ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވި "ޕްރިޓީ ވުމަން" އަކީ ހޮލީވުޑްގައި އެތައް އަހަރެއް ވަންދެން މަގުބޫލުކަން ދެމިގެންދިޔަ ފިލްމެކެވެ. ރީތި ހޮޓާތަކާއި ރީތި ބަތަލަކާއި ބަތަލާއެއް ފެނިގެންދާ، މި މަޝްހޫރު ފިލްމުގައި ދައްކުވައިދީފައިވަނީ އެހެން މީހުންނާ އެކަހެރިކޮށް އުޅޭ ވިޔަފާރިވެރިއަކާއި ހަށިވިއްކާ މީހެއްގެ ދެމެދުގައި އުފެދިގެންދިޔަ ލޯބީގެ ގުޅުމެކެވެ. މިއީ މިހާރުވެސް މީހުން "ހޮލީވުޑް ސިންޑަރެލާ" ވާހަކައެއްގެ ގޮތުގައި ސިފަކުރާ ފިލްމެކެވެ.
ފިލްމުގައި ދައްކުވައިދޭ ގޮތުގައި، ވިވިއަންއަކީ މަގުމަތިން ބައްދަލުވާ މުއްސަނދި މަހުޖަނެއް ކަމަށްވާ އެޑްވާޑް، އެއްރޭގެ ޖިންސީ ހިދުމަތް ހޯދަން ހޮޓަލަކަށް ގެންދާ އަންހެނެކެވެ. އެރެޔަށް ފަހުގައި އެޑްވާޑް ވިވިޔަން އެ ހޮޓަލުގައި އޭނާއާ އެކުގައި ދުވަސްކޮޅަކަށް މަޑުކޮށްދިނުމަށް އެދި، ރީތި ހެދުންތަކާއި ގަހަނާ ގަންދެއެވެ. އެ ހޮޓަލުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ވިވިއަން، މުއްސަނދިކަން ދައްކުވައިދޭ ރީތި އަންހެނެއްގެ ސިފައަށް ބަދަލުވެއެވެ. ފިލްމު ނިމޭއިރު، ޖިސްމާނީ ބޭނުމަށް ލާރިދީގެން ގެންދިޔަ އަންހެނަކާ އެޑްވާޑް އިހުތިޔާރެއް ނެތި ލޯބިވެ، އެ ދެމީހުން ދާއިމީ ގުޅުމެއް ފަށައިކަން ދައްކުވައިދެއެވެ.
މިއީ ހޮލީވުޑްގެ ކާމިޔާބު ފިލްމުތަކުގައި އާންމުކޮށް ފެންނަ ވައްޓަފާޅިއެކެވެ؛ ނިކަމެތި، ހާލުގައި ޖެހިފައިވާ މީހެއްގެ ރަނގަޅު ސިފަތަކުން މަތީ ފަންތީގެ މީހެއްގެ ހިތް ލެނބި، އޭނާގެ ހަޔާތަށް މުއްސަނދިކަން ގެނެސްދޭ ވާހަކައެކެވެ. މިފަދަ ވާހަކަތަކުން މީސްތަކުންގެ ހިތްތަކުގައި ހެޔޮ މީހުންނަށް ރަނގަޅު ގޮތް މެދުވެރިވާނެ ކަމުގެ އުންމީދު އާލާކުރުވައެވެ. ނަމަވެސް، މިއީ ހަގީގީ ދުނިޔޭގައި ކަންކަން ހިނގާގޮތެއް ނޫނެވެ.
"ޕްރިޓީ ވުމަން"ގެ އަސްލު ސްކްރިޕްޓް ހަދާފައިވަނީ، ހަގީގަތުގައި މިފަދަ ހާލަތެއްގައި ކަންކަން ދިމާވާ ގޮތާ އެއްގޮތަށެވެ. ގިނަ ބެލުންތެރިންނަށް މި ފިލްމުގެ ފުރަތަމަ ސްކްރިޕްޓަކީ ހިތަށް އުނދަގޫ ކަންތައްތަކެއް ދައްކުވައިދޭ ވާހަކައެއްކަން އެނގިފައެއް ނުވާނެއެވެ. ފިލްމަށް އެންމެ ފުރަތަމަ ދޭން އޮތް ނަމަކީ "3000″ އެވެ. އެއީ ވިވިއަންއަށް އެޑްވާޑް ދޭން އެއްބަސްވި ފައިސާގެ އަދަދެވެ. މި ފައިސާއިން ވިވިއަން ބޭނުންވީ އޭނާގެ ރަހުމަތްތެރި އަންހެން ކުއްޖާއާ އެކު ޑިސްނީލޭންޑަށް ދާށެވެ.
އަސްލު ސްކްރިޕްޓުގައި އެޑްވާޑްއަކީ ޖަޒުބާތީ ގޮތުން މީހުންނާ ގުޅުން ބަދަހިކުރުމުގެ ގާބިލުކަން ލިބިފައިނުވާ މީހެކެވެ. ފިލްމު ނިމޭއިރު، އެދެމީހުންނެއް ނުގުޅެއެވެ. ސްކްރިޕްޓު ނިމޭއިރު އެޑްވާޑް ވިވިއަން މަގުމައްޗަށް "ހޫރައިލާ" ގޮތަށް އޮތީ، އޭނާއަށް ދޭން ޖެހޭ 3000 ޑޮލަރުވެސް އޭނާއާ ދިމާލަށް އެއްލައިލާ ގޮތަށެވެ. މިއީ ބެލުންތެރިންގެ ހިތްތަކަށް އުނދަގޫކޮށް، ހަގީގީ ދުނިޔޭގެ ކަންކަމާ ބެހޭގޮތުން ވިސްނަން މަޖުބޫރުކުރުވާ ގޮތަށް ލިޔެފައިވާ ސްކްރިޕްޓެކެވެ.
ނަމަވެސް އެންމެ ފުރަތަމަ މިފިލްމު ހަދަން އޮތް ކުންފުނި އުވި، ޑިސްނީއިން ސްކްރިޕްޓަށް ފިލްމު ހެދުމާ ހަވާލުވިއެވެ. އާންމުކޮށް ޑިސްނީގެ ފިލްމުތަކުގައި ހުންނަ ސްޓައިލަށް، ހިތަށް އުނދަގޫވާ ކަހަލަ ގޮތަކަށް ލިޔެފައިވާ މި ސްކްރިޕްޓު ބަދަލުވެގެން ދިޔައީ އާދަޔާ ހިލާފު ލޯބީގެ ވާހަކައަކަށެވެ.
ހަގީގަތަކީ، މި ފިލްމުގައި ކަންތައް ވެފައި އެވަނީ ހަމައެކަނި ފިލްމުތަކުގައި ކަންތައް ވާގޮތަށެވެ. ހަށިވިއްކައިގެން ލާރި އާމްދަނީ ހޯދުމަކީ ވަރަށް ގިނަ މުޖުތަމައުތަކުގައި އެންމެ ދަށުދަރަޖައިގެ އަމަލެއް ކަމުގައި ދެކެއެވެ. އެގޮތަށް މުޖުތަމައުގެ މީހުން ހަށިވިއްކުމާދޭތެރޭގައި ދެކޭ އިރުގައިވެސް، ހަށިވިއްކައިގެން ދިރިއުޅުމުގެ ކަންތައް ހަމަ ޖައްސާ މީހުން ކޮންމެ މުޖުތަމައުއަކުންވެސް ފެނެއެވެ. ގަބޫލުކުރަން ދަތިވިޔަސް، ހަގީގީ ދުނިޔޭގައި ހަށިވިއްކައިގެން ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސާ ހިސާބަށް އަންހެނަކު ދާނީ ވަރަށް ގިނަފަހަރަށް، ގިނަ މަޖުބޫރުތަކަކާ ކުރިމަތިވެގެންނެވެ.
އަސްލު ސްކްރިޕްޓުގައި ވިވިއަންއަކީ މަސްތުވާތަކެތީގެ އަޅުވެތިކަން ތަހައްމަލުކުރަން ޖެހިފައިވާ އަންހެނެކެވެ. ބައެއް ފަހަރު މީހުން އެހާލަތައް ދަނީ އަޅައިލާނޭ މީހެއް ނެތި، ތައުލީމެއް ނެތި، ވަޒީފާގެ ފުރުސަތު ނުލިބި، ނަގަން ޖެހޭ ޒިންމާތައް ނެގޭނޭ އިތުރުގޮތެއް ނެތިގެންނެވެ. މިކަމުގެ ތެރެޔަށް ދާ ގިނަ އަންހެނުންނަކީ ގެވެށި އަނިޔާ ލިބި ނިކަމެތި ވެފައިވާ އަންހެނުންނެވެ. ދަރިންތަކެއް ލިބި ބެލޭނޭ ގޮތެއް ނެތިފައިވާ މީހުންނެވެ. އެފަދަ ކަމެއް ކުރަން ފަށަނީ އުމުރު ދުވަހު އެ ގޮތަށް ލާރި ހޯދުމުގެ ނިޔަތަކުއެއް ނޫނެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކަށް އެ ގޮތަށް ލާރި ހޯދައިގެން އެކަމުން އަރައިގަނެވޭނޭ ކަމުގެ އުންމީދުގައި އެކަން ފަށްޓައި މީހުންނެވެ. ގިނަ މީހުންގެ އެކަން ކުރާއިރުގައި ކޮންމެވެސް އެއްދުވަހަކުން ކޮންމެވެސް މީހެއްގެ އިހުސާންތެރިކަމުގެ އެހީގައި އެ އަނދިރި ދުނިޔެއިން ނުކުމެވޭނޭ ކަމުގެ އުންމީދުކުރެއެވެ.
ފައިސާ ދީގެން ޖިންސީ އެދުން ފުއްދަން އެދޭ މީހުންގެ ތެރޭގައި އެކި ކަހަލަ މީހުން ހިމެނެއެވެ. ބައެއް މީހުން އެކަންތަކަށް އެދިގެން ހަށިވިއްކާ މީހެއްގެ ކައިރިއަށް ދަނީ ފަސޭހައިން ކުޑަ ހިނދުކޮޅަކަށް އެކަނިވެރިކަން ފިލުވައިލާށެވެ. އަނެއްބައި މީހުން އެފަދަ ގުޅުމެއް އިޚްތިޔާރުކުރަނީ އެ ގުޅުން ހިނގާނޭ ގޮތުގެ ކޮންޓްރޯލް އެމީހުންނަށް ލިބޭތީއެވެ. ލާރީގެ ބާރުގައި ބޭނުންގޮތެއް ހަދައިލެވޭތީއެވެ. ޖަޒުބާތު އެއްފަރާތްކޮށްފައި ޖިސްމާނީ އެދުން ފުއްދައިލާށެވެ. ނަމަވެސް މިއިން ކޮންމެ ހާލަތެއްގައިވެސް އެފަދަ ލޯބީގެ ގުޅުމަކަށް މީހާ ދާއިރުގައި، މުޖުތަމައުއިން އެފަދަ ގުޅުންތަކުގައި ނަގަންޖެހޭ ކަމުގައި ދެކޭ ހުރިހާ ޒިންމާއިން މީހާ އެއްކިބާވެއެވެ. ލޯބި ނުވާތީ އެމީހާއަށް އަޅައިލާކަށް ނުޖެހެއެވެ. އެމީހާއަށް ވާނޭ ގޮތަކާ މެދު ވިސްނާކަށް ނުޖެހެއެވެ. ލާރީގެ އިތުރުން އިތުރު އެއްޗެއް ދޭކަށް މަޖުބޫރެއް ނުވެއެވެ. ޚާއްސަކޮށް މިފަދަ ގުޅުމެއްގައި އެކަކު އަނެކަކުގެ ކަރާމާތާމެދު ރައްކާތެރިވުމުން އެއްކިބާވެއެވެ.
އަންހެނެއްގެ ފަރާތުން މިފަދަ ހިދުމަތް ހޯދާ ފިރިހެނުންނަކީ ގިނަފަހަރަށް އެމީހުންގެ ބާރުގެ ބޭނުންކޮށްގެން ނިކަމެތިންގެ ކަރާމާތަށް އަރައިގަންނަ ޝަހުސިއްޔަތުތަކުގެ ވެރިންނެވެ. ނާދިރު ހާލަތެއްގައި އެމީހުންގެ ހިތުގައި އެ އަންހެން މީހާއާ މެދު ކުލުނެއް އުފެދުނަސް، އެއީ އަންހެން މީހާ އެ ހިނދުކޮޅު އެ ފިރިހެންމީހާއަށް އޭނާގެ ހައިބަތު ދައްކުވައިދިނުމުން އުފެދޭ ކުލުނެކެވެ. އެ އަންހެންމީހާގެ ފަރާތުން އޭނާގެ ފިރިހެންވަންތަކަން ސާބިތުވުމުން އެ އިހުސާސް ދެމިގެން ދިޔުމަށް އެދި އުފެދޭ ކުލުނެކެވެ.
ވަރަށް މަދު ހާލަތެއްގައި، ހަށިވިއްކާ އަންހެނަކާއި ފިރިހެނަކާ ދެމެދު "ޕްރިޓީ ވުމަން" ގައި ދައްކައިދޭ ފަދަ ލޯތްބެއް ވިޔަސް، އެފަދަ ގުޅުމަކީ ގިނަ ދުވަހަށް ދެމިގެންދާނޭ ގުޅުމަކަށް ނުވާނެއެވެ. ފިލްމުގައި އެޑްވާޑު ވިވިއަންގެ ހިދުމަތް ލާރިދީގެން ހޯދި ނަމަވެސް، ވިވިއަންގެ ތަފާތުކަމުން އޭނާދެކެ އެޑްވަޑަށް ލޯބިވެވުނީ ކަމަށް ބުނެދީ އުމުރު ދުވަހަށް ދެމިގެންދާ ގުޅުމެއްގައި އުޅުމަށް އެޑުވަޑު ބޭނުންވާ ކަމުގައި ދައްކައިދޭން މަސައްކަތްކުރެއެވެ. މިއީ ހަގީގަތާ ވަރަށް ދުރު ވާހަކައެކެވެ.
އެކަހަލަ ވިޔަފާރިއެއްގެ މުއާމަލާތެއް ހިނގައިގެން ލޯބީގެ ކުލުނު ދެމީހުންގެ ދޭތެރޭގައި އުފެދުނު ނަމަވެސް، އެ ގުޅުމުގެ އަސްލު ބިންގާގައި އަބަދުވެސް ފޮރުވިފައިވާނީ އެއީ ލާރި ދީގެން އުފެދުނު ގުޅުމެއް ކަމެވެ. ކިތަންމެ ދުވަހެއް ވިޔަސް އެ ހަގީގަތެއް ބަދަލެއް ނުކުރެވޭނެއެވެ. އެކަކުގެ މަޖުބޫރުކަމުގެ ފައިދާ އަނެކަކު ނެގިކަން އަބަދުވެސް އެ ދެމީހުންގެ ވާހަކައިގައި ލިޔެފައިވާނެއެވެ.
ހަގީގީ ދިރިއުޅުމަކާ ހަމައަށް ދާން ވިސްނާ އިރުގައި، އެ އަންހެން މީހާއަށް އުމުރުދުވަހު އެ ފިރިހެން މީހާއަށް ދެމުން އައި "ޝޯ" ދޭކަށް ފަސޭހައެއް ނުވާނެއެވެ. އޭނާއަކީ ހައިބަތުބޮޑު، ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިޔެއްކަން ކޮންމެ ދުވަހަކު ހަނދާންކޮށްދީ ކޮށްދީއެއް ނުހުރެވޭނެއެވެ. އެ "ޝޯ" ނުލިބެން ފެށީމައި، ފިރިހެން މީހާއަށް އޭނާއަށް ލިބެން ޖެހޭ ހިދުމަތެއް އުނިވީކަމުގައި ދެކެވޭނެއެވެ. އޭނާ އަންހެން މީހާ އެފަދަ ދިރިއުޅުމަކުން "ސަލާމަތްކޮށްދިނީތީ" ޝުކުރުވެރިވާން ޖެހޭވަރަށް ޝުކުރުވެރިނުވާތީ އެކަމާ ނުރުހި، އަންހެން މީހާ ދެރައިމީސްކޮށްލާ ހާލަތަށް ދާނެއެވެ.
އެ ހާލަތަށް ގޮސްފާނެތީ އަންހެން މީހާ ތާއަބަދު ހުންނާނީ ބިރުންނެވެ. އޭނާއަށް އެފަދަ މުއްސަނދި ހަޔާތަކީ އޭނާއަށް ހައްގު ނޫން އެއްޗެއްކަން އަބަދުވެސް އިހުސާސްކުރެވޭނެއެވެ. އޭނާއަށް އެ ދިރިއުޅުން ލިބުނީ ކޮންކަމެއް ކޮށްގެންކަން އަބަދުވެސް ހަނދާންވާނެއެވެ. އެއީ އޭނާގެ އިއްފަތެވެ. އޭނާގެ އެންމެ ބޮޑު ބިރަކަށް ވާނީ ފިރިހެން މީހާ ކޮންމެވެސް ދުވަހަކުން އޭނާ ދޫކޮށްލާނެތީއެވެ. އަދި އޭނާ އަލުން އެ މަޖުބޫރު ހާލަތަށް ވެއްޓިދާނެތީއެވެ. އެހެންކަމުން، އެފަދަ ހާލަތަކަށް ނުދިއުމަށްޓަކައި، އޭނާ އެ ގުޅުމުގައި ކޮންމެ ފަދަ ކަމެއްވެސް ތަހައްމަލު ކުރަން ތައްޔާރުވެފައި ހުންނާނެއެވެ. އިންސާނުންނަކީ ފިތުރީގޮތުން ހަމަހަމަ ބަޔެއް ނަމަވެސް، މިފަދަ ގޮތަކަށް އުފެދޭ ގުޅުމެއް އޮންނަނީ އެއްކޮޅަށް ސޮހިފައެވެ. އޭގައި ފަންތީގެ ގޮތުންނާއި ގިންތީގެ ގޮތުން ކަނޑަތު ނުކުރެވޭނޭ ބޮޑެތި ފަރަގުތަކެއް ވެއެވެ.
"ޕްރިޓީ ވުމަން" ނުކުތް ހިސާބުން މީހުންނަށް މި ފަރަގުތައް އޮޅުވައިލިއެވެ. ހަޖަމުކުރަން ފަސޭހަ ލޯބީގެ ވާހަކައަކާއި، ޖޫލިއާ ރޮބަރޓްސް ފަދަ ރީތި ބަތަލާއެއްގެ ސަބަބުން، ހަށިވިއްކާ މީހުންގެ މަޖުބޫރީ ހާލަތާއި، ދުނިޔޭގެ ލަދަކީ އެހާ ބޮޑު ކަމެއް ނޫންކަމަށް މީސްތަކުން ގަބޫލުކުރިއެވެ. މުއްސަނދި މީހަކާ އެކުގައި އުޅެން ފެށުމުން، މުޅި މުޖުތަމައުއިން އޭނާއަކީ ކިހާ ދަށު ދަރަޖައެއްގެ މީހެއްކަން ހަނދާން ނައްތައިލާ، ރީތި ހެދުމެއްލައި، ގަހަނާ އެޅުމުން އެމީހާއަށް ގަދަރުކުރަން ފަށާނެ ކަމުގެ ދޮގު ހިޔާލުތައް ފެތުރި، މީހުން އެކަން ގަބޫލުކުރިއެވެ. ލޯބީގެ ނަމުގައި މުއްސަނދިން ނިކަމެތިންގެ މައްޗަށް ބާރުފޯރުވުމުގެ އެންމެ ހިތްދަތި ގޮތްތައްވެސް "އޯކޭ" ކަމެއްގެ ގޮތުގައި މީހުންނަށް ވިސްނުނެވެ. "ޕްރިޓީ ވުމަން" އިން ދައްކުވައިދިނީ، ހަށިވިއްކުމުގެ ދަށުދަރަޖައިގެ އަމަލަކީ މާދަމާ ވެސް "ޕްރިންސް ޗާމިންގް" އައުމުން ދޫކޮށްލެވޭނެ ކުޅޭކުޅޭ ފޭރާމެއް ގޮތުގައެވެ.
ނަމަވެސް ހަގީގަތަކީ، މިއީ ޑިސްނީއިން ވިއްކި ހިޔާލީ ފޮލައެކެވެ. މިއީ އެތައް އަންހެނުންގެ މަޖުބޫރު ހާލަތުން ކޮންމެވެސް ދުވަހަކުން ސަލާމަތްވެވޭނެ ކަމަށް އެމީހުންގެ ހިތުގައި އުންމީދު އަޅުވައިދޭ، ބަރުދަނެއްގެ ގޮތުގައި ވެފައިވާ ކަމެކެވެ. މީސްތަކުންނަށް މިފަދަ ހާލަތުގައި އުޅޭ އަންހެނުންގެ ހަގީގަތް ދެނެގަތުމަށް މިފަދަ ފިލްމުތަކަކީ ހުރަހެކެވެ. މިފަދަ އަންހެނުންނަށް އެމީހުންގެ ހިދުމަތް ހޯދާ ފަރާތްތަކުން އެތައް އަނިޔާއެއް ލިބި، ލިބެމުންދާ ނިކަމެތިކަން ކޮޅުން ނުލައެވެ. އެ މަސައްކަތަށް ވަންނަ މީހުންނަށް އޭގެން ނުކުތުމަށް ފަސޭހަ ގޮތްތަކެއް ނުހުރެއެވެ. އެމީހުންގެ ނިތްކުރީގައި ޖެހޭ ސިއްކައަކީ އުމުރަށް ދެމިގެންދާ ސިއްކައެކެވެ. ގިނަ ފަހަރަށް އެމީހުންނަށް ލިބޭ ދަރިންގެ ނިތްކުރީގައިވެސް އެ ސިއްކަ ޖެހެއެވެ. މިފަދަ ހާލަތްތަކުން އެމީހުން ސަލާމަތްކޮށްދޭން އަންނަނީ ގިނަ ފަހަރަށް ރީތި މުއްސަނދި ފިރިހެނެއް ނޫނެވެ. އެ ހާލަތަށް އެމީހުން ދާން ޖެހުނު ސަބަބުތައް ބަދަލުވެ، އެއްބައި މީހުންނަށް މި ކަމުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެއެވެ. ނަމަވެސް، އެފަދަ ހަޔާތެއްގައި އުޅެފައި ތިބި މީހުން އަލުން މުޖުތަމައުއާ ގުޅުމަށްޓަކައި އެތައް މަސައްކަތެއް ކުރަންޖެހެއެވެ. މިކަމުގައި އުޅޭ މީހުންނަށް އަލުން އާ ދިރިއުޅުމެއް ހޯދައިދޭން އެހީތެރިވެދޭނެ ޖަމިއްޔާތައްވެސް މިހާރު ވަނީ އުފެދިފައެވެ.
