Support Us

އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ވެރިރަށް ލަކްނޯގައި، ކީރިތި ނަބިއްޔާއަށް ލޯބިކުރާ ކަމަށް ލިޔެފައިވާ ޝިޔާރުތައް ހިފައިގެން ތިބި އަންހެނުންނާއި ފިރިހެނުންނަށް ފުލުހުން ލަޓިބުރިން ހަމަލާދެނީ

އީދުމީލާދުގައި ކީރިތި ނަބިއްޔާއަށް ލޯބީގެ ޝިޔާރު ފާޅުކުރި މުސްލިމުންނާ ދެކޮޅަށް ފުލުހުންގެ ހަމަލާ

ކީރިތި ރަސޫލާގެ އީދުމީލާދު މިއަދު ފާހަގަ ކުރުމަށް އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގައި ޖަމާވި މުސްލިމުންނަށް ފުލުހުން ހަމަލާދީފިއެވެ.

އަލްޖަޒީރާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ހިމެނޭ ފޮޓޯތަކެއްގައިވަނީ "އައި ލަވް މުހައްމަދު" ("އަހުރެން މުހައްމަދަށް ލޯބިކުރަން") ޝިޔާރު ލިޔެފައިވާ ތަކެތި ހިފައިގެން ތިބި ފިރިހެނުންނާއި އަދި އަންހެނުންނާ ދެކޮޅަށް ވެސް ފުލުހުން ލަޓިބުރިން ހަމަލާ ދޭ މަންޒަރެވެ.

މި ކަން ހިނގައިފައިވަނީ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ވެރިރަށް ލަކްނޯގައެވެ.

ވެރިކަންކުރާ، ހިންދީ ދީނަށް ތާއީދުކުރާ ހަރުކަށި ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ ވެރިކަން އޮންނަ ސްޓޭޓްގެ އިތުރުން އިންޑިއާގެ އެހެން އިދާރާތަކުން ވެސް، މި ޝިއާރު ފާޅުކުރި އެތައް ސަތޭކަ މުސްލިމުންނާ ދެކޮޅަށް ޝަރުއީ ކޭސްތައް ފައިލްކޮށްފައިވާތީ، އެތައް ބައެއްގެ މެދުގައި ވަނީ ރުޅިވެރިކަމުގެ ހުޅު ފަޅައިގެން ގޮސްފައެވެ.

ލަކްނޯގައި ސްޓޭޓް ފުލުހުންގެ އަމަލުތައް ހުރި ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ރަސްމީ އިދާރާތަކަށް ފާޑުކިޔުން އަމާޒުވެފައެވެ. ފުލުހުން ވަނީ މުސްލިމުން ހައްޔަރު ކުރުމުގެ އިތުރުން ތަނެއް ސުންނާފަތި ވެސް ކޮށްލައިފައެވެ.

މިއީ އިންޑިއާގެ އަޣުލަބިއްޔަތު ނެތް ދީނީ މުޖުތަމައުގެ ހިޔާލު ފާޅުކުރުން ނައްތައިލައި އެ މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށްކުރާ ކަމެއް ކަމަށް ފާޑުކިޔުންތެރިން ބުންޏެވެ.

އުއްތަރު ޕްރަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު ލީޑަރު، ސަމަޖްވަދީ ޕާޓީގެ މާތާ ޕްރަސާދް ޕާންދީ ވަނީ ބީޖޭޕީން ކަންތައްތައްކުރި ގޮތް ކުށްވެރިކޮށްފައެވެ.

"ސަރުކާރުން ވާހަކަދައްކަނީ ޑިމޮކްރެސީއޭ ކިޔައިގެން އެކަމަކު އަމަލުކުރަނީ އެއަށް އެއްގޮތަކަށް ވެސް ބެލުމެއް ނެތި،" އޭނާ ބުންޏެވެ.

އުއްތަރު ޕްރަދޭޝް ސަރުކާރުގެ ވެރިޔާ، ބީ.ޖޭ.ޕީގެ ފާހަގަކޮށްލެވޭ ސިޔާސީ ލީޑަރެއް ކަމަށްވާ، ޗީފް މިނިސްޓަރު ޔޯގީ އާދިތުޔަނާތު ވަނީ ފުލުހުންނާއި ސަރުކާރުގެ އަމަލުތައް ދިފާއުކޮށްފައެވެ.

"ބައެއް ފަހަރަށް މީހުންނަށް އެ މީހުންގެ ނުބައި އާދަކާދަތައް ދޫކޮށްލުމަށް ނުކުޅެދޭ. އެހެންކަމުން ހަލާކުވާ ތަންތަން މަރާމާތުކޮށް އޭގެ މަތިން ދަވާދު ލާން ޖެހޭ،" ކާރު ފަދަ އުޅަނދުތަކަށް ނިސްބަތްކޮށް އޭނާ ބުންޏެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ އިންޑިއާއަކީ ހިންދީ ދީނުގެ އަޣްލަބިއްޔަތު، ގާތްގަނޑަކަށް 80 ޕަސެންޓް، އޮންނަ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ވެސްމެއެވެ. އެ ގައުމުގެ އާބާދީ ކަމަށް މި ދިޔަ އަހަރު ބައިނަލްއަގުވާމީ ފަރާތްތަކުން ބަލައިފައިވަނީ ގާތްގަނޑަކަށް 1.4 ބިލިއަންއެވެ.

އިންޑިއާގެ އެންމެ ބޮޑު، ނަމަވެސް އަޣްލަބިއްޔަތު ނެތް، އާބާދީއަކީ މުސްލިމުންނެވެ. ރަސްމީ ގޮތުން އިންޑިއާގައި ނެގި އެންމެ ފަހުގެ ބޯހިމެނުން ކަމަށްވާ 2011 ގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކަނީ މުސްލިމުންގެ އާބާދީއަކީ 172 މިލިއަން ނުވަތަ އާބާދީގެ 14.2 ޕަސެންޓް ކަމަށެވެ.

އޭގެ ފަހުން 2021 ގައި ނަގަން އޮތް ބޯހިމެނުން ނެގުން ލަސްވުމާއެކު، ފަހުގެ ތަފާސްހިސާބުތައް ބިނާކޮށްފައިވަނީ އާބާދީ އިތުރުވާނެ ކަމަށް ބަލާ އަންދާޒާތަކުގެ މައްޗަށެވެ. އެ ގޮތުން އިންޑިއާ ސަރުކާރާއި އެހެނިހެން މަސްދަރުތަކުން އަންދާޒާ ކުރަނީ މުސްލިމުންގެ އާބާދީ 200 މިލިއަނާ މިހާރު ކައިރި ކުރާ ކަމަށެވެ. މިއީ 2011 ގެ ފަހުން އަންދާޒާ ކުރި އަދަދުތައް ކަމަށްވާއިރު މުސްލިމުންގެ އާބާދީ މިހާރު އުޅެނީ 14.2 ޕަސެންޓާއި 14.6 ޕަސެންޓާ ދެމެދުގައި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *