ދިރިއުޅުމުގައި އަމިއްލަ އެދުން އިސްކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ހަރު މީހުން ބުނެއުޅެއެވެ. ނަމަވެސް، އަމިއްލަ ނަފްސާ މެދު ފުންކޮށް ވިސްނައި ފިކުރު ކުރުމަކީ އަމިއްލަ އެދުމުގެ ތެރެއިން ހިމެނޭ ކަމެއް ނޫނެވެ. އެއީ ބުއްދިވެރިންގެ ގޮތެކެވެ. ތިމާގެ ނަފްސުގެ އޮޅުންތައް ސާފު ނުވާހާ ހިނދަކު، ތިމާއަށް އަބަދުވެސް ފެންނާނީ އެހެން މީހުންގެ މައްސަލަތަކެވެ. ވީމާ އެހެން މީހުންނާއެކު ދިމާވާ މައްސަލަތަކުގައި އެމީހުންގެ ކުށް ހޯދުމުގެ ބަދަލުގައި، ތިމާގެ ކުށްތައް ދެނެގަތުމަށް ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ނަމަވެސް، އަމިއްލަ ނަފްސު ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ތިމާއަށް ތިމާގެ ނަފްސު ދެނެގަތުމަށް އެތައް ހުރަސްތަކެއް ހުރީމައެވެ. ހިތަކީ އޭގެ ޒާތުގައި ދެނެގަތުން އުނދަގޫ އެއްޗެކެވެ. ނަފުސުގެ އޮޅުވައިލުންތަކުން ތިމާގެ ކަންކަން ފޮރުވައި އެތައް ގޮތެއް އޮވެއެވެ.
މި ހުރަސްތައް ގިރާކުރުމަށްޓަކައި، ނަފްސު ދެނެގަތުމަށް އެހީއެއްގެ ގޮތުން އުފައްދައިފައިވާ އެންމެ ވަރުގަދަ އެއް އާލާތަކީ "ޖޮހަރީ ވިންޑޯ"ގެ ނަމުން މަޝްހޫރުވެފައިވާ ސާދާ ޓެކްނިކެކެވެ. މިނަމުން ޖޮހަރީ ވިންޑޯއަށް ނަން ދީފައިވަނީ އެ ތިއަރީ އުފެއްދި ޖޯސެފް ލުފްޓް އާއި ހެރިންގްޓަން އިންގްހަމްގެ ނަމާ ގުޅުވައިގެންނެވެ. މީގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ ނަފުސު ދެނަގަތުން ފަސޭހަވެގެން ވަރަށް ބޮޑުތަނުން ދާނެއެވެ.
ޖޮހަރީ ވިންޑޯއިން ނަފްސު ދެނެގަތުމަށް ހުށައަޅައިލައިފައިވަނީ ހަތަރު ބަޔަށް ބަހާލެވިފައިވާ ކުޑަދޮރެއްގެ ނިޒާމެކެވެ. މި ހަތަރު ބައި ތަފުސީލު ތިރީގައި އެ ވަނީއެވެ.

- އޯޕަން އޭރިއާ (ތިމާއަށް އެނގޭ އަދި އެހެން މީހުންނަށް ވެސް އެނގޭ ކަންކަން)
މިއީ، ތިމާއާއި އަނެކުންނަށް ތިމާގެ ކިބައިގައި ހުރިކަމަށް ސާފުކޮށް އެނގޭ ސިފަތަކެވެ. މިސާލަކަށް، ތިމާއަކީ މީހުންނާ ގުޅިގެން އުޅޭ އެކުވެރި މީހެއްކަން ތިމާއަށާއި ކައިރީގައި އުޅޭ މީހުންނަށް އެނގިފައި އޮވެދާނެއެވެ. ނުވަތަ ތިމާ މީހުންނާ މުއާމަލާތުކުރާއިރު ބައެއް ފަހަރު އަޅައިގަންނަކަން ވެސް ތިމާއަށާއި އެހެން މީހުންނަށް އެނގިފައި އޮވެދާނެއެވެ. ތިމާގެ ކިބައިގައި ހާސްވާ ގަޑިގަޑީގައި ޖޯކު ޖެހުމުގެ އާދަ ހުންނަ ކަމަށް ވެސް އެންމެންނަށް އެނގޭ ކަމަކަށް ވެދާނެއެވެ.
ޖޮހަރީ ވިންޑޯގެ އެންމެ ބޮޑު މަގުސަދަކީ މިބައި ފުޅާކުރުމެވެ. ސަބަބަކީ، ތިމާއަށް އެނގޭ ކަންކަން އެހެން މީހުންނަށް އެނގޭ ހިސާބުން، އެހެން މީހުންނަށް ތިމާއާ ދޭތެރޭ ހެޔޮކޮށް ހަމްދަރުދީއާއެކުގައި ވިސްނުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ. އަދި، އަނެކާއަށް އެނގޭ ކަންކަން ތިމާއަށް އެނގުމުން އެއީ އުނި ސިފައަކަށް ވެއްޖެނަމަ، އެކަމެއް ދެނެގަނެ ބަދަލުކުރުމުގެ ފުރުސަތު ފުޅާވެގެންދާނެއެވެ.
- ބްލައިންޑް އޭރިއާ (ތިމާއަށް ނޭނގޭ ނަމަވެސް އެހެން މީހުންނަށް އެނގޭ ކަންކަން)
ކިތަންމެ ނަފްސު ދެނެގަނެވިފައިވާ މީހަކަށް ވިޔަސް، ނަފްސުގައި ނޭނގޭ ކަންކަން ހުންނާނެ ކަމީ ކަށަވަރުކަމެކެވެ. މިސާލަކަށް، ތިމާއަކީ ވާހަކަ ދެއްކުމުގައި ސާފުސީދާ އިބާރާތުން ވާހަކަ ދައްކާ މީހެއް ކަމުގައި އަމިއްލައަށް ހީވެފައިވީ ނަމަވެސް، އަޑުއަހައި މީހުންނަށް ތިމާއަކީ ހަރުކަށި މީހެއް ކަމުގައި ދެކެވިފައި އޮވެދާނެއެވެ. އެއީ އެގޮތަށް ސާފުސީދާކޮށް އެއްޗެހި ބުނާއިރު ރާގު ގެންގުޅޭ ގޮތުންނާއި މޫނުމަތިން ފެންނަ ކުލަވަރުން ކަމުގައި ވެދާނެއެވެ.
އަދިވެސް މިސާލެކެވެ. ތިމާއަކީ ކަންކަމުގައި ވަރަށް ފަރުވާތެރި މީހެއް ކަމުގައި ތިމާއަށް ހީވެފައި އޮތް ނަމަވެސް، ކައިރީގައި އުޅޭ ބައެއް ރަހުމަތްތެރިން ބުނުމުން ތިމާ އެކަންކަމަށް މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދޭކަން އެމީހުންނަށް ފާހަގަވެފައި އޮވެދާނެއެވެ.
ތިމާއަށް ނުފެންނަ ބައި ކުޑަވެގެންދާނީ އެހެން މީހުންގެ ފަރާތުން ތިމާގެ ސިފަތައް ދެނެގަނެވިގެންނެވެ. މިއީ ހުޅުވިފައިވާ ސިކުނޑިއަކާ އެކު ކުރިމަތިލާންޖެހޭ ކަމެކެވެ. ސަބަބަކީ އެމީހުން ބައެއްފަހަރު ބުނާ އެއްޗެހިން ތިމާގެ ނަފްސާ ދޭތެރޭ ދެކޭ ގޮތް ވަރަށް ބޮޑަށް ގުޑައިގެން ގޮސްފާނެތީއެވެ. އަދި އެމީހުން އެގޮތަށް ދެކޭތީ ރުޅި އަންނަގޮތްވެސް ވެދާނެއެވެ. ނަމަވެސް، އެކަން ކުރުމުގެ ގާބިލުކަން އަށަގަނެވިގެން ނޫނީ ދުނިޔޭގައި ކުރިއަށް ދިއުން އުނދަގޫވާނެއެވެ. ތިމާގެ ސަބަބުން މީހުންނަށް ކުރާ އަސަރު ދެނެގަނެވުމުން، ތިމާއަށް ނޭނގި ތިމާގެ ކިބައިގައި ހަރުލާފައިވާ އާދަތައް ދެނެގަނެވި، އެ އާދަތައް ބަދަލުކުރުމުގެ ފުރުސަތު ހުޅުވިގެންދެއެވެ.
- ހިޑަން އޭރިއާ (ތިމާއަށް އެނގޭ އެކަމަކު އެހެން މީހުންނަށް ނޭނގޭ ކަންކަން)
މިއީ އަހަރުމެން އެހެން މީހުންނަށް އެނގިދާނެތީ ފޮރުވައިގެން ގެންގުޅޭ ކަންކަމެވެ. މިބައިގައި ހުންނަނީ ތިމާއަށް އެނގޭ ނަމަވެސް އެހެން މީހުންނަށް ނޭނގޭ ކަންކަމެވެ. އެއީ ތިމާ މީހުންނާ ހިއްސާކުރަން ޖެހިލުންވާ، ލަދުގަންނަ ޒާތުގެ ކަންކަމެވެ. އަދި އެހެން މީހަކަށް އެކަންކަމުގެ އަސްލު އެނގިއްޖެނަމަ ތިމާއާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެދާނެކަމަށް ހީވާ ކަހަލަ ކަންކަމެވެ. ނަމަވެސް، މިކަންކަން މީހުންނަށް ނާންގައި ވަންހަނާކޮށްގެން އުޅޭނަމަ ތިމާއާއި ތިމާގެ ގާތް މީހުންނާ ދެމެދު އޮންނަ ގުޅުންތައް ހީނަރުވެއެވެ. އަދި ދުނިޔެއަކީ ބިރުވެރިތަނެއްގޮތުގައި ދެކެވި މީހުންނާ އެކަހެރިވާން ފަށައެވެ.
މިސާލަކަށް، ބައިވެރިޔާ ކައިރީގައި ކަންކަން ރޭވިފައި އޮންނަ ގޮތް ނޫން އެހެން ގޮތަކަށް ކަންތައް ދާތީ ތިމާ އުނދަގޫވެ މައްސަލަ ޖައްސައެވެ. މިއީ ތިމާގެ ކިބައިގައި ހިފައިފައިވާ ކޫސަނި އާދައެއް ކަމަށް ތިމާގެ ބައިވެރިޔާ ހަދައި މިކަމާ ނުރުހުން ފާޅުކުރުމުން އެކަމާ އިތުރަށް ތިމާ ރުޅިއައިސް މައްސަލަ ގޯސްވެދާނެއެވެ. ނަމަވެސް، އެހެން ތިމާއަށް ދިމާވަނީ އެންމެ ކުޑައިރު އުޅުނު މާހައުލުގައި ކަންކަން އަވަސް އަވަހަށް ބަދަލުވެ ބޮޑެތި ކަންބޮޑުވުންތަކާ ބިރުވެރިކަންކަމާ ކުރިމަތިލާން ޖެހިފައިވުމުން ކަން ތިމާއަށް އެނގެއެވެ. އެގޮތަށް ކުއްލި ކުއްލިއަށް ކަންކަން ބަދަލުވާން ފެށުމުން ތިމާއަށް ކުރީގައި ކުރެވުނު އެއްވެސް ކަމެއްގެ މައްޗަށް ބާރެއް ނުހިނގައި ކަމުގެ އިހުސާސް ކުރެވެނީ ކަންވެސް ތިމާއަށް އެނގެއެވެ. މިކަންތަކުގެ ހަގީގަތް ބައިވެރިޔާއަށް ކިޔައިދީފިނަމަ، ދެން އެފަދަ ކަމެއް ދިމާވާ ހިނދު އެކަމާ ބެހޭގޮތުން ހަމަޖެހިލައިގެން ވާހަކަ ދައްކައިލުމުގެ ދޮރުތައް ދެމީހުންނަށް ވެސް ހުޅުވިގެންދާނެއެވެ. ސަބަބަކީ، ބައިވެރިޔާއަށް އެއީ ކޮންމެހެން ތިމާ އޭނާއަށް ފުރައްސާރަކޮށް އުނދަގޫކުރަންވެގެން ކަންތައް ކުރާ ގޮތްނޫންކަން ވިސްނި، ހަމްދަރުދީގެ ނަޒަރަކުން ބަލައިލަން ފުރުސަތު ލިބޭނެތީއެވެ.
- އަންނޯން އޭރިއާ (ތިމާއަށް ވެސް އަދި އެހެން މީހުންނަށް ވެސް ނޭނގޭ ކަންކަން)
މިއީ، ތިމާގެ ކިބައިގައި ހުރި އެކަމަކު ތިމާއަށް އަދި އެހެން މީހަކަށްވެސް ނޭނގޭ ކަންކަމެވެ. އޭގެ ތެރޭގައި ތިމާގެ ކިބައިގައި ހާމަނުވެހުރި ހުނަރުތަކާއި ފާޅުނުވެ ހުރި ބައެއް ޖަޒުބާތީ ކަންކަން ހިމެނެއެވެ. އެކަކަށްވެސް ނޭގޭ ބައި ކުޑަކުރުމަށްޓަކައި، ޖެހެނީ ވަގުތު ނަގައިގެން އަމިއްލަ ނަފްސާ މެދު ފުންކޮށް ވިސްނައި ފިކުރު ކުރުމުގައި ވަގުތު ހޭދަކުރާށެވެ. އާ ތަޖުރިބާތަކާ ކުރިމަތިލައި، ކައުންސެލަރަކާ ވާހަކަ ދައްކައި، އަމިއްލަ ހަޔާތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި، އެހެން މީހުންނާ އިހުލާސްތެރިކޮށް ވާހަކަ ދައްކައިގެންނެވެ.
މިސާލަކަށް ބުނާނަމަ، ތިމާ ސާފުސީދާ ބަހުން ވާހަކަ ދައްކާ އިރު އަޑުގައި ހުންނަ ހަރުކަށިކަން ނުކުންނަނީ އެ ވާހަކައިގެ ސަބަބުން ނުކުމެދާނެ ނަތީޖާއެއް ދެކެ ބިރުން ކަމުގައި ވެދާނެއެވެ. ނުވަތަ ފަރުވާތެރިކަމާ އެކުގައި ކޮންމެ މީހަކު ބުނާ ކަންކަން ކޮށްދެނީ ތިމާއަކީ ކަންކަމުގައި އިތުބާރު ނުހިފޭ މީހެކޭ އެމީހުން ބުނެފާނެތީ ކަމުގައި ވެދާނެއެވެ. އަދި ގާތް މީހުންގެ ކަންކަމުގައި ފަރުވާކުޑަ ކުރެވެނީ އެމީހުން ތިމާ ތިމާގެ ގޮތުގައި ބަލައިގަންނާނެތީ ކަމަށްވެސް ވެދާނެއެވެ.
މިސާލަކަށް، ތިމާއާއި ތިމާގެ ބައިވެރިޔާއާ ދެމެދު މައްސަލައެއް ޖެހިއްޖެނަމަ، ތިމާ ވާހަކަ ނުދައްކައި ދުރަށް ޖެހިލަނީ ކުޑަ ވަގުތުކޮޅަކަށް އެކަމާ ބެހޭގޮތުން ވިސްނައިލަން ކަމުގައި ހީވެފައި އޮވެދާނެއެވެ. މި އާދައިގެ ސަބަބުން ދެމީހުންގެ މެދުގައި ޖެހޭ މައްސަލައަށް އެއްވެސް ހައްލެއް ނައިނަމަވެސް، އެނޫން ގޮތަކަށް ކަންތައް ކުރަން ތިމާގެ ހިތެއް ނޭދެއެވެ. އަދި، އެކަމާ އަނެކާ މައްސަލަ ޖެއްސުމުން އެކަމާ ރުޅިއައިސް އިތުރަށް މައްސަލަ ގޯސްވެގެންދެއެވެ. ނަމަވެސް، ކުޑަ ވަގުތުކޮޅެއް މިކަމާ މެދު ވިސްނައިލަން ނަގައި، އެއީ ކީއްވެގެން ކުރެވޭ ކަމެއްތޯ ބަލައިލައިފިނަމަ، އެއީ ޖެހޭ މައްސަލަތަކުގައި އިތުރަށް ކުށްވެރިވެދާނެތީ ބިރުން، އެ ހިސާބަށް އަނެއް މީހާ އަޔަނުދިނުމަށް އެޅޭ ފާރެއްކަން ވިސްނިދާނެއެވެ. މިކަން އެނގި، ބައިވެރިޔާއާ ހިއްސާކުރުމުން، އޭނާއަށް ވެސް އެކަމުގެ ހަގީގަތް އެނގި، އެއާ އެކުގައި ކުރިއަށް ދާނެ ގޮތްތަކާމެދު މަޝްވަރާ ކުރުމުގެ ފުރުސަތު ހުޅުވިގެންދެއެވެ.
ޖޮހަރީ ވިންޑޯގެ މި ނިޒާމު ބޭނުންކޮށްގެން އަމިއްލަ ނަފްސުގެ ބައިތައް ދެނެގަތުމަށް އިސްކަންދޭނަމަ، މުޖުތަމައުގައި ހިނގާ އެތައް ނޭދެވޭ ކަންކަމެއް ނެތިގެންދާނެއެވެ. ސަބަބަކީ، އަމިއްލަ ނަފްސުގެ ހަގީގަތް އެނގޭ މީހަކަށް އޭނާގެ ބަލިކަށިކަން އެނގި، އޭނާގެ ބިރުތައް ދެނެގަނެވި، އޭނާގެ ކަންކަން ބަލައިގަންނާނެ މީހުން ދެނެގަނެވި، ރައްކާތެރިކަން ލިބި، އެހެން މީހުންނަށް ތިމާގެ ފަރާތުން ރައްކާތެރިކަން ދެވޭނެތީއެވެ.
