ބްރެޒިލަށް ނިސްބަތްވާ މާޔާ ގަބޭރާއަކީ އަންހެނުންގެ ތެރެއިން އެންމެ އުސް ރާޅާ އަޅާފައިވާ މީހާއެވެ. އުސްމިނުގައި 73.5 ފޫޓު ހުރި ރާޅާ އަޅައިގެން ރިކޯޑް ފޮތުން މާޔާ ޖާގަ ހޯދީ ކުރީގެ އަމިއްލަ ރެކޯޑް މުގުރާލާފައެވެ.
މާޔާ މި ރާޅާ އަޅާފައި ވަނީ ޕޯޗުގަލްގައި ބޭއްވުނު ޑަބްލިއު.އެސް.އެލް ނަޒާރޭ ޓޯ ސާރފިންގް ޗެލެންޖް އިވެންޓްގައެވެ. މާޔާ 2018ގައި 68 ފޫޓުގެ ރާޅަކާ އަޅައިގެން ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދާފައިވަނީވެސް ހަމަ މި އިވެންޓްގައެވެ.
މި ރާޅާއެކު މި އަހަރުގެ ވޯލްޑް ސާރފް ލީގުން ސީ.ބީ.ޑީ އެމް.ޑީ. ޑަބަލް އެކްސް.އެލް ބިގަސްޓް ވޭވް އެވޯޑް ކާމިޔާބުކުރީ މާޔާއެވެ. އަދި މީގެ އިތުރުން ރެޑް ބުލް ބިގް ވޭވް އެވޯޑްވެސް ކާމިޔާބު ކުރީ މާޔާއެވެ.
އެންމެ އުސް ރާޅާ އަޅައިގެން ފިރިހެނުންގެ ތެރެއިން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވަނީ ވެސް ބްރެޒިލްއަށް ނިސްބަތްވާ މީހެކެވެ. މިގޮތުން 80 ފޫޓުގެ ރާޅާ އަޅާފައިވަނީ ރޮޑްރިގޯ ކޯޒާއެވެ.