ޣައްޒާ ހަނގުރާމަ ހުއްޓައިލަން ހަމާސްއާއެކު އިސްރާއީލުން މި ދިޔަ އޮކްޓޫބަރު 10 ގައި ގާއިމުކުރި ސުލްހައިގެ މުއާހަދާއަށްފަހު ވެސް މިއަދާ ހަމައަށް އިސްރާއީލުން 356 މީހުން ޝަހީދުކޮށްލައިފި ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފިއެވެ.
"ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާވެރިކަން އަދިވެސް ނިމުމަކަށް ނާދޭ،" އެ ޖަމިއްޔާއިން ބުންޏެވެ.
މި އަދަދަށް މީހުން މަރުވީ ސުލްހައިގެ މުއާހަދާ ގާއިމު ކުރި ފަހުން 500 އަށްވުރެ ގިނަ ފަހަރު އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ކަމަށް އެމްނެސްޓީން ބުންޏެވެ.
ޔޫރަޕްގެ އިއްތިހާދުގެ ހާރިޖީ ކައުންސިލްގެ މެންބަރު މުހައްމަދު ޝިހާދާ ބުނީ ޣައްޒާ ރައްޔިތުން އެއް ޖަމާއަތެއްގެ ގޮތުގައި ދިރިއުޅުމަށް ވެސް ހުރަސްއެޅިފައިވާ ކަމަށާއި އެކި އާއިލާތައް ވަނީ ވިއްސިވިހައިލިވެފައި ކަމަށެވެ.
"ސުލްހައިގެ މުއާހަދާ ގާއިމުކުރުމުގެ ކުރިން އިސްރާއީލަށް އޮތް ވަރުގެ ޕްރެޝަރެއް މިހާރު އެ ގައުމަކަށް ނެތް. އިސްރާއީލު ޒިންމާދާރު ކުރުމުގެ ނިޝާނެއް ވެސް ފެންނާކަށް ނެތް،" ސިޔާސީ ކަންތައްތައް ދިރާސާކުރާ ފަރާތެއް ކަމަށްވާ އާލިޔާ އައްޔޫބު ބުންޏެވެ.
ޣައްޒާ ރަށްވެހިންނަށް ކޮންމެހެން މަޖުބޫރު އެހީ ފޯރުކޮށްދިނުމަށް ވެސް ވަނީ ހުރަސްއަޅައިފައެވެ. މީގެ އިތުރުން އެތައް އަވަށެއް އެއްކޮށް ސުންނާފަތި ކޮށްލައިފައިވެއެވެ.
"މިއީ ސުލްހަ ގާއިމު ކުރުމެއް ނޫން. މިއީ ގިނަ ދުވަހަށް ދައްމައިލައިގެން، ޣައްޒާ މަޑުމަޑުން ގޮސް އެއްކޮށް ސުންނާފަތިކޮށްލުމުގެ ނިޔަތުގައި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައެއް،" ޣައްޒާގެ ރަށްވެއްސަކު ބުންޏެވެ.
ދެ އަހަރު ވީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ވަނީ 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައެވެ.



advertisment