Support Us

އެނދު ދަށުގައި އޮވެ ވަގުކަލޭގެ ގުގުރި ދަމަނިކޮށް ފުލުހުންނާ ހަވާލުކޮށްފި

އޭސީ ކޮށްފައި ހުރި ކޮޓަރިއަކަށް ވަގަކު ވަދެ، އެނދު ދަށުގައި ފިލައި އޮވެ އަރާމު ނިންޖެއްގައި ގުގުރި ދަމަނިކޮށް، ވެރި މީހާ އަށް ހޭލެވި، ވަގުކަލޭގެ ފުލުހުންނާ ހަވާލުކޮށްފިއެވެ.

އިންޑިއާގެ އަންދްރަޕްރަދޭޝްގެ އުމުރުން 21 އަހަރުގެ ވަގުކަލޭގެ ފަތިހުގެ ވަގުތުގައި ވައްކަން ކުރަން ވަނީ ޕެޓްރޯލް ސްޓޭޝަނެއް ހިންގާ ސައްޓި ވެންކަޓުގެ ގެއަށެވެ. އެގެއަށް ވަނީ ވެންކަޓު ބޭރުގައި އުޅޭ ވަގުތާއި ގޭގައި ފައިސާ ބަހައްޓާ ތަނާއި، ކޮޓަރިއާ ބެހޭ ގޮތުން ވަރަށް ބޮޑަށް މައުލޫމާތު ހޯދައި، ދިރާސާކުރުމަށްފަހުއެވެ. ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ ފަތިހު 4 ޖެހިއިރު ވަގުކަލޭގެ އެ ކޮޓަރިއަށް ވަތްއިރުވެސް ވެންކަޓު އޮތީ ނިދައިފައެވެ. އަދި އޭރުވެސް އެނދުގެ ސައިޑް ޓޭބަލްމަތީގައި ފައިސާތަކެއް ހުއްޓެވެ.

ނަމަވެސް ވެފައިވާ ވަރުބައްޔެއްގެ ސަބަބުންނާއި އޭ.ސީން ލިބުނު ފިނިކަމެއްގެ ސަބަބުން ވަގުކަލޭގެ ވަރުބަލި ފިލުވާލުމަށްޓަކައި އެނދު ދަށަށް ވަދެ އޮށޯވެލުމާއެކު ނިދުނީއެވެ. ވެންކަޓަށް ހޭލެވުނީ ވަގުކަލޭގެ ގުގުރިދަމާ އަޑަށެވެ. އަދި ވަގުކަލޭގެ ފެނުމާއެކު ވެންކަޓު އަވަހަށް ކޮޓަރިން ނިކުމެ، ބޭރުން ތަޅުލައިފައި ފުލުހުންނަށް ގުޅީއެވެ.

ފުލުހުން އައި އަޑާއެކު ވަގުކަލޭގެއަށް ހޭލެވުމުން އެތެރެއިން ކޮޓަރި ތަޅުލި ނަމަވެސް، އިރުކޮޅެއް ފަހުން ދޮރު ހުޅުވައި، ބޭރަށް ނުކުމެ، ވައްކަން ކުރަން ވަން ކަމަށް އިއުތިރާފުވިއެވެ.

"އޭނާ ހުރީ ވަރަށް ވަރުބަލިވެފައި ކަމަށް ބުނީ. އަދި އޭސީ ކޮށްފައި ހުރީމަ އޮށޯވެލާހިތްވީ ކަމަށްވެސް ބުނި،" ޕޮލިސް ކޮންސްޓަބަލް އަރްޖުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި ވަގުކަލޭގެ އަކީ ފޮނި ކާތަކެތި ވިއްކާ ފިހާރައެއްގެ ވެރިއެކެވެ. ނަމަވެސް އާމްދަނީއެއް ނުލިބި، ދަރަނިތައް ގިނަވާން ފެށުމުން އެކަމުން ސަލާމަތްވުމަށް ވައްކަން ކުރުމަށް ނިންމީ ކަމަށްވެސް ބުންޏެވެ.

މި މައްސަލައިގަައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *