އެއްގަމުގައި އުޅޭ އެންމެ ބޮޑު ހައިވާނު ކަމަށްވާ އެތުގެ އާބާދީ އިންޑިއާގައި ހަތަރުބައިކުޅަ އެއްބައި ދަށަށް ހިނގައްޖެއެވެ.
ޑީ.އެން.އޭގެ ޒަރީއާއިން ހެދި އާ ދިރާސާއަކީ މިހާތަނަށް އިންޑިއާގެ އެތުގެ އާބާދީ ރަނގަޅަށް ގުނައިލެވުނު ފުރަތަމަ ފަހަރެވެ.
"އޯލް-އިންޑިއާ އެލެފެންޓް އެސްޓިމޭޝަން" ނުވަތަ ލަފުޒީ މާނައިން "މުޅި އިންޑިއާގެ އެތުގެ ނިސްބަތް" ދިރާސާއިން އެނގުނީ 2017 ގައި ތިބި ކަމަށް ބެލެވޭ 30،000 އެތުގެ އާބާދީން މިހާރު ދިރިތިބީ 22،446 އެތް ކަމެވެ.
ދިރާސާކުރި ފަރާތްތަކުން ބުނީ މިހާރު ކަށަވަރު ކުރެވުނު އަދަދު ކުރިމަގުގައި ބެލެވޭނީ އެތުގެ އާބާދީ ގުނާއިރު އާ މިންގަނޑު ނުވަތަ "ބޭސްލައިން" ކަމަށެވެ. އެއީ ކުރީގެ އަދަދުތަކާ އަޅައިބެއްޔަސްމެއެވެ. އަދި މި ހޯދުނު އަދަދުތަކުން އެނގެނީ އެތުގެ އާބާދީއަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމެވެ.
"މިއީ ތާރީހީ ގޮތުން ބަލާއިރު ވެސް، އިންޑިއާގައި އެތުގެ އާބާދީ ނިސްބަތުން މަދުވެފައިވާކަން ހާމަވާ ކަމެއް،" ދިރާސާގައި ބުންޏެވެ.
އެތުގެ އާބާދީ މަދުވެފައިވަނީ އެ ސޮރުމެންގެ ގުދުރަތީ މާހައުލުތައް ނެތިގެންދިއުމާއި ކަރަންޓުގައި ޖެހުމާއި ރޭލުތަކާ މުޑިއެރުމެވެ.
ހުޅަނގު ގަޓްސް އަދި އުތުރުއިރުމަތީ ސްޓޭޓްތަކަކީ މިހާރު އެތުގެ އާބާދީއަށް އެންމެ ބޮޑަށް ހިމާޔަތް ލިބިފައިވާ ސަރަހައްދުތަކެވެ. ނަމަވެސް އެ ތަންތަނުގައި ވެސް އެތަށް ލިބިފައިވާ ގުދުރަތީ ވެށިތައް ދަނީ ނެތެމުންނެވެ.
"އެތް ދިރިއުޅޭ މާހައުލުތަކާއި އެ ސޮރުމެން ދަތުރުކުރާ މަގުތަކަކީ މި ވަގުތުން ވަގުތަށް ވެސް، އެ ސޮރުމެންގެ ރައްކަލަށްޓަކައި ހިމާޔަތް ކުރަން ޖެހިފައިވާ ތަންތަން،" ދިރާސާގައި ބުންޏެވެ.
އެއްގަމުގައި އުޅޭ އެންމެ ބޮޑު ހައިވާނަކީ އެފްރިކާ ބައްރަށް ނިސްބަތްވާ "އެފްރިކަން ބުޝް އެލެފެންޓް" ބާވަތުގެ އެތެވެ. އިސްކޮޅުގައި 13 ފޫޓު ހުންނަ އިރު ބަރުދަނަކީ ހަ ޓަން ނުވަތަ 6،000 ކިލޯއެވެ.
އިންޑިއާގައި ދިރިއުޅޭ "އޭޝިއަން އެލެފެންޓް"ގެ ބާވަތަކީ އެފްރިކާ ބައްރުގައި ދިރިއުޅޭ އެތަށްވުރެ ކުޑަ ތަންކޮޅެއް ކުދި އެތެވެ. އޭޝިއާ ބައްރަށް ނިސްބަތްވާ މި އެތުގެ އިސްކޮޅަކީ 10 ފޫޓު ކަމަށްވާއިރު ބަރުދަނުގައި ހުންނަނީ ފަސް ޓަނު ނުވަތަ 5،000 ކިލޯއެވެ.
ސައިޒުގެ ގޮތުން ބޮޑު ނަމަވެސް އެތަކީ، އެ ބިރުގަންނަ ޒާތުގެ ކަމެއް މެދުވެރި ނުވާ ނަމަ، ވަރަށް މަޑުމައިތިރި މިޒާޖުގެ ހިތްހެޔޮ، މީހުންނާ އޮޅު ހައިވާނެކެވެ.
އެ ސޮރުމެން ކައި އުޅެނީ ހަމައެކަނި ފަތްޕިލާވެއްޔެއެވެ.
އެތަކީ ގުދުރަތީ ނިޒާމު ނުވަތަ "އިކޯސިސްޓަމް" ދެމެހެއްޓުމުގައި ދެވަނައެއް ނުވާ ދައުރެއް އަދާކުރާތީ "އިކޯސިސްޓަމް އިންޖިނައަރުން"ގެ ނަން ވެސް ދީފައިވާ ހައިވާނެކެވެ. އެއީ، ކާބޯތަކެތީގެ އޮށްތައް ތަންތަނަށް ފަތުރައިލުމާއި ވަލާއި ޖަންގަލިތައް ބައްޓަން ކުރުމާއި އަދި ވިނަ ހެދޭ ބިންތައް ވެސް ނެގެހެއްޓުމުގައި އަދާކުރާ މުހިންމު ދައުރުގެ ސަބަބުންނެވެ.



advertisment