Support Us

ވާހަކަ: ޔުކްތާ – 4

"ޔުކްތާ، ހިތްވަރުކުރޭ. ދައްތަ ބުނާގޮތްހަދާ." ޔުކްތާނަގާ އެނދުމައްޗަށް ލެވޭތޯ އޭނާބެލިއެވެ.

"އަޒީއްތާ" އޭނާގެ ކެތްތެރިކަން ކޮޅުންލީ ކަހަލައެވެ. ދެލޮލުން ފޭބިކަރުނަތައް އިތުރުވެގެން ދިޔައެވެ.

"ކަނބުލޯ، ދެން ހުއްޓަލާ، ހިތްވަރުކޮށްލަނިކޮށް ހުރިހާކަމެއް ރަނގަޅުވެދާނެ. ދައްތަގެ ބަސްއަހާ." އޭނާ ނަސޭހަތްދެމުން ދިޔައެވެ.

ޔުކްތާއަށް އަޒީއްތަގެ ގާތްކަމާއި އޯގާތެރިކަމުން ހިތްވަރެއް ލިބުނު ކަހަލައެވެ. އަޒީޒާވީ ނިކަމެތި މައުސޫމު ކުއްޖެއްގެ ރިހުމާއި ތަދުތަކަށް ލުޔެއް ދެއްވުމަށްޓަކައި މާތްކަލާނގެ މިންވަރު ކުރެއްވި ފަރާތެވެ. އޭނާގެ އެހީއިން ފަހުގެ ވޭންވަރާއި އެކީ ތޭރަ އަހަރުގައި ކުޑަކުޑަ ޔުކްތާގެ ބަނޑުން ދެކިލޯ ބަރުދަނުގެ އަންހެން ކުއްޖެއް އުފަންވެއްޖެއެވެ. ކައިރީގައި އޮތް ބެޑުޝީޓުން ދަރިފުޅު ސާފުކޮށްލުމަށްފަހު ޔުކްތާގެ ގާތުގައި އެދަރިފުޅު ބޭއްވިއެވެ. ކުޑަކޮށް ރޯލުމަށްފަހު މަޑުމަޑުން އެމައުސޫމު ކުއްޖާ އޭނާގެ މަންމަ ގާތުގައި ނިދީއެވެ.

ހަވީރުން ފަށައިގެން އެތަކެއް ވޭނެއް ލިބިފައިވާ ޔުކްތާ ވަރުބަލިކަމާއި ރިހުމަށް ކުޑަ ލުޔެއް ލިބިފައިވާތީ ވަނީ ނިދިފައެވެ. ނޫނެކެވެ. އަނބުރައިގަނެފައެވެ. އެއީ އޭނާއަށް ލިބިފައިވާ ރަހުމަތެކެވެ. އަޒީޒާ ތަންސާފުކޮށް ޔުކްތާ ސާފުކުރިއިރުވެސް އޭނާއަށް ވާނުވާވެސް ނޭނގުނުކަން އެއީ އޭނާގެ ނަސީބެވެ. އޭނާއަށް މި ކަންތައްތަކާއި ކުރިމަތިލާނެ ހިތްވަރެއް ދެންނެތެވެ. ޚާއްޞަކޮށް އަޒީޒާގެ ސުވާލުތަކަށެވެ. އޭނާއެއްވެސް މީހަކަށް މިކަމާބެހޭގޮތުން ވާހަކައެއްނުދައްކައެވެ. އަދި ނުވެސް ދައްކާނެއެވެ.

ނަފީސާ މަރުވިކަން އަޒީޒާއަށް އެނގުނެވެ. ނަމަވެސް ސިޔާސީ ކަންތަކުގައާއި ވިޔަފާރީގެ ކަންތައްތަކުގައި އަވަދިނެތުމުގެ ސަބަބުން ޔުކްތާ މަތިން އޭނާ ހަނދާން ނެތުނީއެވެ. ޔުކްތާއަށް މިހެންދިމާވީ ކީއްވެގެންކަން އޮޅުންފިލުވަން އަޒީޒާ ކޮންމެހެންވެސް ބޭނުމެވެ. އޭނާ ކުޑަދަރިފުޅު ގޮވައިގެން އެކޮޓަރިން ބޭރަށް ނިކުތެވެ. އަދި އެހެން ކޮޓަރިއަކުން ފެންނަންހުރި ފަސްވޯޓު ބޮތްކެއްގެ ރަތްއައްޔާއި ދިމާއަށް އޭނާދިޔައެވެ.

އޭނާ ނަޒަރު ހުއްޓުނީ ކުޑަ ކޮޓަރިއެއްގައި ބާ އެނދެއްގައި ނުހަނު ބަލިހާލުގައި އޮތް އުމަރެވެ. އޭނާ ހައިރާންވީ އުމަރުގެ ކުރީގެ ބާރުގަދަ ހަށިގަނޑު އަނަރޫފަ ވެފައިވާތީއެވެ. ކުޑަކުޑަ ދަރިފުޅު ފެނުމުން ގޮވާލަން އުޅުނު އަނގައިން  ރަނގަޅަށް އަޑު ނުނިކުތުމުންނެވެ. އުރަން ދިމާކޮށްލި އަތް ހަރަކާތް ނުކުރުމުންނެވެ. އެއީ އެއަނގައިން ޔުކްތާގެ ދެމައިންނަށް ހަޅޭއްލެވި އަނގައެވެ.  އެބާރުގަދަ މުލައްދަނޑިން ޔުކްތާއަށް އަނިޔާކުރި އަތެވެ. ހާލަތު އެހާއަވަހަށް ބަދަލުވީ ކީއްވެބާވައެވެ؟ މިއާއިލާގެ ނިމުން މިހާއަވަހަށް އައީ ކީއްވެބާވައެވެ؟ އޭނާ ސުވާލުކުރަން ބޭނުންވެއެވެ. ނަމަވެސް ޖަވާބު ލިބޭނީ ކޮންފަދައަކުން ހެއްޔެވެ؟ ޖަވާބު ދޭން ހުރިމީހާ ވަނީ ނުކުޅެދޭ ހާލުގައެވެ. ވާހަކަ ދައްކަންވީ އަނގައިގާ ވާތްގެއް ނެތެވެ. ނުހަނު އުނދަގުލުން ހިތްވަރުކޮށްފައި ބުނެވުނުހާވެސް އެއްޗަކީ ތި ކުޑަދަރިފުޅު ގެންދާށެވެ. އަހަރެމެންގެ ނިކަމެތިކަމަށް އޯގާތެރިވާށެވެ. ޔުކްތާއަށް ނާންގާ އެދަރި މާލެ ގެންދާށެވެ. ދަރިން ނުލިބޭ ކޮންމެވެސް މީހަކަށް ދޭށެވެ. އެދަރިބެލުމުގެ ކުޅަދާނަ ކަމެއް އެމީހުންގެ ނުވެއެވެ. ތިދަރި ބޮޑު ވެގެންވެސް ޔުކްތާއަށް ލިބުންފަދަ އަނިޔާވެރިކަމަކާއި ބޭއިންސާފުގެ ހިތި އަނިޔާ ނޫން އެއްޗެއް އޭނާއަކަށް ނުދެވޭނެއެވެ. މީހުންގެ މަލާމާތާއި ފުރައްސާރަ ނޫން ކަމެއް ނުލިބޭނެއެވެ.  އަހަރުމެންނީ ނިކަމެތި ބައެކެވެ. އަޅާލާނެ ބަޔަކު ނެތް ފަގީރުބައެކެވެ. މުޖުތަމައުގައި ބާކީވެ ގޮތްހުސްވެފައިވާ އެކަނިވެރި ބައެކެވެ. އަޅާނުލެވޭ ބަލި އެނދުގައި އޮތް މުސްކުޅިއަކީމެވެ. މާދަންވެސް މަރުވެއްޖެނަމަ ޔުކްތާ ފަދައިން ކޮންމެވެސް ނުލަފާ މީހެއް ތިދަރި ޝިކާރަ ކޮށްލާނެއެވެ. ދިރިއުޅުން އަނދިރިގަނޑަކަށް ހަދާނެއެވެ. ނޫނީ ތިދަރި މަރާލަދޭށެވެ. އެ އަނިޔާތަކަށް ކެތް ކުރުމަށްވުރެން ނުވަތަ އެދުވަސް ފެނުމަށްވުރެން މިއަދުނެތިގެންދިއުން ތިދަރިފުޅަށް މާރަނގަޅެވެ. މާތްކަލާނގެ ރަސްކަންފުޅަށްޓަކައި މިނިކަމެތި އާއިލާއަށް އެހީވެދޭށެވެ. އޭނާގެ ނުކުޅެދޭ އަނގައިން ވާހަކަދެއްކުނީ ނުހަނު ހިތްވަރުންނެވެ.

އަޒީޒާއަށް ނުހަނު އަސަރުކޮށްފިއެވެ. އަދި އެންމެ ފަހުން އޭނާ ކޮންމެވެސް ގޮތެއް ނިންމައިފިއެވެ. އޭނާ ދަރިފުޅު ގޮވައިގެން އޭނާގެ ގެއަށް ދިޔައެވެ. އަދި ނުހަނު އުނދަގުލުން ބުއްފުޅިއެއް ދިނުމަށްފަހު އެދަރިފުޅު ނިންދަވައިފިއެވެ. ދެން ސިއްހީ މަރުކަޒުގެ މެނޭޖަރަށް ގުޅާ އެތައް ވާހަކަތަކެއް ދެއްކިއެވެ. އަދި އެއާއިލާގެ ހާލަތު ނުހަނު ރަނގަޅަށް އޮޅުންފިލުވައިފިއެވެ. އެއީ އޭނާގެ ނުހަނު ގާތް މީހެކެވެ.

"މީހުން ކިޔަނީ އެއީ އޭނާގެ ބައްޕަގެ ދަރިއެއްކަމަށް. އެކަމަކު މިވީހާދުވަހުވެސް އެކަހަލަ ވިޔާ ނުދާވާހަކައެއް އުމަރުގެ ފުށުން އަހަރެން ނާހަން." މެނޭޖަރު ޔަގީންނުވާ ގޮތެއްގައި ބުންޏެވެ.

"ގަބޫލުކުރެވޭތަ އޭނާގެ ދަރިއަކަށް ވެދާނެކަމަށް." އަޒީޒާ އެހިއެވެ.

"ޝައްކުވާމީހެއްވެސް ނޭނގެ." މެނޭޖަރު ބުންޏެވެ.

"އެކުއްޖާގެ ރައްޓެއްސެއްވެސް ނުހުރޭ. އެހެންނޫންނަމަ ކޮންމެވެސް ގޮތަކުން ބުނެވިފަ އޮންނާނީ."

"މިރަށުމީހުން ގަބޫލުކުރަނީ އެއީ އުމަރުގެ ދަރިއެއްކަމަށް."  މެނޭޖަރުވެސް ޔަގީން ނުވާގޮތަކަށް ބުނެލިއެވެ.

ނަމަވެސް އަޒީޒާއަށް އުމަރުގެ ވާހަކައިން އެއީ އޭނާގެ ވިޔާނުދާ ޢަމަލެއް ނޫންކަން ޔަގީންކުރެވެއެވެ. އަދި އެއީކިތަންމެ ރުޅިގަދަޔަސް އަނބިދަރީންނަށް އަނިޔާކުރިއަސް އެހާ ޚުލްގު ނުބައި މީހެއްނޫންކަން އޭނާއަށް އެނގެއެވެ. އުމަރުގެ ވާހަކައިން އެއީ ނުބައިމީހެއް ޔުކްތާއަށް ދިން ލަނޑެއްކަން އެނގެއެވެ. އެހެންކަމުން މިކަމުގެ ހަގީގަތް ރަގަޅަށް ނޭނގެނީސް  އޭނާ ޔުކްތާ އެހާލުގައި ދޫނުކުރުމަށް  އަޒުމުކަނޑައަޅައިފިއެވެ. އެހެންކަމުން ވަރަށް ގިނަ ވާހަކަތައް ދައްކާ ގޮތްގޮތަށް ވިސްނުމަށްފަހު އެންމެ ރަނގަޅު ގޮތަކަށް އެމީހުން ގޮތެއް ނިންމައިފިއެވެ.

ފަތިސްވީއިރު އަޒީޒާއާ އެކުއައި އޭނާގެ ގޭގައި ގެންގުޅޭ ބޭރުމީހަކާއި ހަވާލުކޮށް ދަރިފުޅު މާލެ ފޮނުވާލައިފިއެވެ. ފަތިސްވުމުގެ ކުރިން ދަރިފުޅު މަރުވެފައި އޮތުމުން ވަޅުލީކަމަށް އެމީހުން ނިންމައިފިއެވެ. އަދި މި ސިއްރު ޔުކްތާގެ ބައްޕައާއި އަޒީޒާއާއި ސިއްހީމަރުކަޒުގެ މެނޭޖަރާއި ރަށުގެ އިތުބާރުހިފޭ ކުޑަކަތީބެއް ފިޔަވައި އެއްވެސް މީހަކަށް ނޭނގެއެވެ. މާތްކަލާނގެވަނީ އެމީހުންގެ މިރޭވުން ނުހަނު ފުރިހަމަކޮށް ކާމިޔާބު ކޮށްދެއްވާފައެވެ. އެމީހުންގެ ރޭވުމާއި އެއްގޮތަށް ޔުކްތާ ސިއްހީމަރުކަޒަށްގެނެސް  ފަރުވާކޮށް  ދަރިފުޅު މަރުވިކަމަށް އަންގާ ހުރިހާކަމެއް ހަމަޔަކަށް އަޅުވާލައިފިއެވެ. ރަށުމީހުންނަށް މިކަމުގައި އެއްވެސް ޝައްކެއްވެސް ނުއުފެދެއެވެ. ސަބަބަކީ ތޭރަ އަހަރުގެ ޔުކްތާއަށް ލިބޭ ދަރިފުޅު މަރުވުމަކީ ގަބޫލު ކުރެވޭވަރު ކަމަކަށްވުމެވެ. ނުލާހިކު ޅައުމުރުގައި އެކަށީގެންވާ ފަރުވާއާއި ކާނާނުލިބި ނުހަނު ދަތިހާލުގައި ލިބޭ ދަރިއަކު މަރުވެދާނެ ކަމަށް ގަބޫލުކުރެވޭ ކުރެވުން މާބޮޑުވީމައެވެ.

އަޒީޒާ ޔުކްތާއާއި އެކިގޮތްގޮތުން ވާހަކަދެއްކިއެވެ. ނަމަވެސް އޭނާ ބޭނުންވާ އެންމެ މައުލޫމާތެއްވެސް ޔުކްތާގެ ފުށުން ސާފެއްނުވިއެވެ. ޔުކްތާ އެވާހަކަތައް ދެއްކިޔަސް ހާސްވެއެވެ. ބިރުގަނެއެވެ. ނޭވާކުރުވެ ނޭވާލާން ދަތިވެއެވެ. އޭނާއަށްވަނީ ވަރަށްބޮޑަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުކޮށްފައެވެ. އަޒީޒާ ނިންމީ ޔުކްތާ މާލެ ގެންގޮސް ފަރުވާ ކުރުމަށެވެ. ގެއްލިފައިވާ ދިރިއުޅުން ހޯދައިދިނުމަށެވެ. ނަމަވެސް ބަލި އެނދުގައި އޮތް ބައްޕަ ބެލޭނޭ މީހަކީ ހަމައެކަނި ޔުކްތާ ކަމަށްވެފައި އޭނާ މާލެދާން ގަބޫލު ނުވާނެތީ އެވާހަކަ ނުދެއްކީއެވެ. އިތުރަށް ތިން ދުވަސް ރަށުގައި ހޭދަ ކުރުމަށްފަހު އަޒީޒާ މާލެ ދިޔައެވެ. އަނެއްކާވެސް ޔުކްތާ އެކަނި ކޮށްލާފައެވެ. އަނިޔާވެރި ކަމާއި އޯގާތެރިކަމެއް ނުވާ މާހައުލަކަށް ދޫކޮށްލާފައެވެ. މަލާމާތްކުރުމާއި ފުރައްސާރައިން ފުރިފައިވާ ބަޔަކާއި ހަވާލުކޮށްފައެވެ. ޔުކްތާ ގިފިޔަށްވަދެ ބާރަށްރުޔެވެ. ހިތްފުރޭންދެންނެވެ.  އޭނާ އަމިއްލައަށް މަރުވުމުގެ ޚިޔާލު އައީކުއްލިއަކަށެވެ. އަވަސްއަވަހަށް ކައިރީގައިހުރި ލައްފިލުވާފުޅި ބޯލަންއުޅުނެވެ. ނަމަވެސް ބައްޕަބެލުމުގެ ވާޖިބު ހިނދު ކޮޅަކަށްވެސް ހިތުން ނުފިލާތީ އަމިއްލައަށް މަރުވުމުގެ ޚިޔާލަށް ހުރަސް އަޅައިފިއެވެ.  އޭނާދިރިހުންނަނީ ހަމައެކަނި ބައްޕައަށްޓަކައެވެ. ބައްޕަގެ ބަލިން ގަދަވޭތޯ މަސައްކަތް ކުރުމަށްޓަކައެވެ. އެނޫން އެއްވެސް އުންމީދެއް މިހާރަކު އޭނާގެ ދިރިއުޅުމަކު ނުވެއެވެ.

*****

އަޒީޒާ މާލެ ދިޔަގޮތަށް ސިޓީ ގެސްޓް ހައުސަށް ދިޔައެވެ. އޭނާގެ ގޭގައި ގެންގުޅޭ ބޭރުމީހާ ނޫރުއާއި ބައްދަލުކޮށްފިއެވެ. ނިންމަންޖެހޭ ރަސްމީލިޔުންތައް ނިންމަންދެން މިހޮޓަލުގައި ނޫރުއާއި އެކުޑަކުއްޖާ އެތަނުގައި ބެހެއްޓުމަށްފަހު  ވީހާވެސް އަވަހަކަށް އެކަންތައް ތަކުގައި އޭނާ ހަރަކާތްތެރިވިއެވެ.

އަދި އެކުއްޖާ ބަލާނެ ރަނގަޅުގެއެއް ހޯދިއެވެ. އެއީ އެޔަތީމު ކުއްޖާއަށް އޭނާގެ ނިކަމެތި މަންމަ ހުވަފެނުންވެސް ނުދެކޭހާ މަތިވެރިކަމާއި އިއްޒަތާއި މުއްސަނދިކަމެކެވެ. ޒަމާނީ ގެއާއި ކާރެވެ. މޮޅު ފޭރާމާއި މީހުންގެ ލޯތްބާއި އުފަލެވެ. އަޒީޒާ އެކުއްޖާގެ ސިއްރު ނުހަނު ބޮޑުސިއްރެއްގެ ގޮތުގައި ރައްކާކޮށްފިއެވެ. އެގޮތުން ނޫރުއަށް ނުހަނު ގިނަ ފައިސާދީ އޭނާގެ ގައުމަށް ފޮނުވާލިއެވެ. އެސިއްރު ސަރުކާރުގެ ރަސްމީފަރާތްތައް ފިޔަވައި އެއްވެސް މީހަކަށް އެނގޭކަށް އޭނާބޭނުމެއް ނުވެއެވެ.

*****

ޔުކްތާގެ އަތްމަތިވަނީ ނުހަނު ދަތިވެފައެވެ. ބައްޕަ ބަލި އެނދުގައި އޮންނަތާ ހަތަރު އަހަރުވީއެވެ. މަސައްކަތް ކުރަންދާ ގޭ މީހުންވެސް  މާބޮޑު އަޅާލުމެއް މިހާރަކު  ނުހުރެއެވެ. ބުރަ މަސައްކަތާއެކު މަސް ކެއްކުމާއި ތެލި ތާސްދޮވުމާއި އެހެނިހެން މަސައްކަތް ކުރުމުން ދެބަފައިންނަށްވާ ކާއެތިކޮޅު ދެއެވެ. ބައްޕައަށްވެސް މިހާރު ފަރުވާ ކުރުމަށްޓަކައި ބޭސްކޮޅެއް ނުދެއެވެ. ބޭހުގެ ވާހަކަ އަހައިފިނަމަ އެއީ ދެން ގަދަނުވާނޭ ބައްޔެކޭ ބުނެ ދެކޮޅުހަދައެވެ. ބޭކާރު ޚަރަދެއްކުރުމަށްޓައި ފައިސާ އިސްރާފެއް ނުކުރެވޭނެއޭ ބުނެއެވެ. އޭގެ ބަދަލުގައި ޔުކްތާ އިސް ޖަހާލައެވެ. ލޮލަށް ޖަމާވާ ކަރުނަތައް މީހަކަށް ނުފެންނަނީސް ހިންދާލައެވެ. މިގޮތުގައި ހަތަރު އަހަރުވެއްޖެއެވެ. ސަތާރަ އަހަރުގެ ޔުކްތާގެ ޒުވާންކަން މަޑުމަޑުން ފުރިހަމަ ވަމުންދެއެވެ. މަޑު ކަޅުކުލައެއްގެ ފުންލޮލެވެ.  ދޮންމޫނާއި ފަންދިގު އިސްތަށިގަނޑެވެ. އެހެންނަމަވެސް އެރީތިކަންދެކެ އޭނާފޫހިވެއެވެ. އޭނާ ލަނީ ގަޔަށް ހެޔޮވަރުނުވާ މާ ބޮޑެތި ހެދުމެވެ. އިސްތަށިގަނޑު ހުންނަނީ އަބަދުވެސް ހުޅި ޖަހާފައެވެ. މޫނުގެ ރީތިކަންވެސް ފެނިދާނެތީ މޫނުގައިވެސް ރީތިވާ ޒާތުގެ އެއްޗެއް ބޭނުމެއް ނުކުރެއެވެ. މީހުންގެ ނަޒަރު އޭނާއަށް ހުއްޓިދާނެތީ އޭނާ ބިރުގަނެއެވެ. އޭނާ ބޭނުންވަނީ ވީހާވެސް ފޮރުވިގެން އުޅޭށެވެ. މީހުންގެ ބެލުންތަކަށް އޭނާ ނަފުރަތު ކުރެއެވެ.

ބައެއްރޭރޭ މަސައްކަތުގައި ހޭދަކުރަން ޖެހޭތީ އޭނާ ކަންބޮޑުވެއެވެ. އެގެއަށް އަންނަ ބައެއް ފިރިހެނުންގެ ޢަމަލުތައް ހުންނަ ގޮތުންނެވެ.  އެމީހުންދެކޭގޮތުގައި ޔުކްތާ އަކީ ވަރަށް ފަސޭހައިން ކާމިޔާބު ކޮށްލެވިދާނެ ކުއްޖެކެވެ. އެމީހުން އެދޭ ވަރަކަށް ބޭނުން ކޮށްލެވިދާނެ ކުއްޖެކެވެ.  އެމީހުންގެ ތެރޭގައި އުޅޭ ހުޒާމަކީ ވަރަށް އަންހެންކުދިން ކާމިޔާބު ކުއްޖަކަށް ހެދިގެން އުޅޭ ކުއްޖެކެވެ. އެހެންކަމުން އަބަދުވެސް ފުރުސަތަކަށް އިންތިޒާރު ކުރަމުންދިޔަ ހުޒާމު ޔުކްތާއާމެދު ވިސްނަމުންދިޔައެވެ. ޔުކްތާ ގެއަށް ދިޔުމުގެކުރިން އޭނާގެ ކޮޓަރިއަށްވަދެ ފިލާއޮތެވެ.

ޔުކްތާ ބައްޕައަށް ކާން ދިނުމަށްފަހު ނަމާދުކޮށްގެން ނިދަން އޮށޯތެވެ. އޭނާއަށް ނިދެނީ މަދުންނެވެ. ތޫނު ކަންފަތާއި ނިދިމަޑު ލޯ އަބަދުވެސް ވަނީ ހުޝިޔާރު ވެފައެވެ.  އޭނާގެ ނިދި ރަގަޅަށް ނުޖެހެނީސް މީހެއްގެ ފައިހިލަވަޅުގެ އަޑަށް ހޭލެވިއްޖެއެވެ. ހޭލެވުމާއިއެކު ކައިރީގައި ބާއްވާފައި އޮތް ވަޅި ނަގައިފިއެވެ. އެއީ މިހާރު އަބަދުވެސް އޭނާގެ ބައިވެރިޔެއް ފަދައެވެ. އޭނާގެ ކޮންމެ ނުރައްކަލެއް މިފަހަރު ފަދައިންވެސް ސަލާމަތް ކޮށްދެނީ އެ ތޫނުވަޅިއެވެ. ހުޒާމު ދުވެފައި ނިކުތީ ވަޅިން ޖެހިދާނެތީއެއް ނޫނެވެ. ޔުކްތާއަށް އައިސްފައި ހުރި ބަދަލުންނެވެ. އޭނާގެ ދެއަތުން ވަޅި ހިފައިގެން ހުރިއިރު ބޯވަނީ ހޭވިފައެވެ. ދެލޯވަނީ ބިރުވެރިކަމާ ރުޅިވެރިކަމުން ފުރިފައެވެ. އޭނާގެ ހަށިގަނޑުގައި ތުރުތުރުނާޅާ އެންމެ ދިމާއެއްވެސްނެތެވެ. މީހާއަށްވަނީ އާދަޔާޚިލާފު ބާރެއް އައިސްފައެވެ. މިއީ މިހާރު އޭނާގެ އާދައެވެ. ބިރުވެރިކަމެއް ދިމާވެއްޖެނަމަ ނޭވާލާންވެސް ދަތިވާ ހިސާބަށް ހާލަތު ގޯސްވެދެއެވެ. މާބޮޑަށް ހާސްވެ އުނދަގޫ ވާތީ މިދަންވަރު އޭނާ ހަދާނެގޮތް ހުސްވިއެވެ. އެންމެފަހުން ބައްޕަ ގާތަށްގޮސް ވާހަކަ ދައްކާލާ ހަމަޖެހިލުމަށްޓަކައި މަޑުމަޑުން ކޮޓަރިން ނިކުތެވެ.

ރޭގަނޑުގެ ހިމޭންކަމުގެ ތެރޭގައި މަޑުމަޑުން ހިނގާފައި ގޮސް އޭނާގެ ބައްޕަގެ އެނދުގައި އިށީނދެލިއެވެ. ނަމަވެސް އާއްމުކޮށް ރޭގަނޑު ގިނަވަގުތު ހޭލާ އޮންނަ ބައްޕަ މިރޭ އޮތީ ގަދަ ނިދީގައެވެ. އެއްއަތް އެދުން ބޭރުގައި އެލިފައިވާތީ މަޑުމަޑުން ހިފާލީ އެނދަށްލުމަށްޓަކައެވެ. ޔުކްތާގެ މުޅިޝައުގުވެރިކަން ކުއްލިއަކަށް ހުއްޓުނީ އެއަތް މާބޮޑަށް ފިނި ވީމައެވެ. ވާނުވެ ރަނގަޅަށް އޮތް އަތުގައިވެސް އެއްވެސް ވާތްގެއް ނެތުނީމައެވެ. ރަނގަޅަށް ނުމެރޭ އެއްލޮލުގައި އެއްވެސް ހަރަކާތެއް ނެތީމައެވެ. އަނގަހުޅުވި އެއްފަރާތުން ފޮނުއައިސްފައި ހުރީމައެވެ.

އޭނާ މުޅިހަށިގަނޑަށް ކަރަންޓު އައިކަހަލައެވެ. ދެއަތުން ބައްޕަގެ މޫނުގެ ދެފަރާތުގައި ތަޅާ އަޑުގެ ނެތްތަނަށް ގޮވަން ފަށައިފިއެވެ. ބައްޕަގެ ޚަބަރެއް ނުވިއެވެ. އޭނާއަށް ގޮވުނު އަދަދެއްވެސް ނޭނގެއެވެ. އިސާހިތަކު މީހުން އެއްވެއްޖެއެވެ. ބައްޕައާއި ޔުކްތާ ދުރުކޮށް ދެބަފައިން އެކުގައި ސިއްހީ މަރުކަޒަށް ގެންދެވިއްޖެއެވެ. އުމަރުގެ މަރު ސާބިތުވުމާއެކުހެން ޔުކްތާގެ ނޭވާލުމަށް ދަތިވާތީ އެނދުމަތި ކުރެވުނެވެ. މާބޮޑަށް ނޭވާލުމުގައި މައްސަލަ އުޅޭތީ ސެންޓަރުން ރަނގަޅު ނުކުރެވޭނެތީ ޑޮކްޓަރު ލަފާދިނީ މާލެ ގެންދިޔުމަށެވެ. ނަމަވެސް ޔުކްތާގެ އެއްވެސް މީހެއް މާލޭގައި ނެތުމުން ގެންދެވޭނެ ގޮތެއްނެތި ހާލު ބޮޑުވަމުންދިޔައެވެ. މިހިތާމަވެރި ޚަބަރު އިސާހިތަކު މެނޭޖަރުގެ ފަރާތުން އަޒީޒާއަށްވެސް ފޯރައިފިއެވެ. އަޒީޒާގެ އެދުމުގެ މަތިން ޔުކްތާ މާލެގެނެވުނެވެ. އައި.ޖީ.އެމް ހޮސްޕިޓަލުގެ އައިސީޔޫގައި ދެދުވަހު ބޭއްވުމަށްފަހު އަޒީޒާގެ އެދުމުގެ މަތީން ގެއަށް ދޫކޮށްލެވުނެވެ.

-ނުނިމޭ-

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *