ހޮންކޮންގް އެއާޕޯޓްގައި ރަންވޭ މަތިން ކައްސައިލައިގެން ތުރްކިޔެގެ ކާގޯ މަތިންދާބޯޓެއް މޫދަށް ވެއްޓުމުން މިއަދު ދެ މީހުން މަރުވެއްޖެއެވެ.
އެއާ އޭ.ސީ.ޓީން އޮޕަރޭޓްކުރާ ބޮއިންގް 747 މަރުކާގެ މަތިންދާބޯޓް، ހޮންކޮންގް އެއާޕޯޓްގެ އުތުރު ރަންވޭ މަތިން ކައްސައިލުމުން މަރުވީ އެއްގަމުގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ.
"އެކަކު މަރުވީ ހާދިސާ ހިނގި ތާނގައި. އަނެކަކު މަރުވީ ހޮސްޕިޓަލްގައި،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.
އެމިރޭޓްސް ސްކައިކާގޯ ކޯޑް ޝެއާކުރާ ފްލައިޓް އީ.ކޭ-9788 ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއިން އައިސް ހޮންކޮންގް އެއާޕޯޓަށް ޖެއްސި މި ހާދިސާގައި އޭގައި ތިބި ހުރިހާ ފަޅުވެރިން ޒަހަމް ނުވެ ސަލާމަތްވިއެވެ. އެއީ ހަތަރު ފަޅުވެރިންނެވެ.
"ހާދިސާ ހިނގުމާއެކު ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ފެށިން،" އެއާޕޯޓް އޮތޯރިޓީން ބުންޏެވެ.
އުތުރު ރަންވޭ މިހާރު ބަންދުކޮށްފައިވީ ނަމަވެސް އެހެން ރަންވޭތައް ވަނީ ހުޅުވައިލައިފައި ކަމަށް އެ އިދާރާއިން ބުންޏެވެ.
ފްލައިޓްރޭޑާ24 ވެބްސައިޓުން ދެއްކި ގޮތުގައި ރަންވޭ މަތިން ގާތްގަނޑަކަށް އެއް މޭލަށް ދިޔަ ތަނާ ވައަތް ފަރާތަށް ކައްސައިލައި މޫދަށް ވެއްޓުނީ ގަޑިއަކު 56 މޭލު ދުވެލީގައި ދަނިކޮށެވެ. ބޮއިންގް 747 މަރުކާގެ މަތިންދާބޯޓު އެއާޕޯޓްތަކަށް ޖައްސަނީ ގަޑިއަކު 250 މޭލު ނުވަތަ އެއަށްވުރެ ބާރު ދުވެއްޔެއްގައެވެ.
"އަހަރެމެންގެ ހަމްދަރުދީ ވަނީ މަރުވި މީހުންގެ އާއިލާތަކާއެކު،" މި ހާދިސާއަކީ "ހިތާމަވެރި އަދި ނާދިރު" ކަމެއް ކަމަށް ބުނަމުން އެއާޕޯޓްގެ ތަރުޖަމާނަކު ބުންޏެވެ.



advertisment