ރޯދަމަހާއި ޢީދަށް ރާއްޖޭގައި ހަނދުލެއްވުމާއި ނުލެއްވުމުގެ މައްޗަށް އިސްލާމީ ވުޒާރާއިން އެކަށައަޅާފައި އޮންނަ އެންމެ ފަހުގެ އުޞޫލުގައި އޮންނަ ގޮތުން އަންނަ ރޯދަމަހުގެ މުލަރޯދަ ދުވަހަށްވާނީ މި ފެބްރުއަރީ މަހުގެ 18ވަނަ ދުވަހެވެ.
ފަލަކީ ހިސާބުން ދައްކާ ގޮތުން ރާއްޖޭގެ އެންމެ ދެކުނުގެ ރަށްރަށަށް މި ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު އިރު އޮސްފުހުމުގެ ފަހުން މިނިޓަކަށް ވުރެން މަދު ހިނދުކޮޅެއްގައި އުދަރެހުގައި ހަނދު ހުންނާނޭކަން އެނގޭން އޮވެއެވެ. ހަނދުލެއްވުމާއި ނުލެއްވުމުމާބެހޭ (ބުނެވިދިޔަ) އުޞޫލުގެ ފަސްވަނަ މައްދާގައި އޮންނަ ގޮތުން ޝަޢުބާން މަހުގެ 29ވަނަ ދުވަހު އިރު އޮސްފުހުމުގެ ފަހުން އެ ގައުމަކަށް ހަނދު ފެންމަތިވާނޭ ކަމަށް ފަލަކީ ހިސާބުން ދައްކާ އިސްލާމީ ގައުމަކަށް އެރޭ ހަނދު ފެނިގެން އެ ގައުމަކުން ހަނދުލައްވައި އެކަން ރާއްޖެއަށް އަންގައިފިނަމަ ޖެހިގެން އަންނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ރާއްޖޭންވެސް ކަނޑައަޅާނޭ ކަމަށް އެ އުޞޫލުގައި ކަނޑަޅާފައި އޮވެއެވެ.
ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު މާލެއާއި ރާއްޖޭގެ އުތުރުގެ ރަށްރަށަށް އިރަށް ވުރެ ކުރިން ހަނދު އޮއްސޭނޭކަން ފަލަކީ ހިސާބުން އެނގޭން އޮންނަ ނަމަވެސް އައްޑޫ އަތޮޅުގެ ދެކުނު ބިތުގައި ހުރި ހުރިހައި ރަށަކަށްވެސް އެދުވަހު އިރު އޮސްފުހުމުގެ ފަހުން މިނިޓުކޮޅަކަށް ވުރެން މަދު ހިނދުކޮޅަކަށް ހަނދު ފެންމަތީގައި ހުންނާނޭކަން ފަލަކީ ހިސާބަށް ކަށަވަރުވެ އެނގޭން އޮވެއެވެ. އެކަމަކު އެދުވަހު އިރުއޮސްފުހުމުގެ ފަހުން ހަނދު އުދަރެހުގައި ހުންނާނޭ ނަމަވެސް އިރު އޮސްފުހުމުގެ ފަހުން ހަނދުގެ ހުޅެވި ސަތަހައިގެ މަތީގައެއް ނުހުންނާނޭކަންވެސް އެނގޭން އޮވެއެވެ.
ފެބްރުއަރީ 17 ވަނަ ދުވަހު އިރު އޮސްފުހުމުގެ ފަހުން އިސްލާމީ ގައުމުތަކަށް ހަނދު ފެންމަތިވޭތޯ ބަލާއިރު ސަޢޫދީ ޢަރަބިއްޔާގެ ޖުއްދާއަށާއި މިޞްރުގެ ޤާހިރާއަށާއި މަޣްރިބުގެ ކަސަބުލަންކާއަށާއި ސެނަގޯލުގެ ޑާކާރަށް، ހަނދު ފެންމަތިވާނޭކަން ފަލަކީ ގޮތުން ކަށަވަރުވެ އެނގޭން އޮވެއެވެ. އެއިން ގައުމަކުން ހަނދުލައްވައި ރާއްޖެއަށް އެކަން އަންގައިފިނަމަ ރާއްޖެއަށް އެރޭ ހަނދުލަައްވާނެކަން ހަނދުލެއްވުމާބެހޭ އުޞޫލުގެ ފަސްވަނަ މާއްދާގައި އޮވެއެވެ.
ހަނދުބެލުމަކީ އިސްލާމުންގެ އާދަކާދައިގެ ކަމެއްކަމަށް ވާތީ، އަހަރީ ކަަލަންޑަރު ތަކުގައި ހިޖުރީ މައްސަރުތައް ފެށޭ ދުވަސްތައް ކަނޑައަޅާފައި އޮންނަ ނަމަވެސް، ރޯދަ އާއި ޢީދަށް ހަނދު ފެނޭތޯ ބެލުމާއި ހަނދާބެހޭ ޚަބަރު ހޯދައި ކަށަވަރު ކުރުމަކީ، ދޫކޮށްނުލައި މުސްލިމުން ހިފަހައްޓަމުން އަންނަ ކަމެކެވެ. އިސްލާމީ އާދައެކެވެ. ދީނީ ނަޒަރަކުން ބަލާނަމަ އެއީ، ސުންނަތުގެ ގިންތީގައި ބެލެވިދާނޭ އާދައެއްވެސް މެއެވެ.
ހަނދުބެލުމާބެހޭ ގޮތުން ވާހަކަ ދައްކައި އަދި ލިޔާއިރު ދުނިޔޭގެ އެކިއެކި ތަންތަނަށް ހަނދު ފެނުމާއި ނުފެނުމާއި ހަނދު ލެއްވުމާއި ނުލެއްވުމުގެ ސަބަބު މެދުވެރިވާ ގޮތާއި އެކަމުގައި ހުންނަ ތަފާތުތައް އުފެދޭ ސަބަބުތަކުގެ މައްޗަށް އައްޔެއް އަޅުވައިލުމަކީ، މުހިއްމު ކަމެއްކަމަށް ފެންނާތީ އެކަންކަން އެހެން ހިނގުމަށް މެދުވެރިވާ ސަބަބުތައް މޭރުންވާނޭ މިންވަރަށް ލިޔެލާނަމެވެ.
ދުނިޔެ އޭގެ އަމިއްލަ ޒާތުގެ ވަށައިގެން އެނބުރޭ އެނބުރުމާއި، އިރާއި ހަނދާ (ތަރިތައްވެސް) އުދަވެ އޮސްފުހުމުގައި އެކިދުވަސް ދުވަހަށް ހުންނަ ތަފާތުތަކާއި، އެތަކެތި ދުނިޔެއަށް ފެންނަން ހުންނަ އޭންގަލްތަކާއި ދުރުމިނާއި އަދި އެބަޔަކު ތިބޭ ތަނަކަށް، އިރު ހުޅަނގާއި، އުތުރު ދެކުނުގެ ގޮތުން އެތަކެތި ހުންނަ ޕޮޒިޝަނަށް އެކި ދުވަސް ދުވަހަށް އަންނަ ތަފާތުގެ ސަބަބުން އެތަކެތި އުދަވެ އޮސްފުހުމުގައި އެކިއެކި ތަންތަނަށް ވަގުތުގެ ގޮތުން އަންނަ ތަފާތުތަކަކީ، އެކިއެކި ގައުމުތަކަށް އެތަކެތި އުދަވެ އޮސްފުހުމުގައި ތަފާތުވާ ސަބަބުތަކެވެ.
ހަނދު އޭގެ ފަލަކުގައި އިރުމަތީ ފަތާތަށް ފަތުރުކުރަމުންދާ އިސްޕީޑަށާއި ދުނިޔެ އަމިއްލަ ޒާތުގައި އިރުމަތީ ފަރާތަށް އެނބުރޭ އެނބުރޭ އިސްޕީޑުގެ ނިސްބަތުން ހަނދު އޮސްފުހުމަށްޓަކައި ހުޅަނގަށް ޖެހެމުންދާކަމަށް ބަލާ މިންގަނޑުން ބަލާއިރު، މި ފެބްރުއަރީ މަހުގެ 16ވަނަ ދުވަހާއި 17ވަނަ ދުވަހާ ދެމެދުގައި އެއްދުވަހަށް ވުރެން އަނެއް ދުވަހު ހަނދު ފަސްވާ މިންވަރު ވަގުތުގެ ތަރާދުން ވަޒަންކުރާއިރު 47 މިނިޓުގެ ތަފާތެއް އެ ދެ ދުވަހުގެ ތެރޭގައި ހުރުމުގެ ސަބަބުން 17ވަނަ ދުވަހު އިރުމަތީ ގައުމުތަކަށް ހަނދު ފެންމަތިނުވެ ހުޅަނގު ގައުމު ތަކަށް ހަނދު ފެންމަތިވަނީއެވެ.
ރޯދަމަށް ފަލަކީ ގޮތުން ހަނދުވަންނާނީ ފެބްރުއަރީ 17 ވަނަ ދުވަހު މާލޭގަޑިން ހަވީރު 05:01 ގައި ކަމަށްވާތީ، 106 ދަރަޖަ އިރުމަތީ ޠޫލެއް ހިއްސާކުރާ އިންޑޮނޭޝިއާގެ ޖަކާޓާއަށް އެ ދުވަހު އިރު އޮސްފުހޭ ވަގުތަށްވުރެން ތިން މިނުޓުގެ ކުރިން ހަނދު އެތަނަށް އޮސްފުހޭނަމަވެސް، ހުޅަނގު ޠޫލެއް ކަމަށްވާ "މައިނަސް" 17 ދަރަޖަ ހިއްސާ ކުރާ ސެނަގޯލަށް އެދުވަހު އިރު އޮސްފުހުމުގެ ފަހުން 12 މިނިޓަށް ހަނދު ފެންމަތިވާނެއެވެ.
ހަމަ އެ ނަޒަރުން ބަލާއިރު އިންޑޮނޭޝިޔާއަށް ވުރެން 33 ދަރަޖަ ހުޅަނގު ޠޫލެއް ކަމަށްވާ 73 ދަރަޖަ ހިއްސާކުރާ ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެެއިން އައްޑޫ އަތޮޅުގެ ދެކެނުބިތުގެ ރަށްރަކަށްވެސް ހަނދު ފެންމަތިވާނެއެވެ.
ހަނދުލެއްވުމުގައި އިސްލާމީ އުއްމުތުގައި އެއްބަސްވެ އެންމެން އެއްގޮތަށް އަމަލުކުރާ އުޞޫލެއް ނެތަތީ، ދިވެހިރާއްޖެ އާއި ޢަރަބި ގައުމުތަކަށް ރޯދަމަސް ފެށޭ ދުވަހަކީ 18 ފެބްރުއަރީ ކަމަށް ވެގެން ދިޔަޔަސް، އިންޑޮނޭޝިއާ އާއި ބަންގްލާދޭޝް އާއި ސްރީލަންކާ އާއި އިންޑިއާ ފަދަ އުތުރު ގައުމުތަކަށް ރޯދަމަސް ފެށޭ ދުވަހަކަށްވާނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހެވެ.
