ޣައްޒާގެ ބެލެނިވެރިކަން އެމެރިކާ އާއި އެހެން ގައުމުތަކުގެ ދަށަށް ގެންދިއުމަށް ކަނޑައަޅައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަކާ ހަމާސް އާއި ޣައްޒާގެ އެހެން ގްރޫޕްތަކުން ދެކޮޅުހަދައިފިއެވެ.
"މިހެން ހެދުމުން ފަލަސްތީންގެ ގައުމީ އަމިއްލަވަންތަކަން ނަގައިލެވެނީ،" ހަމާސް އާއި އެ ޖަމާއަތާ ގުޅިފައިވާ ފަރާތްތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބަޔާނުގައި ބުނެފައިވަނީ މި ފަދަ ގަރާރެއްގެ ސަބަބުން ޣައްޒާގެ އަމިއްލަ ވެރިކަމެއް ހިންގުމަށް ހުރަސްއަޅައި ކަމަށެވެ.
"މި ކަން ވެގެންދާނީ ޣައްޒާގެ މައްޗަށް ބޭރުގެ ބައެއްގެ ބެލެނިވެރިކަން ހިންގަން ފެށުން. ނަތީޖާއަކަށް ވާނީ ފަލަސްތީން ރައްޔިތުން އެ މީހުންގެ ކަންތައްތައް އަމިއްލައަށް ހިންގަން ނުކުޅެދިނުން،" ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ޣައްޒާގެ އާއްމު ރައްޔިތުން ވެސް ވަނީ އދ.ގެ މި ނިންމުމާ ދެކޮޅުހަދައިފައެވެ.
"އަހަރެމެންނަކީ އަހަރެމެން އަމިއްލައަށް އަހަރެމެންގެ މައްޗަށް ވެރިކަން ކުރެވޭނެ ބައެއް. އަރަބި ގައުމުތަކާއި ނުވަތަ އެހެން ވެސް ގައުމުތަކުގެ ފައުޖުތަކުން ޣައްޒާ ހިންގުމުގެ ބޭނުމެއް ނެތް. ޣައްޒާގެ ޒިންމާ ނަގާނީ އަހަރެމެން އަމިއްލައަށް،" ޣައްޒާގެ ރަށްވެއްސެއް ކަމަށްވާ މުއުމިން އަބްދުލްމާލިކު އަލްޖަޒީރާއަށް ބުންޏެވެ.
"ގަރާރު ތަންފީޒު ކުރުމުން އިސްރާއީލާ ދެކޮޅު ހަދާ ޖަމާއަތްތަކުގެ ހަތިޔާރުތައް އަތުލާނެ. ބައެއްގެ އަޅުވެތިކަމުގެ ދަށުގައިވާ ބަޔަކަށް، އެ ބައެއް އަޅުވެތިކޮށްގެން އުޅޭ ބަޔަކާ ދެކޮޅުހެދުމުގެ ހައްގު އޮންނަން ޖެހޭނެ،" ޣައްޒާގެ އެހެން ރަށްވެއްސެއް ކަމަށްވާ މުހައްމަދު ހަމްދާން ބުންޏެވެ.



advertisment