Support Us

ވާހަކަ: ޔުކްތާ – 5

"އާދަނު ދެންމިރޭ ނަޔަސް އެންމެރަނގަޅު. މިރޭ އަހަރެންނަށް ބޭރަށް ދެވޭނެހެނެއް ހިޔެއްނުވޭ. ދާންވެއްޖެއްޔާ އަންގާލާނަން." ކާރުންފައިބަމުން އެގޭ ކާރު ދުއްވާ މީހާ ވާހަކަދެއްކިއެވެ.

ޔުކްތާގެ ނަޒަރު ގޮސް ހުއްޓުނީ މާއަޅާ ރީތިގަސްތަކަކުން ފުރިފައިވާ ގޯތިތެރެއަށެވެ. ގޯތިތެރެ ކިތަންމެ ކުޑަނަމަވެސް ރީތިގަސްތަކުގެ ތަރުތީބު، ޒިންމާދާރު މުރާލި މީހެއްގެ ރޭވުންތެރިކަން ހާމަކޮށްދެއެވެ. ރީތި ފެހިކުލަ ލާފައިވާ ބޮޑު ސިޓިންރޫމުގައި ވަނީ ޒަމާނުގެ ފަރުނީޗަރު ތަކާއި އަގުބޮޑު ޓީވީރެކެވެ. ޒަމާނީ ރީތި ސާމާނުތަކުގެ ޒީނަތްތެރިކަމެވެ. ސިޓިންރޫމުތެރެއިން ލާފައި ބޮޑުކޮށް ހާމައަށް ހުރި ބަދިގެއަށް ޔުކްތާ ގެންދިޔައެވެ. ބަދިގޭގެ އެއްބައިގާ އެހާމެ ރީތި ފަރުނީޗަރުތަކާއެކު ކާގޭގެ ބައިވެސް ވަނީ ގުޅުވާލާފައެވެ. ނުހަނު އާދައިގެ ފަގީރު ދިރިއުޅުމެއް  އުޅެފައިވާ ޔުކްތާއަށް މިކަންތައް ވަނީ ނުހަނު އާކަމަކަށްވެފައެވެ. މި މުއްސަނދިކަމާއި ފުރިހަމަކަން ފެނި އާޝޯޚުވެފައެވެ.

އަޒީޒާ ގެނައި އެއްވެސް ކާއެއްޗެއް އޭނާ ނުކައެވެ. މާލޭގައި ދެދުވަސް ވީއިރުވެސް އޭނާ އަޒީޒާއާއި ވާހަކައެއް ނުދައްކައެވެ. އެކި ގޮތްގޮތުން އޭނާ ވާހަކަ ދައްކައިގެންވެސް ރުއިން ފިޔަވައި އިތުރުކަމެއް އޭނާގެ ނެތެވެ. ބައްޕަ ނިޔާވެ ވަޅުލި ތަނަށްވެސް ނުދެވުނީތީއެވެ. މިބޮޑު ދުނިޔޭގައި ތިމާގެ މީހަކު ނެތީތީއެވެ. ނުވަ އަހަރުއްސުރެން ފެށިގެންވެސް މިނޫން ދުވަހެއް އޭނާ ނުދެކެއެވެ. ބައްޕަވީ މަންމަ ނިޔާވަންދެން އާދައިގެ ކުދިކުދި ކަންކަމާއިވެސް ރުޅިއަންނަ އަނިޔާކުރާ މީހަކަށެވެ. ދެލޮލުން ކަރުނަ ފޮހެމުން ތަދުވާ ތާނގައި އަތްއަޅައިގެން ފަރުވާ ހޯދަން ދުވެފައި ދާން ޖެހުނީ އަޒީއްތަ ގާތަށެވެ. އެންމެފަހުން އަޒީއްތަވެސް ފުރައިގެން ދިޔައީ އޭނާގެ އާއިލާ މީހުންގާތަށެވެ. މަންމަ އިތުބާރުކުރީ މާދުރުން ފެނުނު ބޭރުމީހަކަށެވެ. އެމީހަކުވީ އޭނާގެ މުޅިދިރިއުޅުމުގައި ހުޅުޖެހިމީހާއަށެވެ. އެކަމަށްޓަކައި އަންހެންކުދިން އެންމެ ފަޚުރުވެރިވާ އިއްފަތްތެރިކަން ފޭރިގެން މީހާއަށެވެ. އެދުވަހުން ފެށިގެން މިއަދާހަމައަށްވެސް ހިނދުކޮޅަކަށްވެސް އެމަންޒަރު އޭނާގެ ސިކުނޑިން ފިލައިގެންނުދެއެވެ. އެވޭނާއި އެތަދާއި އެގިސްލުން އިއްޔެވީ ކަމެއްހެން މިއަދުވެސް އޭނާގެ ކުރިމަތީ ސިފަވަނީއެވެ. ސަލާމަތަށް އެދި ކުރިމަސައްކަތާއި ތެޅުނު ތެޅުމާއި ރުއި ރުއިން އަދިވެސް ފެންނަ ކަހަލައެވެ.

މިދުނިޔޭގައި އޭނާ ދެކެ ލޯބިވީ މީހަކުނެތެވެ. އަދި ލޯބިވާ މީހަކުވެސް ނެތެވެ. އެއްވެސް މީހަކަށް އޭނާ ނެތުމުން އަސަރެއް ނުކުރާނެއެވެ. އޭނާ މަރުވިޔަސް އަދި ދިރިހުރި ނަމަވެސް މެއެވެ. އޭނާއަށް އިތުބާރުކުރެވޭ މީހަކުނެތެވެ. އެއްވެސް ކަމަކަށް ޝައުގުވެރިކަމެއް ނެތެވެ. އޭނާ ވަނީ ދިރިއުޅުން މަތިން ފޫހިވެފައެވެ. ދިރިއުޅުމަކީ ބުރަ ވޭނަކަށް ވެފައެވެ.

ކުއްލިއަކަށް އޭނާގެ ނޭވާއަށް ގޮތްވާން ފެށިއެވެ. ކުރިންވެސް ޑޮކްޓަރު މިހެންވެދާނެ ކަމަށް އިރުޝާދު ދީފައިވާ އަޒީޒާ ޔުކްތާއަށް ސަމާލުވިއެވެ. ނިދުމަށްޓަކައި ދީފައިވާ ބޭހުގެ އަސަރުން އޭނާގެ ޚިޔާލުތައް ދޫވެ އަރާމު ނިންޖަކުން ނިދާލައިފިއެވެ. ވޭތުވެދިޔަ ހަތް އަހަރުގެތެރޭ އެންމެ ރެއަކުވެސް ފުރިހަމައަކަށް އޭނާ ނިދާފައެއް ނުވެއެވެ. އެހުރިހާ ރެއެއްގެ ނިދި މިރޭ އޭނާއަށް ޚާއްޞަ ކޮށްފައިވާފަދައެވެ. ހަފުތާއެއް ވަންދެން ކޮޓަރިން ނުނިކުމެ ހުރިހާކަމެއް ކުރަމުން ދިޔައީ އޭނާއަށް ޚާއްޞަ ކޮޓަރީގައެވެ. މިހުރިހާކަމަކީ ނަފުސާނީ ޑޮކްޓަރުގެ ލަފާގެމަތީން އަޒީޒާ ކުރަމުން އައި ކަންތަކެވެ. އެއީ ޔުކްތާގެ ކަންތަކަށް އަޒީޒާ ފަރިތަވެލުމަށެވެ. ގެއްލިފައިވާ އިތުބާރު މަޑުމަޑުންވެސް ހޯދައިގެން މެނުވީ އޭނާގެ ޝިފާއެއްނެތެވެ. ހަފުތާއެއްވީއިރު އޭނާ ނުހަނު ބޮޑުތަން ރަނގަޅުވެއްޖެއެވެ. މަޑުމަޑުން އަޒީޒާއާއި ވާހަކަ ދައްކަންފެށިއެވެ. މާހައުލަށް ހޭނި މަޑުމަޑުން ގޭގެ ކަންތައްތަކުގައި ހަރަކާތްތެރި ވާންފަށައިފިއެވެ.

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ދުނިޔޭގެ އެއްވެސް ކަމަކަށް ޝައުގެއްނެތް ޔުކްތާ އިނީ ގޯތިތެރޭގައި ހައްދާފައިވާ ރީތި ގަސްތަކަށް ބަލާށެވެ. ކުލަކުލައިގެ މާތަކުން ފުރިހަމަވެފައިވާ މާތަކަށް ބަލަން އިންނަމަވެސް އޭނާގެ ބުއްދިވަނީ ނޫރެއްނުވާ މާޒީގެ ކިނލަބުކަމުގެ ތެރެއަށް ގެއްލިފައެވެ. ކުރިމަގުގެ ދަތުރުގެ ދިގުމިނާއި އަމާންކަމުގެ ޝައްކެއްގައެވެ. މިއަދުވެސް މިގެއިން ނިކުންނަން ބުނެފިނަމަ މާލޭގައި ވަންނާނެ ގެއެއް އޭނާގެ ނެތެވެ. ދަންނަ ރަހުމަތްތެރިއެއްނެތެވެ.

ކުއްލިއަކަށް ކާރެއް ގޯތިތެރެއަށް މަޑުކޮށްލުމުން މާހައުލުގައި ހިނގަމުންދާ ކަންތައްތަކަށް ބަލާލެވުނެވެ. ކަޅުކުލައިގެ ކާރަކުން ފޭބި، އަމީރުއަހުމަދު ޕްރީސްކޫލް ނޫކުލައިގެ ޔުނީފޯމެއް ލާފައިވާ އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ފޭބި ޒުވާނާއާއި ދިމާއަށް އޭނާއަށް ނަޒަރު ހިންގާލެވުނެވެ.

އެއީ އަތްދިގު ގަމީހެއްލާފައި ޓައީ އަޅާފައި ހުރި ޒުވާނެކެވެ. އޭނާގެ އެއްއަތުގައި ފިޔާތޮށި ކުލައިގެ ބާބީ ކާޓޫނު ޖަހާފައިވާ ކުޑަދަބަހެއް އޮތެވެ. ލޮލުގައި އަޅާފައިވާ އަވިއައިނާއި އިސްތަށިގަނޑު ފުނާއަޅާފައިވާ ގޮތުން މިހާރުގެ ޒަމާނަށް އެންމެ ކަމުދާ އަދި ސާދާ ފިރިހެންވަންތަ ހަށިގަނޑެއްކަން ހާމަވެއެވެ. ޔުކްތާގެ ގާތުންލާފައި ދިޔައިރު އޭނާގެ ސެންޓްވަސް ޔުކްތާއަށް ދުވިއެވެ.

އެއީ އޭނާއަށް އާމޫނެއްނޫނެވެ. އެއީ މީގެ ނުވަ އަހަރުކުރިން އޭނާއަށް އިންތިހާއަށް ދިމާކުރި އާރިޒްބޭބެއެވެ. އާރިޒަށް އޭނާ ނޭނގުނު ނަމަވެސް ޔުކްތާ އޭނާގެ މަތިން ހަނދާނެއް ނުނެތެއެވެ. ޔުކްތާ މަޑުކޮށްގެން ހުރީ އާރިޒަށް އޭނާ އެނގޭނެ ކަމަށެވެ. ދުނިޔޭގެ ހުރި ހަމައެކަނި ގާތްމީހުން ކަމަށް ދެކޭ ބަޔަކީ އާރިޒްއާއި އަޒީޒާއެވެ. އާރިޒް ފެނުމުން އޭނާއަށް ދުވަސްގަނޑަކަށްފަހު ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އާރިޒަށް އެއީ ކާކުކަން ނޭނގުނުތާ ފެންނަ މީހަކަށްވެސް ނުހެދިއެވެ. ކުޑައިރުގެ ރަހުމަތްތެރިކަން އާރިޒަކަށް އެއްވެސް ކަމަކަށް ނުވީތީ ޔުކްތާ ދެރަވިއެވެ. ނަމަވެސް ތިމާގެ ފަގީރުކަމާއި ނިކަމެތިކަން އަބަދުވެސް ހިތުގައި ބިންވަޅު ނެގިފައިވާތީ އެފަދަ މުއްސަނދިންނަށް ޔުކްތާމެން ދުނިޔޭގައި ތިއްބަސް ނެތަސް އެއްވެސް އަސަރެއް ނުކުރާނެ ކަން އެނގެއެވެ. އެމުއްސަނދިކަމަކީ ކުޑައިރުގެ ރައްޓެހިކަމާއި ގާތްކަން ހަނދާން ނައްތާލާނެ މުއްސަނދިކަމެކެވެ. އަދި އެއީ ނިކަމެތިންނަށް ބަލާލުން ލަދުވެތި ކުރުވަނިވި މުއްސަނދި ކަމެއްކަން އޭނާއަށް އިހުސާސް ވިއެވެ.

"ބައްޕާ. ޝިޔާކޮ މާމައަށް ގެނައި ހަދިޔާ އޮންނާނެ ކާރުގައި." އެކުޑަ އަންހެންކުއްޖާ އާރިޒްގެ އަތުގައި ހިފިއެވެ.

"ޝިޔާކޮގެ ހަދިޔާ މާމައަށް ދޭނީ ހަވީރުން. ބައްޕަ މިއަދުވަރަށް އަވަހަށް ދާންޖެހޭ." ޝިޔާ މާމައާއި ހަވާލުކުރަމުން ބުންޏެވެ. އޭނާއަށް ވަނީ ލަސްވެފައެވެ.

"ދަރިފުޅާ. މިހިރީ ޔުކްތާ. އޭނާ ދެން ހުންނާނީ މަންމަ ގާތުގައި." ޔުކްތާގެ ވާހަކަ އޭނާގެ ދަރިފުޅުގާތު ނުބުނެވޭތީ އަވަހަށް ބުނެލިއެވެ.

އެއަޑަށް އޭނާގެ ފުރަގަހުގައި ހުރި އަންހެން ކުއްޖާއަށް ބަލާލިއެވެ. އެއީ އޭނާއަށް މީގެ ބާރައަހަރު ކުރިން ފެނުނު ޔުކްތާކަން ގަބޫލުކުރަން ދަތިވިއެވެ. ކުރިން ގަނޑުގަނޑަށް ފުއްޖެހިނަމަވެސް އެރީތި ދޮން މޫނުވަނީ މިލާފައެވެ. ކޯވަޅުވަދެ ކުރަކިވެފައެވެ. ބޮޑު ލޯވަނީ ކައިރި ކަޅުވެ ހުތުރުވެފައެވެ. އުމުރަށްވުރެ ބޮޑުކަމަށް ދެއްކި ހަށިގަނޑުވަނީ ގަބޫލުވެސް ނުކުރެވޭ ވަރަށް ހިކި އަނަރޫފަ ވެފައެވެ. އެރީތި އަތް ތިލަވަނީ ކުރަކިވެ ނިޔަފަތިތައް ހަލާކުވެފައެވެ. ފަން އިސްތަށިގަނޑުވަނީ ބާރަށް އޮޅާ ފުރަގަހަށް ހުޅިއެއްޖަހާފައެވެ. އޭރުގެ އެންމެ ރީތި ހެދުންލާ ޔުކްތާ މިއަދު ލައިފައިވަނީ ގަޔަށް މާބޮޑު ދޫހެދުމެކެވެ. ހީވާގޮތުން އެއީ އޭނާގެ މަންމަގެ ހެދުމެކެވެ. އެހެންކަމުން އޭނާ ފެންނަނީ ރަށެއްގެ އެންމެ ފަގީރު އާދައިގެ ކުއްޖެއްހެންނެވެ.

"އެކަމަކު މަންމާ، ދުވަސްކޮޅަކުން ފޮނުވާލަން ކީއްކުރަން ގެންނަހާ ކުދިންތަކެއް. މިއަހަރުވެސް މިހާރު ދެކުދިން ފޮނުވާލެވިއްޖެ." އެންމެފަހުން އޭނާއަށް ބުނެވުނީ އެހެންނެވެ. އެއީ އެދެމައިން އަބަދުވެސް ކުރާބަހުސެކެވެ. ކިޔަވައިދިނުމަށްޓަކައި ގެއަށް ކުދިން ގެނެވެއެވެ. ނަމަވެސް ކުދިންގެ އުޅުން އަޒީޒާއަކަށް ކަމަކުނުދެއެވެ. އެހެންކަމުން ދުވަސްކޮޅެއް ވާންދެންވެސް ކުދިންނަކަށް އޭނާގާތަކު ނޫޅެވެއެވެ. އާރިޒު ހިތްހަމަނުޖެހެނީ ގޭގެ މާގިނަ މަސައްކަތެއް ކުދިންނަށް ނުޖެހޭއިރުވެސް މަންމަ ގެއަށް ކުދިން ގެންނާތީއެވެ. އަދި ދުވަސްކޮޅެއް ވާއިރަށް މަންމައަށް އެކުދިން ކަމުނުގޮސް ފޮނުވާލަން ޖެހޭތީއެވެ. ގޭގައި ހުންނަ ލަންކާމީހާ މިހާރުވެސް ގޭގެ ހުރިހާމަސައްކަތެއް ކުރެއެވެ.

"ދަރިފުޅު ޔުކްތާއަށް ސަލާމެއް ނުކުރާނަންތަ؟" ޔުކްތާގެ ކުރިމަތީ އާރިޒް ދެއްކިވާހަކައިން ޔުކްތާއަށް އަސަރުކޮށްފާނެތީ އަވަހަށް އޮޅުވާލިއެވެ.

"އަޅުގަނޑަށް މިހާރުވެސް މާލަސްވެއްޖެ، ދެންދަނީ." އޭނާ ޔުކްތާއާއި ދިމާއަށް ބަލާވެސްނުލާ ނިކުމެގެން ހިނގައްޖެއެވެ.

ޔުކްތާ ދެރަވިނަމަވެސް އެކަމެއް ފާޅެއްނުކުރެއެވެ. އޭނާގެ ހައިސިއްޔަތު އޭނާއަކަށް ނޯޅެއެވެ. އެއީ ނިކަމެތި ކުއްޖެކެވެ. ފަގީރެކެވެ. އަޅާލާނެ ޔާރެއްނެތް އެކަނިވެރިއެކެވެ. ވީއިރު އާރިޒް ބޭބެމެންނަކަށް އޭނާއަށް ގޮވާލާކަށް ވަގުތެއް ނުލިބޭނެއެވެ. ސަލާން ކުރާކަށް ނުކެރޭނެއެވެ. ކުޑައިރުކުރި މަޖަލަކާއި ސަމާސާއެއް ހަނދާނެއް ނުހުންނާނެއެވެ.

*****

ޔުކްތާގެ މަޑުމައިތިރި ކަމާއި މުރާލިކަން އަޒީޒާގެ ހިތްވަނީ ފަތަހަކޮށްފައެވެ. ގޭގައި އުޅޭ ބޭރުމީހާ ފޮނުވާލުމުން ގޭގެ ހުރިހާ މަސައްކަތެއް ކުރަނީ އޭނާއެވެ. ހަގީގަތުގައި ބޭރުމީހާ ފޮނުވާލީ އަޒީޒާއަށް ޔުކްތާ ރަނގަޅުވުމުންނެވެ. ޒިންމާދާރުވުމުންނެވެ. ބޭރު މީހާއަށްވުރެން ޔުކްތާ އީމާންތެރިވެފައި އިހުސާންތެރިއެވެ. ސާފުތާހިރުވެފައި މުރާއްޔެވެ.  ފޮޅާ ސާފުކުރުމާއި ކެއްކުމުގައެވެ. އަންނައުނު ދޮވެ އިސްތިރިކުރުމާއި ގޭގެ ކަންތައް ބެލެހެއްޓުމުގައެވެ. ކުޑަކުޑަ ޝިޔާގެ ހުރިހާ ކަމެއްވެސް ބަލަހައްޓަނީ އޭނާއެވެ. އެހެންކަމުން އޭނާ ޔުކްތާދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި ޔުކްތާ ރަނގަޅު ކުރުމަށްޓަކައި ތަފާތު ކަންތައްތައް ކުރަމުންދެއެވެ. ބައެއްފަހަރު ވިލިގިއްޔަށް މޫދަށް އެރިލުމަށެވެ. ނޫނީވިއްޔާ ކުޑަބަނޑޮހަށް ދަތުރުދިއުމެވެ. ނުވަތަ ހަފްތާ ބަންދުގައި ކޮންމެވެސް މަޖާކަމެއް އޭނާގެ ބައެއް ރައްޓެހިންނާއެކު ރާވައެވެ. އެހެންކަމުން މަޑުމަޑުން ޔުކްތާ އަޒީޒާއާއި ވާހަކަދެކެވި ގުޅުން އުފެދެމުންދެއެވެ. އަދި ކުޑަކުޑަ ޝިޔާ ޔުކްތާދެކެ ލޯބިވަނީ އޭގެ ނިހާޔަތެއް ނެތް މިންވަރަށެވެ. ކުރިން އާރިޒު ނެތިއްޔާ ނިދޭކަމަށް ނުވާ ޝިޔާ ނިދަންވެސް ބޭނުންވަނީ ޔުކްތާއާއެކުއެވެ. ނަމަވެސް މީހުން ތިބޭ ތަންތަނުގައި ޔުކްތާގެ އަނގައިން ބަހެއް ބުނާއަޑު އެއްވެސް މީހަކަށް ނީވޭނެއެވެ. ސަބަބަކީ ޔުކްތާ ޖެހިލުންވުމެވެ. މީހުންނަށް އިތުބާރު ނުކުރެވުމެވެ.

ނަމަވެސް އާރިޒު ކަމަކާނުލާ ޔުކްތާއަށް ނަފުރަތު ކުރެއެވެ. އޭނާ އެހެން އަންހެން ކުދިންނަށްވެސް ނަފުރަތުކުރާ ފަދައިންނެވެ. ކިތަންމެ މަޖާކޮށް ޝިޔާއެކު ސަކަރާތްޖަހަން ހުއްޓާވެސް ޔުކްތާ ފެނުމުން އޭނާގެ މިޒާޖު ބަދަލުވެއެވެ. ފޫހީގެ ނަޒަރަކުން ޔުކްތާ  އެކަހެރިކޮށްލައެވެ. މިކަން ޔުކްތާއަށް އެނގެއެވެ. އަދި ނުހަނު ދެރަވެސްވެއެވެ. ނަމަވެސް އަޅާލާނެ އިތުރު މީހަކު ނެތުމާއި ހިތްވަރު ކޮށްލާފައިވެސް ހުރުން ނޫންގޮތެއް ނޯންނާނެތީ އޭނާ ހުންނަނީއެވެ. ކުރިން ނުހަނު މަޖާކޮށް އެކުއުޅުނު އުޅުން ބަދަލުވީ ކީއްވެގެންކަމެއް އޭނާއަކަށް ނޭނގެއެވެ.

ހަވީރު ވަގުތުކަމުން ޝިޔާއާއި އަޒީޒާއާއެކު ޔުކްތާ އިނީ ސިޓިންރޫމުގައެވެ. 'ބާބީ ރިޕޮންޒިލް' ބަލަންއިން ޝިޔާ ދިޔައީ ޔުކްތާއަށް ކާޓޫނުގައި ވާގޮތް ކިޔައިދެމުންނެވެ. އާރިޒު ގެއަށް ވަދެގެން އެމީހުންނާގާތަށް އައިކަމެއް ޔުކްތާއަށް އެނގުނީ އަޒީޒާ އޭނާގާތު އިށީންނަން ބުނުމުންނެވެ. ނަމަވެސް އޭނާ ޝިޔާގޮވައިގެން ދިޔައީބޭރަށެވެ. އަޒީޒާއަށާއި ޔުކްތާއަށްވެސް އާރިޒު ނުއިށީނދެ ދިޔައީ ކީއްވެގެންކަން އެނގެއެވެ. އެއީ ޔުކްތާ ސޯފާގައި އިނީމައެވެ.

"ޔުކްތާ ދެރަނުވޭ. އެކޮއިދެކެ އާރިޒުބޭބެ ރުޅިއެއްނާދޭ. އެއީ އޭނާއަށް ދިމާވި ކަންތައްތަކެއްގެ ސަބަބުން އައިބަދަލެއް."

"ބޭބެ އެދިޔައީ އަޅުގަނޑު މިތާ އިށީނދެ އިނީމަ ދޮގެއްތޯ."

"ދެރަނުވޭ އަދި އާރިޒު ރަނގަޅުވާނެ. އަޒީޒާ އެހެން ބުނިނަމަވެސް އެއީ ދުވަހަކަށްވުރެ ދުވަހެއް ގޯސްވާނެކަމެއްކަން އޭނާއަށް އެނގެއެވެ.

*****

މެންދުރުވަގުތެވެ. އެހެން ދުވަސްތަކާއި ޚިލާފަށް އާރިޒު ގެއަށްއައީ މުހިންމު ކަމަކުއެވެ. އޭނާއަވަސް އަވަހަށް ކޮޓަރިއަށް ވަދެ ފައިލެއް ހިފައިގެން ބޭރަށް ނިކުތެވެ. އޭނާގެ ނަޒަރު އެފައިލުން ވަކިވާގޮތެއްވެސް ނުވެއެވެ. އެއީ ޔުކްތާއާއި ޝިޔާ ސަކަރާތްޖަހަމުން ގޯތިތެރޭގައި ދުވަމުން ޝިޔާއަށް ޖޫސް ދެވޭތޯ އޭނާ އުޅުނުވަގުތެވެ. ގޯތި ތެރެއިންލާފައި ބާރަށް ހިނގާފައިދިޔަ އާރިޒްގައިގާ ޔުކްތާ ޖެހުނީ ގަސްތަކާނުލައެވެ. އަދި އޭނާ އަތުގައި ޝިޔާއަށް ދޭން ހުރި ޖޫސްތަށި އާރިޒް ގަޔަށް އެޅުނީ ހަމަ އެހިނދުކޮޅުގައެވެ.

"ކިހާ ދެރަކަމެއް. މީހުންގެ ގޭގެ އަށްވަދެގެން އުޅޭއިރު ގޭމީހުންނަށް ބަލާލުމެއްވެސް ނޯވޭދޯ." ނުހަނު ލަސްވެފައިހުރި އާރިޒުގެ ރުޅިގަނޑު މަތަނުކުރެވި ޔުކްތާއަށް ބަލާލިއެވެ. ދުވަހަކުވެސް އާރިޒު މިހާ ރުޅި އައިސްފައިވާ ތަނެއް އޭނާ ނުދެކެއެވެ. މިކަމާ ޔުކްތާ ނުހަނު ބިރުގެންފިއެވެ. އަދި ގުޑާލަންވެސް ނޭނގިފައި ހުރެވުނީއެވެ.

"ދެންވެސް ކުރިމަތިން ދުރަށްޖެހިބަލަ. ނުބުނަންޏާ ތަންކޮޅެއްވެސް ދޭކަށް ނޭނގޭނެ." ޔުކްތާހުރީ އޭނާގެ ކުރިމަތީގައި ކަމަށްވުމުން އޭނާ ބުންޏެވެ.

މިކަހަލަ ކުދިކުދި ކަންތައްތައް ވުމުން އާރިޒު ޔުކްތާދެކެ ރުޅިއާދެއެވެ. ކުރިން ޔުކްތާއަށް ބުނަންވާ އެއްޗިހި މަންމައާއި ދިމާއަށް ބުނެ ޔުކްތާއަށް އަޑު އިއްވައެވެ. ނަމަވެސް މިއަދު ސީދާ ޔުކްތާއާއި ދިމާއަށް އެއްޗެއް ބުނުމުން އޭނާ ވަނީ އާރިޒުދެކެ ވަރަށް ބިރުގެންފައެވެ. އެގެއަށް އައިދުވަހުން ފަށައިގެންވެސް އާރިޒު އޭނާއާމެދު ހިތްހަމަ ނުޖެހޭކަން އޭނާއަށް އެނގެއެވެ. މިހާރު ޔުކްތާ އާރިޒު ގޭގައި އުޅޭ ވަގުތު ގިނައިން އުޅެވޭތޯ ބަލަނީ ކޮޓަރީގައެވެ. ވީހާވެސް ބޮޑަކަށް އާރިޒަށް ނުފެނިވޭތޯ އޭނާ ބަލައެވެ. އޭނާގެ ސަބަބުން އެއްވެސް މީހަކަށް އުނދަގުލެއް ވާކަށް ބޭނުމެއް ނުވެއެވެ.

-ނުނިމޭ-

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *