މީގެ ދެތިން ދުވަސް ކުރިން، އަހަރެންގެ ރަހުމަތްތެރިއެއް ގުޅައި، އޭނާގެ ކޮއްކޮ ހަދައިފައިވާ އެއްޗެއް ބަލައިލުމަށް ވީޑިއޯ ކޯލެއް ނެގިދާނެތޯ އެހިއެވެ. އޭނާގެ އުމުރުން ހަ އަހަރުގެ ކޮއްކޮ ޝަރޫ (އަސްލުނަމެއް ނޫން) އަކީ އެންމެ ތުއްތު ދުވަހުން ފެށިގެން އަހަރެން ވަރަށް ލޯބިވާ ކުއްޖެކެވެ. އެހެންކަމުން އުފަލުން "އާނއެކޭ" ބުނީމެވެ.
އެ ވީޑިއޯ ކޯލުގައި، ޝަރޫ އޭނާގެ އަތުން ތިނޯހާއި މިނާފުށް ބޭނުންކޮށްގެން ހަދައިފައިވާ މަލެއް ދެއްކިއެވެ. އެ އުމުރުގެ ކުއްޖެއްގެ ފުރަތަމަ މަސައްކަތަށް ބަލާއިރު، އެ މަސައްކަތް ވަރަށް ފުރިހަމައެވެ. އެކަމަކު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. ސަބަބަކީ އޭނާގެ ބޮޑުދައިތައަކީ ވަރަށް މޮޅަށް މިފަދަ މަސައްކަތްކުރާ މީހަކަށް ވުމުން، އޭނާގެ އަމިއްލަ މަސައްކަތުގެ ފުރިހަމަކަން އޭނާއަށް އަޅާކިޔުނީ އޭނާގެ ބޮޑުދައިތަގެ މަސައްކަތާއެވެ. ކިތަންމެ ވަރަކަށް "އޭތި ރީއްޗޭ" ބުންޏަސް، އޭނާއަށް އޭނާގެ މަސައްކަތް އެންމެ ފުރިހަމަ ނޫންކަން އޭނާއަށް ވިސްނެއެވެ. މިކަމުގައި އެއްވެސް ގޯހެއް ނެތެވެ. އޭނާގެ މަސައްކަތުގެ ފެންވަރު އެހެން މީހުންނާ އަޅައި ބަލަން އެނގުމަކީ ފުރިހަމަ ހުނަރެކެވެ. ނަމަވެސް އެ ފަރަގު އޭނާއަށް ފާހަގަ ކުރެވުނުލެ ބޮޑުކަމުން ދެން އެކަހަލަ ކަމެއް އޭނާ ކުރާ ހިތް ނުވެދާނޭ ކަމުގެ ބިރު އަހަރެންނަށް އޮތެވެ.
މިއީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. މީހެއްގެ މަސައްކަތް ފެނިފައި، ހަމަ އެ މޭރުމުން އެފަދަ އެއްޗެއް ހެދޭނެ ކަމަށް ގަބޫލުކޮށްގެން އެކަން ފަށައިގަންނަ ހިސާބުން، އެފަދަ ކަމެއް ކުރުމުގައި ހުރި ދަތި އުނދަގޫ ވިސްނެން ފަށައެވެ. ވަރަށް ގިނަ މީހުން އެހިސާބުން އެކަމެއް ދެކެ ފޫހިވެ، އެކަން ހުއްޓައިލައެވެ. ގިނަ މީހުން ބޭނުންވަނީ ހަމަ މިހާރުން މިހާރަށް "ބޮންތީ" ހިފާށެވެ. ކުރިޔަށްވުރެ މިހާރު މިކަންތައް އަދި މާބޮޑަށް ފެނެއެވެ. މި ޒަމާނަކީ ވަގުތުން ވަގުތަށް ހުރިހާ ކަމެއް ވާ ޒަމާނަކަށް ވީތީ، މި ޖީލަށް އުފަން ކުދިންގެ ވިސްނުމާއި އާދަކާދަވެސް ބައްޓަންވެގެން އަންނަތަން ފެންނަނީ އެހެންނެވެ.
އެހެން މިސާލެކެވެ. މީގެ ގިނަ އަހަރުތަކެއް ކުރިން އަހަރެންގެ އަމިއްލަ ދަރިފުޅާ އެކުގައި ކުރެވުނު ތަޖުރިބާއެކެވެ. އޭނާގެ އައިޕެޑަށް އަޅާފައިވާ ގޭމަކީ އިމާރާތްތަކެއް އަޅައި ގޭމެކެވެ. އެ ގޭމުގައި ކޮންމެ ފިތަކަށް ފިއްތާލާއިރަށް ފާރެއް އެޅެއެވެ. ފުރާޅެއް އެޅެވެ. މި ގޭމު ކުޅެގެން އަހަރެންގެ ދަރިފުޅުގެ ޅަ ސިކުނޑިއަށް ވިސްނިފައި އޮތީ ތަންތަން ބިނާކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމުގައެވެ.ވެ. އެ ގޭމުގައި އޭނާ މޮޅުކަން އޭނާއަށް ވިސްނި ގާތް މީހުންގެ ގާތުގައި އޭނާއަށް މިހާރު ތަންތަން ބިނާކުރަން އެނގެއޭ ކިޔައިގެން ވާހަކަ ދައްކާ އަޑު އަހަރެން އެހީމެވެ. އޭނާއަށް ޙަޤީޤަތުގައި ތަނެއް އިމާރާތްކުރުމުގެ ތަކުލީފު ވިސްނާދޭން ހެދޭނޭ ގޮތެއް އޮތްތޯ އަހަރެން ފިކުރު ކުރީމެވެ.
ނަސީބު ދިމާކުރިގޮތުން އެ އަހަރުގެ ޗުއްޓީގައި އަހަރުމެން ރަށަކަށް ދިޔައީމެވެ. އެ ރަށުތެރޭގައި ހިނގަމުން ދަނިކޮށް ގެއެއް އިމާރާތްކުރަން އުޅުނު ބައެއް ފެނުނެވެ. ދަރިފުޅަށް ތަންތަން ބިނާކުރުމުގެ ދަތިކަން ވިސްނައިދޭން ރަނގަޅު ފުރުސަތަކަށް ވީމައި، އެމީހުންގެ ކައިރީގައި ބުނެގެން އެކަމުގައި އޭނާ ބައިވެރިކުރީމެވެ. އެދުވަހު އެމީހުން އޭނާ ލައްވާ ސިމެންތި ގެށުވިއެވެ. ގާ އުފުއްލުވިއެވެ. އެ މަސައްކަތް ކުރުމަށް ފަހު އޭނާ އުޅުނީ ގައިގައި ރިއްސާތީއެވެ. އޭގެ ފަހުން އެއްވެސް މީހެއްގެ ކައިރީގައި އޭނާއަށް މޮޅަށް ތަންތަން އިމާރާތް ކުރެވޭނޭ ކިޔައިގެން ވާހަކައެއް ނުދައްކައެވެ.
ދަރިފުޅުގެ ދިރިއުޅުމުގައި މިކަހަލަ އެތައް ކަމެއް ހިނގައިފިއެވެ. އޭނާގެ ޅަ ވިސްނުންތަކަށް ގޮންޖެހުންތަކާ އެތައް ގޮތަކަށް ކުރިމަތިލާން ޖެހިއްޖެއެވެ. ދަރިފުޅު މާޔޫސްވެފައިވާތަން ބަލަން މަންމައެއްގެ ހައިސިއްޔަތުން އަހަރެންނަށް އުނދަގުލެވެ. ނަމަވެސް ކަންކަމުގައި ކުރުމަގު އިހުތިޔާރުކުރާ މީހަކަށް ދަރިފުޅު ވާން ބޭނުން ނޫންނަމަ އަހަރެންގެ ގައިގައި އޭނާގެ ހިތާމަ ބަލަން ހިތްވަރު އާލާކުރަން ޖެހެއެވެ. އެއީ މިކަމުގައި އޮންނަ ގުދުރަތީ ނިޒާމެވެ. އެހެން ކަމުން މަންމައެއްގެ ހައިސިއްޔަތުން އަހަރެން އަދާކުރަންޖެހުނު ދައުރު އަދާކުރުމުގައި ދެމިހުރީމެވެ. އޭނާއަށް މާޔޫސްވިޔަސް ކަމެއް ފުރިހަމަކޮށްފައި ނޫނީ ހުއްޓައިނުލާން ހިތްވަރު ދިނީމެވެ. އޭނާގެ ކުދި ކާމިޔާބީތައް ފާހަގަކުރުމުގައި ދެމިހުރީމެވެ.
މިއަދު އަވަސް ނަތީޖާއާ މެދުގައި އޭނާ ވިސްނާގޮތް ބަދަލުވެއްޖެއެވެ. ކޮންމެ ކަމެއްވެސް އޭގެ ޒާތުގައި ވާގޮތެއް އޮންނަކަން އޭނާއަށް ގަބޫލުކުރެވެއެވެ. ބައެއް ކަންތައްތަކަކީ އެނގުނަސް އަވަސްކުރެވޭނެ ކަންކަން ނޫންކަން އޭނާއަށް ވިސްނެއެވެ. މިހާރު އަލަށް ކަމަކާ ކުރިމަތިލާއިރުގައި އޭނާ އެކަމާ ކުރިމަތިލަނީ ހިތްތިރިކަމާ އެކުގައެވެ. އޭނާއަށްވުރެ ކަންކަމަށް މޮޅު މީހުންގެ އަޑުއެހުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި އަށަގަނެއްޖެއެވެ.
ބޮޑެތި ކަންކަމަށް ފޫގަޅައި ހިތްވަރާއެކު މަސައްކަތްކުރުމަކީ ކޮންމެ އިންސާނެއްގެ ކިބައިގައިވެސް އަށަގެންނުވަން މުހިންމު ފަންނެކެވެ. ކޮންމެ ދުވަހަކު އެކަމަށް ކުރިމަތިލުމާއި، މަސައްކަތަށް ފަރުވާތެރިވުމާއި، ދުވަހަކުން އެކަމެއް ފުރިހަމަވާނެކަން ޤަބޫލުކުރުން ހިމެނޭ ފަންނެކެވެ. އެއްވެސް ކަމެއް ކުރަން ފަށައިއިރުގައި އެންމެ ފުރިހަމައަށް އެކަންތައް ކުރެވޭނޭ ހީކުރުމަކީ ގޯހެއްކަން މިއަދު އޭނާއަށް ވިސްނެއެވެ.
ޝަރޫ ކައިރީގައި އޭނާގެ މަސައްކަތް ވަރަށް "ރީއްޗޭ" ކިޔުމުގެ ބޭނުމެއް ނެތްކަން އަހަރެންނަށް ވިސްނުނެވެ. އޭނާއަކީ ތޫނުފިލި ކުއްޖެކެވެ. އެއީ އޭނާ ލޮއްސަންވެގެން އަހަރެން ބުނާ އެއްޗެއްކަން އޭނާއަށް ވިސްނެއެވެ. އެހިސާބުން އަހަރެންނަށް މިކަހަލަ ދަނޑިވަޅުތަކުގައި ކަންކުރަން އިނގޭ އެންމެ ރަނގަޅު މޭރުމުން ކަންކުރަން ފެށީމެވެ.
"ކޮއްކޯ، ތީތި ހެދިއިރުގައި އެންމެ އުނދަގޫވީ ކޮންކަމެއްކަން ދޮންތައަށް ކިޔައިދީފާނަންތަ؟" އަހަރެންގެ ރަހްމަތްތެރިޔާގެ ކޮއްކޮ ކައިރީގައި އެހީމެވެ.
އެ ސުވާލާއެކު އޭނާގެ މޫޑު ބަދަލުވެއްޖެއެވެ. އަދި ވަރަށް ފޯރިއާއެކު އަހަރެންނަށް އޭނާގެ ތަޖުރިބާ ކިޔައިދޭން ފަށައިފިއެވެ. އޭތި ފުރިހަމަ ކުރަން އޭނާއަށް ބައިގަޑިއިރު ނެގި ވާހަކަ ބުންޏެވެ. ވައްކޮށް ހޮޅި މިނާތައް އަތުރަން އުނދަގޫވި ވާހަކަ ކިޔައި ދިނެވެ. ދެން އެފަދަ ކަމެއް ކުރަންޏާ ހަދާނޭ ގޮތް ވެސް ކިޔައިދިނެވެ. އޭނާ އެ ވީޑިއޯ ކޯލު ނިންމައިލީ އުފަލުންނެވެ. ދެންވެސް އޭނާ އެއްޗެއް ހަދައިފިއްޔާ އަހަރެންނަށް ދައްކާނެކަން ޔަގީނެވެ. އިރާދަފުޅު ކުރެއްވިއްޔާ އޭނާގެ ބޮޑުދައިތަ ފަދަ ހުނަރުން ފުރިގެންވާ ކުއްޖަކަށް ވުމުގެ ހިތްވަރު ދެއްވާތޯ އަހަރެން ދުއާ ކުރީމެވެ.
