ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އިއްޔެ ފާހަގަކުރިއިރު، ޣައްޒާގައި ދެ މިލިއަން ފަލަސްތީން ރައްޔިތުން ތިބީ ބަނޑަށްޖެހިފައެވެ. އެއީ ޣައްޒާއަށް އެހީ ހިފައިގެން ވަންނަން ޖެހޭ 600 ލޮރީގެ ތެރެއިން ވަންނަން ހުއްދަ ދިން ލޮރީގެ އަދަދު އޭގެ ދެބައިކުޅަ އެއްބަޔަށް އިސްރާއީލުން ދަށްކުރީމައެވެ.
ޣައްޒާ ހަނގުރާމަ ހުއްޓައިލަން ވައުދުވި ނަމަވެސް އިސްރާއީލުން މި ގޮތަށް އަމަލު ކުރުމުން އެހީ ދޭ ލޮރީތަކުގެ ތެރެއިން މަންޒިލަށް މި ދިޔަ ހަފުތާގައި ފޯރީ 216 ލޮރީއެވެ. މި ކަމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ލަސްކަމެއް މެދުވެރިވެ، ބަނޑުހައިހޫނުކަން އިތުރަށް ފުޅާވިއެވެ.
"މަދުވެގެން 463 މީހުން، އޭގެ ތެރޭގައި ގިނައީ ކުޑަކުދިން، ބަނޑަށްޖެހިގެން މަރުވެފައިވަނީ،" އަލްޖަޒީރާއިން ރިޕޯޓް ކުރިއެވެ.
އދ.ގެ އިންސާނިއްޔަތާ ބެހޭ ކަންތައްތަކުގެ ވެރިޔާ ޓޮމް ފްލެޗާ ބުނީ "އާއްމުންނަށް އެހީ ފޯރުކޮށްދިނުން އެއީ (އިސްރާއީލުން) ހަތިޔާރަކަށް ހަދައިގެންވާނެ ކަމެއް ނޫން" ކަމަށެވެ.
އެހީ ދޭ ޖަމާއަތްތަކުން ބުނީ އެހީ ހިފައިގެން ޣައްޒާއަށް ވަންނަން ހުއްދަ ދީފައި، މިހާރު ހުރި އެންމެ ގިނަ އަދަދެއްގެ ލޮރީތައް ވެސް އެއީ ޣައްޒާގައި ބަނޑަށް ޖެހިފައިވާ މީހުންގެ އަދަދަށް ބަލާއިރު ނުބައްދަލު އަދަދެއް ކަމަށެވެ.



advertisment