެރޭގައި ހިންގަމުން ދިޔަ ހަމަނުޖެހުންތައް ވަނީ މައިތިރިކޮށްފައެވެ. ބަޣާވާތްތެރިންނާއި ޚިޔާނާތްތެރިންގެ ހަރަކާތްތައް ވަނީ ހުއްޓުވާފައެވެ.

ޒަޔަނިސްޓް އިޒްރޭލާއި އެމެރިކާއިން ގުޅިގެން މިދިޔަ އަހަރު އީރާނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތެރެއިން ބޮޑު ބައެއް މަރާމާތުކޮށް ނިންމާފައިވާކަމަށް ސެޓެލައިޓް އިމޭޖަރީ ތަހުލީލުތަކުން އެނގޭ ކަމުގައި ހުޅަނގުގެ މާހިރުން ވެސް ބުނެއެވެ. އިމާމް ޢަލީ މިސައިލް ބޭސްގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ދުޝްމަނުން ހަމަލާދިން ދިހަވަރަކަށް އިމާރާތުގެ ތެރެއިން ތިން ތަނެއް އަލުން ވަނީ މިހާރު މަރާމާތުކޮށްފައެވެ. އޭރު ގެއްލުން ލިބުނު ދެ އަސްކަރީ މަރުކަޒެއް ވެސް ވަނީ މަރާމާތުކޮށް ނިންމާފައެވެ.

އީރާނުގެ މެދުރާސްތާ ބެލިސްޓިކް މިސައިލްތަކާ ގުޅިފައިވާ ތަބްރީޒް އެއަރ ބޭހާއި ހަމާދާން އެއަރ ބޭސް މީގެތެރޭގައި ހިމެނެއެވެ. އީރާނުން އެންމެ ބޮޑު އިސްކަމެއް ދީގެން މި ފާއިތު ދުވަސްތަކުގައި ކުރި މަސައްކަތަކީ ދިގު ރާސްތާގެ މިސައިލްތައް ހަލުވިކަމާއެކު އުދުއްސާލެވޭ ޓެކްނޮލޮޖީ ޤާއިމުކޮށްފައިވާ އެންމެ ބޮޑު ފެސިލިޓީ ތައްޔާރީ ހާލަތަށް ގެނައުމެވެ. ޝަހުރޫދުގައި ހުންނަކަމަށް ބުނެވޭ މި ފެސިލިޓީން ހަމަލާއެއްދޭން ނަގާނީ މަދު ސިކުންތުކޮޅެއްކަމަށް ވެއެވެ. މީގެއިތުރުން ޗައިނާއާއި ރަޝިޔާގެ އެހީތެރިކަމާއެކު އީރާނުގެ ވައިގެ ދިފާޢީ ނިޒާމު ވެސް ވަނީ އައު ޓެކްނޮލޮޖީއާއެކު މިހާރު ވަރުގަދަ ކޮށްފައެވެ.

އީރާނުން ކޮންމެ އަގެއް ދައްކައިގެން ވެސް ނިއުކްލިއަރ ފެސިލިޓީތައް ސަލާމަތްކުރާނެއެވެ. ހައި ރިޒޮލިއުޝަން ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ކުރިން އެމެރިކާއިން ހަމަލާދިން ނިއުކްލިއަރ ތިން މަރުކަޒު ވެސް މިހާރު ވަނީ ވަރުގަދަ ކޮންކްރީޓް އަޅައި ހިމާޔަތްކޮށްފައެވެ. މިހާރު އެމެރިކާއިން ހަމަލާ ދިނަސް އީރާނުގެ ނިއުކްލިއަރ އެއްވެސް ފެސިލިޓީއަކަށް ކާމިޔާބު ހަމަލާތަކެއް ނުދެވޭނެކަމަށް ހުޅަނގުގެ އަސްކަރީ މާހިރުން ވެސް ބުނެއެވެ. ބައެއް މަސްދަރުތައް ބުނާގޮތުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ އެކި ބައިތައް އެކި ތަނަށް ބަހާލައިފައި ހުރުމުން އެ ޕްރޮގްރާމް ނައްތާލުމަކީ މިހާރު ނުވާނެކަމެކެވެ.

މިދިޔަ އަހަރުގެ ހަނގުރާމައިގެ ތަޖުރިބާއަށް ބަލައި އީރާނުން ވަނީ ކޮމާންޑް އެންޑް ކޮންޓްރޯލް ދެމެހެއްޓުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އީރާނުގެ ލީޑަރ ޢަލީ ޚާމަނާއީގެ ބާރު މުޅި އީރާނަށް ހިނދުންހިނދަށް ހިންގުމަށް ޓަކައި ޚާމަނާއީ އިތުބާރު ކުރައްވާ ބޭފުޅެއްކަމަށްވާ ޢަލީ ލާރިޖާނީ އިސްކުރައްވައި ހަނގުރާމައިގެ ދުވަސްވަރު ވެރިކަން ކުރުމަށް އާ އޮތޯރިޓީއެއް ވަނީ އުފައްދަވާފައެވެ. މި ކައުންސިލު ދުވަހުން ދުވަހަށް ހިންގަވާނީ މިދިޔަ އަހަރު އިޒްރޭލުން ޝަހީދުކޮށްލަން ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންނެވި ކޮމާންޑަރ ޢަލީ ޝަމްޚާނީއެވެ. މިއީ އިޒްރޭލާއި އެމެރިކާއިން ވެސް މޭ ކަރާ ނިންމުމެއްކަމަށްވެއެވެ. އީރާނުން މިފަހަރު ދޭ ހަމަލާތަކާއި ނިންމާ ނިންމުންތައް ތޯތޯ ނުވާނެކަމަށް ގަބޫލުކުރެވެއެވެ.

ޖެނީވާގައި އެމެރިކާ އާއި އީރާނުގެ ވާހަކަތައް ކުރިއަށް ދިޔައިރު މެދު އިރުމަތީގައި ތިބި އެމެރިކާގެ އައުވާނުންނަށް އީރާނުން ވަނީ އެ ޤައުމުގެ ޤާބިލުކަން ދައްކާލާފައެވެ. ޕާޝިއަން ގަލްފުގައި ކަނޑުގެ ސިފައިންގެ މި ފަރިތަކުރުންތަކުން އެމެރިކާގެ އައުވާނުން ވަނީ ވަރަށް ބޮޑަށް ބިރުގަނެ ސިހިފައެވެ. ޚާއްޞަކޮށް އެމެރިކާގެ އަސްކަރީ ބޭސްތައް ހަދުވައިގެން ތިބި ޢަރަބި ޤައުމުތަކެވެ. އީރާނުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ހުރިހާ ބޭހެއް މިފަހަރު ފުނޑާލާނެކަމަށެވެ. މި ފަރިތަކުރުންތަކުގައި އީރާނުން ހޮރުމޫޒު ކަނޑުއޮޅި ބައެއް ވަގުތުތަކަށް ބަންދުކޮށްފައިވާތީ މިއީ ވެސް އީރާނާމެދު ބިރުވެރިކަން ބޮޑުވެފައިވާ ސަބަބެކެވެ. ޕާޝިއަން ގަލްފާއި އޮމާން ގަލްފާއި ދެމެދުގައި އޮންނަ މި ކްރިޓިކަލް ޗޯކްޕޮއިންޓަކީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ ފަސްބައިކުޅަ އެއްބައި ކޮންމެ ދުވަހަކު ދަތުރުކުރާ މަގެވެ.

އީރާނުގެ އެންމެ ބޮޑު ރޭވުމަކީ ހަނގުރާމައެއް އެމެރިކާއިން ފަށައިފިނަމަ އިޒްރޭލް ފުނޑުފުނޑުކޮށްލައި، އެމެރިކާއިން މެދުއިރުމަތީގައި ހަދާފައިވާ އަސްކަރީ ބޭސްތައް ބިމާ ހަމަކުރުމެވެ. އަދި ދިގު ދެމިގެންދާގޮތަށް ކުރެވޭ ހަނގުރާމައަކުން އެމެރިކާއަށް މާލީ ބޮޑު ގެއްލުމެއް ދިނުމެވެ. މިހާރު ވެސް އެ މަގުސަދު އަންނަނީ ހާސިލުވަމުންނެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *