ހޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރު ރޮބް ރައިނާ އަދި އަންހެނުން މިޝެލް މަރައިލި މައްސަލައިގައި ފިރިހެން ދަރިފުޅު ނިކް ހައްޔަރުކޮށްފިއެވެ.
އުމުރުން 32 އަހަރުގެ ނިކް ހައްޔަރުކުރީ އޭނާގެ މައިންބަފައިންނަށް ތޫނު އެއްޗަކުން ހަމަލާދީ މަރައިލިކަމުގެ ތުހުމަތުގައެވެ. ދެމަފިރިންގެ ހަށިގަނޑު ފެނިފައިވަނީ އާދީއްތަ ދުވަހު ގޭތެރެއިންނެވެ.
ފުލުހުން މި މައްސަލަ ބަލަނީ ގަސްދުގައި މީހަކު މަރައިލި މައްސަލައެއްގެ ގޮތުގައެވެ. ކަފާލާތުގެ ގޮތުގައި ހަމަޖައްސައިފައިވަނީ ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އެވެ.
"މިޝެލް އަދި ރޮބް ރައިނާގެ މަރު އަހަރެމެން މި އިއުލާންކުރަނީ ނުހަނު ހިތާމައާއެކު. މި ދަނޑިވަޅުގައި އަހަރެމެންގެ ޒާތީ ހަޔާތަށް ހުރިހާ ފަރާތްތަކުން އިހްތިރާމްކުރުން އެދެން،" ރޮބް، 78، އާއި މިޝެލް، 68، ގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އަދި މުނިފޫހިފިލުވުމުގެ ދުނިޔޭގައި ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
ރޮބްއަކީ އެތައް ވައްތަރެއް ނުވަތަ ޖޮންރޭގެ ފިލްމް ޑިރެކްޓްކުރި ކުޅަދާނަ ފަންނުވެރިއެކެވެ. އޭނާ ޑިރެކްޓްކުރި މަގުބޫލު ފިލްމްތަކުގެ ތެރޭގައި އެމެރިިކާއިން ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމުކަމަށްވާ އޮސްކާއަށް ނޮމިނޭޓްވި ފިލްމްތައް ވެސް ހިމެނެއެވެ.
މޮޅު ޑިރެކްޓަރެއް ނަމަވެސް އެ ރޮނގުން އޮސްކާ އެވޯޑު ސީދާ ނުލިބޭ ރޮބްގެ ބައެއް ނަން ހިނގާ ފިލްމްތަކުގެ ތެރޭގައި "ސްޓޭންޑް ބައި މީ"، "ވެން ހެރީ މެޓް ސެލީ"، "މިސަރީ"، "އަ ފިއު ގުޑް މެން" އަދި "ދި އެމެރިކަން ޕްރެޒިޑެންޓް" ހިމެނެއެވެ. "އަ ފިއު ގުޑް މެން" އެންމެ މޮޅު ފިލްމް ކެޓިގަރީން އޮސްކާއަށް ނޮމިނޭޓްވުމުން ރޮބްވަނީ ޕްރޮޑިއުސަރެއްގެ ގޮތުން އޮސްކާ އެވޯޑަށް އެ ފިލްމުން ނޮމިނޭޓްވެފައެވެ.



advertisment