Support Us

ދެކުނު ކޮރެއާގެ ރެސްޓޯރަންޓެއްގައި ވެއިޓަރަކަށް ރޮބޮޓެއް!

ދެކުނު ކޮރެއާގެ ސޯލްގައި ހުންނަ މޭޑް ފޯ ގާލިކް ރެސްޓޯރެންޓެއްގައި އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ބޭނުން ކުރަނީ އާދަޔާހިލާފު ގޮތެކެވެ. އެ ރެސްޓޯރަންޓްގައި ވެއިޓަރަކަށް މަސައްކަތް ކުރަނީ އާރޓިފިޝަލް އިންޓެލިޖެންސް ރޮބޮޓެކެވެ.

ކަސްޓަމަރުން އޯޑަރ ދެނީ ޓަޗް ސްކްރީނެއް ބޭނުން ކޮށްގެންނެވެ. އެއަށްފަހު ކާއެއްޗެހި ކަސްޓަމަރުންނާއި ހަމަޔަށް ގެނެސްދެނީ އިސްކޮޅުގައި 1.25 މީޓަރު ހުންނަ ޓްރޮލީއެއް ކަހަލަ ދިގު ރޮބޮޓެކެވެ. މި ރޮބޮޓް އުފައްދާފައިވަނީ ދެކުނު ކޮރެއާގެ ޓެލެކޮމް ކޮމްޕެނީއެއް ކަމަށްވާ ކޭ.ޓީ ކޯޕްއެވެ. މި ރޮބޮޓަށް އަމިއްލައަށް ދިމާވާ ހުރަސްތަކުން އެއްފަރާތްވެ، ދާންޖެހޭ މިސްރާބަށް ދާން އެނގެއެވެ.

ކޭ.ޓީގެ ޕްލެޓްފޯމް ބިސްނަޒް ޓީމް ލީޑަރު ކަމަށްވާ ލީ ޔަންގް ޖިން ރޮއިޓަރސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ރޮބޮޓަށް އެއްފަހަރާ ހަތަރު މޭޒަށް ކާއެއްޗެހި ގެންދިޔުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.

މި ރޮބޮޓަށް 30 ކިލޯގެ ބަރު ކާއެއްޗެހި އުފުއްލެއެވެ. އަދި އެލް.ސީ.ޑީ ސްކްރީނަކާއި ސްޕީކަރެއްވެސް ހުރެއެވެ. އަދި މީގެ އިތުރުން މި ރޮބޮޓަށް އިނގިރޭސި ބަހާއި ކޮރެއާ ބަހުން ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ސޯލްގެ މެޓްރޮޕޮލިޓަން ސަރަހައްދުގައި ރެސްޓޯރަންޓް ހުޅުވުމުގެ ހުއްދަ ލިބިފައިވެއެވެ. ނަމަވެސް ގަވާއިދުގައި ވާގޮތުން ދެ މޭޒު ދެމެދުގައި ދެމީޓަރު ހުރުން ލާޒިމްކުރެއެވެ. އަދި އަންނަ ކަސްޓަމަރުންގެ ނަމާއި ގުޅޭނެ ނަމްބަރު ވެސް ރެކޯޑްކުރަން ޖެހެއެވެ.

ކޭ.ޓީ އިން މިހާރު އަމާޒު ކުރަނީ ވީހާވެސް ގިނަ ރެސްތޯރެންޓްތަކަށް މި ރޮބޮޓްތައް ފޯރުކޮށްދިނުމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު މި ރޮބޮޓުގެ ދެވަނަ މޮޑެލްއެއް ތައާރަފް ކުރުމަށް މަސައްކަތްކުރަމުން ދެއެވެ. ދެވަނަ މޮޑެލްގައި ވޮއިސް ރިކޮގްނިޝަން ޓެކްނޮލޮޖީ އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *