Support Us

އަފްޣާނިސްތާނާއި ޕާކިސްތާން (ވ) ގުޅޭ ބޯޑަރު ސަރަހައްދެއް

އަފްޣާނިސްތާނާއި ޕާކިސްތާން ބޯޑަރުގެ ލޭއޮހޮރުވުމަކާ ދިމާއަށް

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ދެ ގައުމު ކަމަށްވާ އަފްޣާނިސްތާނާއި ޕާކިސްތާންގެ ބޯޑަރުގައި ލޭއޮހޮރުވައިލި ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ މިހާ ހިސާބަށް ދިޔައީ އަފްޣާނިސްތާންގެ ވެރިރަށް ކާބުލްއަށް މި ދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުން ވައިގެ ހަމަލަތަކެއް ދިނީމާ ކަމަށް އަފްޣާނިސްތާނުން ބުންޏެވެ.

މަރުވި މީހުންގެ އަދަދާމެދު ދެ ގައުމުން ވާހަކަ ދައްކަނީ ދެ ގޮތަށެވެ. އަފްޣާނިސްތާންގެ އިސް ތަރުޖަމާނު ޒާބިހުﷲ މުޖާހިދު ބުނީ ޕާކިސްތާންގެ 58 ސިފައިން މަރައިލެވުނު ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ބުނީ މި އަދަދަކީ 23 ކަމަށެވެ. އަދި ބުނީ އަފްޣާނިސްތާންގެ ސަރުކާރު ކޮންޓްރޯލް ކުރާ ތޯލިބާން ޖަމާއަތުގެ 200 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރައިލެވުނު ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ އަރައިރުމަކީ، ޕާކިސްތާންގައި ޓެރަރިޒަމް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ތަހްރީކޭތޯލިބާން ނުވަތަ ޕާކިސްތާން ތޯލިބާން ޖަމާއަތަށް އަފްޣާނިސްތާނުން ހިމާޔަތް ދޭ ކަމަށް ތުހުމަތުކޮށްފައި، އެ ޖަމާއަތުގެ ތަންތަން ކަމަށް ތުހުމަތުކޮށް، އެ ތަންތަނަށް ޕާކިސްތާނުން ވައިގެ ހަމަލާ ދިނުމުން، އެއީ އަފްޣާނިސްތާންގެ އިސްތިގްލާލަށް ޕާކިސްތާނުން އަރައިގަންފައިވާތީ ކަމަށް އަފްޣާނިސްތާނުން ތުހުމަތުކޮށް ޕާކިސްތާނަށް ހަމަލާ ދިނުމުންނެވެ.

ގަތަރާއި ސައޫދީ އަރަބިއްޔާގެ އެދުމުގެ މަތިން މި ވަގުތަށް ހަމަލާތައް މެދުކަނޑައިލި ނަމަވެސް ތޯލިބާން ސަރުކާރުގެ ހާރިޖީ ވަޒީރު އާމިރު ޚާން މުއްތަގީ ވިދާޅުވީ "ސުލްހައިގެ މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ އެހެން ގޮތްގޮތް ވެސް އެބަހުރި" ކަމަށެވެ.

ޕާކިސްތާންގެ ދާހިލީ ވަޒީރު މުހްސިން ނަގްފީ ވިދާޅުވީ އަފްޣާނިސްތާނުން ހަމަލާ ދިނީ "ސަބަބެއް ނެތި" ކަމަށެވެ. އަދި "ހަރުކަށި ފިޔަވަޅު" އަޅައިނެ ކަމަށް އިންޒާރު ދެއްވިއެވެ.

"އެއްވެސް ގޮތަކަށް އަހަރެމެންނާ ކުޅެ ނުލެވޭނެކަން އަންގަން ޕާކިސްތަންގެ ހިތްވަރުގަދަ ސިފައިން ވަނީ ވަގުތުން އަދި އެކަށީގެންވާ ރައްދެއް ދީފައި،" މުހްސިން ވިދާޅުވިއެވެ.

ދެ ގައުމުން ވަނީ ބޯޑަރުގައި ހުރި، އެއް ގައުމުން އަނެއް ގައުމަށް ވަދެވޭ މުހިންމު މަގުތައް ބަންދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *