އޮންލައިންކޮށް ޓެމޫއިން ގަތް 80 އާއި 100 އާ ދޭތެރޭގެ އަދަދުގެ ދަގަތްފާނު ދިރުވައިލި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއްގެ ބޮޑު ސާޖަރީއެއް ހަދައި އޭނާގެ ގޮހޮރުން ބައެއް ނަގައިފިއެވެ.
ރައްކާތެރިކަން ކަށަވަރު ނުކުރެވިގެން ނިއު ޒިލޭންޑްގައި މަނާކޮށްފައިވާ، ސައިޒުގެ ގޮތުން ކުދި ނަމަވެސް ވަރުގަދަ މި ދަގަތްފާނުތައް ކުއްޖާގެ ގޮހޮރުގެ އެކި ހިސާބުގައި އެކަތި އަނެކައްޗަށް، ދަމާބާރުގައި "ތަތްވެފައި" ހުރުމުން ގޮހޮރުގައި ހުރީ ގުޅަޖެހިފައި އަދި ފުނިޖެހިފައެވެ.
ދަމާބާރުގެ ސަބަބުން ލޭގެ ހިނގުމަށް ހުރަސްއެޅި ޓިޝޫތައް މަރުވުމަށް ދިމާވިއެވެ. މި ކަމަށް އިނގިރޭސިން ކިޔަނީ ޕްރެޝާ ނެކްރޯސިސްއެވެ. ހޮސްޕިޓަލުގެ ސާޖަރީ ހަދާ ޑޮކްޓަރުންނަށް ޖެހުނީ މަރުވެފައިވާ ޓިޝޫ އާއި ގޮހޮރުން ބައެއް ނަގައިށެވެ.
"މި ކޭސްއިން އަލިއަޅުވައިލަނީ ހަމައެކަނި ދަގަތްފާނު ދިރުވައިލުމުގެ ނުރައްކަލެއް ނޫން. ނަމަވެސް އަހަރެމެންގެ ކުޑަކުދިންނަށް އޮތް އޮންލައިން ވިޔަފާރީގެ ނުރައްކާ،" ޓޯރަނގާ ހޮސްޕިޓަލްގެ ކްލިނިޝަނަކު ބުންޏެވެ. އެއީ ކުއްޖާ ސީދާ ބެލުމަށް ފަހު އެހެން ދެ ޑޮކްޓަރުންނާ ގުޅިގެން ނެރުނު ރިޕޯޓެއްގައެވެ.
މި ކޭސްއަކީ ބައިނަލްއަގުވާމީ އޮންލައިން ވިޔަފާރިއާ އަޅާބަލާއިރު އަމިއްލަ ގައުމުގެ އުފެއްދުންތެރިކަމުގެ ރައްކާތެރިކަމާ ގުޅޭ ގާނޫނުތައް ތަންފީޒުކުރުމާ ގުޅޭ ކަންބޮޑުވުންތައް ވެސް ފެންމަތިކުރުވި ކަމެކެވެ.
ޓެމޫގެ ތަރުޖަމާނަކު ބުނީ އެ ތަނުގައި ވިއްކަން ހުންނަ މުދަލުގެ ލިސްޓް އަލުން ބަލަމުންދާ ކަމަށާއި "ކުއްޖާއަށް ފުރިހަމަ އަދި އަވަސް ފަރުވާއަކަށް އެދޭ" ކަމަށެވެ.
ފުރާވަރު އުމުރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލީ އަށްޑުވަސް ފަހުންނެވެ.



advertisment