Support Us

އީރާނާއި އެމެރިކާގެ ހަނގުރާމަ 

އީރާނަށް އެމެރިކާއިން ހަމަލާ ދިނުމުގެ ވަގުތު އަންނަނީ ކުޑަތަންވަމުންނެވެ. އެމެރިކާ އާއި ޒަޔަނިސްޓް އިޒްރޭލާ ގުޅިގެން ދޭން އުޅޭ މި ހަމަލާ ދިނުމާ މެދު މިހާރު ސުވާލެއް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ. ސުވާލު އޮތީ ދޭނެ ވަގުތަކާ މެދުގައެވެ. އެމެރިކާއިން މި ހަމަލާ ދިނުން ދިގު ދަންމަނީ އީރާނުން ރައްދުގައި ވަރުގަދަ ހަމަލާއެއް ދޭނެ ކަމާއި އެ ހަމަލާތަކުން ވީ އެންމެ ކުޑަ ގެއްލުމެއް ލިބޭގޮތަށް ކަންތައްތައް އިންތިޒާމު ކުރެވޭތޯއެވެ.

މި ހަނގުރާމައިގެ ބެރު ޖަހަމުން ދާއިރު މުސްލިމު އުންމަތް އޮތީ ބައިބައިވެފައެވެ. އިސްލާމީ ގިނަ ޤައުމުތަކަކީ އެމެރިކާގެ އައުވާނުންނެވެ. މަދަދުގާރުންނެވެ. އީރާނާ އަދާވާތްތެރި ޤައުމުތަކެވެ. އެމެރިކާ ރުއްސުމަށް ޒަޔަނިސްޓް އިޒްރޭލަށް ސިއްރާއި ފާޅުގައި ގުޅުންތައް އުފައްދައިގެން ތިބި އެކުވެރީންނެވެ.

އިސްލާމީ ޤައުމުތަކުގެ ތެރެއިން ދުނިޔޭގައި އެމެރިކާއަށް ބޯ ނުލަނބައި އޮތް ހަމައެކަނި ޤައުމަކީ އީރާނެވެ. މިއަދު އިސްލާމް ދީނުގެ އަދުއްވުން ކުރިމަތީގައި އިސްލާމީ ޝަޚުޞިއްޔަތު ދައްކައި ދެމުން ދަނީ އެ ޤައުމެވެ. ނަމަވެސް އިސްލާމީ ބޮޑެތި ޤައުމުތަކުން ދެކެނީ އީރާނަކީ ޒަޔަނިސްޓް ޔަހޫދީ ދައުލަތަށް ވުރެވެސް 'ކާފަރުކަން ބޮޑު' ޤައުމެއްގެ ގޮތުގައެވެ. ޝިޔަޢީންގެ މެޖޯރިޓީއެއް އޮންނަ އީރާނަށް މަދަދު ދޭނެ ނުވަތަ ހެޔޮ ބަހެއް ބުނެލާނެ އިސްލާމީ ޤައުމެއް ވެސް ހަގީގަތުގައި ނެތެވެ. މެދުއިރުމަތީގައި އޮތް އިސްލާމީ ގިނަ ޤައުމުތަކުން އެދިއެދި ތިބީ އީރާނު ބަލިވެ އިނދަޖެހިގެން ދާނެ ދުވަހަކަށެވެ.

އިސްލާމީ ރޫޙާއި ޖޯޝްހުރި ކޮންމެ މީހަކު ވެސް އެދޭނީ އިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބީއެވެ. އެކަމަކު އީރާނާއި އެމެރިކާއަކީ އަސްކަރީ ގޮތުން އަޅާ ކިޔޭނެ ދެ ޤައުމެއް ނޫނެވެ. ހަތިޔާރާއި ވަސީލަތްތަކާއި ލަޝްކަރުގެ އާރާއި ބާރާއި މަދަދުގާރުންގެ ގޮތުން ވެސް އެމެރިކާއާއި ޒަޔަނިސްޓުން އޮތީ ބޮޑުތަނުން ކުރީގައެވެ. މި ހަގީގަތް އެނގިތިބެ އީރާނުން އެމެރިކާގެ ފިއްތުންތަކާއި ބިރުދެއްކުންތަކުގެ ކުރިމަތީގައި ބޯ ނުލަބައި ޖިހާދަށް ނިކުންނަން ނިންމީ އެ ބައިމީހުންގެ އީމާންތެރިކަމާއި ގަދަފަދަ ހިތްވަރެވެ. ނަޞްރަކީ މާތްﷲ ދެއްވާ އެއްޗެއްކަން އެނގިތިބެ އެ ޔަޤީންކަމުގައެވެ.

މުހައްލިލުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ އަމާޒަކީ ހަނގުރާމައިގެ ފުރަތަމަ ހަމަލާގައި އީރާނުގެ ވާގި ނައްތާލުމެވެ. އީރާނުގެ ބާރުގަދަ ދިފާޢީ ނިޒާމާއި މިސައިލް ނިޒާމު ފުނޑާލުމެވެ. އިސްވެރިންނަށް ހަމަލާދިނުމެވެ. އެއަށްފަހު ނިއުކްލިއަރ ހުރީހާ ސައިޓެއް ގޮއްވާލުމެވެ. ތެޔޮ ހޮޅިތަކާއި ތެލުގެ ސިނާޢަތު ހަލާކޮށް ވީހާ ގިނަ ބަޔަކު މަރައި ތަންތަން ސުންނާފަތިކޮށް ޤައުމު ވީރާނާކޮށްލުމެވެ. އެއަށްފަހު އެއްގަމު މަގުން އަރައި ޤައުމު ހިންގުމާ ހަވާލުވުމެވެ.

އެމެރިކާއާއި ޔަޒަނިސްޓުންގެ ނުބައި ރޭވުންތަކަކީ މިއަދު އަލަށް ރާވައިގެން އުޅޭ އާކަމެއް ނޫނެވެ. މިއަދުގެ ހާލަތަކީ އިހުނަށްވުރެ އީރާނު އެކަހެރި ކުރެވިފައި އޮތްކަމެވެ. މަދަދުދީ ވާގިވެރިވާނެ ބަޔަކު ނެތްކަމެވެ. ޒަޔަނިސްޓް އިޒުރޭލަށް އޮތް ބިރު ކުޑަކުރެވިފައި އޮތްކަމެވެ. އެ މީހުން ކޮންމެފަދަ ޖަރީމާއެއް ހިންގިޔަސް ދުނިޔެއަށް ކުރެވޭނެކަމެއް ނެތްކަމުގެ ޔަގީންކަމާއި އިތުބާރު އޮތުމެވެ.

ހައްދަވައި ގެންގުޅުއްވާ އިލާހު! އިސްލާމު ދީނުގެ ދުޝްމަނުންގެ މައްޗަށް މުސްލިމު މުޖާހިދުންނަށް ނަޞްރާއި ކާމިޔާބު މިންވަރު ކުރައްވާށިއެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް