Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ލޯބީގައި ދޭ އިންޒާރު

ލޯބީގައި ވާތީ ފަނާ… އެއީ އިއްޔެ މެންދުރު އަހަރެންގެ ހާލަތަށް ނިސްބަތްކޮށް ކިޔަން އެންމެ ރަނގަޅު ލަވައިގެ ކަޑީގެ ތަންކޮޅެކެވެ. ލޯބީގައި ފަނާވެ ދިޔުމަކީ އޭގައި ވަރަށް ގިނަ އިޝްގީ އަސަރުތަކެއް އެކުލެވިގެންވާ ކަމެއްތާއެވެ. ފަނާނުވާނަމަ އެވަނީ ލޯބި ބާއެވެ؟ އަހަރެން ބޮޑުވީ ނައިފަރު ދޮހޮއްކޮގެ "މަރުވިއްޔާ ޝަރަފުގާ މަރުވާނަން" އަޑުއަހައިގެންނެވެ. އެހެން ކަމުން ލޯބީގައި އަހަރެން ފަނާވެ، ހަނާވެ، ހަފުސްވަމުން އައީ ކީއްވެގެންތޯ ނާހާށެވެ.

ޒަމާން ބަދަލުވެއްޖެއެވެ. މުސްކުޅިވާކަން ގަބޫލުކުރަން މަޖުބޫރު ވެއްޖެއެވެ. ލޯބީގައި ކުޅެމުން އައި ކުޅިވަރުތައް ދެން ކުޅޭކަށް ހަށިގަނޑުގައި ވަރެއް ނެތެވެ. ސިކުނޑީގައި ތަނެއް ނެތެވެ. އިޝްޤުގެ ތީރުން ހިތްހަލާކު ކޮށްލަން ވިސްނުމުގެ ކުރިން ކޮލެސްޓްރޯލު ޓެސްޓެއް ހަދަން ޖެހެއެވެ. ޕްރެޝަރު ޓެސްޓެއް ހަދަން ޖެހެއެވެ. އެ ތީރުން ވާ ޒަހަމުގެ ސަބަބުން އަސްލު ހިތަށް ގޮތެއް ވެދާނެތީއެވެ. އެހެންވެ މިކަހަލަ މޮޅެތި ޝިކާރަވެރިންގެ އަމާޒުފަތްގަނޑަކަށް ނުވާން އަހަރެން އޮޅެނީ ބޮނދައިގެންނެވެ. ފިލައިގެންނެވެ. ބޭރަށް ވެސް ނުނުކުމެއެވެ.

ރަޙްމަތްތެރިން އަހައެވެ. "ދެން ކަލޭ މީހަކާ ނުގުޅޭނީ ހެއްޔެވެ؟"

ނޫނެކެވެ. މުޅިއަކުން އެހެންނެއް ނޫނެވެ. ނަމަވެސް އެފަދަ ކަމަކަށް ކުރިމަތިލެވެން ދެން އޮތީ ވަރަށް ގިނަ ކަންކަން ކޮށްގެންނެވެ. ހަޔާތުގައި ކުރެވުނު ހުރިހާ ތަޖުރިބާގެ އަލީގައި ދަސްވީކޮން ފިލާވަޅުތަކެއްތޯ އެބަ ވިސްނަން ޖެހެއެވެ. ލޯބީގައި ވީ ނާކާމިޔާބުގެ އަސްލަކީ ހަޔާތައް އައި މީހުންނޭ ކިޔާފައި ރެކެވޭކަށް ނެތެވެ.

މީގެ ކުރީގައި އެހެން މީހުންނޭ އެއްފަދައިން އަހަރެންވެސް ލޯބީގެ ގޮތުން ގުޅެން ބޭނުންވީ އަހަރެންނަކީ ހާއްސަ މީހެއްގެ ގޮތުގައި އިހުސާސްކޮށްދޭ މީހާއާއެވެ. އަހަރެންނާ ދުރުނުވާނަމޭ ކިޔައި ވައުދުވެ އަތާއި އަތް ޖަހާ މީހުންނާއެވެ. ނަމަވެސް ދަސްވި އެންމެ ބޮޑު އެއްޗަކީ އެއްވެސް ކަމަކީ ތާއަބަދު އެއްގޮތަކަށް ދެމިގެންދާނޭ ކަމެއް ނޫންކަމެވެ. ކޮންމެ މީހެއްވެސް ބަދަލުވާނެއެވެ.

ނަމަވެސް ކޮންމެ މީހެއް ގޯސްގޯހަށް ބަދަލުވަނީ ކީއްވެގެން ހެއްޔެވެ؟ ފަހަރެއްގައި އޭނާ އެދުވަހު ކުރި ވައުދުވީ ހަމަ އަސްލަށްވެސް އަހަރެންނާ އެކުގައި އުޅުމުގެ ނިޔަތުގައެވެ. ދޫކޮށް ނުދާނެ ކަމުގެ ނިޔަތުގައެވެ. ނަމަވެސް ދެމީހުން އެކުގައި އުޅެން ފެށުމުން ކަންކަން ބަދަލުވެގެން ދިޔައީއެވެ. އެކަކު އަނެކަކުގެ ކިބައިން ޤަބޫލުކުރަން ބޭނުން ނުވާ ސިފަތައް ހާމަކަން ބޮޑު ގޮތެއްގައި ފާޅުވެ ދިރިއުޅުން ބޮއްސުންލައިގެން ދާން ފެށީއެވެ. އެކަކު އަނެކަކަށް އިހާނާތްތެރިކޮށް ކަންކުރަން ފެށުނީއެވެ. ގަސްތުގައެއް ނޫނެވެ. ނަމަވެސް އެ ގޮތަށް ކަންކަން ވާން ޖެހޭ ހެއްޔެވެ؟

އެންމެ ފުރަތަމަ މީހާ ގޯސްކޮށް ކަންކުރީމައި ނުވިސްނުނީއޭ ބުނެވިދާނެއެވެ. ދެވަނަ މީހާގެ ގޮތްވެސް ނޭގުނީއެވެ. ތިންވަނަ މީހާއާ ހަމައިން އަމިއްލަ ނަފުސާ ކޮންމެ މީހަކާ އެކުގައި މިގޮތަށް ކަންކަން ވަނީ ކިހިނެތްވެގެންތޯ ސުވާލު ނުކުރެވެންޏާ ފަނާވެ ހަފުސްވެގެން ކީތްކުރަން ކުރިހާ ތަޖުރިބާއެއް ހެއްޔެވެ؟

މިސާލަކަށް އަހަރެންގެ ހަޔާތަށް އައި މީހުންނަށް ގޯސްކޮށް ކަންކުރެވުނީ ޔޯލައެވެ. ގޯސް ބަޔަކަށް ވީމައެއް ނޫނެވެ. ނަމަވެސް ގޯހުން ގޯހަށް ކަންކަން ދާންދެން އަހަރެން މަޑުކޮށްގެން ހުރީ ކީއްވެގެން ތޯ ނާހާ ދެން އަހަރެންނަށް މި ކުޅިވަރު ކުޅެވެން އެބައޮތް ހެއްޔެވެ؟

މިދޭތެރެއިން، ބޮކެއް ފެން ތެއްޔަކަށް ލައިގެން ކައްކަން ފެށުމުން އޭއްޗަށް ފުންމައިލާން ނޭނގި އުޅެނިކޮށް ފެންގަނޑު ކެކި މާހޫނުވުމުން ފުންމައިނުލެވި މަރުވި ވާހަކަ ނޫހަކުން ކީމެވެ. މިއީ އަހަރެންނަށް ކުރިމަތިލާން ޖެހުނު ހަގީގަތެވެ.

ގިނަ ފަހަރަށް ގުޅުންތަކުގައި އިހުމާލާއި އަނިޔާ އަންނަން ފެށުމުން ބައިވެރިޔާ ދެކެ ވެފައިވާ ލޯބީގެ ބޮޑުކަމުން އެކަންކަން އޮއްބައިލައިގެން އުޅެވޭތޯ މަސައްކަތްކުރަނީއެވެ. އެކަމުގައި ގޯހުންގޯހަށް ކަންކަން ދިޔުމުން ދެން އެމީހާ ކައިރިން ދުރުވާނެގޮތެއް ނޭނގިގެން ތެޅި ބާލަނިކޮށް ފެންނަނީ އޭނާ އެހެން މީހެއް ހޯދައިތަނެވެ. އަނެއްކާވެސް އަހަރެންނަށް އޯގާތެރިކޮށް ހިތާ މީހެއް ހޯދަން އުޅެންވީއެވެ. އެކަންތައް ގޯހުން ގޯހަށް ދާތަން ބަލަންވީއެވެ. މިކަމުގައި ނިމުމެއް ކޮބައި ހެއްޔެވެ؟

ކަމެއް ގޯހުން ގޯހަށް ދިޔުމުގެ ކުރިން އެކަމެއް ދެނެގަނެވޭނީ އަހަރެންގެ އަމިއްލަ ނަފުސުގެ މިންގަނޑުތައް އަހަރެންނަށް އެނގިގެންނެއް ނޫން ހެއްޔެވެ؟ އަހަރެންގެ ހައްދު އަހަރެންނަށް ދެނެގަނެވިފައި ނެތްނަމަ އަނެއް މީހާއަށް އެ ހައްދު އެނގޭނެ ކަމަށް ވިސްނުމަކީ ބުއްދިވެރިކަމެއް ހެއްޔެވެ؟ އެހެން ކަމުން އެންމެ ފުރަތަމަ އިހުމާލުންވެސް އަހަރެންގެ އަމިއްލަ ނަފުސަށް އެ ނެއްޓުނީ ކޮންމެވެސް ހައްގެއްކަން ދެނެގަތުމުގެ ސިސްޓަމު ވަރުގަދަ ކުރުމަކީ އަހަރެންގެ ޒިންމާއެކެވެ.

މިކަން ވިސްނި މިއަދު އަހަރެން ދެން ގުޅޭ މީހާއަށް ކުރިޔާލާ އިންޒާރުދޭން ނިންމައިފީމެވެ. މީހުން ބަދަލުވާނެއެވެ. ނަމަވެސް އަހަރެންނާ ދޭތެރޭ ގޯސްކޮށް ކަންކުރަން ފަށައި ހިސާބުން އަހަރެން ދުރަށް ދާނަމެވެ. އޭނާގެ އުޅުން އިސްލާހުކުރަންދެން މަޑުކޮށްގެނެއް ނުހުންނާނަން ކަން އަންގާނަމެވެ.

"ދެން ތީ ކޮންކަހަލަ އުސޫލެއް ހެއްޔެވެ؟" އަހަރެންގެ މި ވިސްނުން އަޑު އިވުނު މީހުން ބުނެއެވެ. "އިންސާނުންނަށް ކުށްކުރެވޭނުން ހެއްޔެވެ؟ އޯގާތެރިވުމަކީ ނެތްކަމެއް ހެއްޔެވެ؟" އާނއެކެވެ. މިއީ ހަރުކަށި ވިސްނުމެކެވެ. އޯގާތެރިކަމުގެ ޒައްރެއްގެ މިންވަރެއް ނެތޭ ވިސްނިދާނެއެވެ. މީގާ އިޝްގީ ގޮތުން ފަނާވެ ދިޔުމުގެ ކުލަވަރެއް ކުޑަކޮށްވެސް ނުވެއެވެ. ނަމަވެސް މި އިންޒާރުނުދީ ދެން އަހަރެން މީހަކާ ލޯބީގެ ގޮތުން ވާހަކަ ދައްކަން ފައްޓާކަށް ނުވިސްނަމެވެ.

މި އިންޒާރު ދެނީ ކީއްވެގެން ހެއްޔެވެ؟ އިންސާނުންނަކީ ހިހޫ ތަނުން ކާލައިގެން އުޅެން އާދަވެފައިވާ ބަޔަކަށް ވީމައެވެ. ލޯބީގެ ކުރީކޮޅުގައި ލޯބިން އުޅޭކަށް މީހުންނަކަށް އުނދަގުލެއް ނުވާނެއެވެ. މާމުއި ހަނދުވަރު މޫސުމުގައި އުޑުން ތަރިބާލައިދޭން ރޭތައް ހޭދަކުރާކަށް އެއްވެސް މީހަކު ފަހެއް ނުޖެހޭނެއެވެ. ނަމަވެސް އެކުގައި އުޅެން ފަށައި ކަންކަން ކޫސަނިވާން ފެށުމުން ކޭ މާމުއީގެ ރަހަކެނޑި އަނގައިގައި ހިތިރަހަލާ ޢަމަލުތަކުން އެ ހިތި އަނެއް މީހާއަށް ނުދޭން އަހުލުވެރިކުރުވޭނީ މި އިންޒާރު ދީގެން ކަން އަހަރެންނަށް މިއަދު ވިސްނެއެވެ.

އަހަރެންނާ އެކުގައި އުޅެން ބޭނުންވާ މީހާއަށް އަހަރެންނަކީ ވަކި އުސޫލުތަކެއް ކަނޑައަޅައިފައިވާ މީހެއްކަން އެނގުމުން އެ އުސޫލުތަކުގައި ހިފަހައްޓަން މަޖުބޫރުވާނެއެވެ. އެ އުސޫލުތަކަކީ ކޮބައިކަން އޭނާއަށް ވިސްނޭނެކަމަށް ހުރުމަކީ އަހަރެންނަށް އަހަރެންގެ ނަފުސު ނޭނގޭ ކަމުގެ ނިޝާނެކެވެ.

ދުނިޔޭގައި އުޅޭތާ މިހާ ދުވަސް ވުމުން އަހަރެންނާ މެދު އެހެން މީހުން ކަންކުރަން ޖެހޭ ގޮތާއި ނުޖެހޭ ގޮތް އެނގެން ޖެހެއެވެ. އަހަރެންނަށް އިހްތިރާމުކުރަން ޖެހޭނެކަން ސީދާ ބުނަން ޖެހެއެވެ. އަހަރެންނާ މެދު އަބަދުވެސް ކަންކުރަން ޖެހޭނީ އޯގާތެރިކޮށްކަން އަންގަން ޖެހެއެވެ. އަހަރެންގެ ގޯސް ވާހަކަ މީހުންކައިރީގައި ދައްކައި އަހަރެން ބަދުނާމުކޮށްގެން ނުވާނެކަން އަންގަން ޖެހެއެވެ. އަހަރެންގެ ކަރާމާތަށް އަރައިގަންނަ ކަމެއްކޮށް އަނިޔާވެރިވެގެން ނުވާނެ ކަން އެނގެން ޖެހެއެވެ. އެންމެ ކުރުކޮށް ފޮނިކޮށް ތަގުވާވެރި އަޅަކަށް ވެއްޖެއްޔާ މިހުރިހާ ކަމެއް ކިޔައިދޭކަށް ނުޖެހޭނެއެވެ.

ނަމަވެސް އެ ހައްދުން އޭނާ ނައްޓައިލުމުން ލޯބިން "އާ އެންމެ ފަހަރަކަށް މާފު ކޮށްފީމޭ" ބުނުމުން މާދަމާވެސް އޭނާ ކަންކުރާނީ އެހެންކަން ޔަގީނެވެ. އިންސާނުންނަކީ އުސޫލުތަކެއް ކަނޑައެޅުމުންވެސް އެ އުސޫލުތަކުން ބޭރަށް ކިހާ ދުރަކަށް ދެވޭތޯ މަސައްކަތް ކުރާ މީހުންނެވެ. ނެނެއްހާތަން ދޫކުރުމުން ކެނބެއްހާތަން ޖައްސައިލާ މީހުންނެވެ.

އެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އޭނާގެ ޒިންމާއެކެވެ. ނަމަވެސް އެ އުސޫލުތައް ބަޔާންކޮށް އެ އުސޫލުތަކުގައި ހިފަހައްޓައިތޯ ފާރަވެރިވުމަކީ އަހަރެންގެ ޒިންމާއެއް ނޫން ހެއްޔެވެ؟ އެކަންކަން ބަޔާން ނުކޮށް އޮޔާ ވަޔަށް ދެމީހުންގެ ގުޅުން ބެހިގެން ދާން ފެށުމުން އިޝްގުގައި ފަނާވީ އޭ ކިޔައިގެން ލަވަކިޔައި އުޅޭހާ ހިތްވަރެއް މިއަދު އަހަރެންގެ ކިބަޔަކު ނެތެވެ.

ތެދުތެދަށް ބުނާނަމަ ފެންނަ ފެނުމަށް އަހަރެން މިއެދޭ އަހުލާގީ މިންގަނޑުތަކުގައި ހިފެހެއްޓުމުގެ ގާބިލުކަން ތިބި މީހުން މަދެވެ. ކޮންމެ މީހަކު ބޭނުންވަނީ މާމުއި ހަނދުވަރުގެ ފޮނިކަމެވެ. ހަތަޔަށް ގެއްލުންވިޔަސް ހެޔޮތާއެވެ. ގޯސްވާނީ ގޯސްކޮށް ކަންކުރުމުން ކަށިޖަހާ ކުޅަނދުރެވެ.

ނަމަވެސް މި އިންޒާރު ހެޔޮގޮތުގައި ނަގާނީ އެމީހެއްގެ ނަފުސު ރަނގަޅަށް ދެނެގަނެވިފައިވާ މީހުންނެވެ. ތަގުވާވެރިންނެވެ. އެމީހުންނަކީ ހަޔާތުގެ ކޮންމެ ކަމަކާ ހުށިޔާރުކަމާއި ސާބިތުކަމާ އެކުގައި ކުރިމަތިލާ މީހުންނެވެ. އެމީހުންނަށް މާމުއި ހަތައިން މާމުއި ލިބޭނީ ހަކުރު ފަނިގިރައިގެން ކުޅަނދުރަށް ދީގެން ކަން އެނގެއެވެ. މާމުއި ތާއަބަދަށް ލިބޭނީ އެ ހަތާ ރައްކާތެރިކަމާ އެކުގައި ގެންގުޅެގެން ކަން އެނގޭނެއެވެ. އެމީހުން އެކަމާ ކުރިމަތިލާނީ އެކަން ކުރަން ވީ ގޮތް ދެނެގަނެގެންނެވެ. ގެންގުޅެން ވީ އުސޫލުތައް އެނގިގެންނެވެ. އެކަމުގައި އޭނާގެ އޮތް ޒިންމާ އެނގިގެންނެވެ.

އެފަދަ މީހުން އަހަރެންގެ ގާތުގައި އަހަރެންގެ އުސޫލުތަކުގެ ހައްދު ފުޅާކުރާކަށް ނޫނީ އަހަރެންގެ ފެންވަރު ތިރިކުރާކަށް ނޭދޭނެއެވެ. ސަބަބަކީ އެ މިންގަނޑުތަކުގެ ސަބަބުން އޭނާގެ ނަފުސަށް އަންނާނެ ހެޔޮ ބަދަލުތައް އޭނާއަށް އެނގޭނެއެވެ. އެފަދަ ހައްދުތަކުގެ ސަބަބުން އޭނާގެ އަހުލާގީ މިންގަނޑުތައް އުފުލިގެން ދާނެކަން އޭނާއަށް އެނގޭނެއެވެ.

މި އުސޫލުތަކުގައި ހިފެހެއްޓުމަށް އިންޒާރު ދިނުމަކީ ހަރުކަށިކަމެކޭ ވިސްނައި ރަހުމަތްތެރިންނަށް އަހަރެން ވިސްނައިދިނީމެވެ. ބޭނުމީ އެ އިންޒާރު ނުދީ ބޮނޑިބޯން ހެއްޔެވެ؟ އޭނާއަށް ރަނގަޅުވާން ފުރުސަތު ދީދީ ހުއްޓައި އެހެން މީހަކާ ހިތާވެގެން ދާތަން ބަލަން ހެއްޔެވެ؟ މީހާ ހުރިހާ ގޮތަކުން ހުލިވީމާ ދުރަށް ކޮއްޕައިލާފައި ދާތަން ބަލަން ހެއްޔެވެ؟ އެހެން ކިތައް ފަހަރު ވެއްޖެ ހެއްޔެވެ؟ ބަދަލުވާށެވެ.

އަހަރެން ދެކޭ ގޮތުގައި އަހަރެން މިހާރު ކަންކުރަން ވިސްނާފައި ވާ ގޮތަކީ އިހުސާންތެރިވުމެވެ. މީހަކަށް އެމީހެއްގެ ކިބައިގައި ވާ އެންމެ ރަނގަޅު ސިފަތައް ނެރެގެން ދިރިއުޅެން އެޅޭ ބާރެކެވެ. ކަމަކަށް ބާރު ނާޅާނަމަ ކަމެއް ރަނގަޅު ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިއަދު މީހަކާ ވާހަކަ ދައްކައިލާ ހިނދު އެމީހާގެ ކިބައިގައި މިފަދަ ކަމަކަށް ކުރިމަތިލުމުގެ ގާބިލުކަން ހުރިތޯ ނެތްތޯ ދެނެގަންނާކަށް އަހަރެންނަކަށް އެހާ ދައްޗެއް ނޫނެވެ. އުސޫލުތަކުގެ ވާހަކަ ބުނާ ހިސާބުން މީހުން ތުރުތުރު އަޅައިފައި ބަޗައެވެ. އަހަރެންގެ ފަރުވާލެއް ނެތެވެ. އެއީ ދެން އަހަރެންގެ ހަޔާތުގައި ޖާގަ ލިބޭނޭ މީހުންނެއް ނޫނެވެ. ނަމަވެސް އަދިވެސް މިއުޅެނީ މި އާ ގޮތްތައް ފަރިތަކުރުމުގައެވެ. އުމުރު ހޭދަވީ އިޝްގުގައި ފަނާވުމުގައެވެ.