ޒަމާނަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗެކެވެ. މީހުންގެ ވިސްނުމާއި ފިކުރާއި އެދުންތަކުގެ މައްޗަށް ބައްޓަންވަމުން އަންނަ މި ޒަމާނުގައި، ފަރުދީ މިނިވަންކަމާއި އަމިއްލަ ޝަހްސިއްޔަތުގެ ހައިބަތު ފާޅުކުރުމަށް އިސްކަންދެވެއެވެ. މިފަދަ "ނަފުސީ" މާހައުލެއްގައި، ދީނާއި އީމާންތެރިކަމުން ހިމާޔަތް ހޯދާ މީހުންގެ ވާހަކައިން ވަރަށް ގިނަ މީހުން އަޖައިބުވެއެވެ.
ސަބަބަކީ ގިނަ މީހުންނަށް ދީނާމެދުގައި ދެކެވެނީ ދަތި ފިއްތުންތަކެއްގެ މައްޗަށް އެކުލެވޭ އެއްޗެއްގެ ގޮތުގައެވެ. ތިމާގެ އަމިއްލަ ވަންތަކަމަށް ހުރަސްއަޅާ އެއްޗެއްގެ ގޮތުގައެވެ. ތިމާގެ ވިސްނުމާއި އަމަލުތަކުގެ މައްޗަށް ގަދީމީ މިންގަނޑުތަކަކެއް ބޭނުންކޮށްގެން ކަސްތަޅު އެޅުން ކަމުގައެވެ. ތިމާގެ އަމިއްލަވަންތަކަން ކޮށައިމަށައިލާން ބުނާ މިންގަނޑުތަކަކުން ތިމާގެ ނަފުސަށް ލިބޭނީ ކޮން ތަސައްލީއެއް ހެއްޔޭ އެފަދަ މީހުން ހިތަށް އަރާނެއެވެ.
ދީނާއި އީމާންތެރިކަމުން ހިމާޔަތް ހޯދާ މީހުންނަށް އެކަމުގެ ސަބަބުން ހިތަށް ގެނެސްދޭ ތަސައްލީ އޮޅިފައެއް ނޯންނާނެއެވެ. ހާއްސަކޮށް މި ހަލަބޮލި، އަވަސްއަވަހަށް ބަދަލުތައް އަންނަ ޒަމާނުގައި، ދީނުން ލިބޭ އެތެރޭގެ ހަމަޖެހުމަކީ އަގުހުރި އެއްޗެކެވެ. މިއީ ބޯދާހިޔާލު ގެންގުޅޭ "ގަމާރު" ނޫން ވިސްނުމެއްކަން އެނގޭ އެތައްކަމެއް މިކަމަށް ހެކިދެއެވެ. މިސާލަކަށް ތައުލީމީ އަދި ވިސްނުންތެރި ގިނަ މީހުން ދީނުގެ މަގުގައި ސާބިތުވާން މެދުވެރިވަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ބުއްދީގެ މައްޗަށް އެކަނި ބަރޯސާވުމުން ކުރިއެރުމެއް ނެތްކަން އެނގުމުންނެވެ. އަމިއްލަ ބުއްދި އެކަނި ފުދޭނެކަމަށް ދެކުނު ނަމަވެސް، ސިކުނޑީގެ އުނިކަން ހާމަވުމުންނެވެ.
ސިކުނޑީގެ އުނިކަން އެންމެ ބޮޑަށް ފާޅުވާން ފަށަނީ އަވަސްއަވަހަށް ބަދަލުވާ މާހައުލުތަކުގައެވެ. ސިކުނޑިއަށް ނުކަތާވަރަށް މައުލޫމާތު ލިބި އެ މައުލޫމާތުތައް ލާނޭ ފޮށިތަކެއް ނޭގި ބޯމަތީގައި އެނބުރެން ފެށުމުންނެވެ. ވާންޖެހޭ ގޮތް ނުވިސްނި ބިރުން މީހާ އިނދަޖެހެން ފެށުމުންނެވެ. މާހައުލުން އެއްވެސް ހަމަ ޖެހުމެއް ނުލިބި ހާސްކަމުގާ މީހާ ހަލާކުވެ "ޑިޕްރެޝަން" އަށް ދިޔުމުންނެވެ. މިފަދަ ހާލަތްތަކުގައި އެންމެ ވިސްނޭ މީހާއަށް ވެސް އެމީހާގެ ސިކުނޑީގެ އުނިކަން އިހުސާސްކުރެވޭނެއެވެ.
މިއަދުގެ ދުނިޔޭގައި، ރަނގަޅު ނިންމުންތައް ނިންމުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މުޖުތަމައުގެ ހިޔާލުތައް އަވަހަށް ބަދަލުވެ، ކުރިން ބަލައިގަތް ކަންކަން ފަހުން ބަލައިނުގަނެވެއެވެ. މިސާލަކަށް، އިއްޔެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވި މީހުން މިއަދު އެދެނީ މީހުންގެ އަނގަ ހައްދުޖެހުމަށެވެ. މިފަދަ ކުއްލި ބަދަލުތަކުން މީހުންނަށް ކަންބޮޑުވުން ގެނުވައެވެ. ދުނިޔެ ވެގެން ދަނީ ގޮތް ނޭގެ މާހައުލަކަށެވެ. ކޮންމެ ފިޔަވަޅަކުން އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު އިހުސާސްވެއެވެ. ކޮންމެވެސް ކަނަކުން މީހަކު ނުކުމެ ނޭގި ހުއްޓައި ބުރަކައްޓަށް ހަންޖަރެއް ހަރައިލަފާނޭ ކަމުގެ ބިރު މީހާއަށް އިހުސާސްކުރެވެއެވެ.
މިފަދަ ހާލަތްތަކުގައި، ބަދަލުނުވާ ދީނީ އުސޫލުތަކާއި އިލާހީ ކަންކަމާމެދު ހިތުގައި އޮންނަ އީމާންތެރިކަމަކީ ރައްކާތެރި ބަނދަރެކެވެ. އެ ނަމާދުތަކާ މީހާ ކުރިމަތިލާއިރުގައި މީހާގެ ހަށިގަނޑާއި ވިސްނުން އަދި ނިޔަތުގެ ސާފުކަން ފިކުރުތަކުގެ އޮއިވަރު ބީއްސައިލާނޭ އަމާން އައްސޭރިއަކަށް ވެގެން ދެއެވެ.
މި މަތިވެރި ހިނދުކޮޅުތަކުގައި އެކަމާވެގެން ކުރިމަތިލާ މީހާއަށް އެ ދުވަހުގެ ސޯޝަލް މީޑިއާގެ ޓްރެންޑުތަކާ ދުރުވެލައި، ދުނިޔޭގެ ބިރުތަކާއި ވަސްވާސްތަކާ ހިނދުކޮޅަކަށް އެކަހެރިވެލެވޭނޭ ވަގުތުކޮޅެއް ލިބިގެންދެއެވެ. އަހަރުމެންގެ ހަލަނި ވިސްނުން އެއްދިމާލަކަށް އައުމަށް ބަންގީއިން ދޭ ދައުވަތުގައި ހިފުމުން އަހަރުމެންނަކީ ވިއްސިވިހާލިވެގެން ދާ ބަޔެއް ނޫންކަމާ އެކުގައި އެއް ދިމާލަކަށް ބޯލަނބައި ޖަމާއަތެއްގެ ބަޔެއް ކަން އެނގިގެން ދެއެވެ. މި ޒަމާނުގެ ދަޅަތަކުގައި ޖެހި މާނައެއް ނެތި އެނބުރެމުން ސެނބުރެމުން ދިޔަ ހިތަށް މާނައިން ފުރިގެންވާ ދިރިއުޅުމަކަށް ރުޖޫއަވެވެއެވެ.
ނަމާދާއި ޒިކުރު ފަދަ އަޅުކަންތަކުން ލިބޭ ހިތްހަމަޖެހުމަކީ ހަމައެކަނި ވަގުތީ ތަސައްލީއެއް ނޫނެވެ. މިއީ ނަފުސުގެ ޖިހާދުގައި ކާމިޔާބު ހޯދުމަށް އެހީތެރިވެދޭ ވަސީލަތްތަކެކެވެ. މި އަޅުކަންތަކުން މީހާގެ ނަފުސަށް ހެޔޮކަންކަން ކުރުމަށް ބާރުއަޅައި، ނުބައި ވިސްނުންތަކުން ދުރުކޮށްދެއެވެ. ޖަޒުބާތުތައް ކޮންޓްރޯލްކުރުމަށް މަގުފަހިކޮށްދެއެވެ. މިގޮތުން، ތަކުރާރުކޮށް ހެޔޮކަންކަން ކުރުމުން މީހާގެ ސިކުނޑީގެ ނާރުތައް ނުބައި ކަންކަމަށް ދަތުރުކުރާ މަގުތައް ބަންދުވެ، ހެޔޮކަންކަމަށް އާދަވެއެވެ.
ބައެއް މީހުން ވާހަކަދައްކާ ގޮތުގައި މެޑިޓޭޝަން އަދި ޔޯގާ ފަދަ ކަންކަމުންވެސް މީހާގެ ސިކުނޑި މައިތިރިކޮށްދެއެވެ. އެއީވެސް އޮތް ގޮތެކެވެ. ނަމަވެސް ދީނުގައި ހިފައިގެން ހިތްސާފުކުރުމާއި ސުންނަތާއި އިބާދަތުން ހަމަޖެހުން ހޯދުމަކީ މުޅިން ތަފާތު ކަމެކެވެ. އަޅުކަމުން ހަމަޖެހުން ހޯދާ މީހާގެ ދުނިޔެ ވަށައިގެން އެނބުރެނީ އޭނާ ހެއްދެވި ފަރާތުގެ ވަށައިގެންނެވެ. އޭނާގެ ކަންކަން ގެންގުޅެންވީ ގޮތާއި ވިސްނުން ބައްޓަންކުރަންވީ ގޮތް އޮންނަނީ ވަރަށް ސާފުކޮށް އެނގިފައެވެ.
އެފަދަ މީހުންގެ ދިރިއުޅުމުގައި އޮޅުން ބޮޅުން ތަކަކަށް ޖާގައެއް ނެތެވެ. މިއަދު ރަނގަޅުގޮތް މާދަމާ ގޯސްވެގެން މީހާ ހަލާކުވެދާނޭ ކަމުގެ ބިރެއް ނެތެވެ. އެފަދަ މީހުން ދީނުގެ ހައްދުތަކާ މެދުގައި ދެކެނީ ފިއްތުންތަކެއް ގޮތުގައެއް ނޫނެވެ. ނަމަވެސް ހެޔޮމަގުން ކައްސައިލައިގެން ނުދާން މަގުގެ ދެފަރާތުގައި ޖަހައިފައިވާ ވަރުގަދަ ފެންސުތަކެއްގެ ސިފައިގައެވެ. މިމަގުން ހިނގާ މީހާއަށް ކައްސައިލައިގެން ގޮސް އަނދަވަޅަކަށް ވެއްޓޭނެ ޖާގައެއް ނޯންނާނޭކަން ޔަގީންވާނެއެވެ.

One Response
މިފަދަ ލިޔުންތަކަކީ މިޒަމާނުގެ ޒުވާނުންނަށް ވަރަށް ބޭނުންތެރި ލިޔުންތަކެކެވެ. ދެރައީ މީހުން، ރަގަޅު މަގަށް
ވުރެ ބޮޑަށް ގޯސްމަގަށް ގެންގޮސްދޭ ލިޔުންތެރިން ވެސް ފެންނާތީއެވެ. އިޖާޒާ އަށް ޝުކުރިއްޔާ.