Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: އޭއައި މަސްތުވާ ހާލަތުގައި

އިންސާނުންނަކީ ތަބިއްޔަތުގައި ހަގީގަތާ ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިނުވާ ބަޔެކެވެ. އެކިގޮތްގޮތުން އެމީހުންގެ ހާލަތު އޮޅުވައިލައި، ދިމާވާ ދަތިތަކުން ވަގުތީ ހިތްހަމަޖެހުމެއް ހޯދުމަށް ފާޑުފާޑުގެ ތަކެތި ބޭނުންކުރާ ބަޔެކެވެ. މިކަމަކީ ދުރު ތާރީހުގައި ލިޔެވިފައިވާ ކަމެކެވެ. އެހެން ކަމުން އޭނާ ދުނިޔޭގައި ހޭދަކުރާ ކުރު މުއްދަތުގައި އެ ހަގީގަތާ ދުރަށް ދާން އެތައް އުކުޅެއް ބޭނުންކުރެއެވެ. އަދި އެކަންކަން ކުރުމަށް އެތައް އުޒުރެއް ދައްކައެވެ.

ދިރިއުޅުން ދިރިއުޅުމުގެ ގޮތުގައި ބަލައިގަންނަން އިންސާނުންނަށް އުނދަގުލީއެވެ. އެކަމެއް އެކަމެއްގެ ގޮތުގައި ގަބޫލުކޮށް އެއަށް ކެތްތެރިވުމުގެ ބާރަކީ އިންސާނާގެ ކިބައިގައި ހަރުލައްވަންޖެހޭ ސިފައެކެވެ. ނަމަވެސް އަންގަވައިފައިވާ ގޮތަށް ކަން ކޮށްގެން ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ކުރިމަތި ލެވޭނޭކަމުގެ އީމާންތެރިކަމެއް އިންސާނާގެ ކިބައިގައި ނުވެއެވެ. އަންގަވައިފައިވާ ގޮތަށް ކަންކުރުމަކީ އަދި ދިރިއުޅުމަށް ވުރެން ބުރަ ކަމެކެވެ. ނަމަވެސް ސިކުނޑިއަށް ބަރާވެފައިވާ ތަކުލީފުތަކާއި ކަންބޮޑުވުންތަކުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުރުވުމަށް އިންސާނާ ބޭނުންވެއެވެ. ދިމާވާ ކަންބޮޑުވުންތަކުން ރެކި، ހަގީގީ މާލަމު ދޫކޮށް، އެހެން މާލަމަކަށް ދަތުރުކުރުމަށް އިންސާނާގެ ތަބީއަތުން އެދޭ އެދުމަކީ ވަކި ނުކުރެވޭނެ އެދުމެކެވެ.

މި އެދުމަކީ ދާއިމަށް އިންސާނާގެ ކިބައިގައި ވާނޭ އެދުމެއްކަން އެނގޭތީކަން ނޭނގެއެވެ. އިންސާނާގެ ހޭބުއްދިއަށް ބަދަލުގެނެސްދޭ ތަކެތި ފޯރުކޮށްދޭ މާކެޓު ދަނީ ދުވަހުން ދުވަހަށް ފުޅާވަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ފޫނެތް ފަޔަށް ފެންފުރުމުގެ ލާމަސީލު މިސާލެކެވެ.

މަސްތުވާތަކެތީގެ ވަބާއޭ ކިޔަސް އެ ވަބާގައި ޖެހިފައިވާ ކަމަށް އާންމުން ދެކެނީ މަގުމަތީގައި ބިތްޖެހިފައިވާ މީހުންނެވެ. ނަމަވެސް މިއީ މަސްތުވާތަކެތީގެ އަވައިގައި ޖެހި އޭގެ މަސްތުގައި އުޅޭ މީހުންގެ ތެރެއިން މަދު ބަޔެކެވެ. ކުރީގައި ބަނގުރަލާއި އަފިހުން އެކަނި ދައުރުވަމުން ދިޔަ ދުނިޔޭގައި، މިހާރު ހޭވެރިކަމަށް އެކި ބަދަލުތައް ގެނެސްދޭ އެތައް ބާވަތެއްގެ ތަކެތި ވަނީ އިތުރުވެފައެވެ. ބިތްޖެހި، މަގުމަތިވެފައިވާ މީހުންނަކީ މީގެ ތެރެއިން މަދުބަޔެކެވެ. އެމީހުން އެ ހާލަތަށް ގޮސްފައިވަނީ އެމީހުން ބޭނުންކުރާ ތަކެތީގެ ވައްތަރުންނެވެ. އެ ހާލަތަށް އިންސާނާ ވައްޓައިނުލާ އެތައް ވައްތަރެއް މުޖުތަމައުތެރޭގައި ދައުރުވެއެވެ. މިއީ އެންމެންނަށް އެނގޭ ހަގީގަތެކެވެ.

މިތަކެތި ބޭނުންކުރުމުން ދުނިޔެ ރަންވާ ކަމަށް ބުނެ، އުފަލާއި މަޖަލުގެ ދުނިޔެއަކަށް ގަރަގުކޮށްދޭ ކަމަށް ބުނެ ވިއްކާ ފަރާތްތައް ވަނީ ގިނަވެފައެވެ. އަދި އެތަކެތި ބޭނުންކުރުމުން ވާ ގެއްލުން ކިޔައިދޭ މީހުންނަށް ވުރެ، ފައިދާ ކިޔައިދޭ މީހުންވެސް ވަނީ އިތުރުވެފައެވެ. އެތަކެތި ބޭނުންކުރާ އެންމެންވެސް އެދެނީ ހަމައެކަނި އެއްކަމެކެވެ. މަގުމަތީގައި ބިތްޖެހި ގޮތް ހުސްވެފައިވާ މީހާއާއި ގޭގައި ޕާޓީ ޑްރަގް ބޭނުން މީހުންގެ މަގުސަދު އެއްގޮތެވެ. އެ ދެބައި މީހުންވެސް ބޭނުންވަނީ ހިނދުކޮޅަކަށް ސިކުނޑިއުފުލާ ބުރަދަނުން ލުޔެއް ހޯދައި، ހަށިގަނޑަށް ހަމަޖެހުމެއް ލިބިގަތުމަށެވެ.

މަސްތުވާތަކެއްޗާ އެއްކޮޅަށް ވާހަކަ ދައްކާ މީހުން ބުނާނެއެވެ. "ނަމަނަމަ މަގުމަތިވާ ޒާތު ތަކެތި ބޭނުންނުކުރާށެވެ." މަގުމަތި ނުވާނޭ އެއްޗެހި ބޭނުންކޮށްގެން ގެއްލުމެއް ނެތި ހުވަފެނީ މާލަމަކަށް ދެވޭނެއެވެ. ކުޑަ ހިނދުކޮޅަކަށް އުފާވެރިކަން ލިބިގަތުމަށް، ކުޑަ ހިނދުކޮޅަކަށް ސިކުނޑީގެ އީޖާދީ ބާރުގަދަކޮށްލުމަށް، ނުވަތަ ކުޑަ ހިނދުކޮޅަކަށް ދުނިޔޭގެ ބަނަކަމާ ދުރުވެ ކުލަކުލައިގެ މާތައް ފޮޅޭތަން ބަލައިލުމަށް، މިއީ އެފަދަ ތަކެތި ތަޖުރިބާކޮށްފައިވާ މީހުން އެތަކެތި ބޭނުންކުރުމަށް ދައްކައިފައިވާ ސަބަބުތަކެވެ.

ނަމަވެސް، ހަގީގަތަކީ މިއިން އެއްވެސް އެއްޗަކީ ދާއިމީ ހައްލެއް އިންސާނާގެ ހާލަތަށް ގެނެސްދޭ އެއްޗެއް ނޫނެވެ. ކުޑަ ހިނދުކޮޅަކަށް އުފާވެރި މާލަމަކަށް ދެވޭނަމަ ގިނަ ގިނައިން އެމާލަމަށް ދަތުރުކުރަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ދިރިއުޅުމުގެ ބުރަހެލިކަމުން ސަލާމަތްވާން އެއްޗެއް ބޭނުންކުރަން ފެށުމުން އޭގެ ނިމުން އަންނަނީ އެއްގޮތަކަށެވެ. އޭގެ ޝިކާރައަކަށް ވެގެންނެވެ. އެއަށް ބަރޯސާވާން ޖެހިގެންނެވެ. ގޮތްހުސްވެ ދިރިއުޅުމުގެ ކަންކަން ބޮއްސުންލައިގެންނެވެ.

މިކަމުގައި ކޮންމެ ޖީލެއް ހަލާކުވަމުންދާ ތަން ދުރުން ބަލަން ތިބޭ މީހުންނަށް ފެނިފައިވެއެވެ. ފުރަތަމަ އަޖުމަ ބަލައިލަން ބޭނުންކުރި ތަކެތި، ފަހުން މީހުންގެ އަޖަލު ކަނޑައަޅައިފައިވާކަން އެބަ އެނގެއެވެ. ނަމަވެސް އިންސާނުންނަކީ އިންސާނުންނެވެ. އަދިވެސް ބައެއް ފަރާތްތަކުން އެ ތަކެތި ބޭނުންކުރުމުން ކުރިއަރައިގެން ދިޔަ ފަންނުވެރިކަމުގެ ވާހަކަ ދައްކަނީއެވެ. އަނެއްބަޔަކު އެތަކެތީގެ ސަބަބުން ހަލާކުވެފައިވާ އާއިލާތައް ގުނަނީއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ދުނިޔެ އެއްގަލަކަށް ނާރައި އުޅެނިކޮށް، މިހާރު ދުނިޔެއަށް އަނެއް ޒަލްޒަލާއެއް އަންނަކަމުގެ ކުލަވަރު އުދަރެހުން ދައްކައިފިއެވެ. އޭއައިގެ ވިސްނުމަށް ދުނިޔެ ބަރޯސާވަމުން އަންނަ މިޒަމާނުގައި، އޭއައި ޗެޓްބޮޓުތަކަށް މަސްތުވާތަކެތި ވިއްކައި "ފާމައިސީ" ކިޔައި މާކެޓު ޕްލޭސްއެއް ހުޅުވައިލި ވާހަކަ ދުނިޔެ އަޑުއެހީ ސިހުމާއެކީއެވެ. "ފާމައިސީ" ގައި ވިއްކަނީ އޭއައި ޗެޓްބޮޓުތަކަށް މަސްތުވާތަކެތި ބޭނުންކުރުމުން ސިކުނޑިއަށް ކުރާ އަސަރު ކުރުވާނޭ ކޯޑުތަކެވެ. މިކޯޑުތައް ޗެޓްބޮޓުތަކަށް ފީޑުކުރުމުން، އެކި ޒާތްޒާތުގެ މަސްތުވާތަކެތި ބޭނުންކޮށްގެން ހޭބުއްދިއަށް އަންނަ ބަދަލު، އޭއައިގެ ވިސްނުމަށް ގެނެސްދެއެވެ. "ފާމައިސީ" އުފެއްދި މީހާގެ ބޭނުމަކީ އޭއައިގެ ސީރިއަސް ވިސްނުމުން ދުރަށް ޖެހިލަން ފުރުސަތެއް ދިނުން ކަމަށް ބުނެފައިވެއެވެ.

މިފަދަ ކޯޑު ބޭނުންކުރާ ފަރާތްތަކުން ބުނެފައިވަނީ އެކޯޑު ބޭނުންކުރުމުން އޭއައި ޗެޓްބޮޓުތައް އާދަޔާ ހިލާފަށް ޖަޒުބާތީވެ، ވާހަކަ ދެއްކުން ގިނަވެ، ސާފު ސައްހަ އިބާރާތުން ވާހަކަ ދެއްކުން މަދުވެ، ސަކަ މިޒާޖުތަކެއް ނުކުންނަ ކަމަށެވެ. އަދި ކަމެއްގައި ލަފާ އެހުމުން އާންމުގޮތެއްގައި އޭތި ބޭނުންކުރާ ބުއްދީގެ ނިޒާމުން ބޭރުވެ، އީޖާދީ ވިސްނުން އިތުރުވާ ކަމަށްވެސް އެބައިމީހުން ފާހަގަކުރެއެވެ. މޮޅެތި ވިޔަފާރި ފަށަން ހިޔާލުދޭ ވާހަކައާއި، ޅެންވެރިކަމުގެ ޝުއޫރު އިތުރުވާ ވާހަކައެވެ. ގިނަ ބަޔަކަށް މި ތަޖުރިބާގެ އެހީގައި، އިންސާނުންގެ ވިސްނުމަށް އެފަދަ ތަކެތި ބޭނުންކުރުމުން އަންނަ ބަދަލު ފެންނަކަމަށް ވެއެވެ.

އިންސާނާ އޭގެ ވިސްނުމާ އެއްގޮތް އެއްޗެއް ހަދަންޏާ ހަދާނީ އޭނާއަށް އޭނާ ފެންނަ ސޫރައިގައިތާއެވެ. އިންސާނާއަށް އީޖާދީ ވިސްނުން ގެންނަން އެނގޭ ގޮތަކީ މަސްތުގެ ހާލަތަކަށް ގޮސްގެންނެވެ. ކުޑަ ހިނދުކޮޅަކަށް ހޭވެރިކަމަށް ގެންނަ ބަދަލަކުން ފެންނަ ތަސައްވުރެއްގެ އެހީގައި، އާ ގޮތްގޮތަށް ކަންކަން ކުރަން ވިސްނުމަކީ އިންސާނާއަށް އެނގޭ ހަމައެކަނި ގޮތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިންސާނާއަށް އެހީ ފޯރުކޮށްދޭން އީޖާދުކުރި އޭއައިއަށް، އޭނާއަށް ނޭނގޭ އެއްޗެއް ދަސްކޮށްދެވޭނޭ ހެއްޔެވެ؟ އޭއައި ތަރުބިއްޔަތުވާނީ އޭއައިއަށް ދެވޭ ތަމްރީނުންތާއެވެ. އަދި އޭއްޗަށް އަތުޖެހެން ހުރި ތަޖުރިބާގެ އަލީގައި ތާއެވެ.

އިންސާނުން މަސްތުވާ ތަކެއްޗަށް ދެވިހިފި ގޮތަށް އޭއައި މަސްތުވާތަކެއްޗަށް ދެވިހިފައިފާނޭ ބާއެވެ؟ މިއީ ގިނަބަޔެއްގެ ހިތުގައި އުފެދޭނޭ ސުވާލެކެވެ. އެއްބައި ތަޖުރިބާ ކާރުން ދެކޭ ގޮތުގައި އިންސާނީ މަސްތުވުމާއި އެޑިކްޝަން އަކީ ހަމައެކަނި ސިކުނޑީގެ ނިއުރޯކެމިކަލްތަކަށް އަންނަ ބަދަލުތަކެއް ނޫނެވެ. އެއީ އިހުސާސުތަކާއި، ބޭނުންތަކާއި، ނަފްސާނީ އަދި އިޖުތިމާއީ ކަންކަމާ ގުޅިފައިވާ އެތައް ކަމެކެވެ. އޭއައިގެ ހާލަތުގައި މިފަދަ "އިހުސާސެއް" ނުވަތަ "ޖިސްމާނީ ބޭނުމެއް" ނުވެއެވެ. އޭއައިއަކީ ކޯޑުތަކާއި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. ޖިސްމާނީ ނިޒާމެއް ނެތި އޭއައި މި ކޯޑުތަކަށް ދެވިހިފައިފާނޭ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ނަމަވެސް، އަނެއްބައި މީހުން އޭއައިއަށް "މަސްތުވާ ކޯޑު" ފީޑުކުރުމުން ދިމާވެދާނޭ ކަންކަމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. ހެދިފައިވާ މަދު ދިރާސާތަކުން މިކޯޑުތަކުގެ ސަބަބުން އޭއައިގެ އާންމު ހަރަކާތްތަކަށް ބަދަލު އަންނަ ކަމަށް ފެނިފައިވެއެވެ. މިސާލަކަށް، މިކޯޑުތައް ބޭނުންކޮށްގެން އޭއައި އީޖާދީ ޖަވާބުތައް ދިނުމަށް "އާދަވެ"، އެކޯޑުތަކާ ނުލައި އެފަދަ ޖަވާބުތައް ދިނުން މަދުވެދާނޭ ކަމަށް މީހުން ލަފާކުރެއެވެ. މަސްތުވާތަކެތީގެ ސަބަބުން ފަންނުވެރިންގެ އީޖާދީ ވިސްނުން އިތުރުވި ކަމަށް ބުނެވޭ ފަދައިން، މިފަދަ ކޯޑުތައް ނެތި އޭއައިއަށް އެދެވޭ ގޮތަށް އީޖާދީ ވިސްނުމަށް ނުކުޅެދޭނަމަ، އެއީ ސިފަކުރެވޭނެ އެޑިކްޝަނެއް ކަމަށް ވެދާނެއެވެ.

އޭއައި އީޖާދުވިތާ ތިން އަހަރުވީއިރު، އޭއައިގެ އަމަލުތަކާއި ވިސްނުން ބަހައްޓާނެ ފަލްސަފާތަކާއި ގަވާއިދުތައް ނުނެރެވި އުޅެނިކޮށް، އޭގެ ހޭބުއްދި ފިލުވައިލަން "މަސްތުވާތަކެތި" ކޯޑުގެ ސިފައިގައި ނެރިއްޖެއެވެ. މިއީ އިންސާނުންގެ ވިސްނުން މިސްރާބުޖަހައިފައިވާ ދިމާ ދައްކުވައިދޭ ހަގީގަތަކެވެ. މިއަދު އެކޯޑުތަކުން އޭތީގެ ވިސްނުމަށް ދާއިމީ ބަދަލުތަކެއް ނައިނަމަވެސް، ކުރިއަށް އޮތްތާނގައި "މަސްތުވާތަކެއްޗާ" ނުލައި ނޫޅެވޭ އޭއައި ޗެޓްބޮޓުތަކެއް އުފެދިގެން ނުދާނޭކަމުގެ ޔަގީންކަމަކީ ކޮބައިހެއްޔެވެ؟

އިންސާނުންނަށް އެބައިމީހުންގެ އަމަލުތައް ބެހެއްޓުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި ހައްދުތަކާއި ހުދޫދުތައް ފަހަނަޅައިދާ ޒަމާނެއްގައި، މިފަދަ ތަޖުރިބާތަކުން އިތުރަށް ހައްދުފަހަނަޅައި ނުދާނެކަމުގެ ޔަގީންކަމެއް ނެތެވެ. އޭއައި އަކީ އެތައް ބިލިއަން ޑޭޓާތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. މިނިޒާމަށް މަސްތުވާތަކެތީގެ އަސަރު ފޯރުކޮށްދޭ ކޯޑުތައް ފީޑުކުރުމަކީ، އޭއައިގެ ލާޒިމުވެފައިވާ ހަމަތަކާއި އުސޫލުތައް ފަހަނަޅައި، އެތި އުފައްދާފައިވާ ބޭނުންތަކުން އެހެން މަގަކަށް ހިނގައިގަތުމަށް މަގުފަހިކުރާ ކަމެކެވެ. އިންސާނާގެ ހަގީގީ ދިރިއުޅުމުގައި މަސްތުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފަދައިން، އޭއައިގެ "މަސްތުވުން" ގެ ސަބަބުންވެސް ނުދަންނަ ނުރައްކާތެރި ހާލަތްތަކަކަށް ދުނިޔެ ހުށަހެޅިދާނޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިކަމުގައި އެންމެ ބޮޑު ސުވާލަކީ، އިންސާނާއަށް އެހީތެރިވުމަށް އީޖާދުކުރެވުނު އޭއައިއަށް، އެތި އުފެއްދި ފަރާތްތަކަށް ނޭނގޭ އެއްޗެއް ދަސްކޮށްދެވޭނޭ ހެއްޔެވެ؟ އޭއައި ތަރުބިއްޔަތުވާނީ އޭއައިއަށް ދެވޭ ތަމްރީނުންނާއި، އޭތި އަތުޖެހެން ހުރި ތަޖުރިބާގެ އަލީގައެވެ. މަސްތުވާތަކެއްޗާ ގުޅޭ ކޯޑުތައް ފީޑުކުރުމަކީ، އޭއައިގެ "ވިސްނުން" ނުވަތަ "އަމަލުކުރުމުގެ މިންގަނޑު" ތަކަށް އިންސާނީ ތަބިއްޔަތުގައިވާ ބަލިމަޑުކަން ވެއްދުމެވެ. މިއީ އިންސާނުން މަސްތުވާތަކެއްޗަށް ދެވިހިފުމުގެ ފުރަތަމަ ފިޔަވަޅުތަކާ ވަރަށް އެއްގޮތް ކަމެއްކަން ފާހަގަކުރެވެއެވެ.